ލައިފް ސްޓައިލް

ފ. ނިލަންދޫ އަންހެން ކެޔޮޅު، ދުވާލު ތިން އިރު މަހަށް، ކަނޑުމައްޗަށް ނާރައިފި ނަމަ ނިދަން އުނދަގޫ!

ސިނާން އަލީ

11

މަހުން ލަފައިގެން އައިސް، ފ. ނިލަންދޫ ބަނދަރުގެ ބޭރު ތޮއްޓަށް ޑިންގީ ބިއްކޮށްލި އިރު ހިމަފޮދު ވާރޭ ވެހެމުން ދެއެވެ. ބޭނި މަސްކޮޅު ބަނދަރުގެ އިރުމަތީ ފަރާތުގައި ހުރި މަސްމާރުކޭޓު ތެރޭގައި އަތުރަމުން ދިޔަ އިރު، ލޮލުގައި އަޅައިގަތީ، ތޮށގަނޑުމަތީގައި އިށީނދެގެން އިން އަންހެނެވެ. އަނގަފުރައި ފޯއް އަޅައި ދުފުންގަނޑު ވަރުކުރަމުން ދިޔައިރު، ދެބައި އުމުރުގެ އެ އަންހެން މީހާގެ ދެމިޔަކަނުން ރަތްކުޅުގަނޑުގެ އަސަރު ފާޅުވަމުން ދެއެވެ. އަތުގައި ހެޔޮވަރު ދަބަހެއް އޮތެވެ. އޭރު ގަޑީން 11 ޖަހަން ދަނީ އެވެ. އެވަގުތު އަޅުގަނޑުމެންގެ މަސްޓީމުގެ މެންބަރު، އަލީ އަހުމަދު (ބަޔޯ) އަވަސްވެގަތީ އެދައިތަ އަތުން ދުފާއެތިކޮޅެއް ލިބޭތޯ އެވެ. މިރޭ ބަޔޯއަށް މަހަށް ފުރުނީ ދުފާ ދަބަސް ގޭގައި ބާއްވާފަ އެވެ. ފަހަތުން އިއްސޭ ވެސް ކައިރިވެލީ ބަޔޯއާ ބައިވެރިވުމަށެވެ. އެއީ ފުރިހަމަ ދުފާ ތަބަކެކެވެ. ދުފުމަށް ބޭނުންވާނޭ ހުރިހާ އެއްޗެއް އޭގައި ހަމަ އެވެ. މާގިނަ އިރުތަކެއް ނުވެ، އެމީހާގެ އަސްލު ވާހަކަތައް އެނގޭގޮތް ވެއްޖެ އެވެ. އެއީ ޝައުގުވެރި ވާހަކަ ތަކަކަށް ވެސް ވެއްޖެ އެވެ.

"ކަލޭމެން ކުދީންނަކަށް ކަމެއް ނުވިއެއްނު! ދައްތަ އިރުއޮއްސުމުގެ ކުރީން މަސް ބާނައި ނިންމައިފިން. އެހެރަ ފަލަ ރަތްމަސް. މަހެއްގަައި ހަ ކިލޯ ހުރި. އަނެއްކާ ކަލޭމެން ތިބާނާހާ ދުރަކުން ނޫން، ސީދާ ރަށު ކަނޑުއޮޅިން." މީ އުމުރުން 44 އަހަރުގެ، އަޒީމާ މުހައްމަދު، ނިލަންދޫ މީހުން ކިޔާ ގޮތުން ނަމަ (މާމަ) އަހަރެމެން ބާނައިގެން ގެނެސް އެއްގަމަށް އެރުވި މަސްކޮޅަށް ކަޅި އެއްލައިގެން ހުރެ ކޮށްލި ސަމާސާ އެވެ.

"ހިނގާ ދައްތައާ އެކު މިރޭ ފަތިހު މަހަށް ދާން. ކަލޭމެން ކުދީންގެ އަތަށް ވާންކޮށްލާ ވަރުގެ މަސް އެގަޑީ ގަންނާނެ. މީ ފޮއިމަތި. ފޫއްސެއް ނުވާނެ." އޭނާއާ އެކު މަހަށް ދިޔުމުގެ ދައުވަތު މާމަ އަހަރެމެންނަށް ދިނެވެ. އެކަމަކު އެ ދައުވަތުގައި އަހަރެންނާއި އިއްސެ އަދި ބަޔޯއަށް ވެސް ދެވޭނެ ގޮތެއް ނުވި އެވެ. މާމަ ފުރާން ނިންމާފައި އޮތީ ފަތިހު އެވެ. އަހަރެމެންގެ ތާވަލުގައި ހެނދުނަށް އޮތީ އެހެން ކަމެކެވެ.

މާމަގެ ކެޔޮޅު ކަމުގައި އޭނާއާ އެއް އޮޑީން މަހަށް ނުދެވުނަސް، ވަގުތު ހޯދައިގެން އެގެޔަށް ދިޔައީމެވެ. އެއީ ފިސާރި އަންހެނެކެވެ.

އުމުރުން 13 އަހަރުގައި ކުރި ކައިވެންޏަށް މިހާރު 31 އަހަރު ވެފައިވާ އިރު، މާމަ އަދި އޭނާގެ ފިރިމީހާ، އަހުމަދު މުހައްމަދަށް 9 ކުދީން ލިބިފައި ވެއެވެ. އޭގެން ހަތް ކުދީން ދުނިޔޭގައި އެބަ ތިއްބެވެ.

މާމައަކީ ކެޔޮޅެކެވެ. ދަނީ ފަރުމަހަށެވެ. ދުވާލު ތިން ދަޅަޔަށް މަހަށް ފުރާއިރު، މަސްވެރިކަމުގައި މާމަގެ ބައިވެރިޔަކީ ފިރިމީހާ، އަހުމަދު މުހައްމަދެވެ. އެ ދެމަފިރީން ކޮންމެ ދުވަހަކު މަދުވެގެން ފަހެއް ނުވަތަ ހަގަޑި އިރު ކަނޑުމަތީގައި ހޭދަ ކުރެއެވެ.

"ގިނަ ދުވަސްދުވަހު ތިން އިރު ދަން، ފަތިހު، ހެނދުނު އަދި އިރުއޮއްސޭ ދަޅަމައްޗަށް." މާމަ އޭނަގެ މަސް ޝެޑިއުލް ކިޔައިދިނެވެ.

މާމައާއި އޭނާގެ ފިރިމީހާ އުޅެމުން އަންނަނީ ތަނަވަސް ދިރިއުޅުމެއް ނޫނެވެ. ދިރިއުޅޭ ތަންކޮޅު ހުރީ ނުހެދި އެވެ. އިމާރާތްގަނޑު ހުރީ ވަރަށް އާދައިގެ ގޮތަކަށް ފިލާބިއްގަނޑަކުން ދެބަޔަށް ބައިކޮށްލާފަ އެވެ. އެހެން ނަމަވެސް ދުވަހަކުވެސް ލޯނެއް ނުނަގާ ކަމަށާއި މީހަކަށް ދަރާފައި ނޯންނާނެ ކަމަށާއި ދަރީންނަށް ކާންދެނީ ލޯބޯ ފިއްސައިގެން ހޯދާ ހަލާލު ރޯދިން ލިބޭ އެއްޗެއް ކަމަށް މާމަ ބުންޏެވެ. ހުރިހާ ދަރީން ބޮޑެތިވީ އިރު، އެއިން އެއްވެސް ކުއްޖެއްގެ ކުށުގެ ރެކޯޑެއް ނެތެވެ.

މާމަ ބުނީ ކުރީން، ރާވެސް އެރި ކަމަށާއި މިހާރު ސިއްހަތު ތަން ނުދޭތީ އެކަން ނުކުރެވޭ ކަމަށެވެ. އެކަމަކު ގޭގައި ކޮންމެވެސް ވަރަކަށް މީހުންނަށް ދިވެހި ބޭސް ކޮށްދޭ ކަމަށެވެ.

"ތިހުރީވެސް އަހަރެން ރާ އެރި ރުކެއް. ނުކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ. ރަށު ރައްޔިތުންނަށް ގޮވާލި ކޮންމެ ކަމެއްގައި އެންމެ ކުރީ ސަފުގައި އެކަކަށް މަ ހުންނަން. މަށަށް ނުކުރެވުނު ކަމެއް ފިރިހެނަކަށް ވެސް ނުކުރެވޭނެ. ރަނގަޅު މަހެއް ގަނެއްޖެއްޔާ ތި ކުދީންނަށް ވުރެ އަވަހަށް މިހާރުވެސް ދަމާ އޮޑިޔަށް ލާނަން." މާމަ ޖޯޝާ އެކު ބުނެލި އެވެ.

ރަށުގެ ބައެއް މީހުންގެ ފުށުން އެނގުނު ގޮތުގައި، ކުރީން ބައެއް ދުވަސްދުވަހު، މާމަ އެކަނިމާއެކަނި ފަލި ޖަހާފައި ވެސް ކެޔޮޅުކަމު ދެއެވެ. މަސްވެރިކަން ވެފައި އޮންނަނީ މާމަގެ ދިރިއުޅުމުގެ ބަޔަކަށެވެ. އެއީ އަަހުލާގު ރަނގަޅު މީހުންނާ ގުޅޭ ނިކަން މަޖާ ވެސް މީހެކެވެ.

މާމަޔާއި މާމަގެ ފިރިމީހާގެ ކައިވެނީގެ ސިއްރާއި އެ ގުޅުމުގެ ވަރުގަދަ ކަމަށް ވެސް މާމަ ބުނީ ވަރަށް ތަފާތު ވާހަކަ އެކެވެ.

"އަސްލު ވީގޮތަކީ މަގޭ ފިރިމީހާއަކީ މަގޭ ލޯބިވެރިޔާ ދެއްކި މީހެއް. ލޯބިވެރިޔާއާ ފުރަތަމަ ބައްދަލުވީވެސް ފަރުމަތިން. އޭނައަށް މަށާ އިނދެވެން ނެތިގެން އޭނަ ދެއްކި މީހަކާ އެިނދެގެން މަ މިއަދު މި އުޅެނީ. އޭނައަށް ތިން އަހަރު ވަންދެން ހުރެވެން ނެތީ. އެހެންވެ އޭނަ ބުނީ ތިމަންނަ ދައްކާ މީހަކާ އިންނާށޭ. ދެން މަ އޭނަ ދެއްކި މީހާއާ އިނީ. އޭނަގެ ލޯބި މީނައަށް ދީގެން މި އުޅެނީ. މީނައަށް ވެސް އެކަން އެނގޭނެ. މިހާރު މި ގުޅުން ވަރަށް ވަރުގަދަ ވާނެ. އަނެއްކާ އަހަރެމެން ދެމަފިރީން އަބަދު މި އުޅެނީ ގުދުރަތީ މާހައުލުގަ ކަނޑުމަތީ. އެންމެ ސާފު ވަޔާ ޖައްވު، ގޭތެރޭގަ ވެސް އެކީ، ކެޔޮޅުކަމުގަ ވެސް އެކީ. ގުޅުން އެހާ ގަދަ ވަނީ ވެސް އަބަދު ކަނޑުމަތީގަ އުޅޭތީހެން ހީވަނީ." ހިނިގަނޑެއް ޖަހާލަމުން މާމަ ބުނެލި އެވެ.

މާމަ ބުނީ ދުވާލަކު މަދުވެގެން އެއްފަހަރު ކަނޑުމައްޗަށް ނޭރިއްޖެ ނަމަ ރޭގަނޑު ނިދަން ވެސް އުނދަގޫވާ ކަމަށެވެ. އެހެންވީމަ ކޮންމެފަދަ ގޮތެއް ހަދައިގެން ވެސް ދުވާލަކު އެއް ފަހަރު ނަމަވެސް ކަނޑުބޭރުވާން ޖެހެ އެވެ. މޫސުން ގޯސްވެ މަހަށް ނުފުރޭ ގޮތް ވެއްޖެ ނަމަ ފަޅުތެރެއަށް ނަމަވެސް ދާން ޖެހެ އެވެ. އެވަރު ނުވެއްޖެ ނަމަ މޫދު ފެންނަ ހިސާބު އަތިރިމަތީގައި އިންނަން ޖެހެ އެވެ.

މާމަގެ ފިރިމީހާ، ވަޒީފާއަކަށް ދެއެވެ. އަތޮޅު ކައުންސިލު މަސައްކަތު މީހެއްގެ ވަޒީފާއަށެވެ. ހެނދުނު އަށެއް ޖަހާ އިރަށް ދާން ޖެހެ އެވެ. ރަށު މީހުން ބުނާ ގޮތުގައި، ހެނދުނު އޮފީހަށް ދިޔުމުގެ ކުރީން މަސް ދަތުރެއް ކުރުމަކީ އެ ދެމަފިރީންގެ އާދައެކެވެ. މާމަގެ ދެމަފިރީން ފަރުމަހަށް ގޮސް ބާނައިގެން ގެންނަ މަސް ރަށު ތެރެއަށް ނުވަތަ ރަށު މަސް މާރުކޭޓަށް ކިރަނީ އެވެ.

މިހާ ހިސާބަށް އައި އިރު، މާމައަށް ނުވެ އޮތް އެންމެ މުހިންމު އެއް ކަމަކީ މަހަށް ދާނެ ކިތަންމެ ކުޑަ ނަމަވެސް އަމިއްލަ އުޅަނދެއް ނުހޯދުމެވެ. މަހަށް ދަނީ މީހުންގެ ބޮއްކުރާ ފަހަރުގައާއި މީހުންގެ ޑިންގީގަ އެވެ. މިހާރު ވެސް އުޅެނީ ތެޔޮ އަޅައިގެން ދުއްވާ ގޮތަށް މީހެއްގެ 18 ވަރަކަށް ފޫޓުގެ ފައިބަރު ޑިންގީއެއް ކުއްޔަށް ހިފައިގެންނެވެ.

"ކީއްކުރާނީ ކެޔޮފުޅާ. މިކަމުން ލިބޭ އެއްޗަކުން ހުރިހާ ދަރީންނަށް ކިޔަވައިދީ ބަލައި މި ބޮޑުކުރީ. ދުވާލާއި ރޭގަނޑުގެ ބޮޑުބައި ކޮންމެ ދުވަހަކު ވެސް މި ހޭދަވަނީ ކަނޑުމަތީ. އެންމެން ދިރިއުޅޭ ތަންކޮޅު ނިދާލެވޭ ވަރަށް ވެސް ހެދިފަ މި ހުރީ މި ވަރަށް މަސައްކަތް ކޮށްގެން. ހެޔޮ ލަފާ މީހަކު ދައްކަމުން ދައްކަމުންދާ ގޮތަށް ވެސް މިކަހަލަ ޑިންގީ ގަނޑެއް ދީފި ނަމަ އެ މީހަކަށް އުމުރު ދުވަހު މި މާމަގެ ހެޔޮ ދުއާ އޮންނާނެ."

މާމައަށް އަހަރެމެން އެދެނީ ކާމިޔާބެވެ. މާމަގެ ދެމަފިރީންނަށް ކެޔޮޅުކަމާއި ކަނޑުމަތީގެ ހާއުފާވެރި ދުވަސްތަކެކެވެ. ތިޔައީ ނަމޫނާ ދެމަފިރީންނެވެ. އަދިވެސް މާމަ އަތުން ދުފައިލުމަށް އެދެވެ އެވެ. މާމައާއި އެއްއޮޑީގައި ފަރުމަހަށް ދިއުމުގެ އުއްމީދުވެސް އެބަ އޮތެވެ.