ދިވެހި ޕްރިމިއާ ލީގު

ދަގަނޑޭގެ ފަސް ލަނޑާއެކު ޔޫވީ ބަލިކޮށް، ގްރީން ދެވަނައަށް

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ހަތަރު ލަނޑާއެކު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސް ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި ޔޫވީ އަތުން ގްރީން މޮޅުވީ ފަސޭހަކަމާއެކު 8-2ގެ ނަތީޖާއަކުންނެވެ.

ގްރީނުން ވަނީ މެޗުގެ ކުރީކޮޅު ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ ދެވަނަ މިނެޓުގައި މުހައްމަދު އުމައިރު ނަގައިދިން ހުރަހަކުން ގްރީނަށް ލީޑު ހޯދައިދިނީ ދަގަނޑޭއެވެ. އަދި މެޗުގެ އަށްވަނަ މިނެޓުގައި ދަގަނޑޭ ދިން ރީތި ބޯޅައަކުން ގްރީނަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ރިސްވާނެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ޔޫވީން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އަހްމަދު ނާޝިދު (ނައްޓޭ) އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގްރީނުގެ ގޯލުގެ މަތީ ކަނަކަށެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ދަގަނޑޭ ވަނީ ދެ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި ދަގަނޑޭ ޖެހި ދެވަނަ ލަނޑަކީ ރިސްވާން ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ހަމާލައަކުން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގައި ދަގަނޑޭ ޖެހި ތިންވަނަ ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ގާސިމް ސައްމާމް (ސައްމޭ) ދިން ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 4-1ގެ ނަތީޖާއަކުން ގްރީން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ ގްރީނުން ވަނީ އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ދަގަނޑޭ ދިން ބޯޅައަކުން ގްރީނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރިހާމް އަބްދުލްޤަނީ (ބޮބީ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ އޭނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީންގެ ރިސްވާން ދިން ބޯޅައަކުން ޔޫވީގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ޔޫވީން ވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ބިދޭސީ ކުޅުންތެރިޔާ ސިލިޗް ކީރްލޯ ދިން ބޯޅައަކުން ޔޫވީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މިރާހު މުހައްމަދެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީނުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ 73 ވަނަ މިނެޓުގައި އިސްމާއިލް ޝަފީއު (އިއްސެ)އަށް ދެއްކި ރަތް ކާޑާ ގުޅިގެން ޔޫވީއަށް އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. އިިއްސެއަށް އެ ރަތް ކާޑު ދެއްކީ އޭނާ ހިތްހަމަނުޖެހިގެން ރެފްރީއަށް ބޭއަދަބީ ބަސްތަކެއް ރައްދުކުރުމާ ގުޅިގެންނެވެ.

މެޗުގެ ފަހުކޮޅު ގްރީނުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ 84 ވަނަ މިނެޓުގައި މުހައްމަދު ސާއިފް ދިން ބޯޅައަކުން ގްރީނުގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. އެއީ އޭނާ މެޗުގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި އޭގެ ދެ މިނެޓު ފަހުން ދަގަނޑޭ ނަގައިދިން ހުރަހަކުން ގްރީނުގެ އަށްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޔާމީނެވެ.

އެ މޮޅާއެކު ގްރީން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިފައިފައެވެ. ގްރީނަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ 15 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ތިންވަނައަށް ވެއްޓުނު ކްލަބު އީގަލްސް އާއި ހަތަރުވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބު، އެއިން ކޮންމެ ޓީމަކަށް ވެސް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ނިލަންދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލެބެވެ.