ލައިފް ސްޓައިލް

އެންމެ 18 އަހަރުގައި ސްޕީޑް ބޯޓެއްގެ ހުންގާނުގައި ހިފި އަންހެން ކުއްޖާގެ ވާހަކަ!

ފަތޯނާ ފާއިޒު

6

ދިވެހިރާއްޖޭގެ ވަށައިގެން އޮންނަނީ މާކަނޑު ކަމަށްވުމާއެކު، މި ޖަޒީރާ ގައުމުގެ ވަޒަންވެރިންނަކީ "ކަނޑުގެ ދަރީން" ކަމުގައި ބުނެއުޅެއެވެ.

އެހެންނަމަވެސް، މާކަނޑަށް ނުކުމެ ކުރާ މަސައްކަތްތަކުގައި، މި ދެންނެވި ކަނޑުގެ ދަރީންގެ ބައިވެރިވުން ފެންނަނީ ހަމައެކަނި ވަކި ޖިންސެއްގެ މީހުން ހިމެނޭ ގޮތަށް އެކަންޏެވެ.

ދަންނަވަން މިއުޅެނީ ކަނޑަށް ނިކުމެ ކުރާ މަސައްކަތްތަކުގައި ފިރިހެނުންގެ ހިއްސާ އޮންނަ މިންވަރާ ގާތަށްވެސް އަންހެނުންގެ ބައިވެރިވުން ނޯންނަ ވާހަކައެވެ. މަސްވެރިކަމާ، އޮޑި ދޯނި ފަހަރުގެ ކައްޕިންގެ ގޮތުގައި އުޅޭ 99 އިންސައްތައަކީ ފިރިހެނުންނޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ.

ށ.މިލަންދޫއަށް އުފަން، އުމުރުން އެންމެ 18 އަހަރުގެ ޒުވާން ނޫކަށި ފުރައިގެ ހައްވާ ޖުމާނާ ކަނޑުމައްޗަށް ނުކުމެ އެހެރީ އެކަން ބަދަލު ކުރާށެވެ.

ސޮނެވާފުށި އައިލެންޑް ރިސޯޓުން ބ.އަތޮޅުގެ ރަށްތަކަށް ދަތުރު ކުރާ ސްޕީޑް ބޯޓެއްގެ ކެޕްޓަންކަން ކުރަމުން އަންނަ ޖުމާނާ ބޭނުންވަނީ ހުރިހާ ދާއިރާއަކުން އަންހެނުންނަށްވެސް ކުރިއަށް ދެވިދާނެކަން ސާބިތުކޮށްދިނުމަށެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ، މިކަމަށް ޝައުގުވެރިވަންޏާ ހަމަ ނުކުންނާށޭ. ބިރުގަންނާނެ ކަމެއް ނެތޭ" ވަން އޮންލައިންއަށް މައުލޫމާތު ދެމުން ޖުމާނާ ބުންޏެވެ.

ޖުމާނާ، ސްޕީޑް ބޯޓު ދުއްވަމުން އަންނަނީ އިންޓާންޝިޕެއްގައި ލިބުނު ފުރުސަތެއްގައެވެ. ދުވާލަކު ތިން ގަޑިއިރު، ހީވާގި ކަމާއެކު އޭނާ ކަނޑުމަތީގެ މަސައްކަތުގައި އުޅެނީ ކިޔަވަމުންނެވެ.

މީގެ ހަތަރުމަސްކުރިން އެ މަސައްކަތްފެށި ޖުމާނާ ބުނިގޮތުގައި، އެހާ ހަގު އުމުރެއްގައި ސްޕީޑް ބޯޓު ދުއްވާތީ މައިންބަފައިން ކޮންމެވެސް ވަރަކަށް ޖެހިލުންވިޔަސް، މުޅި އާއިލާގެވެސް ފުރިހަމަ ސަޕޯޓު ލިބެއެވެ.

"އެހެންމީހުންގެ ފަރާތުންވެސް ވަރަށް ޕޮޒިޓިވް ކޮމެންޓްސް ލިބެނީ" ޖުމާނާ ބުންޏެވެ.

އޭނާއަށް ސްޕީޑް ބޯޓު ދުއްވަން ފުރުސަތުދީ، އެކަން ދަސްކޮށްދިނީ ސޮނެވާފުށިންނެއެވެ. އެ ރިސޯޓުން ދިން ފުރުސަތު ޖުމާނާ އުފަލާއެކު ބަލައިގަތީ، އަންހެނަކަށްވީތީ ވަކި ދާއިރާއަކުން ކުރިއަށް ދިޔުން ރަނގަޅު ނޫން ކަމަށް ބުނެ، ބައެއް މީހުން ތަފާތު ކުރުން ގެންގުޅޭތީ، އެކަން ބަދަލު ކުރުމުގެ ނިޔަތުގައެވެ.

ޖުމާނާ ބުނިގޮތުގައި އޭނާގެ އާއިލާގައިވެސް ސްޕީޑް ބޯޓު ދުއްވާ އެއްވެސް މީހަކު ނުހުރެއެވެ.

އޭނާ ގަސްތު ކުރަނީ ކިޔަވާ ނިންމުމަށްފަހު ވެސް، އެ މަސައްކަތުގައި ދެމިހުންނާށެވެ. އަދި އެކަމަށް އެހެން އަންހެންކުދިންނަށް ހިތްވަރު ދޭށެވެ.