ދުނިޔެ

އެބޯލާ ކޮންޓްރޯލް ކުރުމަށް ކޮންގޯއިން ދެވަނަ ވެކްސިނެއް ބޭނުން ކުރަން ނިންމައިފި

ފަތޯނާ ފާއިޒު

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމަށްވާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހަލުވި ކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، އެބަލިން ރައްކާތެރިވުމަށްޓަކައި ދެވަނަ ވެކްސިނެއް ބޭނުން ކުރަން ފަށަން އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

ޑީ.އާރް ކޮންގޯގައި އެބޯލާ ވައިރަސް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، މިހާތަނަށް އެބަލީގައި 2،100 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގައުމުގެ ސިއްހީ އޮފިޝަލުން، ބަލި ކޮންޓްރޯލް ކުރުމަށް ދެވަނަ ވެކްސިނެއް ބޭނުންކުރަން ނިންމިއިރު، މިދިޔަ ޖުލައިމަހު އެގައުމުގެ ސަރުކާރުން ވަނީ އެވެކްސިނަކީ ރައްކާތެރި އެެއްޗެއް ކަމާމެދު ސުވާލު އުފެދޭ ބުނެ، އެ ބޭނުން ނުކުރަން އަންގާފައެވެ.

އެއީ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އީޖާދު ކުރި ވެސްކިންއެކެވެ. އެވެކްސިން ޖަހާނަމަ، ދެ ޑޯޒް ހަމަކުރަންޖެހެއެވެ. އެއީ އެއް ވެކްސިން ޖެހުމަށްފަހު 25 ދުވަސް ފަހުން ދެވަނަ ޑޯސް ޖަހައިގެން ހަމަކުރަން ޖެހޭ އެއްޗެއް ކަމަށްވުމުން، ރައްކާތެރިކަމާއެެކު، އެ ވެކްސިން ދިނުމަކީ އުނދަގޫ ކަމެއް ކަމުގައި ވެދާނެ ކަމަށް ކޮންގޯ ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ. އެގައުމުގައި މިވަގުތު ބޭނުން ކުރަމުން އަންނަނީ، "މާކް" އިން އުފެއްދި ވެކްސިންއެކެވެ. އެވެކްސިން ދޭން ޖެހޭނީ އެއް ފަހަރުއެވެ.

އެހެންނަމަވެސް ބަލި ކޮންޓްރޯލް ނުވެ، އިތުރުވަމުންދާތީ އާ ވެކްސިން ބޭނުން ކުރަން ނިންމީއެވެ. އާ ވެކްސިން ތައާރަފު ކުރާނެ ވަކި ދުވަހެއް އިއުލާނެއް ނުކުރެއެވެ.

އެބޯލާ ބަލި އެންމެ ބޮޑަށް ފެތުރިގެން ދިޔައީ 2014 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދު ހުޅަނގު އެފްރިކާގެ ގައުމުތަކުގައެވެ. އެފަހަރު ބަލި ކޮންޓްރޯލް ކުރެވުނުއިރު، 11،000 މީހުން އެބަލީގައި މަރުވިއެވެ.

އެބޯލާ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުން ވަރު ދެރަ ވުމާއި، ގަދަޔަށް ހުން އައުމާއި، ހޮޑު ލެވުމާއި، ގައިގައި ރިއްސުން ހިމެނެއެވެ. ފުރާނައަށް ނުރައްކާވާ މިބަލީގެ ސީރިއަސް ހާލަތެއްގައި، ހަށިގަނޑުގެ އެތެރެއިންނާއި ބޭރުންވެސް ލޭ ފައިބައެވެ.