ކޮލަމް

ޔަޘްރިބުގެ އުދަރެސް އިސްލާމީ ފަތިހަކަށް ދޮންކޮށްލުން - 6

އަބްދުﷲ ފާރޫގް ހަސަން

1

ސަޢުދު ބިން މުޢާޛު ވިދާޅުވިއެވެ. "ތިޔައީ އިންސާފުވެރި ގޮތެކެވެ." އެހެންވިދާޅުވެފައި އިށީދެވަޑައިގަންނަވައިފިއެވެ. މުޞްޢަބު ރަޟިޔަﷲ އަންހު، ސައުދު ބިން މުޢާޛަށް އިސްލާމީ ރިސާލަތު ތައާރުފުކޮށް ދެއްވިއެވެ. އިސްލާމީ ރިސާލަތުގެ މަޤްޞަދަކީ އިންސާނުންނާއި އެބައިމީހުންގެ ހަޤީޤީ ރަސްވަންތަ ފަރާތާ ސީދާގުޅުއްވައިދެއްވުން ކަމުގައި ވިދާޅުވިއެވެ. އެހެނިހެން ފަރާތްތަކުގެ ބާޠިލު އަޅުވެތިކަމުން އިންސާނުން ސަލާމަތްކުރައްވައި މިނިވަންކަމާއި، ސުލްޙަ މަސަލަސްކަމާއި، އިންސާފާއި ހަމަހަމަކަން ޤާއިމު ކުރެއްވުންކަމުގައި ވިދާޅުވެދެއްވިއެވެ. އިންސާނުންނަށް ފިކުރީ މިނިވަންކަން ހޯއްދަވައި ދެއްވައި ޢިލްމާއި މައުރިފާ އާއި ރަށްވެހި ކަމުގެ ދޮރުތައް ހުޅުއްވައި ދެއްވުންކަމުގައި ވިދާޅުވިއެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެ ދެއްވިއެވެ.

މުސްއަބު ވިދާޅުވާގޮތުގައި ސަޢުދުގެފާނު އިސްލާމްކަން ފާޅުކުރެއްވުމުގެ ކުރިންވެސް އެކަލޭގެފާނުގެ ހިތްޕުޅު އިސްލާމްދީނަށް ހުޅުވި ތަނަވަސްވެއްޖެކަން މުސްޢަބަށް އެނގިވަޑައިގެންނެވިއެވެ. އެކަލޭގެފާނު މޫނުފުޅު އަލިވެގެންދިޔަ ވަރުންނާއި މޫނުފުޅުމަތީން ހިތްޕުޅުހަމަޖެހިވަޑައިގެންފިކަން ހާމަވާންފެށުމުންނެވެ. ސަޢުދު ބިން މުޢާޛު ސުވާލުކުރެއްވިއެވެ. އިސްލާމްވެވަޑައިގަތުމަށްޓަކައި ތިޔަބޭކަލުން ކުރައްވަނީ ކޮންކަމެއްތޯއެވެ؟. މުޞްޢަބު ޖަވާބުދެއްވިއެވެ. "ކަލޭގެފާނު ފެންވަރުއްވައި ހެދުންކޮޅުތާހިރު ކުރައްވާށެވެ. އެއަށްފަހު ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވެ ދެ ރަކްޢަތް ނަމާދެއްކުރައްވާށެވެ." ސަޢުދު ބިން މުޢާޛު އެގޮތަށް އަމަލުކުރައްވައި އިސްލާމްވެ ވަޑައިގެންނެވިއެވެ.

ސަޢުދު ބިން މުޢާޛު ރަޟިޔަﷲ އަންހު އެކަލޭގެފާނުގެ ހަތިޔާރު ހިއްޕަވައިގެން މިސްރާބުޖެއްސެވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ބައްދަލުވުންއޮތްތަނަށެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ އީމާންކަމުގެ ނޫރުން ވިދައިބަބުޅައިފައެވެ. އެކަލޭގެފާނުގެ ލޭފޮދުވަނީ އީމާންކަމުގެ ފޯރިއާއި ޖޯޝުން ކެކި އުތުރި ބޮކިޖަހަޖަހައެވެ. އެވަޑައިގެންނެވި ގޮތަށް ވަޑައިގެން ޤައުމުގެމީހުންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"އޭ ޢަބްދުލް އަޝްހަލުވަންހައިގެ މީހުންނޭވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެންގެ މަޤާމަކީ ކޮބައިހެއްޔެވެ؟." އެމީހުން ޖަވާބުއެރުވިއެވެ. "ކަލޭގެފާނަކީ އަޅުގަނޑުމެންގެ ޤާއިދެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ނަސަބުން އަރައި ހުންނެވި އެންމެ މޫނުފުޅު އަލި އެންމެ ބުއްދިފުޅު ފުރިހަމަ އެންމެ ބަރަކާތްތެރި ސާހިބާއެވެ." ސަޢުދު ވިދާޅުވިއެވެ. އެހެންވީރު އެންމެން ރަނގަޅަށް އަޑުއަހާށެވެ. އަހަރެންތަބާވެގެންމިހިރަ މާތް އިސްލާމްދީން ޤަބޫލުކޮށް މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވުމުގެ ކުރީން ތިޔައިގެތެރެއިން އެކަކާވެސް ވާހަަކަ ދެއްކުން އަހަރެންގެ މައްޗަށް ހަރާންކޮށްފީމެވެ."

މުއައްރިޚުން ވިދާޅުވައި ގޮތުގައި އެދުވަހުގެ އިރުއޮއްސުނުއިރު ޢަބްދުލް އަޝްހަލުވަންހައިގެ ގެއެއްގައި މުސްލިމަކު މެނުވީ ނެތެއެވެ. އެންމެ މީހަކު ފިޔަވައެވެ. އޭނާގެނަމަކީ އަމްރު ބިން ޘާބިތެވެ. އާއްމުނަމަކީ އަލްއުޞައިރަމެވެ. އުހުދު ހަނގުރާމައިގެ ދުވަހު އޭނާވެސް އިސްލާމްވެ ވަޑައިގެންފިއެވެ. ޔަޘްރިބުގެ (މަދީނާގެ) މުޅިޖައްވު ތައުހީދުގެނޫރުން އަލިވެ އުޖާލާ ވެއްޖެއެވެ. އޭގެކުރީން ޔަޘްރިބުު އޮތީ މުޅީން ނާމާންވެފައެވެ. ކުފުރާއި، ޝިރުކާއި އަނިޔާވެރިކަމާއި ފާފަވެރިކަމުގެ ބިރުވެރި އަނދިރިކަމުގެ ސަބަބުންނެވެ.

ޢަބްދުލް އަޝްހަލުވަންހައިގެ މީހުން އިސްލާމްވުމަށްފަހުވެސް މުސްއަބު ބިން އުމައިރު ރަޟިޔަﷲ ދުވަސްކޮޅެއް ވަންދެން އަސްޢަދު ބިން ޒުރާރާ ރަޟިޔަﷲ އަންހުގެ ގެކޮޅުގައި ހުންނަވައި އިސްލާމްދީނަށް ދައުވަތުދެއްވަމުންގެންދެވިއެވެ. ނަމަވެސް ޚަޒްރަޖުވަންހައިން އެހައިތަނަށް އިސްލާމްނުވެ ތިބި ބައެއްމީހުންގެ ތުރާލާހުރެ ސައުދު ބިން މުޢާޛުރަޟިޔަﷲ އަންހުގެ ގެ ކޮޅަށް ބަދަލުވެ ވަޑައިގެންނެވިއެވެ. އިސްލާމީ ދައުވަތުގެ މަރުކަޒަކަށް އެގެކޮޅު ހެއްދެވިއެވެ. ނަބީކަމުގެ ތޭރަވަނަ އަހަރުގެ ޙައްޖު މޫސުންކައިރިވެގެން އައިއިރު މަދީނާ އާއި ގުބާގައި ވަނީ ވަރަށް ބޮޑަށް އިސްލާމްދީން ފެތުރިފައެވެ. ޚަތުމާ އާއި ވާއިލް އާއި ވާޤިފު އާ މިތިން ޤަބީލާގެ ބައެއްގެތައް ފިޔަވައި މުސްލިމުންގެ އެކަކު ދެމީހަކު ނުހިމެނޭ އެއްވެސް ގެއެއް ނެތިއްޖެއެވެ. މިދެންނެވި ގެތަކުގެ މީހުންނަކީ މަޝްހޫރު ޝާއިރެއް ކަމުގައިވާ އަބޫ ޤައިސު ސައިފީ ބިން އަސްލަތަށް ފޮތްދަރާ ބައެކެވެ. އޭނާ ޚަންދަގު ހަނގުރާމަޔާ ހަމަޔަށްވެސް އެމީހުން އިސްލާމްވިޔަނުދީ ހިފެހެއްޓިއެވެ.

ނަބީކަމުގެ ތޭރަވަނަ އަހަރުގެ ހައްޖުމޫސުން އައުމުގެ ތަންކޮޅެއްކުރީން މުސްއަބު ރަޟިޔަﷲ އަންހު މައްކާއަށް ވަޑައިގެން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ހިރިޔާފާތުރާގެދަށަށް އެކަލޭގެފާނުގެ ކާމިޔާބު މަސައްކަތްޕުޅުގެ ރިޕޯޓުހުށަހެޅުއްވިއެވެ. ޔަޘްރިބުގައި ދިރިއުޅޭ ޤަބީލާތަކުގެ ހޭޑިފޭޑިއާއި، މީހުންގެ ލަޔާޤަތާއި، މަދީނާގެ އިޤްތިސާދީ އިޖުތިމާޢީ އަދި ދިފާއި ކަންކަންހުރިގޮތުގެ ފުރިހަމަ ބަޔާނެއް ދަންނަވައިދެއްވިއެވެ.

ޢަޤަބާގެ ދެވަނަބައިޢަތު

އިސްލާމްދީނުގެ މަތިވެރި އިންޤިލާބަކަށް ޔަޘްރިބުގެ މަސްރަހުވަނީ ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ. ރަށުގެ ތަަނަވަސް އަކްސަރިއްޔަތަކީ މުސްލިމުންކަމުގައިވެއްޖެއެވެ. ޔަޘްރިބުގެ މުސްލިމުން މަޝްވަރާކޮށް އެކަށައެޅީ މުސްލިމުންގެ ބައިޢަތު އައުކޮށް އިތުރު ސާހިބާ ސައްލަﷲ އަލައިހިވަސައްލަމަޔަށް ޔަޘްރިބަށް ގެމަށްވޮޑިގަތުމުގެ ދައުވަތު އެރުވުމަށެވެ. އެކަމަށްޓަކައި ނަބީކަމުގެ ތޭރަވަނަ އަހަރުގެ ހައްޖުމޫސުމުގައި ޔަޘްރިބުގެ މުސްލިމުން އެބައިމީހުންގެ މަންދޫބުން މައްކާއަށް ފޮނުވިއެވެ. އެވަފުދުގައި ހަތްދިހަތިން ފިރިހެނުން ނާއި ދެއަންހެނުން ހިމެނުނެވެ. އެވަފުދު މައްކާއަށް ދަތުރުކުރީ ޔަޘްރިބުގެ ޢާއްމު ހައްޖުވެރިންނާ އެކުގައެވެ.

އިތުރުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އަންސާރުންނާ ބައްދަލުކުރައްވާން ހަމަޖެއްސެވީ އަޤަބާގެ އެންމެ ފުރަތަމަ ބައިޢަތުވެސް ހިއްޕެވުނުތަނުގައެވެ. ޖަމްރަތުލް އަޤަބާގެ ތިރީން މިނާއިން މައްކާއަށްދާއިރު ވާތްފަރާތުގައި އެހުންނަ މަސްޖިދުލް ބައިޢާ އެހުރިތަނުގައެވެ. އެދުވަސްވަރު ޖަމްރާއަށް ހިލައުކައި ނިމުމުން އެހިސާބުގަނޑުގައި މީހުންގެ ހޭލަމޭލަވުން ނިސްބަތުން ވަރަށް ކުޑައެވެ. ބައްދަލުވެވަޑައިގަންނަވާނެ ރެއެއްކަމުގައި ހަމަޖެއްސެވީ އައްޔާމުއް ތަޝްރީޤުގެ ދެވަނަރެއެވެ. (ހައްޖުމަހުގެ ބާރަވަނަރެއެވެ.) ގަޑިޔެއްކަމުގައި ވިދާޅުވެފައިވަނީ އިރާދަން ހުސްވެ ރޭގަނޑުގެ ތިންބައިކުޅައެއްބައި ފާއިތުވުމެވެ.

އެރޭގެ ބައިޢަތާއި މުޢާހަދާއަކީ އިންތިހާދަރަޖައިގެ ޙައްސާސް އަދި ތާރީޚީ ގޮތުން މުހިންމު ބައިޢަތަކާއި މުއާހަދާއެކެވެ. އަޤަބާގެ އެންމެފުރަތަމަ ބައިއަތުގައި އެކުލެވިގެންވަނީ ސިޔާސީ މަފްހޫމެއް ދޭހަވާ އެންމެ މާއްދައެކެވެ. އެބައިއަތު ތާރީޚުގައި ފާހަގަކުރެވެނީ އަންހެނުންގެ ބައިއަތުގެނަމުންނެވެ. ނަމަވެސް މިފަހަަރުގެ ބައިއަތަކީ އިސްލަމީ ދައުލަތުގެ " ނަކަތްގައު " ކަމުގައިވާ " ހަނގުރާމައިގެ " ބައިއަތެވެ. ކައުސާހިބާއާއި މުހާޖިރުންނާއި އިސްލާމީ ދައުލަތް ދިފާއުކުރުމުގެ ބައިއަތެކެވެ. އެހެންކަމުން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް އަދި އަންޞާރުންވެސް ބޭނުންފުޅުވީ މައްކާގެ މުޝްރިކުންނަށް އެކަން ސިއްރު ކުރެއްވުމަށެވެ. އެހެންކަމުން އިތުރުސާހިބާ ޢަޤަބާއަށް ވެދެވަޑައިގެންނެވީ އަބޫބަކުރުގެފާނާއި، އަލީގެފާނާ ދެބޭކަލުން ޝިއުބަށްވަންނަ މަގުމަތީގައި ފާރަޔަށް ތިއްބަވަން ވިދާޅުވެފައެވެ. އިތުރުސާހިބާގެ އަރިހުގައި ބޮޑުބޭބޭފުޅު އައްބާސުގެފާނު ގެންދެވިއެވެ. އައްބާސުގެފާނު އޭރަކު އަދި އިސްލާމްކަން ފާޅެއް ނުކުރައްވައެވެ. ނަމަވެސް ބޭރުބަޔަކާއެކު ކުރައްވާ މިފަދަ މުއާމަލާއެއްގައި އައްބާސުގެފާނު ބައިވެރިކުރައްވަން ކައުސާހިބާވެސް އަދި އައްބާސުގެފާނު ވެސް ބޭނުންފުޅުވެވަޑައިގެންނެވީއެވެ.

ރޭގެ ޕްރޮގްރާމުފެށި އަސްކަރީ އެއްބާރުލެއްވުން ދެއްވުމާއި، ކައުސާހިބާ ޙިމާޔަތް ކުރެއްވުމުގެ އަހްދުގެ ވާހަކަ ދެކެވެން ތައްޔާރުވުމުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ އައްބަސްގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭޚަޒްރަޖުވަންހައިގެ މީހުންނޭވެ! މިހުންނެވި މުހައްމަދުގެފާނު އެހުންނެވީ އެކަލޭގެފާނުގެ އަމިއްލަފުޅުވަޒަނުގައި އިއްޒަތުގައެވެ. ތިޔަބައިމީހުން ދަންނާނެފަދައިން ޤުރައިޝުންނަކީ އެކަލޭގެފާނުގެ ޖާނީ ދުޝްމަނުންނެވެ. ނަމަވެސް އަހަރެމެން އެކަލޭގެފާނަށް ގެއްލުމެއް ލިބިވަޑައިގެންނެވިޔަނުދީ އެކަލޭގެފާނު ޙިމާޔަތް ކޮށްފީމުއެވެ. މިހާރު އެކަލޭގެފާނު ބޭނުންފުޅުވަނީ ތިޔަބައިމީހުންގެ ރަށަށް ވަޑައިގަންނަވާށެވެ. ތިޔަބައިމީހުން އެކަލޭގެފާނަށް ހިފާންތިޔައުޅޭ ބައިއަތު ފުރިހަމަކުރެވޭނެކަމުގެ ޔަޤީންކަން ތިޔަބައިމީހުންނަށް އޮތްކަމުގައިވާނަމަ ތިޔަބައިމީހުން ތިޔަ ޢަޤްދުކޮށް ބައިއަތުގެ ކަންތައް ކުރިޔަށް ގެންދާށެވެ. ތިޔަބައިމީހުން ތިކުރާ އަޙްދަކީ އެންމެހައި ކަޅުމީހުންނަށާއި ދޮންމީހުންނަށް ދެވޭ ހަނގުރާމައިގެ ދައުވަތެކެވެ. ތިޔަބައިމީހުންނަކީ ގަދަފަދަކަމާއި ހިތްވަރުގަދަކަންހުރި މިނިވަން ބަޔަކު ކަމުގައި ވާނަމަ ތިޔަކަންތައް އުފުލާށެވެ. ތިޔަބައިމީހުންގެ ހަށިތަކުގައި ފުރާނަ ހުރިހައިހިނދަކު އެކަލޭގެފާނަށް ނަސްރުދީ އެކަލޭގެފާނު ރައްކާތެރިކޮށްދެވޭނެކަމުގެ ޔަޤީންކަން އޮތްނަމަ ތިޔަ ބައިއަތު ފުރިހަމަކުރާށެވެ. އެހެން ނޫންނަމަ މިހާރު އެކަލޭގެފާނު ދޫކޮށްލާށެވެ. ޝަރަފުވެރިގޮތަކަށްވާނީ އެގޮތެވެ. "

ބައެއް ރިވާޔަތްތަކުގައިވާ ގޮތުން އައްބާސުގެފާނުގެ ވާހަކަފުޅުގެއަޑު އިވިވަޑައިގެންނެވުމުން "ޠާހާގެއަންސާރުން" އެމާތް ސާހިބާ ބަސްފުޅެއް ވިދާޅުވުމަށް އެދިވަޑައިގެންނެވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެކަން ޤަބޫލުކުރައްވައި އެންމެ ފުރަތަމަ ކީރިތި ޤުރްއާން ކިޔަވައި ވިދާޅުވެދެއްވިއެވެ. މާތްﷲ ގެ ވަހީ ބަސްފުޅުގެ ކޮންމެ ކަލިމައެއް އެބޭކަލުންގެ ހިތްޕުޅުތަކުގެ އެންމެ އަޑިޔަށް ފޭދެމުންދިޔައެވެ. އެހިތްޕުޅުތަކަށް ޖާދޫގެ އަސަރު ވެރިކުރުވަމުން އަލިކުރަމުންދިޔައެވެ. އެންމެހައި އަންސާރުންގެ ހިތްޕުޅުތައް މަޑުވެ ކީރިތިކުރެއްވޭންފެށިއެވެ. އެވަގުތު އެންމެހައި އަންސާރުން އެއްދޫފުޅަކުން އެއް އަޑަފުޅަކުން ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމައަށް އެބޭކަލުންގެ ރަށަށް ގެމަށްވޮޑިގަތުމަށް ދައުވަތު އެރުއްވިއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އެބޭކަލުންނާ މުޚާތަބު ކުރައްވައި ހަދީޘް ކުރެއްވިއެވެ.

1. މާތްﷲ ގެ ޙައްޤުދީނަށް ދަޢުވަތުދީ އެދީން ފެތުރުމުގައި އަހުރެންނަށް ފުރިހަމަޔަށް އަތްބާރުއަޅައިދީ އެއްބާރުލުން ދޭނޫހެއްޔެވެ.؟

2. އަހުރެން ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެއްޖެނަމަ ތިޔަބައިމީހުންގެ އަނބިދަރީން ހިމާޔަތްކުރާ ފަދައިން އަހުރެންނާއި އަހުރެންގެ އެކުވެރީން ރައްކާތެރިކޮށްދީ ބަލަހައްޓައިދޭނޫހެއްޔެވެ.؟

އަންސާރުން ޖަވާބު ދެއްވިއެވެ. "އާދޭހެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ! " އެވަގުތު އަބްދުﷲ ބިން ރަވާޙާ ރަޟިޔަﷲ އަންހު ސުވާލުކުރެއްވިއެވެ. " އޭ މާތް ﷲ ގެ ރަސޫލާއެވެ ! އަޅުގަނޑުމެންނަށް އޭގެ ބަދަލުގައި ލިބޭނީ ކޮންކަމެއްތޯއެވެ." "ސުވަރުގެ އެވެ." ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ ޖަވާބުދެއްވިއެވެ.

(ނުނިމޭ)