ސިނަމާލެ ބްރިޖް

ހުޅުމާލޭ ހައިވޭއަށް އުދަ އަރައި އެ ސަރަހައްދު ބަންދުކޮށްފި

ހުޅުމާލޭ ހައިވޭ އާއި ބުރިޖާ ގުޅޭ ސަރަހައްދުން ހައިވޭ މައްޗަށް އުދަ އަރައި، އެ ސަރަހައްދު ބަންދުކޮށްފި އެވެ. "ވަން" ގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔަ އިރު ބަންދު ކޮށްފައި ވަނީ މަގުގެ އުތުރުން ދެކުނަށް ދަތުރުކުރާ އިރު މަގުގެ ވާއަތް ފަޅިއެވެ.

ބެލެވޭ ގޮތުގައި، އުދަ އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެ ސަރަހައްދަށް ގިނަ އަދަދަކަށް އުދަ އަރާފައިވާ އިރު، ވެއްޔާއި އެކު އެކި ފާޑު ފާޑުގެ ކުނި ބުނި ވެސް ވަނީ އެއްގަމަށް އަރައިފަ އެވެ. އޭގެ ތެރޭގައި ޕްލާސްޓިކް ފުޅި، ދަޅު އަދި ފުޅިމަދު ފަދަ ކުނިބުނި ހިމެނެ އެވެ.

ހުޅުމާލޭ ބުރިޖުން ހުޅުމާލެއަށް ދަތުރުކުރާ އިރު، ބުރިޖާއި ހައިވޭ ގުޅޭ ހިސާބުން ބުރިޖާވީ ކޮޅަށް އުދަ އަރައި، ދަތުރުކުރާ މީހުންނަށް އުނދަގޫ ވާ ވަރަށް ލޮނު ބުރުއްސާތީ އެ ސަރަހައްދުގައި ވަނީ ކޮންކްރީޓު ފާރެއް ރާނައި ބައްދައިފަ އެވެ. އެހެން ނަމަވެސް އެ ފާރުގެ ދެކުނުން ލައިޓާ ދެމެދަށް މިހާރު ވެސް ބައެއް ދުވަސްވަރު ގިނަ އަދަދަކަށް ލޮނު ވިއްސަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ބުރިޖުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި، ލޮނު ވިއްސުމުގެ އަސަރު މިހާ ބޮޑަށް ކުރަނީ އެ ހިސާބުތައް، ކަނޑުން ނަގައި މުގުރާފައި އަންނަ ރާޅުގެ ވަރު ކެނޑޭ ވަރަށް ވުރެ އަތިރިޔާ ކައިރިވުމުގެ ސަބަބުންނެވެ.

ބުރިޖުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާތީ މީގެ ކުރީން ވެސް އެކި ދުވަސްވަރު އެކި ސަރަހައްދުތައް ވަގުތީ ގޮތުން ބަންދުކޮށްފައިވެ އެވެ.