އެޗްޑީސީ

ހުޅުމާލެ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރަން ޕްރޮޕޯސަލް ހުށަހެޅުން އަންނަ ހޯމަ ދުވަހު

އާނިފާ ހުސެއިން ސިރާޖް

ހުޅުމާލޭގައި ހުޅުވަން ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 23 ވާ ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ ހުޅުމާލޭ އެޗްޑީސީ ބިލްޑިންގެ ގެ ގުރައުންޑް ފުލޯގައި ހުންނަ އެގްޒިބިޝަން ރޫމަށް ކަމަށާއި، ޕްރޮޕޯސަލް ހުށަހެޅުމުގެ ވަގުތަކީ ހޯމަ ދުވަހުގެ ހެނދުނު 09:30 އިން 11:00 އަށް ކަމަށެވެ. އަދި ބިޑުތައް ހުޅުވުމަށް ހަމަޖައްސާފައިވަނީ ހަމަ އެދުވަހުގެ 11:15 ގައި ކަމަށްވެސް އެޗްޑީސީ އިން މައުލޫމާތުދެއެވެ.

މިދިޔަ މަހު 25 ގައި އެޗްޑސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޮމްޕްލެކްސްގައި ވިޔަފާރިކުރަން ހުޅުވާލައިފައި ވަނީ ކެފޭ އަދި ރެސްޓޯރެންޓާއި ކުޅިވަރާއި ގުޅޭ ތަކެތި ވިއްކުމުގެ ވިޔަފާރީގެ އިތުރުން ރީޓެއިލް ވިޔަފާރިއަށް ކަމަށެވެ. އެގޮތުން ސްޕޯޓްސް ކޮމްޕްލެކްސްގެ އިންޑޯ ގައި ކެފޭ އަދި ރެސްޓޯރެންޓާއި ސްޕޯޓްސް ސާމާނުތަކުގެ ވިޔަފާރި ހިންގުމަށް ހަމަޖެހިފައި ވާއިރު އައުޓްޑޯ ގައި ހިންގުމަށް ހަމަޖެހިފައި ވަނީ ސްޕޯޓްސް ސާމާނުތަކުގެ ވިޔަފާރީގެ އިތުރުން ރީޓެއިލް ވިޔަފާރި ކަމަށް އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އާއި 75،000 އާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭއިރު، ކޮންމެ ޔުނިޓަކުން ވެސް އަކަފޫޓަކަށް 30 ރުފިޔާގެ ރޭޓުން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސްގައި ވިޔަފާރުކުރުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަށް ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.