މިނިސްޓަރު ފައްޔާޒް އިސްމާއިލް

ބިދޭސީންގެ މައްސަލަ ހައްލު ނުވެއްޖެނަމަ، އިސްތިއުފާދޭނަން: ފައްޔާޒް

ފަތޯނާ ފާއިޒު

ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ، މަގާމުން އިސްތިއުފާދެއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވަނީ، ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމާ ގުޅޭ ކަންކަން ހަރުދަނާކޮށް، ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި ރެގިއުލަރަޒޭޝަން ޕްރޮގްރާމާ ބެހޭ ކަންކަން ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅެނީ ކިތައް މީހުންކަން ނޭނގޭ ކަމަށާއި އެ އަދަދު 50،000 އަށް އަރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މިނިސްޓަަރު އަމިއްލައަށް ކޯޓާ ވިއްކާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަަމަށެވެ.

"މިކަން ހައްލު ކުރާނަން. ނުވެއްޖެ ކަމުގައިވާނަމަ، އަޅުގަނޑު މަގާމަކު ނުހުންނާން،" މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހާއްސަ ޓާސްކް ފޯހެއް ވެސް އުފައްދަވައިފައެވެ. އަދި ބިދޭސީން ގެނައުމުގައި ކުރިން އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރަމުންދިޔަ މަސައްކަތްތައް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.

ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.