ޓެރަރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުން އަސާސީ ބައެއް ހައްގުތައް ހިފެހެއްޓުމާއެކު، ތަންފީޒީ އިދާރާތަކަށް ލިބިދޭ ބާރުތައް ބޭނުންކުރާއިރު މޮނިޓަރިން މެކެނިޒަމްތަކެއް ހިމަނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން، ހިސާން ވިދާޅުވީ، ދުނިޔޭގެ ބަދަލުވަމުން މިދާ މާހައުލާ އެއްކޮށް ރާއްޖެއަށް މިއަންނަ ބަދަލު ތަކާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި ސަލާމަތީ ހިދުމަތް ތަކުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ އަދާކުރުމަށް މަޖިލީހުން ދޭންޖެހޭ އެއްބާރުލުން ދިނުމަކީ މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ބިލަކީ ގިނަ އަސާސީ ހައްގުތައް، ހާއްސަ ހަލާތްތަކުގައި ހަނިކުރެވޭ ގޮތަށް ބައްޓަން ކޮށްފައި އޮތް ބިލެއް ކަމަށާއި، މިފަދަ ބިލެއް ފާސްކޮށް، ހައްގުތައް ހަނިކުރާއިރު ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރިކަމަށާއި ބިލުގައި ބުނެފައިވާ ހައްގުތައް ހަނިކުރަނީ ގާނޫނުއަސާސީ އާއި ތައާރަޒު ނުވާ ގޮތަށްކަން ކަށަވަރު ކުރަންޖެހޭ ކަމަށްވެސް ހިސާން ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ފުރުސަތުދެނީ ގާނޫނުއަސާސީއާ ތައާރަޒު ނުވާގޮތަށް ދެވަނަ ބާބުގައި ހުރި ހައްގުތައް ހަނިކުރަން. މިފަދަ ހައްގުތައް އަޅުގަނޑުމެން ހަނި ކުރާއިރު ދެން ކުރަންޖެހޭ ސުވާލަކީ، މި ހައްގު މި ހަނިކުރަނީ ކޮން މަގުސަދެއް ހާސިލު ކުރަންތޯ، އަޅުގަނޑުމެނަށް ސާފުވާން ޖެހޭ އަޅުގަނޑުމެން، މި ހައްގު ހަނިކުރަން މިއުޅޭ ސަބަބު. ތިންވަނަ ސުވާލަކީ އެ މަގުސަދު ހާސިލުކުރަން މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރޭގައި ހުރި ހުރަސްތަކަކީ ކޮބައިތޯ، މި ބަދަލު ގެނައުމުން އެ މަގުސަދު ހާސިލު ކުރެވޭތޯ. ހަތަރުވަނަ ކަމަކީ މި ހައްގު ހަނިކުރާ ހަނިކުރުމަކީ އެ މަގުސަދު ހާސިލު ކުރަން ބޭނުންވާ އެންމެ މަދު މިންވަރުތޯ، އެންމެ މަދު މިންވަރަށް ނޫނީ ހައްގެއް ހަންޏެއް ނުކުރެވޭނެ،" ހިސާން ވިދާޅުވިއެވެ.
ބިލުން ހާއްސަ ބާރުތަކެއް ތަންފީޒީ އިދާރާާތަކަށް ދީފައިވާކަން ފާހަގަ ކުރައްވައި، ހިސާން ވިދާޅުވީ އެފަދަ ބާރުތަކެއް ދޭއިރު މޮނިޓަރިން މެކޭނިޒަމްތަކެއް ބިލަށް ލާންޖެހޭ ކަމަށެވެ.
އެގޮތުން މިގާނޫނުގެ ދަށުން ލިބިގެންވާ ހާއްސަ ބާރުތައް ބޭނުންކުރާއިރު ކޮންމެ ހަތަރު މަހަކުން ނަމަވެސް ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހަށާއި ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅަން ޖެހޭ ގޮތަށް ބިލުުގައި އޮތުމަކީ މުހިއްމު ކަމެއްކަމަށް ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ބިލުގައި ހިމެނޭ ބައެއް ހައްގުތައް ހަނިކުރުމުގައި މުއްދަތުތަކެއް ކަނޑައެޅުމާއި ޗެކްތަކެއް ލުމަކީވެސް މުހިއްމު ކަމެއް ކަމަށެވެ.
"ގާނޫނީ ވަކީލެއްގެ ހައްގު ލިބިދޭ ފުރުސަތުތައް ހަނިކުރެވިގެންދާއިރު ވެސް އަދި އެހެނިހެން އަސާސީ ހައްގުތައް ހަނިކުރާއިރުވެސް އެއީ މުއްދަތުތަކެއް ކަނޑައެޅިގެން ހަނިކުރެވޭ ހަނިކުރުމަކަށް އެބަ ހަދަންޖެހޭ، މިސާލަކަށް ދަންނަވާނަމަ ވަކީލުންގެ ފުރުސަތު އަޅުގަނޑުމެން ހަނިކުރާއިރު ފުރަތަމަ، ހަތް ދުވަހަށް ހަނިކުރުމަށްފަހު އިތުރަށް އެމުއްދަތު އިތުރު ކުރަން ޖެހޭނަމަ ޕީޖީގެ ހުއްދައާއެކު ނޫން ގޮތަކަށް ޗެކްތަކެއް ލުމަށްފަހު ހަނިކުރުމުގެ ފުރުސަތު ދިނުން. މޮނިޓަރިން މެކެނިޒަމް ތަކަކާއެކު ޗެކްތަކެއް ލާންޖެހޭ،" ހިސާން ވިދާޅުވިއެވެ.