ޕޮލިސް

"އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީތެރިކަން ހޯދަނީ، ތަހުގީގު ހަނިކުރުމުގެ ވިސްނުމެއް ނެތް"

ޝަހީދާ އަބްދުﷲ ސައީދު

މިދިޔަ ހުކުރު ދުވަހުގެރޭ ހ. ތިލަފުށި ގޭގައި ހުރި ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ތަހުގީގަށް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދުމަށް މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ސީރިއަސް އެންޑް އޮގަނައިޒްގެ ކުރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕުރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، މިއީ މާލޭގައި ހިނގި އެންމެ ނުރައްކާތެރި، އަދި އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ކަމަށެވެ. އެ ހާދިސާގެ ގެއްލުން ދައުލަތަށް ވެސް އަދި ހާދިސާގެ އަސަރުކުރި ރައްޔިތުންނަށްވެސް ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވިގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގު އެއްވެސް ދިމާލަކުން ހަނިކުރުމުގެ ވިސްނުން ނުގެންގުޅޭތީ ހުރިހާ އެންގަލްއަކުން ތަހުގީގު ވީހާވެސް ފުޅާކުރާނެއެވެ.

ފުލުހުން ބުނިގޮތުގައި އެ ހާދިސާ ތަހުގީގު ކުރަން ބޭރުގެ އެހީ ހޯދަން ޕޮލިސީ ލެވެލްގައި އަންނަނީ މަޝްވަރާކުރަމުންނެވެ.

''މިއީ ފާއިތުވެ ދިޔަ ތަނުގައި ހިނގި އެންމެ ގެއްލުން ބޮޑު އެންމެ ނުރައްކާތެރި ހާދިސާ. އެހެންވީމަ މިވަރުގެ ތަހުގީގެއް ކުރިއަށްދާއިރުގައި އެކަމަށް މިހާރުވެސް މަޝްވަރާތައް ކުރެވެމުން އެބަދޭ. މިހާރުވެސް މިދަނީ އެކަމުގެ މައުލޫމާތާއި ވީޑިއޯއާއި ފޮޓޯއާއި ސީސީޓީވީ ފްޓޭޖުތައް މެދުވެރިކޮށްގެން ވެސް ހޯދުމުގެ މަސައްކަތް. އަދި މިހާތަނަށް ތަހުގީގަށް ސާބިތުވެފައެއް ނެތް ބަޔަކު ގަސްދުގައި ރޯކޮށްލީތޯ، ނުވަތަ އަމިއްލައަށް ރޯވީކަމެއް، ޓެރަރިޒަމްގެ އަމަލެއް ކަމެއް. އެވަރުގެ ހެއްކެއް އަދި މިހާތަނަށް ހޯދިފައެއް ނެތް،'' ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އާންމުންގެ ފަރާތުން ލިބޭ މައުލޫމާތުތައް ވެރިފައިކޮށް ތަހުގީގަށް ބޭނުންކުރާނެ ކަމަށެވެ.

ޝިފާއު ވިދާޅުވި ގޮތުގައި ތަހުގީގު ކުރިއަށް ދާއިރު އަލިފާން ރޯވި ތިލަފުށީގެ އާއި އެ ހާދިސާގާއި ނިޔާވެފައިވާ އައިޝަތު ޝައުނާ ދިރިއުޅުނު ރަދުވާނިއާގެ ވަރަށް ރަނގަޅަށް ބަލާނެއެވެ.

ހ. ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއްގައި ރޯވެ އަނދާފައިވެއެވެ.

އެ ހާދިސާގައި ހ. ރަދުވާނިއާގޭގެ ތިންވަނަ ފަންގިފިލާގައި ދިރިއުޅުނު ތ. ބުރުނީ ފެންފިޔާޒުގެ، 46 އަހަރުގެ އައިޝަތު ޝައުނާއަށް ގެއިން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތި، އެ ހާދިސާގައި އޭނާ ވަނީ ނިޔާވެފައެވެ.