ދިވެހި ޕްރިމިއާ ލީގު

ވިކްޓަރީގެ ކުޅުންތެރިން މެޗަށް ހާޒިރުނުވުމުން، ގްރީނަށް ތިން ޕޮއިންޓް ލިބިއްޖެ

އަލީ ރިފްޝާން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅެން ހަމަޖެހުނު މެޗަށް ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހާޒިރުނުވުމާ ގުޅިގެން ކްލަބު ގްރީން ސްޓްރީޓްސްއަށް ތިން ޕޮއިންޓު ލިބިއްޖެއެވެ.

ވިކްޓަރީ އާއި ގްރީން ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމު ހަމަނުވެދާނެ ކަމަށް ވިކްޓަރީއާ މިހާރު ހަވާލުވެ ހުރި އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ވެސް ވަނީ ބުނެފައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލައްޗޭ ބުނީ ޓީމުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެފައިވަނީ ވަރަށް މަދު ކުޅުންތެރިން ކަމަށާއި ފަރިތަކުރުންތަކަށް ކުޅުންތެރިން ހަމަނުވަނީ ކްލަބުގެ ތެރޭގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އަދި ގްރީނާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިން ހަމަވާނެކަން ނޭނގޭ ކަމަށް ވެސް އޭނާ ބުންނެވެ.

ވިކްޓަރީގެ ބައެއް ކުޅުންތެރިން މިވަގުތު ތިބީ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމާއެކު ނޭޕާލުގައެވެ. އެ މުބާރާތް މާދަމާ އިން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ލައްޗޭ ބުނީ ޒުވާން ގައުމީ ޓީމުގައި ވިކްޓަރީގެ ހަ ކުޅުންތެރިން ތިބުމާ ގުޅިގެން އެ ޓީމު އަންނަންދެން ވިކްޓަރީގެ މެޗުތައް ފަސްކޮށްދިނުމަށް އެފްއޭއެމްގައި އެދުނު ނަމަވެސް، އެހެން ކްލަބުތަކުގައި ވެސް ޒުވާން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ތިބި ކަމަށް އެފްއޭއެމް އިން އެންގި ކަމަށެވެ. އެހެންކަމުން ހަމައެކަނި ވިކްޓަރީގެ މެޗުތައް ފަސްކުރުމަކީ އިންސާފުވެރި ގޮތަކަށް ނުވާނެ ކަމަށް އެފްއޭއެމް އިން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގިނަ ގޮންޖެހުންތަކަކާއެކު ވިކްޓަރީން މިސީޒަނަށް ނުކުތީ ވަރަށް ޒުވާން ސްކޮޑަކާއެކުއެވެ. ޓީމުގައި އިތުރު މައްސަލަތަކެއް ޖެހި، ވިކްޓަރީގެ ކޯޗެއްގެ ގޮތުގައި ހުރި މުހައްމަދު އާދަމް ވެސް ވަނީ ދާދި ފަހުން މަގާމުން އިސްތިއުފާ ދީފައެވެ. ވިކްޓަރީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުސާރައިގެ މައްސަލައެވެ.

ވިކްޓަރީގެ އިތުރުން އެހެން ކްލަބުތަކުން ވެސް ދަނީ މުސާރައިގެ މައްސަލަތަކާ ކުރިމަތިލަމުންނެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެސްއޯއީގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކްލަބުތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިއަހަރު އެ ކުންފުނިތަކުން އެއްބަސްވުންތައް އާކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއަހަރު ކްލަބުތަކަށް ފައިސާ ދެމުންދިޔައީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެކި ފަހަރުތަކުގެ މަތިން އެފްއޭއެމް އިން ފައިސާ ދޫކުރުމުންދާ އިރު، ފަހުން ފައިސާ ހަވާލުކުރަން ހަމަޖައްސާފައިވާ މުއްދަތު ފަހަނައަޅައިގެން ގޮސްފައިވާކަން ބައެއް ކްލަބުތަކުން ފާހަގަކުރެއެވެ. އެހެންކަމުން ގިނަ ކްލަބުތަކަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓަރީ ކުޅުނު ހުރިހާ މެޗަކުން ވެސް ވަނީ ބަލިވެފައެވެ. ހަތް މެޗުން ޕޮއިންޓެއް ނުލިބި، މިވަގުތު ވިކްޓަރީ އޮތީ ތާވަލުގެ ފުލުގައެވެ. ވިކްޓަރީ މެޗަށް ހާޒިރުނުވުމުން ތިން ޕޮއިންޓް ލިބުނު ގްރީން ސްޓްރީޓްސް ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. ގްރީން އަދި ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ހަތް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ގްރީން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސް އަދި ތިންވަނައިގައި އޮތް ދަ ގްރާންޑޭއަށް ވެސް ހަތް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. އީގަލްސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. އެ ދުވަހު ދެ މެޗެއް ކުޅޭ އިރު، އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އެވެ. އަދި އެ ދުވަހުގެ ރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ އާއި ފޯކައިދޫ ފުޓްބޯލް ކްލަބެވެ.