މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 40

އަބްދުﷲ ފާރޫގް ހަސަން

އެދުވަހުގެ ހަވީރު މިސް ނައިނީ ޖެއިޝީލަން އާއި މިސްޓަރ ޖީ.ޑީ. ޝަރުމާއާއި އަލްއަޚް ޤަމަރު އަޙްމަދު ފުރާވަޑައިގެންފިއެވެ. އެބޭފުޅުން ފުރާވަޑައިގަތުމުގެ ކުރީގައި ލަކުޑިދީބުގެ ޗާޕުޚާނާގެ މަލިކުގޮފީގައި ޓެކްސްޓްފޮތް ޗާޕުކުރުމުގެ މަސައްކަތް ފެށިއްޖެއެވެ. ލަކުޑިދީބުގެ ޗާޕުޚާނާގެ މަލިކުގޮތްޕަކީ އެޗާޕުޚާނާގެ "ތާނަމަރުކަޒު" އެވެ. އެތާނގައި ހުންނަނީ ވަރަށް އާދައިގެ ލެޓަރޕްރެސް މެޝިންތަކެކެވެ. ދިވެހިބަހާއި، މަލިޔާޅަމްބަހާއި، އިނގިރޭސިބަހުން އަކުރު އެތުރެން ހުރެއެވެ. ނަމަވެސް ލެޓަރޕްރެހުން ޗާޕުކުރާއިރު ފޮޓޯޖެހުންފަދަ ކަންކަމަށް ހަދަންޖެހޭ ބްލޮކް ހެދޭކަށް ނުހުރެއެވެ. އެހެންކަމާއެކު އެތާނގައި ޓެކްސްޓްފޮތެއް ޗާޕުކުރެވޭނީ ހޭންޑްއައުޓެއްގެ ފެންވަރުގައެވެ. ކޮންމެއަކަސް އަޅުގަނޑުމެން މަލިކުން ފުރިއިރުވެސް ވަރަށް ފޯރިއާއެކު ޗާޕުގެ މަސައްކަތް ކުރިޔަށް ދެއެވެ. އޭރު އަދި މުދައްރިސުންނެއް ނާދެއެވެ.

ލަކުޑިދީބުގެ ފުލުހުންގެ ސާކަލް އިންސްޕެކްޓަރ އަލްއަޚް ނައްލަކޮޔާ މަލިކުގައި މަޑުކޮށްލެއްވީއެވެ. އޭނާއަކީ އަޅުގަނޑުމެންގެ އެކުވެރި ކޭ.ޖީ. މުޙަންމަދާ އެކުގައި ކިޔަވާވިދާޅުވާން އުޅުއްވި ބޭފުޅެކެވެ. ވުމާއެކު އަޅުގަނޑުމެންނަށްވެސް އޭނާއާ ރައްޓެހިވުމުގެ އުފާ ލިބުނެވެ. އަލްއަޚް ނައްލަކޮޔާއަކީ ދީންވެރި، ހިތްޕުޅު ތިރި، އަޚްލާޤު ރަނގަޅު ބޭކަލެކެވެ. އަޅުގަނޑުމެން ވިރިނގިއްޔަށް (ވިލިނގިއްޔަށް) ކުރިދަތުރުގައި އޭނާ އަޅުގަނޑުމެންނާ ބައިވެރިވެލެއްވިއެވެ.

އިސްވެދިޔަ ބަޔާންތަކުގައި އެވަނީ އަޅުގަނޑުމެން އެހި އަޑުތަކާއި އަޅުގަނޑުމެންނަށް ފެނުނު ފެނުންތަކެވެ. މަލިކުގައި ތަޢުލީމީ ކަންތައް ހުރިނެތް ގޮތާމެދު އިތުރު އެއްޗެއް ބުނުމުގެ ބޭނުމެއް އޮތްކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިބަޔާންތަކުން ނަތީޖާއެއް ނެރުއްވުން އަޅުގަނޑު ދޫކޮށްލާނީ މިވާހަކަތައް ވިދާޅުވާ ބޭފުޅުންގެ ތަނަވަސް ސިކުނޑިފުޅުތަކަށެވެ.

މަލިކުގައިހުރި ސްކޫލްތައް:

މަލިކުގައި ސަރުކާރުން ހިންގާ 5 ސްކޫލް ހުރެއެވެ. އެއީ:

1. ނަވޯދަޔާ ސްކޫލް
2. ހައިސްކޫލް
3. ޖޫނިއަރ ބޭސިކް ސްކޫލް
4. ސީނިއަރ ބޭސިކް ސްކޫލް
5. ނާރސަރީ ސްކޫލް

މިފަސް ސްކޫލެވެ. މީގެ އިތުރަށް ބާލަވަޑީ ސްކޫލް ނަމުގައި އޮންނަ ނިޒާމެއް އޮވެއެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އެތާނގެ މާރަނގަޅު ނަތީޖާއެއް ނޯވެއެވެ.

މަލިކުގެ 1981 ގެ ތަފާސްހިސާބުތައް ދައްކާގޮތުން މަލިކުގައިތިބި ކިޔަވާކުދީންގެ ޖުމްލައަކީ 2121 އެވެ.

މަލިކުގައި ނާރސަރީ ތަޢުލީމު ފެށުނީ 1965 ގައެވެ. މި ސްކޫލުގައި އޮންނަނީ ލަވަކިޔުމާއި، ވާހަކަކިޔުމާއި، ކުރެހުމާއި، ކުޅިވަރުފަދަ ކަންތައް ދަސްކޮށް ދިނުމެވެ. ނާރސަރީ ޢުމުރެއްކަމުގައި ބަލަނީ ތިންއަހަރު ބަޔާއި ފަސްއަހަރާ ދެމެދެވެ.

މަލިކުގެ މުޅި ތަޢުލީމު ބިނާވެފައިވަނީ ސިކިއުލަރިޒަމްގެ މައްޗަށެވެ. ދީން ކިޔަވައި ދިނުމެއް ނޯވެއެވެ. މިކަން ފޫބެއްދުމަށްޓަކައި މަލިކުގެ މައުލަވީން ތިން ސްކޫލެއް ހިންގައެވެ. އެތަންތާނގައި އޮންނަނީ ޤުރްއާން ކިޔަވައި ދިނުމާއި، ނަމާދު ރޯދަފަދަ ކަންކަމާ ބެހޭ ޙުކުމްތައް އޮޅުންފިލުވައިދިނުމެވެ. ނަމަވެސް ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ގޮތުގައި ދާދި މަދުކުއްޖަކު މެނުވީ މައުލަވީ ސްކޫލްތަކަށް ގޮހެއް ނުއުޅެއެވެ. އެތަންތާނގައި ބޭނުންކުރާނެ އެއްވެސް ޗާޕުކުރި ފޮތެއް ނުހުރެއެވެ. ކަންމިހެން ހުރުމާއެކު މަލިކުމީހުންގެ ދީނީ ތަޢުލީމުގެ މުސްތަޤްބަލުގެ ބަނަކަން އޮތީ ހަމަ ހީކޮށްލުމެވެ.... ޝައްކެއްނެތެވެ. ކާފަރުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް މާތް ﷲ ގެ ނޫރުފުޅު ފުރިހަމަވަމުން ދާނެއެވެ.

މަލިކުގެ ޕްރައިމަރީ ސްކޫލުތަކުގެ ތެރެއިން ޖޫނިއަރ ބޭސިކް ސްކޫލުގައި ކިޔަވައިދެނީ، އިނގިރޭސިބަހާއި މަލިޔާޅަމްބަހުންނެވެ. އެ ސްކޫލުގައި އޮންނަނީ ގްރޭޑް 1-4 އަށެވެ.

ސީނިއަރ ބޭސިކް ސްކޫލުގައި އޮންނަނީ ގްރޭޑް 1-7 އަށެވެ. އެ ސްކޫލުގައި ކިޔަވައިދެނީ އިނގިރޭސިބަހުންނެވެ.

އެންމެމަތީ ފެންވަރުގެ ސްކޫލަކީ، ގަވަރމެންޓް ހައިސްކޫލެވެ. އެ ސްކޫލުގައި ގްރޭޑް 5 ން 10 އަށް އޮވެއެވެ. ހައިސްކޫލަށް އަހަރަކު ސަތޭކައާއި ދުއިސައްތައާ ދެމެދުގެ ޢަދަދެއްގެ ކުދީން ވަދެއެވެ. ނަމަވެސް ސްކޫލް ނިންމަނީ ދާދި މަދު ކުއްޖެކެވެ. ކުރިންވެސް ދަންނަވައިފައިވާނޭ ފަދައިން ހައިސްކޫލް ނިންމާ ކުދީންނަށް ކޮލެޖުތަކުން ޖާގަލިބެއެވެ. ލަކުޑިދީބުގެ އަންދުރޯތުގެ މަހާތަމާގާނދީ ކޮލެޖުން ނުވަތަ ކަވަރައްދޫގެ ޖަވާހިރުލާލްނެހުރޫ ކޮލެޖުންނެވެ.

ލަކުޑިދީބުގެ ޑިރެކްޓަރ އޮފް އެޑިޔުކޭޝަންގެ ދަށުން މަލިކުގެ ތަޢުލީމާބެހޭ އެންމެ އިސްބޭފުޅަކަށް ހުންނަވަނީ މަލިކު ހައިސްކޫލުގެ ހެޑްމާސްޓަރެވެ. އަޅުގަނޑުމެން މަލިކަށް ދިޔައިރު އެމަޤާމުގައި ހުންނެވީ މިސްޓަރ ޕީ.އެސް. މަނީ M.A., B. Ed, DIP, ENG (CIEFL) އެވެ. އޭނާ ތަޢުލީމީ ގޮތުން މަލިކު ކުރިޔަށް ގެންދެވުމަށް އޭނާގެ ދާއިރާގައި މަސައްކަތްޕުޅު ކުރައްވާކަމަށް އަޅުގަނޑުމެން ހެޔޮހިތުން ޤަބޫލުކުރަމެވެ.

މަލިކުގެ ހަތަރު މުދައްރިސުންނަށް ދިވެހިބަސް ދަސްކުރެއްވުމުގެ ފުރުޞަތު ލިބިލެއްވިކަމީވެސް އޭނާގެ މަސައްކަތްޕުޅެވެ. ޚާއްޞަކޮށް އަޅުގަނޑުމެންނާމެދު އޭނާ ބެހެއްޓެވި އޯގާވެރިކަމަށްޓަކައި އަޅުގަނޑާއި ސޯދު އޭނާއަށް ޝުކުރުވެރިވަނީ އަބަދަށްޓަކައެވެ.

ދެން އަޅުގަނޑު ބަލާލާނީ ނަވޯދަޔާ ސްކޫލުގެ މައްޗަށެވެ. އަޅުގަނޑާއި ސޯދާ ދެމީހުން މަލިކަށް ދިޔަދުވަހު ނަވޯދަޔާ ސްކޫލަށް އާ ޕްރިންސިޕަލެއް ދުރުވިއެވެ. އެއީ މރ. އެމް.ސީ. ސަބާސްޓިޔަންއެވެ. އޭނާވެސް އަޅުގަނޑުމެންނާމެދު ވަރަށް ގާތްކަން ބެހެއްޓެވިއެވެ.

މިސްޓަރ ސަބާސްޓިޔަން ގެންދެވުނީ ނަވޯދަޔާ ސްކޫލުގައި ކުރިން ހުރި ޕްރިންސިޕަލް ފޮނުވައިލުމަށްފަހުގައެވެ. ސްކޫލުގައި ހިނގި ޙާދިޘާއަކާ ވިދިގެންނެވެ. ކުއްޖެއްގެ ބޯފެޅުނު މައްސަލައަކާއި އެކަމާ ގުޅިފައިވާކަމަށް ވާހަކަ ފެތުރުނު ބަދުއަޚްލާޤީ ކަމެއްގެ މައްސަލައެވެ. ނަމަވެސް ބަދުއަޚްލާޤީ މައްސަލައެއް ހިނގިކަމެއް ތަޙްޤީޤަކަށް ސާބިތެއް ނުވެއެވެ.

ނަވޯދަޔާ ސްކޫލަކީ މިސްޓަރ ރަޖީވްގާނދީގެ އައު ތަޢުލީމީ ސިޔާސަތުގެ ދަށުން އިންޑިޔާގެ ކޮންމެ ސްޓޭޓެއްގައި ހުޅުވުނު ސްކޫލްތަކެއްގެ ތެރެއިން ލަކުޑިދީބަށް ހުޅުވުނު ސްކޫލެވެ. ނަވޯދަޔާ ސްކޫލް ހުންނަނީ ރަށުގެ މީހުންއުޅޭ ސަރަޙައްދާ ވަރަށް ދުރުގައެވެ. އިހުޒަމާނުގައި ޖުޒާމްބަލީގެ މީހުން ބައިތިއްބި ހިސާބުގައެވެ. ނަވޯދަޔާ ސްކޫލަކީ ބޯޑިންގ ސްކޫލެކެވެ. ޓެލެންޓް ހުންނަ ކުދީންނަށް މަތީތަޢުލީމް ދިނުމަށްޓަކައި ސަރުކާރުން ހުރިހާ ޚަރަދެއް (ކުދީންގެ ކެއުމާއި، ނިދުމާއި، ހެދުމާ މިބާވަތުގެ ޚަރަދުތައްވެސް) ކޮށްގެން ހިންގާ ސްކޫލެކެވެ. އެ ސްކޫލުގެ ޕްރިންސިޕަލާއި ދެޖިންސުގެ މުދައްރިސުންވެސް ތިއްބަވަނީ ސްކޫލާ ގުޅިފައިވާ ކޮޓަރިތަކުގައެވެ.

އެތާނގައި އޮންނަނީ މައްސުނި ތަޢުލީމެވެ. ތަފާތު ދީންތަކުގެ ކުދީން އުޅެނީ މައްސުނިކޮށެވެ. އެ ސްކޫލުން ޖާގަހޯދަން އެދޭ ކުދީންނަށް ދެވޭ ޚާއްޞަ އިމްތިޙާނުގައި 2000 ވަރަކަށް ކުދިން ބައިވެރިވެއެވެ. ކޮމްޕިއުޓަރ އިވެލުއޭޝަންގެ ޒަރީޢާއިން ނަތީޖާތައް ބެލުމަށްފަހު އަހަރަކު ހޮވެނީ 80 ކުދީންނެވެ. ނަމަވެސް އަޅުގަނޑުމެން މަލިކަށް ދިޔައިރު ނަވޯދަޔާ ސްކޫލުގައި މުޅިއެކު ތިބީ 60 ކުދީންނެވެ. ސްކޫލާމެދު ހިތްހަމަނުޖެހިގެން ބައެއްކުދީން ވަނީ ސްކޫލުން ވަކިވެފައެވެ.

ނަވޯދަޔާ ސްކޫލަކީ މަލިކުގެ ދީނީމީހުން މާތަރުޙީބުދޭ ސްކޫލެއް ނޫނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އެ ސްކޫލަކީ ގިނަ ޢަދަދެއްގެ މުސްލިމް ކުދީން ތިބި ސްކޫލަކަށް ވުމާއެކުވެސް ނަމާދުކުރެވޭނެގޮތުގެ އިންތިޒާމެއް ހަމަޖެހިފައެއް ނޯވެއެވެ. ނަވޯދަޔާގެ މިސްކިތަކަށްހުރީ ކުރީޒަމާނުގައި ޖުޒާމްބަލީގެ މީހުން ބޭނުންކުރި މިސްކިތެވެ. އެމިސްކިތްވެސް މިހާރުވަނީ ވެއްޓިފައެވެ. ރޯދަހިފުމެއްވެސް ނޯންނަކަމަށް ބައެއް ފަރާތްތަކުން ވަނީ މަޢުލޫމާތު ލިބިފައެވެ. ކޮންމެއަކަސް ނަވޯދަޔާ ސްކޫލަކީ ސިކިއުލަރިޒަމާއި ހިންދީބަސް ފެތުރުމުގެ ކާމިޔާބު ވަސީލަތެކެވެ.

(ނުނިމޭ)