ޚަބަރު

ތިމާވެށި ހިމާޔަތްކުރަން ކޮންމެ ފަރުދަކުވެސް ބައިވެރިވާންޖެހޭ: ނައިބު ރައީސް

އާނިފާ ހުސެއިން ސިރާޖް

ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، ފަރުދީ ގޮތުން ކުރެވޭނެ ކަންކަމަކީ ކޮބައިތޯ ބަލައި އެ މަސައްކަތުގައި ބައިވެރިވުމަކީ ކޮންމެ ފަރުދަކުވެސް ކުރަންޖެހޭކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ 'ބ. އަތޮޅު މަންތާ ފެސްޓިވަލް 2019' ހުޅުވުމުގެ ގޮތުން މިއަދު އޭދަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ކުރީގައި ރާއްޖޭގައި ކަނޑުފަޅުގެ ނަފާ ހޯދަމުން އައިގޮތަށް އައި ބަދަލުތައް ފާހަގަކުރައްވައި، މިހާރު ކަނޑަފަޅުގެ ނަފާހޯދަނީ ރާއްޖޭގެ ފަރުތަކުގެ ރީތިކަމާ މަސްމަހާމެހީގެ ރީތިކަން ހިމެނޭ މަންޒަރުތައް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިނަށް ދައްކައިގެންކަމުން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ މުޅި ގައުމުގެ އެންމެން ހާއްސަ ސަމާލުކަމެއް ދޭންޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން ބުނީ މީގެ އިތުރުން ތިމާވެއްޓަށް އަންނަ ބަދަލެއްގެ ނުރައްކާ އެންމެ ބޮޑަށް ފޯރާނެ އެއް ގައުމަކީ ރާއްޖެކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ކަމަށާއި އެހެންކަމުން މިއީ ތިމާވެއްޓަށް ރާއްޖޭގެ ރައްޔިތުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ސަބަބެއްކަމުގައި ނައިބް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބ. އަތޮޅު ހަނިފަރުބޭ ޔުނެސްކޯ ބަޔޮސްފިޔަރ ރިޒާވުގައި ހިމެނިފައި ވުމުން، އަހަރެއްގެ މައްޗަށް އެތައްހާސް ފަތުރުވެރިން އެތަނަށް ޒިޔާރަތްކުރަމުންދާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ރީތިކަން މުޅިދުނިޔޭގައި އިޝްތިހާރުވުމަށް ފުރުސަތު ފަހިވެގެންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ބ. އަތޮޅުގެ ގިނަ ރިޒޯޓްތަކާއި ސްކޫލުތަކުން ބައިވެރިވާ މަންތާ ފެސްޓިވަލަކީ މަޑީގެ ނަސްލު ދެމެހެއްޓުމަށްޓަކާ ބައިނަލްއަގުވާމީ ފެންވަރުގައި ދިރާސާތައް ކުރަމުންދާ އަދި މި ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިނގިރޭސިވިލާތުގެ މަންޓާ ޓްރަސްޓް ޖަމްއިއްޔާއާ ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާވް އޮފީސް ގުޅިގެން ބާއްވާ ފެސްޓިވަލެކެވެ.

މިއީ މި ފެސްޓިވަލް ބ. އަތޮޅުގައި ބާއްވާ ދެވަނަ ފަހަރެވެ.