ފުރާނަދަންދެން

ފުރާނަދަންދެން - 37

4

"ން....ނަތާ....!!" އެތަނުން ނަތާޝާ ފެންނަން ހުރުމުން ނާހިދަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ނަތާޝާ ހުރި ތަނެއްގައި އަޒްކާ ހުންނާނޭ އޭނާގެ ހިތް ބުނީ ކީއްވެކަމެއް ނޭނގުނެވެ. އިސާހިތަކު އޭނާގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ.

"ނަތާ...!! ބަލީތަ...؟؟" ނަތާޝާ ތެދުވެ ފާޑަކަށް ބަލަން ހުރުމުން ދެވަނަ ފަހަރަށް ނާހިދް ވާހަކަދެއްކިއެވެ. ނަތާޝާ އަޒްކާ ހުރި ދިމާލަށް ބަލައިލިއެވެ. އޭރު ވައިލްޑްސްޓޯބެރީ ކުލައިގެ އަތްދިގު ކަކުލާ ހަމައަށް އަރާވަރުގެ ހެދުމުގައި ހުރި އަޒްކާ ހިނިތުންވެލައިގެން ހުރެ އަންނަމުން ދިޔައެވެ. އޭނާ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އައްސާލާފައެވެ.

ނަތާޝާގެ ދެލޯ އަމާޒުވެފައި ހުރި ދިމާލަށް ނާހިދަށް ބަލައިލެވުނު ވަގުތު ނައިޝީ އައިސް އަތުގައި ހިފިއެވެ.

ވަގުތުގެ ބޭނުންހިފާ ނަތާޝާ އެދިޔަ ބާރު މިނުގައި ގޮސް އަޒްކާގެ އަތުގައި ހިފާ އަނެއްފަރާތަށް އަނބުރާލިއެވެ.

ވީތަދާއެކު އަޒްކާ ނަތާޝާއަށް ބަލައިލީ ސިހިފައެވެ.

"ސޮރީ. ހިނގާބަލަ އެކޮޅަށް" އަޒްކާ ބަލައިލުމާއެކު ނަތާޝާ ބުނެލިއެވެ.

"މިތަނުން ދެ ބޭހެއް ނުލިބޭ. އޭޑީކޭއަށް ހިނގާ" ނާހިދްގެ އަތުގައި ހިފާ ކުޑަކޮށް ދަމައިލަމުން ނައިޝީ ބުނެލިއެވެ. ނާހިދް ނައިޝީއާ އެކު ހިނގައިގަންނަމުން އެއްފަހަރު ފަހަތް ބަލައިލިއެވެ. ފުރަގަހަށް ހުރި ނަތާޝާގެ ކުރިމަތީގައި ހުރި އަންހެންކުއްޖާގެ މޫނު ނާހިދަށް ނުފެނުނަސް ބުޅި އިސްތަށިގަނޑު ފެނުނެވެ. އެއީ އަޒްކާ ކަމުގައި އޭނާ ޔަޤީން ކުރިއެވެ. އެއީ އަޒްކާ ނޫންނަމަ އޭނާގެ ހިތުގެ ތެޅުން އެހާ ނުކިޔަމަންތެރިކަން ނުދެއްކީހެވެ.

މަގުމައްޗަށް ނިކުމެ ސައިކަލަށް އަރާފައިވެސް ނާހިދަށް ސްޓާރޓް ނުކޮށްލެވުނެވެ. އޭނާ ނައިޝީ ސައިކަލު މައްޗަށް ދޫކޮށްލާފައި އިރުކޮޅަކުން އަންނާނަމޭ ބުނެ އެތެރެއަށް ދިޔައެވެ. ހޮސްޕިޓަލުގެ ދޮރާއި ހަމައަށް އޭނާ ދުރުދުރުގައި ފިޔަވަޅު އަޅާފައި ދިޔަސް ދޮރުން ފެށިގެން ފާމަސިއާ ހަމައަށް އޭނާއަށް ދުއްވައިގަނެވުނެވެ. ނަމަވެސް ނަސީބު އޭނާއާ އެއްބައިނުވިއެވެ. ނަތާޝާއާއި އަޒްކާ ފެންނަން ވެސް ނެތެވެ. އޭނާ ފާމަސީ އިން ނިކުމެ ހުރިހާ ދިމާލެއް ހޯދިއެވެ. އެދެމީހުންގެ ނިޝާނެއްވެސް ފެންނަން ނެތެވެ. އޭނާ އަނބުރާ ސައިކަލާ ދިމާއަށް އައީ މާޔޫސްވެފައި ހުރެއެވެ.

"އިޝީ ދޭ އެތެރެއަށް މަންމަ ކައިރިއަށް. ކޮންމެހެން އޭޑީކޭއަށް ނުދިޔަސް އަހަރެން ތިބޭސް ހޯދައިގެން އަންނާނަން" ނާހިދް ވާހަކަދެއްކިއެވެ. އަޑުގައި ވަނީ ހަރުކަށިކަމެވެ. އޭނާ ހިތްހަމަނުޖެހުނީ ނައިޝީ ދެކެއެވެ. އޭނާއަށް އަޒްކާގެ ސޫރަ ނުފެނުނީ ނައިޝީގެ ސަބަބުންނެވެ. ސައިކަލުގެ މުށްގަނޑުގައި ހިފާ ފެލާލިއިރު އިވިގެންދިޔަ ބާރުގަދަ އަޑުފަށްގަނޑާއެކު ނައިޝީއަށް ކަންފަތްމަތީގައި އަތް އަޅާލެވުނެވެ. ކުއްލިއަކަށް ސައިކަލް ކުރިއަށް ދުއްވާލުމާއެކު ނައިޝީއަށް ރޮވިއްޖެއެވެ. ވީގޮތެއް ނުބުނެ އެގޮތަށް ނާހިދް ރުޅި އައުމުން އޭނާ ހިތުގައިޖެހުނެވެ.

ސާޅީސްއަށް ގަޑިއިރަށް އެޑްމިޓް ކުރި ނަމަވެސް ޙަމީދު ހޮސްޕިޓަލުން ދޫކޮށްލީ ހަފްތާއެއް ފަހުންނެވެ. އެމުއްދަތަށް އަޒްކާ ހުރީ ކުރު ޗުއްޓީއެއްގައެވެ. އޭނާގެ ހުރިހާ ވަގުތެއް ލޯބިވާ ބައްޕައަށްޓަކައި ހުސްކޮށްގެންނެވެ.

ހަފްތާ ފެށުމާއެކު އަޒްކާ އޮފީހަށް ނިކުތެވެ. ޙަމީދަށް ކާންދޭން ޑޮކްޓަރުން ލަފާދީފައިވާ ކެއުން ތައްޔާރުކުރަނީ އަޒްކާއެވެ. ގޭތެރޭގެ މަސައްކަތުން ޙައްވައަށް މިހާރު ލުއިކަމެއް އިހުސާސްވާން ފަށައިފިއެވެ. ގޭތެރޭގައި ހުންނަ އިރެއްގައި ހުރިހާ މަސައްކަތެއް ކުރަނީ އަޒްކާއެވެ. ނަމަވެސް ސްކޫލު ކުދިންނަށް ހެދިކާ ތައްޔާރުކުރަނީ ޙައްވައެވެ.

ކާން ހެދުނު ވާހަކަ ޙައްވަ ޙަމީދު ކައިރިގައި ބުނުމާއެކު އޭނާ އައިސް މޭޒު ކައިރީގައި އިށީނެވެ. ކުރިމަތީގައި ހުރި ބަތްޕެން ތައްޓަށް ބަލަހައްޓައިގެން ޙަމީދު އިނެވެ. އަދިވެސް އޭނާގެ މިޒާޖުގައި މަޑުމޮޅިކަމެއް ވެއެވެ. ދުރުގައި ޙަމީދަށް ބަލަހައްޓައިގެން ހުރި ޙައްވައަށް ޙަމީދަށް ބަދަލުތަކެއް އައިސްފައިވާކަން ހޮސްޕިޓަލުގައި ހޭދަކުރި މުއްދަތުގައި އެނގިއްޖެއެވެ. އޭނާ އެވާހަކަ ޙަމީދު ކައިރިގައި ނުދެއްކީ ވަގުތާ ހާލަތަށް ބަލާފައެވެ.

"ދަރިފުޅާ...! ކޯޗެއް ތިވިސްނަނީ" ޙަމީދު ކައިރީގައި އިށީންނަމުން ޙައްވަ އަހައިލިއެވެ. ޙަމީދުގެ ލޮލުން ކަރުނައެއް ވެއްޓުނު މަންޒަރު ޙައްވައަށް ފެނުނެވެ. އޭނާ ކަންބޮޑުވިއެވެ.

"އެއްވެސް ކަމަކާ ހިތާމަކޮށް ފިކުރުނުކުރަން ޑަކްޓަރުން އިރުޝާދު ދީފައެއްނު އޮތީ" ޙައްވަ ބުނެލިއެވެ.

"އެތެރެ އެތެރެއިން ދަރިފުޅަށް ތި އުފުލަމުންދާ ތަކުލީފުތަކުގެ ސަބަބަކީ ކޮބާ؟" ޙައްވަ އަހައިލިއެވެ.

"މަންމަ ހީކޮށްގެން ތިހުރީ ކިހިނެއް؟ އަމީޒާ ދުނިޔޭގައި ނެތްކަމެއްތަ؟" ޙަމީދު ބުނެލިއެވެ. އަހަރުތަކެއް ފަހުން ޙަމީދުގެ ދުލުން އަމީޒާގެ ނަން ކިއި އަޑު އިވުމުން ޙައްވައަށް ލިބުނީ ޚައިރާންކަމެވެ.

"އަމީޒާއޭ...!" ޙައްވައަށް ބުނެލެވުނެވެ.

"ދަރިފުޅު ކީއްވެ އަމީޒާގެ ވާހަކަތިފެށީ. އަމީޒާ އެބައުޅޭތަ؟ ދަރިފުޅަށް ފެނުނީތަ؟" ޙައްވަ އަހައިލިއެވެ. ޙަމީދު ބޯޖަހައިލިއެވެ.

"ކޮންތާކުން؟ ވާހަކަދެއްކިތަ؟" ޙައްވަ އަހައިލިއެވެ.

"އޭނައަށް އަޅުގަނޑެއް ނުފެންނާނެ. އެކަމަކު... އަޅުގަނޑު ކުރިމަތިން ދިޔައީ. ވަރަށް އުފަލުން ހުރީ. ފަރީ ކައިރީގައި ހުރި" ޙަމީދު އަސަރާއެކު ވާހަކަދެއްކިއެވެ.

"އެރޭ ދަރިފުޅު މާބޮޑަށް ވިސްނާލީ އެކަމާތަ" ޙައްވަ އަނެއްކާ އަނެއް ސުވާލުކުރިއެވެ.

"އާނ. އަދިވެސް އެއީ އަޅުގަނޑުގެ އަންބެއް. ހިތަށް އަރަނީ މިހާ ދުވަސް ވި އިރުވެސް އަމީޒާގެ ހިތަށް އެންމެ ފަހަރަކުވެސް އަޅުގަނޑުގެ ނަން ނާރަނީބާއޭ. ދަރިފުޅު ހޯދަން އެއްވެސް މަސައްކަތެއް ނުކުރޭބާއޭ" ޙަމީދު ވާހަކަދެއްކިއެވެ.

"ތިކަންތައްތަކާ މިހާރު ވިސްނުމުގެ ބޭނުމެއްނެތް. ކުށްކުރީ ދަރިފުޅު. އޭރުގަ ކަންތައްތައް ވީގޮތުން މުޅިއަކުން ދަރިފުޅު ކުށްވެރިކުރެވޭކަށް ވެސް ނެތް. އެހެންވިޔަސް އަރުޝީ އަމީޒާގެ އަތުން ދަރިފުޅު އަތުލުން އެއީ ކޮށްގެންވާނެ ކަމެއްނޫން. އަރުޝީއާ މެދު އިހުމާލުވެވުނީ ދަރިފުޅަށް" ޙައްވަ ވާހަކަދެއްކިއެވެ.

"ދެން އެކަމާ އެހާ ވަރަށް ނުވިސްނާ. މާލޭގައި އުޅެންޏާ މަންމަ އަމީޒާއާ ބައްދަލުކުރާނަން. ދަރިފުޅަށްޓަކައި އަރުޝީއަށްޓަކައި އެވަރުގެ ކަމެއް ކުރާނެހާ ބާރު އަދި މަންމަގެ މި ހަށިގަނޑުގައި އެބަހުރި" ޙަމީދުގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ލޯތްބާއެކު ޙައްވަ ބުނެލިއެވެ.

ބަލިހާލުން އަރައިގަނެވުމާއެކު މާހިލް އަލުން ކޮޅަށް ޖެހުނެވެ. އަޅާލާނެ އެއްވެސް މީހެއް ނެތްތަނުގައި އޭނާގެ ކެއިންބުއިމުގެ ހުރިހާ ކަމެއް ކުރީ ނައިޝީއެވެ. ނާހިދް ކައިރީގައި އެތައް ދޮގުތަކެއް އޭނާ ހެދީ ހަމައެކަނި މާހިލްއަށްޓަކައެވެ.

ފާހާނާއިން ނިކުތް ގޮތަށް ލޯގަނޑު ކުރިމައްޗަށް ހުއްޓުމަށްފަހު މާހިލް އޭނާގެ ސޫރައަށް ބަލައިލިއެވެ. ހުންގަނޑު ރަނގަޅުވިއިރު އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ މަސްކޮޅު ވަނީ ވިރިގެން ގޮށްސައެވެ. ފަޅަން ފަށާފައިވާ ތުނިތުނި ތުނބުޅީގައި އަތް ހާކާލަމުން ބޯވެފައިވާ އިސްތަށިގަނޑު އަތުން ދެއަތުން އެއްކޮށްލުމަށްފަހު ވޫލްގަނޑަކުން އައްސާލިއެވެ. މަތިމަތިން ބޯ އޮމާންކޮށްލުމަށްފަހު އުނުގައި އައްސާފައި އޮތް ތުވާލި ނައްޓުވާލާ އެނދުމައްޗަށް އެއްލާލިއެވެ. ހަރުގަނޑުން ނެގި އެންމެފަލަ މީހުންގެ ސައިޒުގެ ކުރިމަތީގައި 'ޑެވިލް' ޖަހާފައި އިން ކަޅު ކުލައިގެ ބޮޑު ޓީޝާޓެއް ހަށިގަނޑަށް ވައްޓާލިއެވެ. ކަކުލުން ތިރިއަށް ހުރި މަޑު ނޫކުލައިގެ ސޯޓުގައި އޭނާ ހީވަނީ ހޮޅިދަނޑިއަކަށް ގޯންޏެއް މަހާފައި ހުރި ހެންނެވެ.

ޓީވީ ރެކުމަތީގައި ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން ނިކުމެ އޭނާ މިސްރާބުޖެހީ ބަދިގެއަށެވެ. ދޮރުމައްޗަށް އެރުމަށްފަހު އޭނާ ހުރިހާ ދިމާލެއް ބަލައިލިއެވެ. އެތަން އޮތީ ނައިޝީ ސާފުކުރިގޮތަށެވެ. އޭނާ އެތެރެއަށް ވަނުމަށްފަހު އަމިއްލަ އަށް ކަޅު ކޮފީއެއް ހަދާލައިގެން އައިސް ގޮނޑީގައި އިށީނެވެ. ލަސްލަހުން ކޮފީ ބޮމުން ދިޔައިރު ފޯނުގައި ނައިޝީގެ ނަންބަރ ޖަހާލައިފިއެވެ.

"އިޝީ...!! އަހަރެން ވަރުބަލިވެއްޖެ. އިޝީ އަހަރެންނަށް ލާސްޓް އެންޑް ފައިނަލް ޖަވާބެއްދީ..." ނައިޝީ ފޯނު ނެގުމާއެކު މާހިލް ވާހަކަދެއްކިއެވެ.

"އޯކޭ.. އެހެންވިއްޔާ ދުވަހަކުވެސް ދެން އިޝީއަކަށް އަހަރެންގެ އުނދަގުލެއްނުވާނެ" މާހިލް ފޯނު ކަނޑާލިއެވެ. އޭނާ ކޮފީތަށި ހިފައިގެން ގޮސް ޒިންކަށް ލުމަށްފަހު ފޯނު ހިފައިގެން ނިކުތްއިރު އެއްލޮލުން ކަރުނަތިއްކެއް ވެއްޓިއްޖެއެވެ.

ކޮޓަރި ތެރޭގައި ފޯނު ހިފައިގެން ދެކޮޅަށް ހިނގަމުން ދިޔަ ނައިޝީގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. އޭނާގެ ސިކުނޑި ތެރޭގައި އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. މާހިލް އެއްވެސް އުނދަގުލެއްނުވާނޭ ބުނީމަވެސް އޭނާއަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ވީޑީޔޯތަކާ ފޮޓޯތައް މާހިލް އަތުގައި ނެތްކަމެއްވެސް ނޭނގެއެވެ. ވީޑިޔޯތައް ހުރިކަމުގައި ވާނަމަ އެކަމުގެ ނުރައްކާ ނައިޝީގެ މުސްތަގުބަލް އަނދިރިކޮށްލާނީ ދިރިއުޅުމުގެ ކިހާ ހިސާބަކުން ކަމެއްވެސް ނޭނގެއެވެ. އޭނާ އެތައް ގޮތަކަށް ވިސްނުމަށްފަހު މާހިލްގެ އެދުން ޤަބޫލުކުރަން ނިންމިއެވެ. މަކާރާ ހީލަތުން މާހިލްއާ ގާތްވާން ނިންމިއެވެ. މާހިލް އަތުގައި ފޮޓޯތައް ހުރިތޯ ޔަޤީންކުރުމަށްފަހު ހުރެއްޖެނަމަ އެ ވީޑިޔޯތައް ނައްތާލުމަށް ގޭމެއްކުޅެން އޭނާ ނިންމިއެވެ. އޭނާގެ އަބުރާ ޢިއްޒަތް ސަލާމަތްވާނެ އެހެން ގޮތެއް ނެތެވެ.

އެއް މަސްދުވަސް ފާއިތުވެގެން ދިޔައިރު ޙަމީދަށް ރަނގަޅު ޞިއްހަތެއް ލިބިއްޖެއެވެ. އޭނާ އަލުން ވަޒީފާއަށް ނިކުންނަން ފެށިއިރު އަދިވެސް ހިތުގައި އުދާސްވެރިކަމެއް ހުއްޓެވެ. އާއިލާ ފުރިހަމަކުރަން ނިހާޔަތަށް އޭނާ ހުރީ ބޭނުންވެފައެވެ.

ހަވީރު ޑިޔުޓީ ނިންމާފައި ޙަމީދު ގެއަށް އައީ އަޒްކާ ގަނެދިން ބައިސްކަލެއްގައެވެ. ގޭ ކައިރީގައި ބައިސްކަލް ބެހެއްޓުމަށްފަހު ގެއަށް ވަންނަން އުޅުނު ޙަމީދަށް ހެވުނީ އޭނާއާ ދާދި އެކީގައި ގެއަށް ވަތް ނަތާޝާ ފެނިފައެވެ.

"ހަމީދުބެ ރަނގަޅުވީ ދޯ އެއްކޮށް" އެކީގައި ލިފްޓުގައި ހުރި ނަތާޝާ ވާހަކަދެއްކިއެވެ. ޙަމީދު ހީލަމުން ބޯޖަހައިލިއެވެ. ޙަމީދު އަތުގައި އޮތް ކީ ކާޑް ބޭނުންކޮށްގެން އެޕާޓްމަންޓް ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަތްއިރު ބެލްކަނީގައި ހައްދާފައި ހުރި މިރުސް ގަހަކަށް ފެންދޭން ޙައްވަ ހުއްޓެވެ. އަތުގައި އޮތް ފެންކުރާ ބަހައްޓާފައި ޙައްވަ ގޭތެރެއަށް ވަނީ ޙަމީދަށް ކާއެއްޗެއް ދިނުމަށެވެ.

"އަނހަ ނަތާ...!!" ޙައްވައަށް ޚައިރާންކަމެއް ލިބުނީ ޙަމީދު ކައިރީގައި ހުރި ނަތާޝާ ފެނިފައެވެ.

"އެމަންޖެ ގުޅާފައި ބުނި މިއަދު ކޮންމެސް ބައްދަލުވުމެއް އޮތް ވާހަކަ. ބުނި ލަހުންނޭ އާދެވޭނީ" ޙައްވަ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް އަމާޒުކުރީ ނަތާޝާ އަށެވެ. އެހެނީ ނަތާޝާ އަކީ އަޒްކާ ގޭގައި ނެތް ވަގުތުތަކު އެގެއަށް އައިސް އުޅޭ ކުއްޖެއްނޫނެވެ.

"ޙައްވައްތަ ތިބުނީ ނަތާއަށް މިގެއަށް ވަދެވޭނީ ހަމައެކަނި އަޒްކީ ހުންނަ ގަޑިއެއްގައޭ ދޯ" ސޯފާގައި އިށިންނަމުން ނަތާ ބުނެލިއެވެ. އޭރު ޙަމީދު ޔުނީފޯމް ބަދަލުކުރުމަށް ކޮޓަރިއަށް ވަދެއްޖެއެވެ.

"އެހެންތަ ޙައްވައްތައަށް މިބުނެވުނީ..." ހީލުމަކާއެކު ޙައްވަ ބުނެލިއެވެ.

"ނަތާ މިއައީ ޙައްވައްތައާއި ޙަމީދުބެ ކައިރީގައި ވާހަކައެއް ދައްކަންވެގެން. އެއީ އަޒްކީއާ ގުޅުންހުރި ވާހަކައެއްވީމަ. އެހެންވެ އަޒްކީ ނެތް ގަޑިއެއްގަ މިއައީ" ނަތާޝާ ވާހަކަދެއްކިއެވެ.

"އެހެންތަ. ޙައްވައްތަ ސައި ހަދާފަ މިއަންނަނީ. ނަތާ ގެއަށް ދާންވާނީ ސައި ބޮއެގެން" ޙައްވަ ބަދިގެ ވަތްއިރު ފަހަތުގައި ނަތާޝާ ހުއްޓެވެ. ޙައްވަ ހިތްހަމަނުޖެހުނަސް ސައި ހެދުމުގައި ނަތާޝާ ޙައްވައާ ބައިވެރިވިއެވެ.

"ނަތާ ވާހަކައެއް ދައްކަންވެގެނޯ" ޙަމީދު އައިސް އިށީނުމުން ޙައްވަ ބުނެލިއެވެ.

"އަވަހަށް ބުނޭ" ޙަމީދު ބުނެލިއެވެ.

"ނޭނގެ މިވާހަކަ ނަތާ ދެއްކުމަކީ ރަނގަޅުގޮތެއް ކަމެއް ނޫނީ ގޯހެއްކަމެއް. ނަތާއަށް އިނގެނީ ނަތާގެ ބެސްޓްފްރެންޑް ދެކެ ނަތާ ވަރަށް ލޯބިވާކަން. އަޒްކީ އުފަލުން ހުރިއްޔާ ނަތާ ވަރަށް އުފާވާނެ. ދައްކަން މިއުޅޭ ވާހަކައަކީ ނަތާ ދައްކަންނުވާ ވަރުގެ ވާހަކައެއްނަމަ ޙަމީދުބެވެސް ޙައްވައްތަވެސް ނަތާއަށް މަޢާފްކޮށްދެއްޗެ. އަދި ނަތާ ބޭނުން މިވާހަކަ ނަތާ ދެއްކިކަން އަޒްކީއަށް ސިއްރުކުރަން" ނަތާޝާ ދައްކަން ފެށި ވާހަކައަކުން ޙައްވައާއި ޙަމީދު ޝައުޤުވެރިވިއެވެ. އެހެންކަމުން އެދެމައިންގެ ފުރިހަމަ ސަމާލުކަން ނަތާޝާއަށް ދިނެވެ.

"އަމީޒާ އެއީ ކާކު؟" އަޒްކާ އެސުވާލު ކުރިއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޙަމީދަށެވެ. އެހެންކަމުން އެ ސުވާލުކުރި ވަގުތު ޙަމީދުގެ މޫނު މައްޗަށް އެރި ކުލަވަރު ނަތާޝާއަށް ފެނުނެވެ.

"އަމީޒާ ކިޔާ މީހަކާ ޙަމީދުބެމެންނާ އެއްވެސް ގުޅުމެއް އޮންނާނެތަ؟" ނަތާޝާގެ ދެވަނަ ސުވާލާއެކު ޙައްވައާއި ޙަމީދު އެކަކު އަނެކަކަށް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ނަތާ ދަންނަންތަ އަމީޒާ ކިޔާ މީހެއް" ޙައްވަ އަހައިލިއެވެ.

"ލައްބަ. އަމީޒާ ކިޔާ މީހެއް ދަންނަން" ނަތާޝާ ބުނެލިއެވެ.

"އަރުޝީގެ މަންމައަށް ވެސް ކިޔާނީ އަމީޒާ. ވީތަނެއް ނޭނގޭ. އިނގެނީ ވަރަށް ފަހުން މާލެއިން ދުށިންކަން" ޙަމީދު ވާހަކަދެއްކިއެވެ.

"މީތަ ޙަމީދުބެ ތިބުނާ އަމީޒާއަކީ...؟" އަތް ދަބަހުގައި އޮތް ފޯނު ނަގާ ފޮޓޯއެއް ދައްކައިލަމުން އަޒްކާ އަހައިލިއެވެ. ޙަމީދު އެފޮޓޯ ރަނގަޅަށް ބަލައިލިއެވެ. ޙައްވަ ވެސް ބަލައިލިއެވެ.

"ރަނގަޅު މިއީ އަރުޝީގެ މަންމައަކީ. އެކަމަކު ނަތާއަށް ކިހިނެއް އަމީޒާ އިނގެނީ" ޙައްވަ އަހައިލިއެވެ.

"އަމީދައްތަ ހުންނަނީ އަޅުގަނޑުގެ ގޭގަ. އަދި ކިރިޔާ އަމީދައްތަ ބަލިން ރަނގަޅުވާން ފެށީ. މިހާރު ވާހަކަވެސްދައްކާ. ކުރިން ވާހަކައެއްނުދައްކާ" ނަތާޝާ އޮޅުންފިލުވައިދިނެވެ.

"އެކަމަކު... ތިގޭގަ... ކިހިނެއް...؟ އަރުޝީއަށް ފެނުނުތަ...؟" ޙަމީދު އަހައިލިއެވެ.

"އާނ. އަޒްކީއާ ދިމާވެގެން ވަރަށް އަޒްކީ ގާތްކޮށްގެން އުޅުނީ. އަބަދު ހުންނާނީ އަޒްކީ ގައިގަ ފިރުމާލަ ފިރުމާލާ. ވަރަށް ލޯބިވާނެ އަޒްކީދެކެ. އަބަދު ގޮވާނީ އަރޫއޭ ކިޔާފަ. އަނެއްކާ އަމީދައްތަ އެބަ ގެންގުޅޭ އަޒްކީވެސް ގެންގުޅޭ ފޮޓޮއެއް. އެހެންވެ ނަތާއަށް އިނގުނީ" ނަތާޝާ އޭނާއަށް އިނގޭ މިންވަރަށް އޮޅުންފިލުވައިދެމުން ދިޔައެވެ.

"ޙައްވައްތަ ތިގެއަށް ގެންދެބަލަ" ޙައްވަ އެދުނެވެ. ޙަމީދު އިނީ އިވުނު ވާހަކަތަކުން ކަރު އެލުވާލައިގެންނެވެ. އޭނާއަށް މިއަދު އިނގިގެން އެދިޔައީ އަމީޒާގެ ނޭނގޭ ވާހަތަކެކެވެ.

"އަދި މަޑުކޮށްލާ. ނަތާ ގެއަށްގޮސް ދޮންދައްތަ ކައިރީގައި ކޮންމެވެސް ވަރަކަށް މިވާހަކަ ދައްކާފައި ބުނާނަން. ޙަމީދުބެ ދެރަނުވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް" ޙަމީދުގެ އަތުގައި ހިފައިލަމުން ނަތާޝާ ބުނެލިއެވެ.

"އަރޫއަށް އިނގުނިއްޔާ ހާދަ އުފަލެއްވާނޭ" ޙައްވަ ވާހަކަދެއްކިއިރު އުފާވެރިކަމުގެ ކަރުނައެއް އޭނާގެ ލޮލުން ވެއްޓުނެވެ.

"އަޒްކީއަށް ސަޕްރައިޒެއްދޭން ނަތާ ބޭނުމީ" ނަތާޝާ ބުނެލިއެވެ.

"އެކަމަކު ކޮން ބައްޔެއް އަމީ ވީ. ކީއްވެ މިހުރިހާ ދުވަހު ވާހަކަނުދެއްކުނީ...؟" ޙަމީދު ބުނެލިއެވެ.

"ތި ފެމިލީގަ ކަންތައް ވީގޮތެއް ނަތާއަށް ނޭނގޭ. އެންމެ ރަނގަޅުވާނީ ޙަމީދުބެ އަމީދައްތައާ ދިމާކޮށްފަ ތިހުރިހާ ވާހަކައެއް އަނހައި އޮޅުންފިލުވިއްޔާ" ނަތާޝާ ވާހަކަދެއްކިއެވެ.

ޒަމާންތަކަށްފަހު ޙަމީދުގެ އާއިލާއަށް ބޮޑު އުފާވެރިކަމެއް ލިބިފައިވި ކަހަލައެވެ. އަމީޒާ އޭނާގެ އަތުން ބީވި ދުވަހުން ފެށިގެން އޭނާ އިންތިޒާރުކުރި ދުވަސް އައިސް ބޯމަތިވާން ކައިރިވެއްޖެއެވެ. އޭނާ އަމީޒާގެ ދެފައިބުޑަށް ވެއްޓި އާދޭސް ކުރާނެއެވެ. ކުރެވުނު ކުށަށް މަޢާފް ހޯދާނެއެވެ. ދުވަހަކުވެސް އަމީޒާ ލޯމަތިން ގެއްލެން ދޫކޮށްނުލާނެއެވެ. އޭނާގެ ބަލީގެ ޝިފާއަކީ މިހާރު އަމީޒާއެވެ. އޭނާގެ ދަރިފުޅާ އެދަރިފުޅުގެ މަންމަ އެއްތަނަކުން ދެކިލާހިތުން ދެން އޭނާގެ ލޮލަށް ނިންޖެއްވެސް ނާންނާނެއެވެ. އޭނާގެ ހިތުގައި އެތައް އުންމީދެއް އުފަންވަމުން ދިޔައެވެ. ނަމަވެސް ހިތުގެ ކަނެއްގައި ނުތަނަވަސްކަމެއް ވިއެވެ. ކުށްކުރީ އޭނައެވެ. އޭނާގެ ކުށަށް އަމީޒާ މަޢާފްކުރާނެބާއެވެ؟ އުމުރުގެ ބާކީ އޮތް ދުވަސްތައް އޭނާއާއެކު ހޭދަކުރާނެބާއެވެ؟ އޮތީ އެންމެ ގޮތެކެވެ. ހެއްދެވިފަރާތަށް ދުޢާ ކުރުމެވެ.

ހޮސްޕިޓަލުގައި މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނާ ހެލްތް މިނިސްޓްރީން ބާއްވާ ބައްދަލުވުމަށް ދާން ތައްޔާރުވަމުން ނާހިދް ދިޔައެވެ. އެތެރެއިން ލާފައި ހުރި ކަޅުކުލައިގެ އަތްދިގު ގަމީސް މަތިން މާބަލްގްރޭ ކުލައިގެ ކޯޓް ލައްވައިދިނީ ނައިޝީއެވެ. އިސްތަށިގަނޑު ގައި ޖެލް ހާކާލުމަށްފަހު ދެއަތުން ރީތިކޮށްލިއެވެ. ކަންފަަތުގެ ދެފަރާތަށް ޖަހާލި ސެންޓްގެ ހިތްގައިމު ވަސް ކޮޓަރި ތެރޭގައި ފެތުރިގަތެވެ. ނާހިދް އެނދުގައި އިށީނުމުން ސްޓާކީން ލައްވައިދިނީވެސް ނައިޝީއެވެ. ނައިޝީގެ ފަރާތުން މިހާރު އެފެންނަ ކުދިކުދި ކަންތައްތަކުގެ ސަބަބުން ނާހިދަށް ވަނީ އުނދަގުލެވެ. ނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކައެވެ. ކޮޓަރިން ނިކުންނަމުން ނާހިދް ބަލައިނުލުމުން ނައިޝީ ގޮވައިލިއެވެ.

"ޑޯންްޓް ޔޫ ރިމެމްބަރ...؟" ނާހިދްގެ އަތުގައި ހިފާލަމުން ނައިޝީ ބުނެލިއެވެ.

"ވަޓް...؟" ނައިޝީ އެނބުނީ ކޮންކަމެއްގެ ވާހަކަ ކަން ނާހިދް ރަނގަޅަށް ހަނދާން ހުއްޓެވެ. ނަމަވެސް އޭނާ ބޭނުންވީ ހަނދާން ނެތްކަމަށް ހަދާށެވެ.

"ނެވަރ މައިންޑް. މިފަހަރު އަހަރެން ދޭނީ" ނާހިދްގެ ދެ ކޮނޑުގައި އަތް އަޅުވާލާފައި ކުޑަކޮށް ހިއްލިލަމުން ނައިޝީ ނާހިދްގެ ތުންފަތުގައި ލޯބިކޮށްލިއެވެ. ނައިޝީގެ އުނަގަނޑުގެ ދެފަރާތުގައި ދެއަތް އަޅުވާލަމުން މަޑުމަޑުން ނާހިދް ނައިޝީ ދުރުކޮށްލިއެވެ.

"އިޝީ ރެސްޓްކުރާނީ އިނގޭ. މި ބައްދަލުވުމަށް އިޝީ ވެސް ހާޟިރުވާންޖެހޭކަން އިނގެއެއްނު" ނާހިދް ބުނެލިއެވެ.

"އިނގޭ. ދާންބޭނުން. އެކަމު ނާހިދް ބޭނުމެއްނޫނެއްނު ބަލިވެ އުޅޭއިރު ދާކަށް" ނައިޝީ ބުނެލިއެވެ.

"ވަރަށް ލަސްވެއްޖެ" ނާހިދް ހިނގައިގަތެވެ. ކޮޓަރި ދޮރުމަތީގައި ހުރި ނައިޝީގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ.

ކާރު އެއްފަރާތުގައި ޕާކް ކުރުމަށްފަހު ނާހިދް ބައްދަލުވުން ހަމަޖެހިފައި އޮތް އިމާރާތަށް ވަދެގެން ދިޔައެވެ. އޭނާ ލިފްޓުން ފަސްވަނަ ފަންގިފިލާއަށް އެރިއެވެ. ބައްދަލުވުން އޮތް ތިއޭޓަރ ހޯލް ކުރިމަތީގައި ގިނަ އަދަދެއްގެ ދެ ޖީންސުގެ ޑޮކްޓަރުން ތިއްބެވެ. އޭނާ ދެތިން އެކުވެރިންނާ ސަލާންކޮށް ވާހަކަދައްކަން ހުއްޓާ މީހަކު ގޮވާލިހެން ހީވިއެވެ. އޭނާ ފަހަތް އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރި ޝިފާން ފެނި ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"ހާދަ ދުވަހެއްވެއްޖެއޭ ދޯ ދިމާނުވާތާ. އަހަރެން އަދިވެސް ގުރައިދޫގަ މަސައްކަތްކުރަނީ" ޝިފާން ވާހަކަދެއްކިއެވެ.

"އެހެންތަ؟ ރަނގަޅުތަ ހުރިހާ ކަމެއް؟" ނާހިދް އަހައިލިއެވެ.

"މިހާރު ދެކުދިން މެރީކުރީތަ؟" ޝިފާން އަހައިލިއެވެ.

"ޝިފާން އެދައްކަނީ އަޒްކާގެ ވާހަކަ ކަން އެނގިހުރެ ނާހިދް ބޯޖަހާލިއެވެ. ޝިފާންގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. އަޒްކާ އަކީ އޭނާ ކުރަން ހިތު އަޅައިގެން ކަމެކެވެ. އޭނާ ވަނީ އަޒްކާ ކާމިޔާބުކުރަން އެތައް ގޮތަކަށް މަސައްކަތްކޮށްފައެވެ. އަދިވެސް އޭނާ ހިތްވަރު ދޫކޮށެއްނުލައެވެ.

"އަދިވެސް އެ މޮޔަކުއްޖާ ރަނގަޅެއްނުވޭތަ...؟" ނާހިދް ކަންފަތް ކައިރިއަށް އަނގަ ކައިރިކޮށްލުމަށްފަހު މަޑުމަޑުން ޝިފާން އަހައިލިއެވެ.

"މައިންޑް ޔޯ ޓަންގް" ނާހިދް ބުނެލިއެވެ. އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.

"ހެހެހެ...ސޮރީ.... ކޫލް ބްރޯ...." ނާހިދްގެ ކޮނޑުގައި ޖަހާލަމުން ޝިފާން އެއްފަރާތަކަށް ޖެހިލިއެވެ.

ތިއޭޓަރ ހޯލުގައި އެމީހަކަށް ހާއްސަ ކުރެވިފައިވާ ގޮނޑީގައި ހުރިހާ ޑޮކްޓަރުންނާ މިނިސްޓްރީގެ މުވައްޒަފުންނާ ދަޢުލަތުގެ އިސްވެރިން އިށީނެވެ. ޤުރުޢާނުގެ ބަރަކާތުން ޖަލްސާ ފެށިގެން ދިޔައެވެ. ތަނަށް ވެރިވެފައިވީ ހަމައެކަނި މައިކު ކައިރީގައި ހުރެ ވާހަކަދައްކަމުން ދިޔަ މީހާގެ އަޑު އެކަންޏެވެ.

ގާތްގަނޑަކަށް ގަޑިއިރަކަށް ދެމިގެންދިޔަ ޖަލްސާ ނިންމާލުމާއެކު ހުރިހާ ޑޮކްޓަރުންނާ ވަކިން މިނިސްޓަރ ބައްދަލުކޮށްލަން ބޭނުންވާކަމަށް މައިކުން އިއްވާލިއެވެ. ގޮނޑިން ތެދުވެފައި ވެސް ނާހިދް އަލުން އިށީނެވެ. އޭނާ އިނީ ގިނަ ވަގުތު އެތަނުގައި އިންނަން ޖެހުމުން ފޫހިވެ ނިދި އައިއްސައެވެ. ޖަލްސާއަކަށް ހާޟިރުވެއްޖިއްޔާ އެއީ އަބަދުވެސް އޭނާގެ ހާލަތެވެ.

ތަނުގައި ތިބި ޑޮކްޓަރުން ފިޔަވާ ބާކީ ތިބި ހުރިހާ މީހުން ނިކުމެގެން ދިޔައެވެ. ޑޮކްޓަރުން ތިބީ މިނިސްޓަރ ދުރުވާނެ އިރެއްގެ އިންތިޒާރުގައެވެ. ހުރިހާ ޑޮކްޓަރުންގެ ކުރިމަތީގައި މިނިސްޓަރ އިށީންނަވާ ގޮނޑިކޮޅު ބަހައްޓާފައި ހުއްޓެވެ. ނާހިދް އިނީ ގާތްގަނޑަކަށް މިނިސްޓަރ ކުރިމަތީގައި ކަހަލަ ގޮތަކަށެވެ. ދެ ގޮނޑި ދެމެދުގައި މާބޮޑު ހުސްތަނެއް ނެތެވެ.

މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. މިނިސްޓަރ ވަޑައިގަތެވެ. ގޮނޑިކޮޅުގައި އިށީނުމަށްފަހު ހިނިތުންވުމަކާއެކު ހާލުއަހުވާލު އޮޅުންފިލުވިއެވެ.

އިރުކޮޅަކުން ހޯލުގެ އަރިމައްޗަކަށް ހުންނަ ދޮރުން އަންހެންކުއްޖަކު ވަދެގެން އަންނަތަން ފެނުނެވެ. ނިދިޖެހިފައި އިން ނާހިދް އެދިމާ ބަލައިލީ ލޮލުގެ އަރިމަތިން އޯކިޑް ކުލައިގެ ފޮތިގަނޑެއް ކަހަލަ އެއްޗެއް ފެނުމުންނެވެ. އޭނާ ބެލުމުގައިވަނީ ފަރުވާކުޑަ ގޮތެކެވެ. ފެނުނު މަންޒަރުން ގޮނޑީގައި ހަށިގަނޑު ސީދާކޮށްލެވުނު ގޮތެއްވެސް ނޭނގުނެވެ. އޭނާގެ ހިތް ހީވީ މޭފަޅާލާފައި ނިކުންނަން އުޅުނުހެންނެވެ. ހުވަފެނެއްކަމަށް ހީކޮށް ލަސްލަހުން އެސްފިޔަ ޖަހައިލިއެވެ. ކަރުތެރެހީވީ ހިކިގެން އަރަން އުޅޭހެންނެވެ. އޭނާ ހިންދިރުވާލާފައި ވަދެގެން އަންނަ އަންހެންކުއްޖާގެ މުޅި ހަށިގަނޑަށް ނަޒަރެއްދިނެވެ.

ވަދެގެން އައި އަޒްކާ ލައިގެން ހުރި އޯކިޑް ކުލައިގެ ހެދުން ހުރީ ކަކުލާ ހަމައަށެވެ. ހެދުމުގެ ދިގު ދެއަތް ކޮނޑާއި ހަމައިން ވަނީ ލެވެންޑަރ ލޭސް ފޮތީގައެވެ. ދެ އަތުގެ އަސްލު ކުލަ ހުރީ ކޮންމެވެސް ވަރަކަށް ހާމަވާށެވެ. ހެދުމުގެ ދެ އަރިމަތިން ދިގުކޮށްލާފައިވާއިރު ތިރިިިން ލައިގެން ހުރީ ކަޅު ކުލައިގެ ސްކިނީއެކެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އެއްކޮށް އައްސާލާފައެވެ. ދެފަރާތު ކަންފަތް ކައިރިން ތިރިއަށް އެލިފައި އޮތް ނުކިޔަމަންތެރި ދެ އިސްތަށިކޮޅު ބަނޑިބަނޑި ލައްވަމުން ދިޔައެވެ. އަރައިގެން ހުރީ ލެވެންޑަރ ކުލައިގެ ކުޑަ ކައްޓެއް ލާފައިވާ ޝައިން ބޫޓަކަށެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު އޯކިޑް ކުލައިގެ މެޓް ލިޕްސްޓިކްގެ އިތުރުން އެއްވެސް މޭކަޕެއްނެތެވެ. އެއްވެސް ގަހަނާއެއް ބޭނުންކޮށްފައެއް ނެތެވެ. އެއް އަތުގައި ހުދުކުލައިގެ ފައިލެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. އޭނާ މިނިސްޓަރ އަތަށް ފައިލް ދިއްކޮށްލުމަށްފަހު ހީލަމުން ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. އެހިނދު އޭނާއަށް ބަލަހައްޓައިގެން އިން ނާހިދާއި ހަތަރުކަޅި ހަމަވެގެން ދިޔައެވެ.

(ނުނިމޭ)