އެނދުގައި އޮތް މާހިލްއާއި ނައިޝީގެ ދެލޯ އަމާޒުވުމާއެކު ނައިޝީ ތެޅިގަތެވެ. ހޫނުން އަނދަ އަނދާ އޮތް މާހިލް ހީލެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި ހިތްވަރު ނެތުމުގެ ސަބަބުން ނައިޝީއަށް ހިނިތުންވުމެއް ނުދެވުނެވެ. އެނދުގައި އޮތް އިރުވެސް މާހިލްގެ ހަށިގަނޑުގައި ތުރުތުރު އަޅަމުންދާ މަންޒަރު ނައިޝީއަށް ފެންނަމުން ދިޔައެވެ. އޭނާ އަލުން ނިކުމެ ދެން އައީ ބޯ ރަޖާގަނޑެއް ހިފައިގެންނެވެ. މާހިލްގެ ހަށިގަނޑު ރަޖާއިން ނިވާކޮށްލުމަށްފަހު މާހިލްގެ އަތް ނަގާ ވިންދު ބަލައިލިއެވެ. އެހުރިހާއިރު މާހިލް އޮތީ ނައިޝީގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުގެ އެއް އަރިމަތިން ވެއްޓުނު ކަރުނަތިކި ނައިޝީއަށް ފެނުނެވެ.
"ކޮބާ މާހިލްގެ ރިލޭޓިވްއެއް ނެތްތަ؟" މާހިލް ކައިރިއަށް ޖެހިލާ ނިތްމަތީގައި އަތް ޖައްސައިލަމުން ނައިޝީ އަހައިލިއެވެ.
"އަހަރެންގެ އެކަކުވެސް ނެތް. ބައްޕަ ވީ ޗައިނާގަ. މިއަންނަ ހަފްތާގަ އަންނާނީ" ދެ ތުންފަތުގައި ދޫ ހާކާލަމުން މާހިލް ވާހަކަދެއްކިއެވެ. ވަގުތުން ނައިޝީ މާހިލްއަށް ފަރުވާދޭން ފެށިއެވެ.
"ހުން އަންނަތާ ހަފްތާއެއްވެއްޖެ ދޯ. ކީއްވެ ކުރިން ޑޮކްޓަރަށް ނުދެއްކީ؟ މާހިލްއަށް އިނގެއެއްނު ޑެންގޫއާ ޗިކަންގުންޔާ އުޅޭކަން. ތިހާ ފަރުވާކުޑަ ކުރާކަށް ނުވާނެ" މާހިލްގެ މޭގައި ކަށިގަނޑު އަޅައިލަމުން ނައިޝީ ވާހަކަދެއްކިއެވެ.
"އަހަރެން ދުނިޔޭގައި ހުރުމުގެ ބޭނުމެއްނެތް އިޝީ. ދުނިޔޭގައި ހުރިއްޔާ އަނެއްކާވެސް އަހަރެން އަތުން އިޝީ ކަހަލަ އެހެން އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުވާނީ" މާހިލް ބަލި އަޑަކުން ވާހަކަދެއްކިއެވެ.
މާހިލް އެއްކޮށް ޗޭންޖްވެފަ ހުރީތީ ވަރަށް އުފާކުރަން. އަހަރެން އެދެނީ މާހިލްއަށް ދިރިއުޅުމެއް ލިބުން. އަހަރެން މާހިލްއަށް މާފްކޮށްފިން" ނައިޝީ ފޮތިގަނޑު ދުރުކޮށް ނިކުތެވެ.
މާހިލް އެއްވެސް ބަހެއް ނުކިޔާ ނައިޝީ ބޭސްސިޓީ ލިޔަމުން ދިޔައިރު ނައިޝީއަށް ބަލަހައްޓައިގެން އޮތެވެ. އޭނާ އެތައް ވާހަކައެއް ދައްކަން ބޭނުންވިޔަސް ހަށިގަނޑުގައި އެހާ ހަކަތައެއް ނެތެވެ.
"މިއުޅެނީ ޓެސްޓްތައް ހަދަން. ހުން އަންނަތާ ހަފްތާއެއް ވީމަ އެބަޖެހޭ ކޮންކަހަލަ ހުމެއްތޯ ބަލަން. މާހިލް ނިދާލާ" ނައިޝީ ވާހަކަދެއްކިއެވެ.
ޑިޔުޓީ ނިމުމާއި ހަމައަށް މާހިލްގެ ހުރިހާ ކަމެއް ކުރީ ނައިޝީއެވެ. އަމިއްލަ ހަރަދުގައި ކެންޓީނުން ކާއެއްޗެހި ގެނެސްގެން އަތުން ލަވާފައި ކާންދިނެވެ. ފެންފޮތި އަޅައިދިނެވެ. ދުވަހުގެ އިރުއޮށްސުނު ވަގުތު ހުން މަޑުވުމުން މާހިލް ގެއަށް ދޫކޮށްލިއެވެ. ގެއަށް އައިސް އެއްޗެހި ބަދަލުކޮށްގެން ނާހިދް ބޭރަށް ދިޔުމުން އޭނާ މާހިލް އުޅޭ ގެއަށް ދިޔައެވެ. މާހިލްއަށް ކައްކާފައި ކާންދިނެވެ. ގަޑިން ގަޑިއަށް ބޭސްދިނެވެ. ގައިގެ ތަންތަން މަސާޖްކޮށްދިނެވެ.
"އިޝީގެ ހިތުގައި އަހަރެންނަށްޓަކައި އެއްވެސް އިހުސާސެއް ނުވާއިރު އަހަރެންނަށް ތިހާ ހިދުމަތް ތިކޮށްދެނީ ކީއްވެ؟" މާހިލް އަހައިލިއެވެ. ވަގުތުން ނައިޝީ އެނދުން ތެދުވިއެވެ. އޭނާ މާހިލްއަށް ހިމޭންކަމާއެކު ބަލަން ހުރުމަށްފަހު ވިސްނާލިއެވެ. ތެދެކެވެ. އޭނާގެ ދެއަތުން މާހިލްއަށް ހިދުމަތް ކުރަނީ ކިއްވެ ހެއްޔެވެ؟ މާހިލްއަށް ކޮންމެ ކަމެއް ވިޔަސް އޭނާއަށް ކީއްހެއްޔެވެ؟
"ޓެލްމީ އިޝީ..." ނައިޝިގެ އަތްތިލައިގައި ހިފާލަމުން މާހިލް ބުނެލިއެވެ. ވަގުތުން ނައިޝީ މާހިލްގެ އަތް ފޮޅުވާލިއެވެ.
"ޑޯންޓް ގެޓް މީ ރޯންގް. ހިޔުމެނިޓީ. ނަތިންގް އެލްސް... ދިޔައީ..." ނައިޝީ ކޮޓަރިން ނިކުންނަމުން ހުއްޓުނެވެ.
"އަހަރެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫން" މާހިލް ބުނެލިއެވެ. ނައިޝީ ވަކި ޖަވާބެއްނުދީ ނިކުމެގެން ދިޔައެވެ.
ގަޑި އެލާމްވާން ފެށުމުން އިނާޝާ ތެދުވިއެވެ. ކައިރީގައި މޯހަންދާސް ނެތްކަން އިނގުނީ އެނދު ހުސްކޮށް އޮތީމައެވެ. އޭނާ ފާހާނާއާއި ދިމާލަށް ބަލައިލިއެވެ. ފެން އަޑު އިވުމުން މޯހަންދާސް ވީ ފާހާނާއިގައި ކަން އޭނާއަށް އިނގުނެވެ. އޭނާ ތިރިއަށް ފޭބީ މޯހަންދާސް ނިކުންނަން ވާއިރަށް ހޫނު ކޮފީތައްޓެއް ހެދުމަށެވެ. ދަމު ނަމާދުކޮށް ނިމިގެން އަބަދުވެސް ކޮފީއެއް މޯހަންދާސް ބޭނުންވާނެކަން އޭނާއަށް އިނގެއެވެ. އަނދިރިކަން ވެރިވެފައިވާ ސިޓިންގްރޫމުން އެއްވެސް އަޑެއް ނީވެއެވެ. ބަދިގެއާއި ދިމާލުން ބޭރަށް ވާގޮތަށް ދިއްލާފައިވާ ހޮޅިބުރީގެ އަލި ކޮންމެސް ވަރަކަށް ސިޓިންގްރޫމަށް ވަނީ އެޅިފައެވެ. އެހެންކަމުން ހިނގަން އިނގޭ ވަރުވެއެވެ.
ބަދިގެއަށް ވަންނަން ދިޔަ އިނާޝާގެ ކަންފަތުގައި އައިސް ޖެހުނު އަޑެއްގެ ސަބަބުން ހުރި ހިސާބުގައި ހުއްޓެވުނެވެ. އޭނާ އިތުރަށް ޔަޤީންކޮށްލުމަށްޓަކައި އިތުރަށް ބަދިގޭ ދޮރާއި ކައިރިވެލިއެވެ. އާއެނކެވެ. މީހެއްގެ ގިސްލުމުގެ އަޑު އޭނާއަށް އެބަ އިވެއެވެ. އެކަމަކު ކާކު ހެއްޔެވެ؟ މިގަޑީގަ ބަދިގޭގަ އިނދެގެން ރޯނީ ޔަޤީނުންވެސް ހިތާމައެއް ލިބިފައިވާ އިންސާނެކެވެ. އޭނާގެ ހިތަށް ނާހިދްގެ ނަން އެރުމާއެކު މޭގައި އަތް އެޅުނެވެ. އޭނާ ލަސްލަހުން ބަދިގެއަށް ބޯދިއްކޮށްލިއެވެ.
މޭޒުގައި ބޯޖަހައިގެން އޮތް ނާހިދް ފެނުމުން އިނާޝާގެ ދެފައި ދަށުން ބިންގަނޑު ކެހިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ނިދަންލާ ހުދުކުލައިގެ ތުނި ކުރުތާގައި އޮވެ ރޮމުން ދިޔަ ނާހިދަށް ކައިރީގައި ހިނގާ އެއްވެސް ކަމެއް އިހުސާސް ނުވާ ކަހަލައެވެ. އެމަންޒަރު ބަލަން އިނާޝާއަށް ކެތެއްނުވިއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެގޮތަށް ރޯތަން ފެނި އޭނާ ލަގޮނޑިވަޅަށް ބާރުވެގެން ދިޔައެވެ. ހީވީ ހިތުގައި ހިފާ މީހަކު ފިއްތަމުން ދާހެންނެވެ. އޭނާ ކުރިއަށް ޖެހެމުން ގޮސް ނާހިދާއި ދާދި ކައިރީގައި ހުއްޓުނެވެ. ނާހިދްގެ ބޮލުގައި ފިރުމާލުމާއެކު އޭނާގެ ދެލޮލުގެ އެސްފިޔަތަކުގެ ނިވަމުގައި ފިލާ ތިބި ކަރުނަތައް ފައިބައިގަތެވެ. ނާހިދް ސިހިފައި ކައިރީގައި ހުރި އިނާޝާގެ މޫނަށް ބަލައިލިއެވެ. ނާހިދްގެ ދެލޮލަށް ވެރިވެފައިވާ ރަތްކަމާއި ދުޅަވެފައި ހުރިވަރު ބަދިގެ ތެރެއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިންވެސް ފާހަގަވިއެވެ. އިނާޝާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ނާހިދް އިނާޝާގެ އުނަގަނޑުގައި ބައްދައިގަތެވެ.
"މަންމާ...! އަޅުގަނޑަށް މަޢާފްކުރޭ.... އަަޅުގަނޑު ވަރަށް މަސައްކަތްކުރިން" ނާހިދް ވާހަކަދެއްކިއެވެ. ނާހިދްގެ ދެލޯ ކައިރި ދެއަތުން ފޮހެލުމަށްފަހު ޖެހިގެން ހުރި ގޮނޑި ދަމާލާފައި އިށީނެވެ. އެއަށްފަހު ނާހިދްގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވި ބެލުމަކުންނެވެ.
"މަންމަ ނުބުނާނަން އިޝީ ވަރިކޮށްފައި މިގެއިން ފޮނުވާލާށެކޭ. ފިރިހެނެއްވިއްޔާ ހަތަރު އަނބިންވެސް ހުއްދަ" ނާހިދްގެ ދުލުން ބުނުމަކާނުލާ އޭނާގެ ހިތުގައިވާ އެއްޗެއް އިނާޝާ ދެނެގަތެވެ.
"އިޝީ ވަރަށް ރަނގަޅު. އިޝީއަށް އަޅުގަނޑު ނަފްރަތެއް ނުކުރަން. އެއްވެސް ޙައްޤަކުން މަހުރޫމެއް ނުކުރަން. ބޭނުންވި ކޮންމެ އެއްޗެއް ހޯދައިދިނިން. އަޅުގަނޑުގެ ވަގުތާއި ލޯތްބާ އަޅާލުން ދިނިން. އެކަމަކު އަޅުގަނޑުގެ ހިތެއް ނުދެވުނު...." ނާހިދް ވާހަކަދެއްކިއެވެ.
"ޙަޤީޤީ ލޯބި ފެށެނީ ކައިވެންޏަށްފަހު. މަންމަ ނުބުނަން ދަރިފުޅުގެ ހިތުން އަޒްކާއަށް ނޭދެޔެކޭ. ދަރިފުޅުގެ ހިތުގައި ކޮންމެސް ކަހަލަ އިހުސާސްތަކެއް ވާތީ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭނީ" އިނާޝާ ވާހަކަދެއްކިއެވެ.
"އަޒްކާ މާލޭގައި ހުރިކަން އިނގުނުފަހުން އަޅުގަނޑަށް ހަމަޖެހުމެއްނުލިބޭ. އަބަދުވެސް ހިތަށް އުނދަގޫވެފަ ހުންނަނީ. އެއީ ރަނގަޅުގޮތެއް ނޫންކަންވެސް އިނގޭ. އަޅުގަނޑު ކިހިނެއް ހަދަންވީ މަންމާ...؟" އިނާޝާގެ ދެއަތްތިލައިގައި ހިފައިލަމުން ނާހިދް ބުނެލިއެވެ.
"އޮފީހުން ޗުއްޓީ ނަގާ. މަންމަ ބުނާގޮތަށް ކަންތައް ކޮށްގެން ދެރައެއްނުވާނެ. ކައިވެނިކުރުމަށްފަހު އަނބިމީހާގެ އެއްވެސް ކުށެއްނެތި އަނބިމީހާ ދެކެ ލޯބިނުނެވުނޭ ކިޔާފައި ކައިވެނި ރޫޅާލުމަކީ ރީތިކަމެއް ނޫން" އިނާޝާ ވާހަކަދެއްކިއެވެ.
ނާހިދް ވިސްނާލިއެވެ. ތެދެކެވެ. ނައިޝީ ދޫކޮށްލާފައި ލޯތްބެއް ލިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އަޒްކާއަކީ އޭނާގެ ލޯބި ބޭނުންނުވެގެން ފިލައިގެން ދިޔަ މީހާއެވެ. ނައިޝީއަކީ އޭނާގެ ހިތުގައި ލޯތްބެއްނެތްކަން އިގޭ އިރުވެސް އެކުގައި އުޅެން ތައްޔާރަށް ހުރި މީހާއެވެ. އޭނާގެ ލޯތްބަށްޓަކައި އެތައް ދުވަހެއް އިންތިޒާރުކުރި މީހާއެވެ. އޭނާ އިނާޝާ ބުނި ފަދައިން އޮފީހުން ޗުއްޓީއެއް ނަގަން ނިންމިއެވެ.
"މަންމާ! ހާދަ ބޭނުމޭ އަޒްކާ... މިއީ ކޮންކަހަލަ އިންސާފެއް...؟" ދުވަހަކުވެސް ނާހިދްގެ ހިތަށް އެ މިންވަރަށް އަސަރުކޮށްފައެއް ނެތެވެ.
ހުކުރުދުވަހަށް ވުމާއެކު ފަތިހާ ނައިޝީ ހޭލިއެވެ. އޭނާ ބަދިގެއަށް ދިޔައީ ހެނދުނުގެ ސަޔަށް ނާހިދަށް އެންމެ ކަމުދާ ކެއުން ތައްޔާރު ކުރުމަށެވެ. ނާހިދަށް އައިސްގެން އުޅޭ ބަދަލެއް ނޭނގޭ ހާލު އޭނާ ބޭނުންވަނީ ނާހިދް ހިތްހަމަޖައްސައިދޭށެވެ. އިނާޝާ ވަނީ ނައިޝީ މީކާއާ އެކު ބަދިގޭގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނައިޝީ ފެނުމުން އެހެންޏާ އޭނާގެ ތުންފަތް މަތިން ފެންނަ ހިނިތުންވުން މިފަހަރު ނުފެނުނެވެ. ނައިޝީއާ މެދު އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނާގެ ދަރިފުޅު ނައިޝީ ދެކެ ލޯބިނުވާކަން އިނގޭއިރު ވެސް ކައިވެނި ކުރުވަން ބާރު އެޅުނީތީ މިހާރު އޭނާ ދެރަވެއެވެ.
"މަންމާ..." ދޮރުމަތީގައި އިނާޝާ ބަލަހައްޓައިގެން ހުރިތަން ފެނުމުން ނައިޝީ ގޮވައިލިއެވެ. އިނާޝާ ހީލާފައި އެތެރެއަށް ވަނެވެ.
ފޯނެއް އަންނަން ފެށުމުން ނައިޝީ ދެއަތް ދޮވެލައިގެން ފޯނު ހިފައިގެން ގޮސް މޭޒު ކައިރީގައި އިށީނެވެ.
ލޯ ހުޅުވާލުމާއެކު ނާހިދަށް ލިބުނީ ސިހުމެކެވެ. އޭނާއާއި ދާދި ކައިރީގައި ބަލަހައްޓައިގެން އިނީ ނައިޝީ އެވެ. ނައިޝީ ހީލުމުން އޭނާއަށް ހީނުލިއެވެ. އޭނާގެ ހިތަށް ބަދަލުތަކެއް އައިސްފައި ވަނީ އެހެން މީހަކަށް އަންދާޒާކޮށްނުލެވޭ ވަރަށެވެ.
މޯނިންގ ހަބީބީ..." ނާހިދް ގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ލޯތްބާއެކު ނައިޝީ ބުނެލިއެވެ. ނާހިދް ހިނިތުންވެލީ ގަދަކަމުންނެވެ.
"ކޮފީއެއް ލިބިދާނެތަ...؟" ނައިޝީ ބަލަން އިންނަން ފެށުމުން އޭނާއަށް އުނދަގުވެގެން ބުނެލިއެވެ. ނައިޝީ ނިކުތުމާއެކު އޭނާގެ ހަނދާނަށް ދަންވަރުގެ ވަގުތު އިނާޝާއާ ދެއްކި ވާހަކަތައް އަންނަން ފެށިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލިއެވެ. ހިތުގެ އިހުސާސްތައް އިނާޝާގެ ކުރިމަތީގައި ހާމަކުރެވުނީތީ އަމިއްލަ ނަފްސު ދެކެ ރުޅިއައެވެ. ފަހަތަށް ބާލީހެއް ލައްވާލަމުން އޭނާ އެނދުގައި ހަމަޖެހިލިއެވެ. ކޮންމެގޮތެއް ވިޔަސް އޭނާގެ ސަބަބުން އިނާޝާ އެއްވެސް ކަމެއްގައި ވިސްނާ މާޔޫސްވާކަށް ބޭނުމެއްނުވެއެވެ.
ނައިޝީ ކޮފީތަށި ހިފައިގެން ވަނީ އޭނާ ވިސްނަން އިންދައެވެ.
"ބޮލުގައި ރިއްސަނީތަ؟" ނާހިދް އަތަށް ކޮފީތަށި ލައިދެމުން ނައިޝީ އަހައިލިއެވެ.
"ކުޑަކޮށް" ނާހިދް ބުނެލިއެވެ. ނާހިދްގެ މަގަތުން އިށީނުމަށްފަހު ނިތްކުރިމަތިން މަސާޖްކޮށްދޭން ފެށުމުން ނާހިދަށް ދެލޯ މަރާލެވުނެވެ.
"ރޭގައި ރަނގަޅަށް ނުނިދަނީތަ؟" ނައިޝީ އަހައިލިއެވެ.
"އާނ... ނޫން ނިދިން. އެހާ ބޮޑަކަށް ނުރިއްސައޭ" ނާހިދް ބުނެލިއެވެ.
"އިޝީއަށް ޗުއްޓީ ލިބޭނެތަ؟" އިނާޝާ ބުނި މަގުން ފިޔަވަޅު އެޅުމަށްޓަކައި ނާހިދް ދަތުރުފެށިއެވެ.
"ހިއެއްނުވޭ. އެކަމު ޓްރައި ކުރެވިދާނެ. ކޮންކަމަކާ ގުޅިގެން ނަގާ ޗުއްޓީއެއް" ނައިޝީ އަހައިލިއެވެ.
"ކައިވެނިކުރި ފަހުން އެއްވެސް ތަނަކަށް އަދި އިޝީ ގޮވައިގެން ނުދެވެއެއްނު. އެހެންވެ އެކީގަ ޓައިމް ސްޕެންޑްކޮށްލަން ދާންކަމަށް" ނާހިދް އޮޅުންފިލުވައިދިނެވެ. ނައިޝީގެ ދެލޯ ވިދައިގަތެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް އޭނާއަށް ހީލެވުނެވެ.
"އަސްލުތަ...؟" ކޮންތާކަށް ދާނީ" ނާހިދްގެ މޫނު އޭނާއާ ވީ ދިމާލަށް އަނބުރާލަމުން ނައިޝީ ބުނެލިއެވެ.
"ނޭނގެ އަދި. އަހަރެން ބޭނުމީ ދާން. މިތާ ހުންނަން ވެއްޖިއްޔާ އަހަރެން މޮޔަވެދާނެ..." ދެކަކުލުގައި ބޯއަޅާލަމުން ނާހިދް ބުނެލިއެވެ. އިތުރަށް ނައިޝީ އެއްޗެއް އަހަން ބޭނުމެއްނުވިއެވެ. އެއްޗެއް އަހާ ވަރަށް ވުރެ މިހާރު އޭނާގެ ހިތަށް ލިބިފައިވާ ހިތްހަމަޖެހުން މާބޮޑެވެ.
ގާޑު ޕޯސްޓުގައި އިން ޙަމީދު ތެދުވެ ދެކޮޅަށް ހިނގަން ފެށީ އެހެން އިނދެއިނދެ އޭނާގެ ދެފައިގެ ކަކުލަށް ބާރުވާން ފެށުމުންނެވެ. ވަގުތަކީ ހަވީރުގެ ވަގުތަށް ވުމުން މަގުމަތީގައި ދެކޮޅަށް ދުއްވާ އެއްޗިއްސާއި ހިނާބިގާވެ އުޅޭ މީހުން ގިނައެވެ. ކުރިމަތީގައި ހުރި ފިހާރައަށް ފެންފުޅިއެއް ގަންނަން އޭނާ މަގު ހުރަސްކުރި ވަގުތު ކުއްލިއަކަށް ސިހިގެންދިޔައީ އޭނާ ދާދި ކައިރިން އެހެން އަންހެނެއްގެ އަތުގައި ހިފައިގެން ކުރިއަށް ދިޔަ އަމީޒާ ފެނިފައެވެ. އޭނާއަށް އެދިމާ ބަލަހައްޓައިގެން ހުރެވުނީ އެވަގުތު އޭނާއަށް ހުރެވުނީ މަގުމެދުގައި ކަންވެސް ނޭނގިއެވެ. ސައިކަލެއްގެ ބަރުގޮނުގެ އަޑު އިވުމާއެކު އޭނާ އަވަހަށް ޕޭވްމަންޓަށް އެރިއެވެ. އެތަނާ ދާދި ކައިރިއަށް މަޑުކުރި ޓެކްސީއަށް އަމީޒާ އެރި މަންޒަރު ބަލަހައްޓައިގެން ޙަމީދު ހުއްޓެވެ. އޭނާއަށް އަމީޒާ ކައިރީގައި ހުރީ ފަރީޝާ ކަން އިނގުނީ ފަރީޝާގެ މޫނު އެއްކޮށް ފެނުމުންނެވެ. ކުރިމަތިން ކާރު ގޮސް އޮބާލިއިރުވެސް އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ކުޑަމިނުން ގޮވާވެސް ނުލެވުނެވެ. އޭނާއަށް އަމީޒާ އެފެނުނީ ސަތާރަ އަހަރަށްފަހުއެވެ. އޭނާ ހީކޮށްގެން ހުރީ އަމީޒާ ދުނިޔޭގައި ނެތީ ކަމަށެވެ. ނަމަވެސް މިއަދު އޭނާއަށް އެފެނުނީ މުޅިން އެހެން މަންޒަރެކެވެ. އުފަލުގައި އަމީޒާ ދުނިޔޭގައި އުޅޭއިރު އޭނާއަކީ މީހެއްގެ އަންބެކޭ ހިތަށްވެސް ނާރަނީ ހެއްޔޭ ހިތަށް އެރިއެވެ.
ގެއަށް ވަންގޮތަށް ޙަމީދަށް ސިޓިންގރޫމް ސޯފާގައި އިށީނދެވުނެވެ. އޭނާ ސޯފާގައި ލެގިލުމާއެކު ދެލޯމެރި ކަރު އެއްފަރާތަކަށް އެލިއްޖެއެވެ. އަވަސް ނޭވާތަކެއް ލަމުން ދިޔައިރު ހީވަނީ ދެންމެދެންމެ ފުރާނަ ހިނގައިދާނެ ހެންނެވެ.
އަޒްކާ ކޮޓަރިން ނިކުތީ އާދައިގެމަތިން ޙަމީދު ޑިޔުޓީ ނިންމާފައި ގެއަށް އައިތޯ ޔަޤީންކުރުމަށެވެ. ސޯފާގައި އިން ޙަމީދު ފެނުމުން އޭނާ ހީލާފައި ކައިރީގައި އިށީނެވެ. ނަމަވެސް އޭނާއަށް ފެނުނު މަންޒަރުން ހެއަށް ގޮތް ނުވީ ކިިޔާއެވެ. އޭނާ ބާރަކަށް ޙަމީދަށް ގޮވަން ފެށިއެވެ. ރޮއެގަނެވުނުއިރު މީހާގެ ހިތް ހީވަނީ މެ ފަޅާލާފައި ނިކުމެދާނެހެންނެވެ. އޭނާ ކޮޓަރިއަށް ވަނީ ދުވެފައެވެ. އެމްބިޔުލޭންސަށް ގުޅަމުން ކޮޓަރިން ދުވެފައި ނިކުތްއިރު އެނދުގައި އަރާމު ނިދީގައި ނިދާފައި އޮތް ޙައްވަގެ ފައިގާ ހިފާ ދަމައިގަތެވެ. އޭނާ އެގޮތަށް ކަންތައްކުރީ ޙައްވައަށް ގޮވަން ހޭދަވާ ވަގުތުކޮޅުވެސް ގިނަވީމައެވެ. މިވަގުތު ކޮންމެ ސިކުންތެއްވެސް އޭނާއަށް އޭނާގެ ފުރާނައަށް ވުރެ އަގު ބޮޑެވެ. ނިދިމަޑު ޙައްވަ ފުންމައިގެން އައިސް ޖެހުނީ ސިޓިންގރޫމުގައި ހުރެ ރޮމުން ދިޔަ އަޒްކާ ކުރިމައްޗަށެވެ. އޭނާއަށް ޙަމީދު ފެނުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ދުވަސްވެ މުސްކުޅިވެފައި އޭނާ ހުރީ ކެތްތެރިކަން ވަރަށް ރަނގަޅަށް ދަސްކޮށްގެން ކަމަށްވާތީ އޭނާގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލާ ޙަމީދު ކައިރިގައި އިށީނެވެ. އޭނާ މަޑުމައިތިރިކަމާއެކު ޙަމީދަށް ގޮވަން ފެށިއެވެ. ޙަމީދުގެ އަނގައިގެ އެއްފަރާތުން ފައިބާފައިވާ ދަވަގަނޑު ފޮހެލީ ޙައްވަގެ ދެ އަތުންނެވެ. ކެތްރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
އިސާހިތަކު ޙަމީދު ހޮސްޕިޓަލަށް ގެންދެވުނެވެ. ޙައްވައާއި އަޒްކާ ބޭރުގައި މަޑުކޮށްލައިގެން އިނެވެ. އަޒްކާ ރޮމުން ދިޔައިރު ޙައްވަ އިނީ އެއްދިމާލަކަށް ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ކަރުނަ ނައެއް ކަމަކު މޫނުމަތި ވަނީ މިލާފައެވެ. އޭނާ އިނީ ޑޮކްޓަރުންގެ ފަރާތުން ލިބިދާނެ ހަބަރަކަށް ތައްޔާރުވެގެނެވެ. އެވަގުތު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ އޭނާގެ ފިރިމީހާ އޭނާގެ ކުރިމަތީގައި ފަހުނޭވާ ދޫކޮށްލި މަންޒަރެވެ.
މާގިނަ އިރެއް ނުވެ ޙަމީދުގެ ހަބަރަކައިގެން ޑޮކްޓަރުން އަޒްކާއާއި ޙައްވައާ ބައްދަލުކުރިއެވެ. ޙަމީދުގެ ލޭގެ ޕްރެޝަރ މަތިވުމުގެ ސަބަބުން އަނބުރައިގަތީ ކަމުގައި ބުންޏެވެ. ކޮންމެސް ކަމަކާ ވިސްނާލީ ކަމުގައި ޑޮކްޓަރުން ލަފާކުރިއެވެ. ރަނގަޅު ކާއެއްޗެހި ކެއުމަށާއި ގަވައިދުން ކަސްރަތުކުރުމަށް އަދި ވިސްނާ ފިކުރު ނުކުރުމަށް ނަޞޭޙަތްތެރިވިއެވެ. ފަރުވާދޭން ފެށުމުން ހޭއެރިޔަސް ދިން އިންޖެކްޝަނެއްގެ ސަބަބުން ނިދިފައި އޮތް ކަމަށް ބުންޏެވެ. ކުރިން ޙަމީދަކީ ސްޓްރޯކެއްގެ ޝިކާރައަކަށް ވެފައިވާ މީހެއްކަމުން ސާޅީސް އަށް ގަޑައިރު ވަންދެން އޮބްޒަރވޭޝަންގަ ބާއްވަންޖެހޭނެ ކަމުގައި ބުންޏެވެ. އެމެޖެންސީ ރޫމު ބޭރުގައި ހުރި ޙައްވަ ހުރިތަނަށް ޝުކުރުގެ ސަޖިދައެއް ޖެހިއިރު އަޒްކާ ހުރީ ލިބުނު އުފާވެރި ހަބަރުން ހެއްދެވިފަރާތަށް ޙަމްދު ކުރުމުގައެވެ. ޙައްވަ ގެއަށް ފޮނުވާލުމަށްފަހު އެރޭ ޙަމީދު ކައިރީގައި މަޑުކުރާގޮތަށް ނިންމީ އަޒްކާއެވެ.
ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އަތް ބިންދައިގެން ގޮސްގެން ނައިޝީގެ މަންމަ ނޫރުޒާދާ އެމެޖެންސީކޮށް މާލެ ގެނެވުނީ ނާހިދާއި ނައިޝީ ލަންޑަނަށް ފުރަން ރިޒަރވޭޝަން ހެއްދި ފަހުންނެވެ. ނަމަވެސް ކުއްލިއަކަށް ދިމާވި ކަންތަކުގެ ސަބަބުން ފުރުން ކެންސަލް ކުރިއެވެ. ނައިޝީ ހިތުގައި ޖެހި ދެރަވިޔަސް އެއީ އޭނާގެ މަންމަ ކަމަށްވާތީ ހުރިހާ ވަގުތެއް މަންމައަށް ހުސްކުރަން ބޭނުންވިއެވެ. ނާހިދް ބޭނުންނުވިޔަސް އެ ހަބަރާއެކު އޭނާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ.
ހަވީރުގެ ވަގުތެވެ. ޙަމީދު އޮތް ވޯޑަށް ވަދެގެން ދިޔަ ނަތާޝާ އޭނާ ގެނައި ފުރުޓް ކޮތަޅު އެތެރޭގައި ހުރި ޙައްވަ އަތަށް ދިއްކޮށްލިއެވެ. އޭނާ ދެފަރާތް ހޯދާ ބަލައިލީ އަޒްކާ ނުފެނުމުންނެވެ.
"ވެއްޖެ ފާހާނާއަކަށޭ ކިޔާފަ ގޮސް" ނަތާޝާ ތަންތަން ހޯދަން ފެށުމުން ޙައްވަ ބުނެލިއެވެ.
"އެހެންތަ...! އެހެންވިއްޔާ މަޑުކޮށްލާނީ. ޙަމީދުބެ މިހާރު ކިހިނެއްތަ؟" ޙަމީދުގެ ފައި ކައިރީގައި ހުއްޓެމުން ނަތާޝާ ބުނެލިއެވެ.
ނަތާޝާ ގެނައި ކޮތަޅު ތެރެއިން ކިވީއެއް ނަގާފައި ވަޅިން ފޮތި ކުރަމުންދިޔަ ޙައްވަ ބަލައިލީ ފޯނެއްގައި ހުރެ އަޒްކާ ވަދެގެން އަންނާތީއެވެ.
"ބައްޕާ. ނިރާޝް ވަރަށް ގިނައިން ސަލާން ބުނި" ޙަމީދުގެ ބޯ ކައިރިއަށް ހުއްޓި އިސްތަށިގަނޑުގައި ފިރުމާލަމުން އަޒްކާ ވާހަކަދެއްކިއެވެ. ޙަމީދު ސަލާން ބަލައިގަތުމަށްފަހު ހިނިތުންވެލިއެވެ.
"އަދި ހަނދާން ނެތިފަ މިހެރީ. އިރުކޮޅަކުން ރޫމަށް ގެންދާނެ. ދެންމެ އަޅުގަނޑަށް މިތަނުން ގުޅި. ހިނގާ އެއްޗެހި ޕެކް ކުރަން ފަށަން" އަޒްކާ ވާހަކަދެއްކިއެވެ.
"އަލްހަމްދުލިﷲ. މިކަހަލަ ތަނަކަށް ވުރެ ހުރިހާ ގޮތަކުންވެސް އަރާމުވާނީ ކޮޓަރިއެއް. އެހެންވީމަ ދަރިފުޅު ދޭ މި ސިޓީއަށް ބޭސް ނަގައިގެން އަންނަން. މާމަ އެއްޗެހި ޕެކްކޮށްލާނަން" ޙައްވަ ވާހަކަދެއްކިއެވެ.
ބޭސް ސިޓީ ހިފައިގެން ނިކުތް އަޒްކާގެ ފަހަތުން ނަތާޝާ ވެސް ނިކުތެވެ. ދެ އެކުވެރިން ވާހަކަދައްކަމުން އެސްޓީއޯ ފާމަސީއާއި ދިމާލަށް ހިނގައިގަތެވެ.
"ދެންމެ ހުވޭ މެންނަށް ފެނިގެން ސުވާލު ފޮށްޓެއް މަށާ ދިމާލަށް އުކާލައިފި. ހެހެހެ... އުޅޭށޯ އަވަހަށް އެމީހުންނާ ޖޮއިންކުރަން. މިހާރު އެހެން ޖޮބެއްގައޭ ބުނީމަވެސް ބުނީ ޕްލީޒް އޯ އަންނާށޯ.. އަސްލު ވަރަށް މިސްވޭ އެދުވަސްތައް" ފާރމަސީއަށް ވަންނަމުން އަޒްކާ ވާހަކަދެއްކިއެވެ.
ނަންބަރެއް ނަގައިގެން ދެ އެކުވެރިން ގޮނޑީގައި ޖައްސާލިއެވެ. މާގިނަ އިރެއް ނުވެ ނަންބަރ ޖެހުމާއެކު އަޒްކާ ތެދުވެގެން ދިޔައެވެ. ފޯނާ ކުޅެން އިން ނަތާޝާ ކައިރިން މީހަކު ހުރަސް ކުރިހެން ހީވުމާއެކު ބަލައިލިއެވެ. އޭރު އޭނާއާއި ދާދި ކައިރިގައި ބަލަހައްޓައިގެން ހުރީ ނާހިދް ނޫން ދެވަނަ އިންސާނެއް ނޫނެވެ. ނަތާޝާ ބަލައިލި ވަގުތު ނާހިދް ކައިރީގައި ހުރި އަންހެންކުއްޖާ ކައުންޓަރ ކައިރިއަށް ހިނގައިގަނެއްޖެއެވެ.
"ން....ނަތާ.... !!" އެތަނުން ނަތާޝާ ފެންނަން ހުރުމުން ނާހިދަށް ކުރެވިގެން ދިޔައީ ތަފާތު އިހުސާސެކެވެ. ނަތާޝާ ހުރި ތަނެއްގައި އަޒްކާ ހުންނާނޭ އޭނާގެ ހިތް ބުނީ ކީއްވެކަމެއް ނޭނގުނެވެ. އިސާހިތަކު އޭނާގެ ހިތަށް އެނގުން ވެލައިގެން ދިޔައެވެ.
"ނަތާ...!! ބަލީތަ...؟؟" ނަތާޝާ ތެދުވެ ފާޑަކަށް ބަލަން ހުރުމުން ދެވަނަ ފަހަރަށް ނާހިދް ވާހަކަދެއްކިއެވެ. ނަތާޝާ އަޒްކާ ހުރި ދިމާލަށް ބަލައިލިއެވެ. އޭރު ވައިލްޑްސްޓޯބެރީ ކުލައިގެ އަތްދިގު ކަކުލާ ހަމައަށް އަރާވަރުގެ ހެދުމުގައި ހުރި އަޒްކާ ހިނިތުންވެލައިގެން ހުރެ އަންނަމުން ދިޔައެވެ. އޭނާ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ބުޅި އިސްތަށިގަނޑު ހުރީ މައްޗަށް ނަގާ އައްސާލާފައެވެ.
ނަތާޝާގެ ދެލޯ އަމާޒުވެފައި ހުރި ދިމާލަށް ނާހިދަށް ބަލައިލެވުނު ވަގުތު ނައިޝީ އައިސް އަތުގައި ހިފިއެވެ.
(ނުނިމޭ)