ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު އެންމެ މުހިންމު ތިން މައްސަލަ - 8

އަބްދުﷲ ފާރޫގް ހަސަން

3 ޘަޤާފީ މައްސަލަ (މުސްލިމުންގެ ތައުލީމާއި ތަރުބިޔަތުގެ ކަންތައްތައް އެދެވޭ ގޮތެއްގައި އިންތިޒާމު ކުރެއްވުމާއި، މުސްލިމުންނަށް އެއުރެންގެ ދީނީ އަޅުކަން އަދާކުރެވޭނެ އެކަށޭނަ އިންތިޒާމު ތަކެއް ހަމަޖެއްސެވުމުގެ މައްސަލަ)

ކީރިތިޤުރްއާނާއި ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކުން ސާބިތުވާގޮތުގައި ނަބީބޭކަލެއްގެ ޙައިޘިއްޔަތުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ އެންމެ އަސާސީ އެއް މަސްއޫލިއްޔަތަކީ މީސްތަކުންނަށް ތައުލީމާއި ތަރުބިޔަތުދެއްވުމެވެ. އެބައިމީހުންގެ އަޅުކަންކުރުމުގެ ޖަޒުބާތަށް މުސްތަޤިއްލަ ގޮތެއްގައި ފިނިކަންލިބޭނެގޮތްތައް އިންތިޒާމުކުރެއްވުމެވެ. އެހެންކަމުން މަދީނާއަށް ހިޖްރަކުރައްވައި އިސްލާމީތަހްރީކަށް މިނިވަން މާހޫލެއް ލިބުމާއެކު ކައުސާހިބާ މަސައްކަތްޕުޅު ފައްޓަވައި ގެންނެވީ މުސްލިމުން އަޅުކަންކުރާނެތަނެއް ހެއްދެވުމަށެވެ. މުސްލިމުންނަށް ތައުލީމާއި ތަރުބިޔަތު ދެއްވުމުގެ މައްސަލަ ހައްލުކުރެއްވުމަށެވެ. ކައުސާހިބާގެ ނަބަވީ ޙިކުމަތާއި ދުރުވިސްނުންފުޅަށް ފެނިވަޑައިގަތީ ތައުލީމާއި ތަރުބިޔަތު ދެއްވާ މަރުކަޒަކަށްވާންޖެހޭނީ ކޮންމެ ދުވަހެއްގެވެސް ކަނޑައެޅޭ ވަގުތުތަކެއްގައި މުސްލިމުންގެ އާއްމު އެއްވުމެއް އޮންނަތަނެއް ކަމުގައެވެ. އެއެއްވުމަކީ ލާޒިމުކަމެއްކަމުގައި ނުވަތަ ވާޖިބެއްކަމުގައި ވާންޖެހޭނެ ކަމުގައެވެ. އެހެންކަމުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މުސްލިމުންގެ ތައުލީމާއި ތަރުބިޔަތުގެ މަރުކަޒެއް ކަމުގައި ހަމަޖެއްސެވީ "މިސްކިތެވެ." މި ހައިޘިއްޔަތުން ބަލާއިރު އަލްމަސްޖިދުއްނަބަވީ އަކީ މުސްލިމުންގެ ތައުލީމާއި ތަރްބިޔަތުގެ އެންމެ ފުރަތަމަ މަރުކަޒެވެ. މި ޒަމާނުގެ ތައުބީރުން ދަންނަވާނަމަ އެމިސްކިތަކީ ޖާމިޢާ އެކެވެ. ނުވަތަ ޔުނިވަރސިޓީއެކެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މުސްލިމުންގެ ޘަޤާފީ މައްސަލަ މުސްޘަގިއްލު ބިންގަލެއްގެ މަތީގައި ހައްލު ކުރެއްވި ޔުނިވަރސިޓީގެ ނިސާބަކީ ނުވަތަ ސިލަބަހަކީ ކޮބައިތޯ ވެސް ބަލައިލާންޖެހެއެވެ. އަރަހުށިމާތްﷲ ވަނީ އެ ސުވާލުގެ ޖަވާބު ކީރިތި ޤުރްއާނުގެ ޒަރީއާއިން ތާއަބަދަށްޓަކައި ރައްކައުކުރައްވައިފައެވެ. ކޮންމެ ތަނެއްގެ ކޮންޒަމާނެއްގެ އިންސާނުންވެސް ހިދާޔަތާއި ސީދާމަގު ދެނެގަތުމަށްޓަކައެވެ.

ވަޙީކުރައްވައިފައިވެއެވެ. "ހަމައެފަދައިން ތިމަންރަސްކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ވިދާޅުވެދެއްވައި ތިޔަބައިމީހުން (ކުށްތަކުން) ޠާހިރުކުރައްވައި، ފޮތާއި ޙިކުމަތް ތިޔަބައިމީހުންނަށް އުނގަންނައިދެއްވައި،ތިޔަބައިމީހުންނަށް ކުރީން އެނގިފައިނުވާ ކަންތައް އުނގަންނައި ދެއްވުމަށްޓަކައި ތިޔަބައިމީހުންގެ ތެރެޔަށް، ތިޔަބައިމީހުންގެ ތެރެއިން ރަސޫލަކު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ." (އަލްބަޤަރާ : 151 )

މިމާތް އާޔަތުން އެނގޭގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ ތައުލީމީ ނިސާބަކީ އުސޫލެއްގެ ގޮތުން ބަލާއިރު އަންނަނިވި ކަންކަމެވެ.

ހ. ކީރިތި ޤުރްއާން ކިޔަވައިދެއްވުން

ށ. މުސްލިމުންގެ އަޚްލާގާއި ސުލޫކު އިސްލާހުކުރައްވައި ކުށްތަކުން ޠާހިރުކުރެއްވުން

ނ. ފޮތުގެ ޢިލްމު އުނގަންނައިދެއްވުން

ރ. ޙިކުމަތުގެ ތައުލީމުދެއްވުމާއި

ބ. އާ ޢިލްމުތައް ތައާރުފުކޮށްދެއްވައި އުނގަންނައި ދެއްވުން

މި މަގްޞަދަށްޓަކައި ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ މަސްޖިދުއްނަބަވީގެ އެއް އެއްފަރާތެއްގެ އަރިމައްޗެއްގައި ޚާއްޞަ ތަނެއް ޚިޔާރުކުރެއްވިއެވެ. އެތާނގެ ނަމަކީ ޞުއްފާއެވެ. (ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޒަމާނުގައި މަސްޖިދުއްނަބަވީގެ އަރިމައްޗެއްގައި ޞުއްފާ ހެއްދެވި ކަމުގައިވިޔަސް މިސްކިތްކޮޅު ބޮޑުކުރުމަށް ހިންގިފައިވާ މަޝްރޫއުތަކުގެ ސަބަބުން މިހާރު ޞުއްފާ ހުންނަނީ މިސްކިތްކޮޅުގެ މެދުތެރޭގައި ކަހަލަ ގޮތަކަށެވެ. ޒިޔާރަތްފުޅުގެ ފަހަތުގައެވެ.)

ޞުއްފާއަކީ ހުޅުވައިލެވިފައިވާ އިޤާމަތީދަރުސްގާހެކެވެ. ކުދިބޮޑު އެންމެންނަށްވެސް އެތާނގައި ތައުލީމު ހާސިލުކުރެވެއެވެ. މުސްލިމުންގެ ތެރެއިން އެބޭކަލުންގެ މުޅި ހަޔާތްޕުޅުގެ އިސްލާމީ ތަހްރީކަށްޓަކައި ވަގުފު ކުރައްވައިފައިވާ ޖަމާއަތެއްގެ ބޭކަލުން ތައުލީމާއި ތަރުބިޔަތު ހާސިލު ކުރެއްވުމަށްޓަކައި އެތާނގައި ދިރިއުޅުއްވަމުންގެންދެވިއެވެ. އެބޭކަލުންގެ ފަރީއްކޮޅުގެ އިންތިޒާމު ވެސް ހަމަޖެއްސެވީ އިސްލާމީ ދައުލަތުންނެވެ.އެބޭކަލުން ފާހަގަކުރެވެނީ ޞުއްފާގެ އަހްލުވެރީންގެ ނަންފުޅުންނެވެ. އެހެންކަމުން މަސްޖިދުއްނަބަވީގެ އެ ދަރުސްގާހަކީ މިޒަމާނުގެ ހުޅުވައިލެވިފައިވާ ރެސިޑެންޝަލް ޔުނިވަރސިޓީތަކުގެ ފެށުން ކަމުގައި ދަންނަވާނެޖާގަ އެބަ އޮތްކަމުގައި ދެކެމެވެ.

ޞުއްފާ ޔުނިވަރސިޓީގެ ޚާއްޞަ ސިފަޔަކީ އެތަނުން ކުޑަކުދީން ނަށާއި މުސްކުޅީންނަށްވެސް ކިޔެވޭ ކަމެވެ. އަންހެނުންނަށްވެސް ޢިލްމާއި ތަރްބިޔަތު ހާސިލުކުރެވޭ ކަމެވެ. (ޝައްކެއްނެތެވެ. އަންހެނުންނަށްޓަކައިވަނީ ޚާއްޞަވަކި އިންތިޒާމުތަކެއް ހަމަޖެއްސިފައެވެ.) އެދަރުސްގާހުގެ ނިސާބުގައި ހިމެނޭ ފަސްދާއިރާއާމެދު ވަކިވަކީން ވާހަކަ ދެއްކުމަކީ ވެސް ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ.

ހ. ޤުރްއާން ކިޔެވުން

އިސްވެބަޔާންކުރި ތައުލީމީ ނިސާބުގައި އެންމެ އިސްކަން ދެއްވައިފައިވަނީ ކީރިތި ޤުރްއާން ކިޔަވައި ދެއްވުމަށެވެ. ދަރިވަރުންނަށް އެންމެ ފުރަތަމަ ދަސްކޮށްދެއްވަނީ ކީރިތި ޤުރްއާން ކިޔެވުމަށެވެ. ކީރިތި ޤުރްއާން ކިޔަވައި ދެއްވަން އިސްކަން ދެއްވުމުގައި އަންނަނިވި މަޤްޞަދުތައް ހިމެނެއެވެ.

ކީރިތި ޤުރްއާނުގެ ހާފިޒުންނަށާއި ޤާރީން ކަމުގައިވެވޭނީ ކީރިތި ޤުރްއާން ރަނގަޅަށް ތަލައްފުޒުކުރާން އެނގިގެންނެވެ. ހަމައެފަދައިން ކީރިތި ޤުރްއާނުގެ ޒައުޤު އުފެއްދެވުމަކީވެސް މުހިންމު މަޤްސަދެކެވެ. ކީރިތި ޤުރްއާނަކީ އަރަބި އަދަބިއްޔާތުގެ ފަސާހަތާއި ބަލާޣަތުގެ މިންގަނޑެވެ. ހަމައެއާއެކު ޤުރްއާން ހެޔޮކޮށް ކިޔަވަންދަންނަ މީހުން އުފެދުމާއި އެފޮތްހިތު ދަސްމީހުން ގިނަވުމަކީ ކީރިތި ޤުރްއާން މާނައިގެ ގޮތުންނާއި ލަފުޒީގޮތުން ތަހްރީފުވުމުން ރައްކާތެރިވުމުގެ ސަބަބެކެވެ.

ބަހަކީ އެމީހެއްގެ ޒަމީރުގެ އަޑުއިއްވުމުގެ ވަސީލަތެކެވެ. އިސްލާމީ ތަހްރީކުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ މުސްލިމުންނަކީ އިސްލާމީ ތަހްރީކުގެ ފަސާހަތްތެރި މުބައްލިޣުންކަމުގައި ހެދުމެވެ. އެހެންކަމުން ޞުއްފާ ޔުނިވަރސިޓީގެ ދަރިވަރުންނަށް ކީރިތި ޤުރްއާނުގެ ބަލާޣަތާއި، ބަޔާންކުރެއްވުމުގެ ރީތި ފާޑުވެރިކަން ދަސްކޮށްދެވުނެވެ. މުޢައްލިމެއްގެ ޙައިޘިއްޔަތުން އެވާޖިބުއަދާ ކުރެއްވީ އިސްލާމްދީނުގެ ނަބިއްޔާއެވެ. އަރަހުށިމާތްﷲ އެމާތް ސާހިބާ ލައްވައިފައިވަނީ އަރަބީންކުރެ އެންމެ ޤާބިލު ބަސްވާރުކަމުގައެވެ. އެންމެ ފަސާހަތްތެރި އެންމެ ބަލާޣަތްތެރި ސާހިބާކަމުގައެވެ. އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކަކީ މިދެންނެވި ބަހުގެ ދިރިހުރި ހެކިތަކެކެވެ.

އިލްމާއި އަދަބުގެ ތަރައްޤީގައި ބަހުގެ ޒައުގުގެ އަހަންމިއްޔަތަކީ އިންކާރު ނުކުރެވޭނެ ކަމެކެވެ. އެހެންކަމުން މުސްލިމުންގެ އެންމެ ފުރަތަމަ ޔުނިވަރސިޓީގައި ދަރިވަރުންގެ ކިބައިގައި ބަހަވީ ޒައުގު އުފެއްދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވުނެވެ. ތާރީޚު ހެކިވާގޮތުގައި ޞުއްފާ ޔުނިވަރސިޓީން ވަނީ ދެވަނަ މިސާލެއް ނުވާ ފަދަ ޤާބިލު ޤާރީންނާއި ޚަޠީބުން އުފައްދައިފައެވެ. ދުނިޔޭގައި ވާހަކަ ދެއްކުންތެރިކަމުގެ ނަމޫނާ ތަކެއް ޤާއިމު ކުރައްވައިފައެވެ.

ށ. މުސްލިމުންގެ އަޚްލާޤާއި ސްލޫކު އިސްލާޙުކުރައްވައި ކުށްތަކުން ތާހިރުކުރެއްވުން

އިންސާނިއްޔަތުގެ މުއައްލިމުގެ ޙައިޘިއްޔަތުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ދެވަނަ ވާޖިބަކީ އިންސާނުންގެ ނަފުސު ޠާހިރު ކުރެއްވުމެވެ. ކުށުން އެއްކިބާ ކުރެއްވުމެވެ. އިންސާނާގެ އެތެރެފުށުގައިވަނީ ނަފްސިއްޔާތީ ނިޒާމެއް ވެސް ލައްވައިފައެވެ. އިންސާނާގެ ނަފުސިއްޔާތީ ނިޒާމާއި އޭނާގެ ތަބީއީ ނިޒާމުވަނީ ގުޅި ލައިމެހިފައެވެ. އެކުވެ އެކަތިގަނޑަކަށްވެފައެވެ. އިންސާނާގެ ނަފުސިއްޔާތީ ނިޒާމުގެ މަރުކަޒަކީ ހިތެވެ. އިންސާނާގެ ހަށިގަނޑަށް ބަލިތައް ޖެހޭފަދައިން ހިތަށްވެސް ބަލިތައް އިސާބުވެއެވެ. ހިތަށް އޭގެ ވަޒީފާ އަދާކުރެވޭނީ އެހިތް ދުޅަހެއިކަމުގައި ސަލާމަތުން އޮވެގެންނެވެ. އެތެރެފުށުގެ ނުވަތަ ބޭރުފުށުގެ ސަބަބަކާހުރެ އެ ހިތް ބައްޔެއްގެ ނުވަތަ ބަލިތަކެއްގެ ސިކާރަޔަކަށް ވެއްޖެނަމަ ހިތުގެ ނިޒާމު ބަލިކަށިވެ އޮޅުންބޮޅުން ވެއެވެ. ނަތީޖާއަކަށް ވަނީ ހިތުގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމުގެ ޤާބިލުކަން ނެތިގެންދިޔުމެވެ. އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އެކަމުގެ ޠަބީޢީ ނަތީޖާ ފާޅުވަނީ ސިކުނޑީގެ ހާސްކަމުގެ ސިފައިގައެވެ. އޭގެ ސަބަބުން އިންސާނާގެ ޝަހްސިއްޔަތުގެ ވަޒަން ހިފަހައްޓަން ހުރަސް އެޅެއެވެ. ހިތް ބިރުގަތުމާއި، ކަންބޮޑުވުމާއި، ހިތާމައިގެ ފިއްތުންތައް ހުށަހެޅޭންފަށައެވެ. އެކަންތައް ބޮޑުވުމުން އޭނާގެ ދުނިޔެ ވިރާނާވެއެވެ. ހަޔާތުގެ ރަނގަޅު މިސްރާބު ގެއްލުމާއި، އައުސާބީ ބަލިތަކާއި، އަމިއްލަޔަށް މަރުވުން ފަދަ ކަންތައްތަކަކީ މިދެންނެވި ފިއްތުންތަކުގެ ތަބީޢީ ނަތީޖާއެވެ.

(ނުނިމޭ)