މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 39

އަބްދުﷲ ފާރޫގް ހަސަން

(14 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

އާދެ، މިއީ އެއްފަރާތެއްގެ ވާހަކައެވެ. ދެން އަނެއްފަރާތުގެ ވާހަކަ އައްސަވާށެވެ. މަލިކުގެ ސްކޫލްތަކުގައި ތަޢުލީމް ދެނީ ސަރުކާރުގެ ޚަރަދުގައި ހިލެއެވެ. މުދައްރިސުންގެ އިތުރަށް ޓެކްސްޓްފޮތްވެސް ދެނީ ހިލެއެވެ. ނަމަވެސް އިނގިރޭސިބަހާއި ހިސާބުފަދަ މާއްދާތައް ކިޔަވައިދޭނެ ޤާބިލު މުދައްރިސުންނެއް ނުލިބެއެވެ. މަލިކުމީހުން ބުނާގޮތުގައި "ލަކުޑިދީބަށް ރަނގަޅު މުދައްރިސަކު ލިބިއްޖެނަމަ އެމީހަކު ބަހައްޓަނީ ކަވަރައްދޫގައެވެ. އޮފިސަރުންގެ ބޭފުޅުންނަށް ކިޔަވައިއަރުވައި ދިނުމަށެވެ." އަހަރުގެ ފަހުކޮޅަށް ދާއިރުވެސް ޓެކްސްޓްފޮތްތައް ހަމަޔަކަށް ނުލިބެއެވެ.

އަޅުގަނޑުމެން މަލިކުގައި ތިއްބައި މިމައްސަލަ ވަރަށްބޮޑުވިއެވެ. ކިޔަވާކުދީންގެ މުޒާހަރާތައް ބޭއްވުނެވެ. ފުރަތަމަ މުޒާހަރާ އޮތީ 20 ސެޕްޓެމްބަރު 1990 ގައެވެ. އޭގެފަހުން، އައިލެންޑް ކައުންސިލުގެ ފަރާތުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރިއެވެ. ރަށުގެ ޢާންމުރައްޔިތުންގެ ޑެޕިއުޓީ ކަލެކްޓަރުގެ އޮފީސް (ރަށުގައި ހުންނަ އެންމެ އިސް އޮފީސް) ކުރިމަތީގައި ޖާދައެއް (އިށީނދެގެން ތިބެ ކުރާ މުޒާހަރާއެއް) ބޭއްވިއެވެ.

ކޮންމެއަކަސް މިކަންތައް ހިމެނުނީ އަޅުގަނޑުމެންނަށް ވަރަށް އާކަމަކަށެވެ. މަޖާ ކަމަކަށެވެ. އެހެންކަމާއެކު މުޒާހަރާ ކުރި ކުދީން ކިޔަމުން ގެންދިޔަ ބަނދިތައް އަޅުގަނޑު ނޯޓު ކުރީމެވެ. ތިރީގައި މިވަނީ މިދެންނެވި ބަނދިތަކެވެ.

"ވިދްޔާރަތީ އަތްކަމް
(ކިޔަވާކުދީންގެ އެކުވެރިކަން)
ވިދްޔާރަތީ ސަމަރަމް
(ކިޔަވާކުދީންގެ މުޒާހަރާ)
ފޮތެއް ނެތޭ މާސްޓަރެއް ނެތޭ
ކިޔަވާނޭ ގޮތެއް ނެތޭ
ފޮތް ގެންނަން ކަބަރުލީމަ
އިސްކޯލަށް ގެނެސްދިނީ
ކަޅުދެއްޔައި ހުދުކަރުދާސް

ކުއް ކުއް ކުއް ކުއްތަޅައިފި
ހަނޑޫކައިފަ ނީ އުކައިފި
ފިޔޮއްތަކަށް ހުތްޖަހައިފި
ވޭތިވެއްޖެ ވޭތިވެއްޖެ
ތިންމަސް ހަމަ ވޭތިވެއްޖެ
ކިޔަވާކަށް ފޮތެއް ނެތޭ
އާސްޖެހިއްޖެ އާސްޖެހިއްޖެ
އިމްތިޙާން އާސް ޖެހިއްޖެ
މިޔަކީ ހަމަ ކޮންގޮތެއްތަ
ބުނެބަލަގާ ބުނެބަލަގާ
އަފްސަރުނޭ ބުނެބަލަގާ

ނޯޓު: އީ.އޯ. އަކީ އެޑިޔުކޭޝަން އޮފިސަރެވެ. ހުތްޖެހުމަކީ މަކަރުހެދުމެވެ.

ކިޔަވައިދޭ މީހެއް ނެތް
ކިޔަވާނޭ އެއްޗެއް ނެތް
ބެލުމަށް ހަމަ މީހެއް ނެތް
މަލިކުގައި މީހެއް ނެތް
ވޭތުވެދިޔަ ތިން އަހަރުގެ
މަލިކު ދަރީންގެ ރިކޯޑުތައް
ހޯދާނެމު ހޯދާނެމު
އަދިވެސް ހަމަ ހޯދާނެމު
މާދަމު ދަރިކޮޅު ކުރިޔަށް އަރުވަން
މައިބަފައިނޭ ކާކަމެންނޭ
އެކުގައި މިއިންގެ ރަނގަޅު ކުރުމަށް
ހިތްވަރުލައިގެން އާނާށޭ
މިކަންތަކުގެ މިނިވަންކަން
ލިބުމައިހުރެ މިގޮތްމައްޗަށް
މިއަހަރު ހަމަ ދިޔަނަމަވެސް
ކާމިޔާބުނުވެ ހުއްޓައި މިހަޅުތާލެއް ނުނިވާނަން

ބަދަލުވެގެން ދިޔަ ހެޑްކައި
އީ.އޯ. ކަމުއިއްތައިގެން
ލޮލަކަށް ހަމަ ނުފެނޭތާ
މަލިކު ދަރިންނެއް ނުފެނޭތާ
އެސް.އެލް.ސީ. އިމްތިޙާން
ގަދަވާތީ ފެނިފެނިފާ
ދެރަކުރުމަށް ހިތުގަލައިފި
ބަލަ އީ.އޯ. ނުވާނެޔޭ
އެހެނަކުން ނުވާނެޔޭ
މަލިކު ދަރީންނަށް ނުފޮނުވީ
އީ.އޯ. ހައު ފޮތް ނުފޮނުވީ
ބަލަ ބަލަ ބަލަ އީ.އޯ.ޔޫ.
މަލިކުދަރީން ހިތްވަރުގައި
ފޮތްވެސް ހަމަ ގެންނާނެން

އަހައިލައިފި އަހައިލައިފި
މާރކްތައް އަހައިލައިފި
އަހައިލައިފި ބުނެލައިފި
އީ.ޑީ. ހަމަ ބުނެލައިފި
ގެންނާނެން ގެންނާނެން
ފޮތްތަކާއި ޓީޗަރުތައް
ނަމަވެސް ހަމަ ނުފޮނުވުނޯ
އީ.ޑީ. ހާލަށް ނުފޮނުވުނޯ
ފޮތާއި ޓީޗަރު ނުފޮނުވުނޯ
ކާކަމެންނޭ ދާތަމެންނޭ
އީ.އޯ. ހައު ކުނިތަޅައިފި
މަލިކަށް އާސް ކުނިތަޅައިފި

ފިނޑި، ފިނޑި، ފިނޑި، ފިނޑި ލީޑަރ
ބުނެ، ބުނެ، ބުނެ، ބުނެ، އުންޏޯ
ފޮތާއި މާސްޓަރައި ގެންނާނެން
މަސް އެތަކެއް ވެއްޖެ މިހެން
ވީކަމެއް ހަރާމޯ
ތިންކުދީންގެ އިސްކޯލަށް
ކަން އާއިރު ރަށު އެންމެން
ރަށު ކުދީންގެ އިސްކޯލަށް
އަޅާލާނެ މީހެއްނެތް
މައިބަފައިނޭ ބުނެބަލައުގަ

ފައިބެލީމެ ފައިބެލީމެ އީ.ޑީ. ހައު ފައިބެލީމެ
މަލިކަށް އައިސްފައި ބެލީމެ
އަހަރެމެން އެތަނަށް ގޮސްފައި
ފޮތްވާހަކަ ބުނިއިރުގައި
އަހަރުމެން ގާތުބުނީ
ދާގޮތަށް ބަލައިފާނެން
އާނަ ނަވަށް އަރުވާނެން
މިހެން ކިޔައި ބަހައްޓައިފައި
އަދު މިދިޔައީ ކޮންތާކަށް
ނުއުޅެހެރޭ ނުއުޅެހެރޭ
ހިތް ހައްލަން ނުއުޅެހެރޭ

މިއީ 20 ސެޕްޓެމްބަރ 1990 އިން ފެށިގެން 26 ސެޕްޓެމްބަރ 1990 އާ ހަމަޔަށް ދެމިގެންދިޔަ މުޒާހަރާތަކުގައި ކިޔަވާކުދީން ކިޔައިފައިވާ ބަނދިތަކެވެ. މިބަނދީގައި ތިން ކުދީންގެ އިސްކޯލޭ ބުނެފައި އެވަނީ ނަވޯދަޔާ ސްކޫލަށެވެ. އެހެން ސްކޫލްތަކާ ނިސްބަތް ކުރާއިރު އެތާނގައި މަލިކުކުދީން މަދުކަމުންނެވެ. މިހިސާބަށް ދިޔައިރު މަލިކުގެ ހުރިހާ ސްކޫލްތަކެއްވަނީ ކިޔަވާކުދީންގެ ފަރާތުން ބަންދުކޮށްފައެވެ.

ސެޕްޓެމްބަރުމަހުގެ 26 ވަނަދުވަހަކީ މައްސަލަ ހަމަޖެއްސެވުމަށް ލަކުޑިދީބުސަރުކާރުގެ ވެރީން މަލިކަށް ވަޑައިގަތް ދުވަހެވެ. އެދުވަހުގެ ހެލިކޮޕްޓަރުގައި ވަޑައިގަތީ ލަކުޑިދީބުގެ ކަލެކްޓަރ ކަމް ޑިވެލޮޕްމަންޓް އޮފިސަރ މިސް ނައިނީ ޖެއިޝީލަން އާއި، ޑިރެކްޓަރ އޮފް އެޑިޔުކޭޝަން މިސްޓަރ ޖީ.ޑީ. ޝަރުމާ (މަލިކުކުދީން ކިޔާގޮތުގައި އީ.ޑީ. ހައު) އާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލްއަޚް ޤަމަރު އަޙްމަދާއި ސާކަލް އިންސްޕެކްޓަރ ނައްލަކޮޔާއެވެ.

އެދުވަހު ކިޔަވާކުދީން ތިބީ ވަކީން ބޮޑަށް ހޫނުވެފައެވެ. އެދުވަހުގެ ބަނދިތައްވެސް ހުރީ މަލިޔާޅަމްބަހާއި ހިންދީބަހަށް ބަދަލުވެފައެވެ. ތިރީގައި މިވަނީ އޭގެ ތެރެއިން ދެބަންޖެއްގެ ތަރުޖަމާއެވެ.

ކިޔަވާކުދީންގެ އެކުވެރިކަން ޒިންދާބާދު
ކިޔަވާކުދީންގެ މުޒާހަރާ ޒިންދާބާދު
ކިޔަވާކުދީންނާ ކުޅެފިއްޔާ
އެކު މިކުޅި އަލިފާންކުޅިޔަށް ވާނޭ
މިއަކީ ކޮން އިންސާފެއް
މިއަކީ ކޮން ހަމައެއް
ބުނެބަލަގާ ބުނެބަލަގާ ސަރުކާރާ
ކިޔަވާކުދީންގެ ބޭނުންތައް
ފުއްދައި ނުދިނިއްޔާ
ކިޔަވާކުދީންގެ ޖަމްޢިއްޔާ މައިތިރިވާނީ
އެމީހުންގެ އެދުންތައް ޙާޞިލުކޮށްފައޭ.

އިރާއިހަނދު ދެމިގެންވާހާ ހިނދަކު
ކިޔަވާކުދީންގެ ނަން ދެމިއޮންނާނެއެވެ.
ކުރިއަށާ ފަހަތަށާއި މައްޗަށާއި ތިރިޔަށް ބަލާބަލާށެވެ.
އެންމެ ކުރީގައިވަނީ ކިޔަވާކުދީންނެވެ.
ފޮތްތައް ނުލިބޭހާ ހިނދެއްގައި
އަހަރެމެން ހިމޭނަކުން ނުތިބޭނޫއެވެ.
އަހަރެމެން މިތިބީ ހަނގުރާމަކުރުމަށްވެސް ހުވާކޮށްގެންނެވެ.
އެންމެންވެސް ދެކޭށެވެ. އަހަރެމެން މިތިބީ ކިޔަވަން ތައްޔާރަށެވެ.

ދުވަހަކީ ވަރަށް ހޫނުގަދަ ދުވަހެކެވެ. އަޅުގަނޑާއި ސޯދާ ދެމީހުންތިބީ ރީތިގޭގައި (މަލިކުގެ ގެސްޓްހައުސް ޑާކްބަނގަލާ) އަޅުގަނޑުމެން ތިބޭ ކޮޓަރީގައެވެ. ލަކުޑިދީބުގެ ވެރީންވެސް ތިއްބެވީ އެގޭގައެވެ. އެހެންކަމާއެކު ކިޔަވާކުދީންވަނީ އެގެ ވަށާލާފައެވެ. ރީތިގެއިން އެއްވެސް މީހަކު ބޭރަށް ނުކުތަކަ ނުދެއެވެ. ކަވަރައްދޫން ވަޑައިގަތް ތިންބޭފުޅުންގެ ފަރީއްކޮޅު ހަމަޖެހިފައި އޮތީ ދާދި ކައިރީގައި ހުރި ޓޫރިސްޓްހަޓް ގައެވެ. ނަމަވެސް ކިޔަވާކުދީން އެބޭފުޅުން ފަރީއްކޮޅަށްވެސް ވަޑައިގަތަނުދިނެވެ. އިރުމެދުން ލެނބިފަހުން ދެފަރާތުން އެއްބަސްވުމަކަށް އާދެވި އެބޭފުޅުންނަށް ފަރީއްކޮޅަށް ވަޑައިގެންނެވިއްޖެއެވެ. އަޅުގަނޑާއި ސޯދާ ދެމީހުންނަށްވެސް ކާއެތިކޮޅެއް ލިބޭގޮތް ވެއްޖެއެވެ.

(ނުނިމޭ)