ކޮލަމް

ކެޔޮނިރު ކޮލަމް: ރައްޔިތުން ބާރުވެރި ކުރުމަށް ގެންނަންވީ ބަދަލުތައް

މުހައްމަދު ބުޝްރީ

1

ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާ ހިސާބުންނެވެ. ހުސް ދޮގެވެ! އެ ބާރު ދެމިއޮންނަނީވެސް ރައްޔިތުންގެ ކިބައިގައެވެ. ހުސް ދޮގެވެ! ކޮންމެ ފަސް އަހަރަކުން އެއްފަހަރު، ވެރިކަން ބޭނުންވުމުން ކޮންމެ ކެންޑިޑޭޓަކުވެސް މި ދޮގުހަދައެވެ. ޤާނޫނު އަސާސީގައި މިހެން އޮތަސް މިއީ ހަމަ ދޮގެކެވެ. މިކަން މިހެނެއް ނުވެއެވެ. ސަރުކާރުތަކުން ކަންކަން ނިންމަނީ "ގިނަ ރައްޔިތުން" އެދޭ ގޮތަށް ކަމަށް ސަރުކާރުތަކުގެ ވެރީން ބުނެއެވެ. ނަމަވެސް ގިނަ ރައްޔިތުން ބޭނުންވާ ގޮތް ދެނެގަންނަނީ ކޮން ނިޒާމެއްގެ ތެރެއިންކަން ސާފެއް ނުވެއެވެ.

މިސާލަކަށް މިހާރުގެ ސަރުކާރުން އިންޑިއާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށް، ސަރުކާރުގެ ހާރިޖީ ސިޔާސަތު އިންޑިއާ ކޮޅަށް އިންތިހާއަށް ބޮޑަށް ބުރަވެފައިވާކަމަށް ބުނެ ދިވެހީންގެ ގިނަ ބަޔަކު ފާޑުކިޔަމުން ދެއެވެ. ނަމަވެސް މިކަމުގައި ގިނަ ދިވެހީން ބުރަވަނީ ކޮންގޮތަކަށްތޯ ބެލޭނެ ނިޒާމެއް ނެތެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީވެސް އަދި ދެމި އޮންނަނީވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ވާނަމަ މިފަދަ ޤައުމީ މުހިއްމު މައްސަލަތަކުގައި ރައްޔިތުން ދެކޭގޮތް ބެލޭނެ ނިޒާމެއް އޮތުން ވަރަށް މުހިއްމެވެ.

ޑިމޮކްރެސީގެ ހަޤީޤީ ބާރުވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ އަތަށް އޭގެ ބާރު ފޯރުކޮށްދޭން ޖެހެއެވެ. ޤައުމީ މުހިއްމު ކަންތައްތަކުގައި ރައްޔިތުން ދެކޭގޮތް، ނުވަތަ ރައްޔިތުންގެ ވިންދު ބެލުމަށްޓަކައި ހާއްސަ ފޯން އެޕްލިކޭޝަނެއް ތައާރަފް ކުރުމަކީ ޒަމާނީ ޑިމޮކްރެސީގެ އާ އީޖާދަކަށް ރާއްޖޭގައި ހެދިދާނެއެވެ. ރާއްޖޭގައި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ކޮންމެ ފަރުދަކަށް ރަޖިސްޓްރީ ކުރެވޭ މިފަދަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފް ކޮށް، މިއެޕްލިކޭޝަނަކީ ބޭންކްތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް ބޭނުންކުރާ ފަދަ ސަލާމަތްތެރިކަން ބޮޑު މޯބައިލް އެޕްލިކޭޝަނެއްކަމުގައި ހެދިދާނެއެވެ. މިދެންނެވި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދިވެހި ރައްޔިތުންގެ ހިޔާލާއި ވިންދުހުރި ގޮތް، ބޭނުން އިރަކު، ފަސޭހަ ކަމާއި އެކު ބެލުމުގެ ފުރުސަތު ސަރުކާރަށް ލިބިގެން ދާނެއެވެ. މިފަދަ ނޭޝަނަލް ވޯޓިންގް މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރުމުން މާބޮޑު ހަރަދެއް ނުކޮށް، މަދު ގަޑިކޮޅެއްގެތެރޭ ރައްޔިތުންގެ އާއްމު ވޯޓެއް ނެގިދާނެއެވެ. ރައްޔިތުން ބާރުވެރި ކުރުވުމަށްޓަކައި މިފަދަ ކަމެއް ކުރަން ސަރުކާރަށް ކެރޭނެބާއެވެ؟

ދެންވެސް ހަމަ އެފަދަ އެހެން ބޮޑުބަދަލެކެވެ! ވޯޓުލެވޭ އުމުރު ބަދަލު ކުރުމެވެ. ޢާއްމުގޮތެއްގައި ހުރިހާ ޒުވާނުންވެސް ލަސްވެގެން އުމުރުން 15 އަހަރުގައި ބާލިޣުވެ، ޝަރުއީ ގޮތުން ތަސައްރަފު ފުދެއެވެ. އެހެން ކަމުން ބާލިޣުވާފަހުން އުމުރުން 18 އަހަރު ވުމާ ދޭތެރޭ ފާއިތުވާ 3 އަހަރަކީ ޤައުމުގެ ކުރިމަގާ މެދު ގޮތްކިއުމުން މިދެންނެވި ޒުވާނުން މަޙުރޫމު ކުރެވިފައިވާ، ޑިމޮކްރެސީގެ އަސާސްއާ ހިލާފު ކަމަކަށް ވާތީ، ވޯޓުލުމުގެ ހައްޤުލިބެން ފަށާ އުމުރަކީ 18 އަހަރު ކަމުގައި އޮތް އޮތުން 15 އަހަރަށް ދަށް ކުރަން ޖެހެއެވެ. މިއީ ޤައުމުގެ ކުރިމަގާމެދު ޤައުމުގެ ހަޤީޤީ ޒުވާނުންނަށް ގޮތް ކިއުމުގެ ފުރުސަތު ހުޅުވިގެންދާނެ ބަދަލަކަށް ވާނެކަން ކަށަވަރެވެ. ރައްޔިތުން އިތުރަށް ބާރުވެރި ކުރުވައި، ޤައުމުގެ ކުރިމަގު ކަނޑައެޅުމުގައި ވީހާވެސް ގިނަ ޒުވާނުންނެއްގެ ދައުރު ހިމެނުމަށްޓަކައި މިދެންނެވި ބަދަލު ގެންނަން ޖެހެއެވެ.

ދެންވެސް އޮތީ ރައްޔިތުން ބާރުވެރި ކުރުވުމަށް ގެނެވިދާނެ ވަރަށް މުހިއްމު ބަދަލެއްގެ ވާހަކައެވެ. ރައްޔިތުންގެ މަޖުލިސްގެ ގިނަ މެމްބަރުންނަކީ، މިހާރު އޮންނަ ގޮތުން، އިންތިހާބު ވުމަށް ފަހު ރައްޔިތުންގެ ގިނަ ބަޔަކާ މާބޮޑު ގުޅުމެއް ނޯންނަ ބައެކެވެ. އެ މެމްބަރުންނާ ގުޅޭނެ ނަންބަރެއް ވެސް އެނގެނީ މަދު ބަޔަކަށެވެ. ބައްދަލު ވަނީ ދާއިރާގެ މަދު ބަޔަކަށެވެ. މިކަން މުޅިން ބަދަލުވާން ޖެހެއެވެ. އެގޮތުން، މަޖުލިސް ކޮންމެ މެމްބަރަކު، އެމެމްބަރެއްގެ ދާއިރާގައި ކުޑަނަމަވެސް އޮފީހެއް ގާއިމް ކޮށްފައި ހުރުން؛ އަދި އަހަރުގެ ތެރެއިން މަދުވަގެން ޖުމްލަ 24 ދުވަހު ކޮންމެ މެމްބަރަކުވެސް އެމެމްބަރެއްގެ ދާއިރާގައި ޤާއިމްވެހުރެ، ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުން ލާޒިމްކޮށް މެމްބަރުންގެ ޤާނޫނު ބަދަލު ކުރަން ޖަހެއެވެ.

ދެން އޮތީ މިނިސްޓަރުންނާއި ކޮމިޝަން ތަކުގެ ރައީސުންގެ ވާހަކައެވެ! "މިނިސްޓަރ" މިލަޤަބަކީ ރައްޔިތުންގެ ހާދިމަކަށް ވުމަށްވުރެ ބޮޑަށް ތިމާމީހާގެ ހައިބަތު މަތިކުރާ ނަމަކަށްވަނީ ވެފައެވެ. "މިނިސްޓަރ" ގެ ނަމުގެ ބަދަލުގައި އެމެރިކާއާއި އިގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ކިޔަނީ "ސެކްރެޓަރީ" އެވެ. އެމެރިކާ އަދި ޔޫ.ކޭ ފަދަ ޤައުމުތަކުގައި ވެސް އޮންނަ ފަދައިން، މިސާލަކަށް "ސެކްރެޓަރީ އޮފް ސްޓޭޓް"، މިފަދަ ގޮތަކަށް މިނިސްޓަރ ކަމުގެ ނަން ބަދަލު ކުރުމުން މިނިސްޓަރުންނަކީ ވެސް ރައްޔިތުންގެ ހާދިމުންކަން ތަންކޮޅެއް ބޮޑަށް ހަނދާންވާނެ ކަމަށް ޤަބޫލު ކުރެވެއެވެ. އަދި ހަމަ އެފަދައިން، އިލެކްޝަންސް ކޮމިޝަންފަދަ ހުރިހާ މިނިވަން މުއައްސަސާ ތަކުގެ ރައީސުންގެ މަޤާމުގެ ނަން، "ރައީސް" ގެ ބަދަލުގައި "ޗެއާރމަން" ފަދަ ނަމަކަށް ބަދަލު ކުރުމަކީވެސް މިބީދައިން ގެންނަން ޖެހޭ ބަދަލެކެވެ. މީގެ ބޭނުމަކީ މިނިވަން މުއައްސަސާތަކުގެ "ރައީސުން"ގެ ހައިބަތު މިނަށްވުރެ ބޮޑުވެފައިވުމުން އެބޭފުޅުންނަކީ ވެސް ރައްޔިތުންނަށް ހިދުމަތްކުރައްވަން ތިއްބެވި ހާދިމުންކަން ހަނދުމަފުޅު ނެތުނަ ނުދިނުމެވެ.

ދެން އޮތީ ބިޔަ ބޮޑު ރައްޔިތުންގެ މަޖުލިސްގެ ސައިޒު ކުޑަކޮށް، ހަރަދު ކުޑަކޮށް، މިހާރަށްވުރެ އެފިޝެންޓް ކުރަން ޖެހޭ ވާހަކައެވެ. މިހާރު އޮތް ރައްޔިތުންގެ މަޖުލީހަކީ ރާއްޖެ ފަދަ ކުޑަ ޤައުމަކަށް މާބޮޑު، ބަރުހެލި މަޖުލީހަކަށްވާއިރު، މަޖުލިސް މެމްބަރުންގެ އަދަދު 85 އިން 45 އަށް ތިރިކޮށް، މެމްބަރުންގެ މަހު މުސާރައިގެ ގޮތުގައި މިހާރުދެވޭ 65000 ރުފިޔާ، މަހަކު 100،000 ރުފިޔާ ކަމަށް ހަމަޖެއްސުމަކީ މެބަރުންގެ ފުދުންތެރިކަން އިތުރުކޮށް، ކޮރަޕްޝަނާ ދުރުކޮށް، މަޖުލިސްގެ އެފިޝެންސީ އިތުރުވެގެންދާނެ ބަދަލެއް ކަމަށް ފެނެއެވެ. މެމްބަރުންގެ އަދަދު މަދުވުމުން، މުސާރަ އިތުރު ކުރިއަސް މެމްބަރުންގެ މުސާރައަށް ހިނގާ ބަޖެޓް އިތުރެއް ނުވާނެއެވެ. މުސާރަ ބޮޑުވެ މަހަކު 100،000 ރުފިޔާ ލިބުމުން މެމްބަރުން ކޮރަޕްޝަނާ ދިމާލަށް ދިއުމުގެ ފުރުސަތު ކުޑަ ކުރުމަކީ މި ބަދަލު ގެނައުމުގެ މައިގަނޑު އެއް މަޤުސަދެވެ.

މަޖުލިސް އަށާއި، އަދި ކައުންސިލްތަކަށް ވެސް ގެންނަން ފެންނަ އަނެއް ބަދަލަކީ ދާއިރާގައި ތިބި ވޯޓުލުމުގެ ހައްޤު ލިބިފައިވާ ފަސް ހާސް ވަރަކަށް މީހުންގެ 50 ޕަސެންޓު ހަމަވާ އަދަދަށް ޕެޓިޝަނެއް ހުށަހެޅުމުން، ދައުރުގެ މެދުންވެސް މަޖުލިސް މެމްބަރުންނާއި ކައުންސިލަރުން ފަދަ ފަރާތްތައް ވަކިކޮށް، އަލުން އިންތިހާބު ބޭއްވޭ ގޮތަށް ޤާނޫނު ބަދަލު ކުރުމެވެ. ރައްޔިތުންގެ ބާރު ފެންނަނީ ހަމައެކަނި ކޮންމެ ފަސް އަހަރަކުން ވޯޓުނަގާ އިރު ކަމުގައި އޮންނަ އޮތުން ބަދަލު ކުރެވޭނީ މިފަދަ ގޮތަކަށް ދައުރުގެ މެދުތެރެއިން ރިކޯލް ވޯޓެއް ބޭއްވުމުގެ ފުރުސަތާއި ބާރު ރައްޔިތުންނަށް ދީގެންނެވެ.

ރައްޔިތުން ބާރުވެރި ކުރުވުމަށް ގެނެވިދާނެ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ މަޖުލިސް އިންތިހާބަށް ގެންނަން ފެންނަ އަނެއް ބަދަލަކީ މިހާރުގެ އިލެކްޝަންސް ޤާނޫނުގައި ކަނޑައެޅިފައިވާ 5000 މީހުން ހަމަވާ ކޮންމެ ދާއިރާއަކަށް މެމްބަރަކު ކަމުގައި އޮންނަ އޮތުން ބަދަލުކޮށް، ކޮންމެ ރަށެއްގެ އެންމެން ވޯޓުލައިގެން އެރަށެއްގެ މެމްބަރުން ހޮވާގޮތަށް ބަދަލު ކުރުމެވެ. ރަށުގެ ތަރައްޤީއަށް، ރަށުގެ އެންމެންނާއި ރަށުގެ ހުރިހާ އެމް.ޕީން ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އެއިރުން މާބޮޑަށް އާލާ ވާނެއެވެ. މިހާރު އޮންނަ ގޮތުން ދާއިރާތަކަކީ ކޮބައިކަން ގިނަ މީހުންނަށް ނުވެސް އެނގެއެވެ. ކޮންމެވެސް ރަށެއްގެ އެވެނި މަގެއްގެ އިރުން އެވެނި މަގެއްގެ ދެކުނަށް އޮތީ 5000 މީހުންގެ ދާއިރާއެކޭ ބުނެ، ވޯޓުލައިގެން މެންބަރަކު ހޮވުމުން އޭނަގެ ވިސްނުން ހަމައެކަނި އެދާއިރާއަކަށް ހުއްޓުމަކީ ޖޯކެކެވެ. ރަށަށް ނިސްބަތްވާ ހުރިހާ އެމް.ޕީން ގުޅިގެން، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނީ ރަށުގެ ހުރިހާ ރައްޔިތުން ޝާމިލްވާ ވޯޓަކުން އެރަށެއްގެ މެންބަރުން ހޮވުމުންނެވެ. އެރަށުގަ އާބާދީގެ ނިސްބަތުން އެރަށަކަށް އެމް.ޕީން ތިބެންޖެހޭ އަދަދު ކަނޑައެޅިއަސް ވޯޓުލާން ޖެހޭނީ ރަށުގެ ހުރިހާ ރައްޔިތުން އެކީގައެވެ. މިއީ ރަށާއި، އަތޮޅާއި، ސިޓީ އާއި މުޅި ޤައުމުގެ ތަރައްޤީއަށް ވެސް މުހިއްމު ބަދަލަކަށް ވާނެއެވެ.

ރައްޔިތުން ބާރުވެރި ކުރުމުވަށްޓަކައި މަތީގައި ފާހަގަ ކޮށްފައިވާ ބަދަލުތައް، އިހްލާސްތެރިކަމާއި އެކު ގެނެވިއްޖެ ނަމަ ކުރިމަގުގައި ދިވެހި ރާއްޖޭގެ ސަރުކާރުތައް ވެގެންދާނީ މިހާރަށްވުރެ ބޮޑަށް ރައްޔިތުން އެދޭގޮތަށް ހިންގޭ ސަރުކާރުތަކަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޤައުމަށާއި، ޤާނޫނުތަކަށާއި، ވެރިކަމުގެ ނިޒާމަށް ގެންނަވަމުން އެގެންދަވާ ބަދަލުތަކުގެ ތެރޭގައި މަތީގައި މިދެންނެވި ބަދަލުތައް ހިމެނުމަކީ ދިވެހި ގިނަ ރައްޔިތުން އެދޭނެ ކަމެއް ކަމާއިމެދަކު ޝައްކެއް ނެތެވެ.