ކޮލަމް

ކެޔޮނިރު: އަފުން ފެހޭ ހާއި ހާއި އަރާގަތުންމާ! ލާށިގުދަހަ ކުމައްބަވޭ؟، ރައީސް ޔާމިނުގެ ސިޔާސީ ޗަރުކޭސް!

މުހައްމަދު ބުޝްރީ

4

ޒަމާންތަކެއް ކުރީން ފުއައްމުލަކުގައި އުޅުނު މީހެކެވެ. ތަރައްޤީގެ އަސަރު މިކުޑަކުޑަ ދިވެހި ރާއްޖެއަށް އައުމުގެ މާކުރިއެވެ. ފުއައްމުލަކު މޫދުގައި އަޅާފަ އޮތް ކުޑަ ބޮއްކުރައެއްގައި އިން މީހެކެވެ. ބޮއްކުރަލުގެ ކުނބަށް ރާބޮންޖެއް ޖެއްސިއެވެ. ރާބޮންޖަށް ލަނޑެއް ދިނުމުގެ ގޮތުން މުލަކު މީހާ ކުރީ ހިތުން ވަރަށް މޮޅު ކަމެކެވެ. ބޮއްކުރާ ފޫދުއްވާލާފައި، ފަތާފައި ރަށަށް އަރާފައި އެމީހާ ބުންޏެވެ:

"އަފުން ފެހޭ ހާއި ހާއި އަރާގަތުންމާ! ލާށިގުދަހަ ކުމައްބަވޭ؟"

މާނައަކީ، އަހަރެންވާ އެގޮތް މިގޮތުން ފަތާފަ ރަށަށް އަރައިފީމެވެ. ރާބޮންޖަށް ވާނީ ކިހިނެއްބާއޭ އެވެ.

އިރުކޮޅަކުން ބޮއްކުރާ ފެތިއްޖެއެވެ. ބޮއްކުރާ ފެތެން ފެށުމުން ރާބޮނދި އުދުހިގެން ގޮސް އޮބާލައިފިއެވެ. ހިތުން ރާބޮންޖަށް ލަނޑުދޭން އަމިއްލަ ބޮއްކުރާ ފޫދުއްވާލީމަ، އާހިރުގައި ގެއްލުން މިލިބުނީ ބޮއްކުރަލުގެ ވެރިމީހާއަށެވެ.

ބައެއް މީހުން ބުނާގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ކަން ކުރެއްވީ ވެސް މިފަދަ ގޮތަކަށެވެ. ފުއައްމުލަކު މީހާ ރާބޮންޖަށް ލަނޑުދޭނެ ބޮއްކުރާ ފޫދުއްވާލި ގޮތަށެވެ.

ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ބޭކާރު އެތައް ބަޔަކަށް ބޭކާރު އެތައް ވަޒީފާއެއް ދިނެވެ. އަސްލު އަގުގެ އެތައް ގުނައެއް ހަރަދުކޮށްފައި ދަރުމަވަންތަ ހޮސްޕިޓަލް އެޅިއެވެ. ދަރިވަރުންނަށް އައިޕެޑް ތަކެއް ބެހިއެވެ. ބިޑަށް ނުލައި އެތައް ރަށެއް ރިސޯރޓް ހަދަން ދިނެވެ. ސިޔާސީ ކުލަޖެހިގެން އެތައް ބައެއްގެ ވަޒީފާ ގެއްލުވާލިއެވެ. މިއަދުގެ ސަރުކާރަށް މިޖެހުނީ ކުރީސަރުކާރުން ކެނޑި ކަޑުލުން ހިތި ފިލުވާށެވެ. މިހުރިހާ ކަމެއް ހަމަޔަކަށް އަޅުވަމުން ޤައުމު ހިންގާށެވެ. ދަރުމަވަންތަ ހޮސްޕިޓަލް އެއީ ހަޤީގަތުގައި އަޅަން ޖެހޭ ތަނެއް ނޫނެވެ. އެތަނަށް ހަރަދުވި ފައިސާއިން ރާއްޖޭގެ އުތުރާއި ދެކުނުގައި ޓާރޝަރީ ދެހޮސްޕިޓަލް އެޅުނީހެވެ. ފަންސަވީސް ބުރީގެ އެއިމާރާތް މެއިންޓެއިންކޮށް ހިންގުމަކީ ސަރުކާރުގެ ބަޖެޓަށް ނުތަކާވަރުގެ ބޮޑު ބުރައެކެވެ. ފަންސަވީސް ބުރިއަކީ މާލެފަދަ ކުޑަ ރަށެއްގައި އިމާރާތް ކުރަން ޖެހޭ އުސްމިނެއްވެސް ނޫނެވެ.

ސިޔާސީ ސްޓަންޓެއްގެ ގޮތުގައި ސްކޫލްތަކުގެ ދަރިވަރުންނަށް، ރައީސް ޔާމީނުގެ ވެރިކަމުގައި، ދައުލަތުގެ ހަރަދުގައި ބެހި އައިޕެޑްތައް މިހާރު ބޭނުމެއް ނުކުރެވެއެވެ. ބޮޑު އިސްރާފެކެވެ.

އެމް.އެމް.ޕީ.އާރ.ސީ ގެ ބޮޑު ހިޔާނާތުގައި، 60 އަށް ވުރެ ގިނަ ރަށް ނުއަގުގައި ވިއްކާފައިވާއިރު، އެރަށްތަކަށް ލިބުނު "ނުއަގު" ވެސް ކުޑަމިނުން ދައުލަތަށް ނުލިބެއެވެ. އެރަށްތައް ވިއްކި "ނުއަގު" ވެސް ވަނީ އެކި މީސްމީހުންގެ އެކައުންޓް ތަކަށެވެ. އަސްލު އަގުގައި ވިއްކި ނަމަ އެ 60 ރަށުގެ އެކުއިސިޝަން ފީއަށް މަދުވެގެން 220 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ތިނެއް ބައި ބިލިއަން ދިވެހި ރުފިޔާ ދައުލަތަށް ލިބޭނެއެވެ. ކޮންފަދަ ބޮޑު ހިޔާނާތެއްތޯއެވެ؟ ކޮންފަދަ ބިޔަ އިހުމާލެއްތޯއެވެ؟ ނަމަވެސް ދާދި ފަހުން ސިޔާސީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވިގޮތުގައި "ބިޔަ ކޮރަޕްޝަން" އޮތީ ރައީސް ސޯލިހުގެ ސަރުކާރުގައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި، ސިޔާސީ ކުލަ ޖެހިގެން ދުވަހަކުވެސް ބަޔަކު ވަޒީފާއިން ވަކި ނުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރް.ސީ ގެ ބޮޑު ހިޔާނާތުގެ އަދަދަކީ ކުރިން ބެލެވިފައި އޮތް ގޮތުން ނަމަ ދޮޅު ބިލިއަން ރުފިޔާ އެވެ. ނަމަވެސް މީގެ ހަފުތާއެއްހާ ދުވަސް ކުރީން ރައީސް ސޯލިހު މީޑިއާއާ ބައްދަލުކުރައްވައި ދެއްވި މައުލޫމާތު ތަކުގެ ތެރޭގައި ވިދާޅުވެފައިވަނީ ނުއަގުގަ ދީފައިވާ 60 ރަށުގެ އެކުއިސިޝަން ފީ، އަސްލު އަގަށް ބަލާ ނަމަ، އެހިޔާނާތުގެ އަގު ތިނެއް ބައި ބިލިއަން ރުފިޔާ އަށް އަރާކަމަށެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި މިފަދަ ބޮޑު ހިޔާނާތެއް ހިނގި އިރު، އަދި އެޗް.ޑީ.ސީ ފަދަ ދައުލަތުގެ އެތައް ކުންފުންޏެއްގައި ބޮޑެތި ހިޔާނާތް ހިންގައި، ބައެއް ކުންފުނިތައް ދަރާފައި ވާއިރުވެސް، ރައީސް ޔާމިން މިހާރު މި ވިދާޅުވަނީ ބިޔަ ކޮރަޕްޝަން އޮތީ މިސަރުކާރުގައި ކަމަށެވެ. އަދި ސިޔާސީ ކުލަޖެހިގެން މީސް މީހުން ވަޒީފާއިން ވަކިކުރަނީވެސް މިސަރުކާރުން ކަމަށެވެ. މިސަރުކާރުގައި ކޮރަޕްޝަން ނެތެކޭ ނޫނެވެ. ހަމަ ހުރެދާނެއެވެ. އަދި ސިޔާސީ ކުލަޖެހިގެން މިސަރުކާރުން ވެސް މީހުންނަށް ވަޒީފާދީ، އަނެއްބަޔަކު ވަޒީފާއިން ކަނޑައިވެސް ފާނެއެވެ. ނަމަވެސް ތިމަން މަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަނެއް ނެތޭ، ސިޔާސީ ގޮތުން މީހުން ވަޒީފާއިން ނުކަނޑަމޭ ވިދާޅުވެ، ރައީސް ޔާމީން މިސަރުކާރަށް ފާޑުވިދާޅުވުމަކީ ބުޅަލަކީ މިނިކާ ޖަނަވާރެކޭބުނެ މިނިކާވަގު ބުޅަލަށް ފާޑުކިއުންފަދަ ކަމެކެވެ.

ރައީސް ޔާމީނަކީ ބިޔަ ޕްރޮޖެކްޓްތައް ހިންގެވުމަށް އެއްގޮތަކުން މޮޅުވެސް ބޭފުޅެކެވެ. ހުޅުމާލޭގެ ހިޔާ ޕްރޮޖެކްޓާއި، ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުލޭ އެއަރޕޯރޓްގެ ރަންވޭ ހެދުންފަދަ މަޝްރޫއުތައް ހިންގެވީ ޔާމީނުގެ ވެރިކަމުގައެވެ. ނަމަވެސް އެހުރިހާ ޕްރޮޖެކްޓް ތަކެއްގައި އިންތިހާއަށް ކޮރަޕްޝަން އެކުލެވިފައިވާކަމަށް ތަފާތު އިދާރާތަކުގެ ތަހުޤީގުތަކުންވަނީ ސާބިތުވެފައެވެ. ކޮރަޕްޝަނާ ނުލައި، އިހްލާސްތެރި ވެރިކަމެއް ކޮށްދެއްވިނަމަ ރައީސް ޔާމީނަކީ ރައީސް ނާސިރުފަދަ ހިންގުންތެރި ބޭފުޅެކެވެ. ނަމަވެސް ޤާބިލުކަން ނެތް ބަޔަކު އަރިސް ކުރައްވައި، ކޮރަޕްޝަނަށް ހުޅުވާލައްވައިގެން ބިޔަ ޕްރޮޖެކްޓްތައް ހިންގެވުމުން މިއަދު މިޤައުމު މިވަނީ މުލަކު މީހާގެ ބޮއްކުރައަށް ވީހެން ފެތެން ކައިރިވެފައެވެ.

ދުރުގައި ހުންނަވައިގެން ރައީސް ޔާމީނަށް މިސަރުކާރަށް ފާޑު ވިދާޅުވެވިދާނެއެވެ. ތިމަން މަނިކުފާނު ފައްތަވާފައި ހިކިފަސް ބިމަށް އަރުއްވައިފީމޭ، މިހާރު ބޮއްކުރަލުގެ ކުނބުގައި ތިއިން "ރާބޮންޖަކީ" ރައީސް ސޯލިހޭ، ބޮއްކުރާ ފެތެނީއޭ ވިދާޅުވެ ޔާމީނު ފާޑު ވިދާޅުވިޔަސް، މިޤައުމަށް މިވަގުތު ދިމާވެފައިވާ ބިޔަ ދަރަންޏާއި، އިގުތިސޯދީ އަދި އިޖުތިމާއީ އެތައް މައްސަލައެއްގެ މޫ ގޮސް ގުޅިފައިވަނީ ރައީސް ޔާމީނުގެ ވެރިކަމާއެވެ. ބޮއްކުރާ ފެތެން ކައިރިވީމަ މިހާރު ކުނބުގައި އިން ރާބޮންޖަށްވެސް ނިކަން ފަސޭހައިން އުދުހިގަނެގެންގޮސް ސަލާމަތުގެ އައްސޭރިއަކަށް ދެވިދާނެއެވެ. ހުރިހާ ގެއްލުމެއް ލިބޭނީ ހަމަ ބޮއްކުރައަށެވެ. ޤައުމަށެވެ. ފެތިގެން، ނެތިގެން، ބަނގުރޫޓުވެގެން ދާނީ ޤައުމެވެ.

އައްޑޫ މީހުން ބުނާހެން "ދެބޯކެހިން" އެއްކޮށްގެން، ރާއްޖެތެރޭގެ ކުދި ރަށްރަށަށް ވަޑައިގެން، ކޮންމެ ސިޔާސީ ބޭފުޅަކަށްވެސް ސިޔާސީ ވާހަކަ ދެއްކެވިދާނެއެވެ. ނަމަވެސް ދާދި އިހަކަށްދުވަހު ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ހިނގައިދިޔަ ކޮރަޕްޝަނާއި، ސިޔާސީ ބޭނުމަށް މީހުން ވަޒީފާއިން ވަކިކުރުމާއި، ސިޔާސީ ދޮގު ދައުވާކޮށް މީހުންގެ ޒިންދަގީ ބަރުބާދުކޮށްލުމާއި، މިފަދަ ކަންކަން އަދިވެސް ހަނދާނުގައި ތާޒާކަންމަތީ ހުއްޓާ، އެނޫން ގޮތަކަށް މަންޒަރު ބަދަލު ކުރައްވަން ވާހަކަ ދެއްކެވުމުން ޤަބޫލުކުރާނީ ހަމައެކަނި ސިޔާސީ ސަބަބުތަކަށްޓަކައި ވަކި ކޮޅެއްގައި ތިބި މަދު ބައެކެވެ.

މިސަރުކާރުގައި ވެސް މައްސަލަތައް އެބަހުއްޓެވެ. ކޮރަޕްޝަންވެސް ހުރެދާނެއެވެ. ނަމަވެސް އެވާހަކަ ދައްކަވަން އެންމެ ރަނގަޅު ބޭފުޅަކީ މިވަގުތު ރައީސް ޔާމީނު ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ބޮއްކުރާ ފޫދުއްވާލާފައި، ރާބޮންޖަށް ލަނޑުދޭން ފަތާފައި ހިކިފަސް ބިމަށް އެރި މުލަކުމީހާ އަކީ ބޮއްކުރާ ފެތޭތީ އެވާހަކަ ދައްކަން އެންމެ ރަނގަޅު މީހަކަށް ނުވާނެއެވެ.