ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ތަރައްގީގެ ކަންކަން ހާސިލު ކުރަން އެހީވާނެ ކަަމަށް އޭއައިއައިބީން ބުނެފި

ފަތޯނާ ފާއިޒު

ސަރުކާރުގެ ތަރައްގީގެ ލަނޑުދަޑިތައް ހާސިލު ކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކް (އޭ.އައި.އައި.ބީ)އިން ބުނެފިއެވެ.

އޭއައިއައިބީގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރ ޑީ ޖަގަތީސާ ޕާންޑިއަން އިއްޔެ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލުކުރައްވައި، އެކަން ޔަގީންކޮށްދެއްވައިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައި އިއްޔެ މެންދުރު ބޭއްވި މި ބައްދަލުވުމުގައި ދިވެހި ސަރުކާރުގެ އިގުތިސާދީ ސިޔާސަތާއި ބެހޭ ގޮތުން އެބޭންކުގެ އިސްވެރިންނަށް މިނިސްޓަރު ޝާހިދު މައުލޫމާތު ދެއްވި ކަމަށެވެ. އަދި އޭއައިއައިބީ އާއި ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިި ކަމަށާއި، އެ ބޭންކުން ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވާނެ ކަމަށް، ބޭންކުގެ ނައިބު ރައީސް ވިދާޅުވި ކަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލާއި، ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ބައިވެރިވެވަޑައިގަތެވެ.

ފޮރިން މިނިސްޓަރު ޝާހިދު ޗައިނާއަށް ވަޑައިގެންފައިވާއިރު، މިއީ މިނިސްޓަރު ޝާހިދު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތަކުން، އެގައުމަށް ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ. މި ދަަތުރުފުޅުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހި ކުރުމަށާއި، މަޝްރޫއުތައް ހިންގުމުގައި އެގައުމުގެ އެހީ ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.