ސްރީލަންކާ

ބޮމުގެ ހާދިސާއާ ގުޅިގެން ލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައި އޮތް އޮތުން އުވާލައިފި

މަރިޔަމް ޝަހުދާ

ސްރީ ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހާދިސާގެ ސަބަބުން އެގައުމުގައި މޫނު ބުރުގާ އެޅުން މަނާ ކޮށްފައި އޮތް އޮތުން އުވާލައިފި އެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލަންކާ ފުލުހުންގެ މައި އިދާރާއިން ވަނީ މޫނުބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން އުވާލާފައިވާ ކަމަށް ބުނެފައެވެ. މި ނިންމުމަކީ އެގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއެކު ނިންމި ނިންމުމެއް ކަމަށް އެނޫހުގައި ލަންކާގެ ފުލުހުންނާ ހަވާލާދީ ބުނެފައިވެއެވެ.

މި ނިންމުން ނިިންމުމަށްފަހު ލަންކާގެ މުސްލިމް އެންޑް ރިލީޖިއަސް އެފެއާސް މިނިސްޓަރު މުހައްމަދު ހަލީމް އަށް ލަންކާގެ ފުލުހުންގެ އިސްވެރިއެއް ކަމަށްވާ އަޖިތު ރޮހާނާ ވަނީ ސިޓީއެއް ފޮނުވާފައެވެ. މިސިޓީއަކީ މޫނު ބުރުގާ އެޅުން މަނާކޮށްފައި އޮތުމާއި ގުޅިގެން މިނިސްޓަރު ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ފުލުހުން ފޮނުވި ސިޓީއެއް ކަމަށް އެނޫހުގައި ވެއެވެ. އަދި މި ސިޓީ މިނިސްޓަރަށް ލިބިވަޑައިގެންފައިވާ ކަން އެ ނޫހަށް މިނިސްޓަރު ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އެނޫހުން ބުނެފައިވެއެވެ.

ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ 29 އޭޕްރީލް ގައެވެ.