އިންޓަ ރިސޯޓް ވޮލީބޯލް ޒޯން ޗެމްޕިއަންޝިޕް

ރިސޯޓު ވޮލީ މުބާރާތުގައި ބަނޑޮހަށް ރަނގަޅު ފެށުމެއް

އަލީ ރިފްޝާން

ބޮނޑޮސް މޯލްޑިވްސް އިން އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިދިޔަ އަހަރުގެ ވޮލީބޯޅަ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ބަނޑޮހުން ވަނީ އިއްޔެ ހަވީރު ގްރޭންޑް ޕާކް ކޮއްދިޕަރު ބަލިކޮށްފައެވެ. ޒޯން އެކެއްގެ އެ މެޗު ކުޅުނީ ބަނޑޮހުގައެވެ.

އިއްޔެ ހަވީރު ކުޅުނު އެ މެޗުގައި ކޮއްދިއްޕަރު އަތުން ބަނޑޮސް މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ބަނޑޮހުން ގެންދިޔައީ 25-15، 25-14 އަދި 25-21 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ބަނޑޮހުގެ އިޝާން މުހައްމަދު (ބަޓިސް) އެވެ.

ބަނޑޮހާއި ކޮއްދިއްޕަރު ބައްދަލުކުރި މެޗަކީ ޒޯން އެކެއްގެ ދެވަނަ މެޗެވެ. މިދިޔަ އާދީއްތަ ދުވަހު ކުޅުނު އެ ޒޯނުގެ ފުރަތަމަ މެޗުގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ވަނީ 3-1 ސެޓުން ފޯ ސީޒަންސް މޯލްޑިވްސް އެޓް ކުޑަ ހުރާ ބަލިކޮށްފައެވެ. ރީތި ރަށުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު 25-18 އިން ރީތި ރަށް ގެންދިޔަ ނަމަވެސް، ދެވަނަ ސެޓު 23-25 އިން ގެންދިޔައީ ކުޑަ ހުރާ އިންނެވެ. ރީތި ރަށުން ފަހު ދެ ސެޓު ގެންދިޔައީ 25-20 އަދި 25-17 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތި ރަށުގެ އާދަމް ނަސީމެވެ.

އެ މުބާރާތުގެ ޒޯން ދޭއް ވެސް އިއްޔެ ފެށިގެންދިޔައެވެ. އިއްޔެ ހަވީރު ކުޅުނު އެ ޒޯނުގެ ފުރަތަމަ މެޗުގައި ހޮލިޑޭ އިން ޖުމޭރާ ވިއްޓަވެލިން ވަނީ 3-1 ސެޓުން ކަނޑޫމާ މޯލްޑިވްސް ބަލިކޮށްފައެވެ. ކަނޑޫމާގައި ކުޅުނު އެ މެޗުގެ ފުރަތަމަ ދެ ސެޓު 25-20 އަދި 25-14 އިން ޖުމޭރާ ގެންދިޔަ ނަމަވެސް، ތިންވަނަ ސެޓު 24-26 އިން ގެންދިޔައީ ކަނޑޫމާ އިންނެވެ. ޖުމޭރާ އިން މެޗު ކާމިޔާބުކުރީ 25-13 އިން ފަހު ސެޓު ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާ މަގާމަށް ހޮވުނީ ޖުމޭރާގެ އިބްރާހިމް މަފާޒެވެ.

އެ މުބާރާތުގެ ޒޯން އެކެއްގައި ވާދަކުރަނީ ބަނޑޮސް މޯލްޑިވްސް އާއި ވަން އެންޑް އޮންލީ ރީތި ރަށާއި ގްރޭންޑް ޕާކް ކޮއްޕިއްޕަރު އަދި ފޯ ސީޒަންސް ކުޑަ ހުރާއެވެ. ޒޯން ދޭއްގައި ވާދަކުރަނީ ޖުމޭރާ ވިއްޓަވެއްޔާއި ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސް އާއި އަނަންތަރާ ދިގު ރަށް އަދި ވޯލްޑޯފް އެސޯރިއާ މޯލްޑިވްސް އިތާފުއްޓެވެ.