މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑާއެކު ޑެ ހެއާ ހަދާފައިވާ އެއްބަސްވުން އާކޮށްފި

އަލީ ރިފްޝާން

ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ، މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.

ޑެ ހެއާގެ އެއްބަސްވުން އާކޮށްފައިވަނީ އިތުރު ހަތަރު އަހަރު އެ ކްލަބުގައި މަޑުކުރާ ގޮތަށެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އިތުރު އެއް އަހަރު ދުވަހަށް އެއްބަސްވުން އާކުރުމުގެ ފުރުސަތު ވެސް ޑެ ހެއާއަށް ލިބޭނެއެވެ. އެހެންކަމުން އެ އެއް އަހަރު ދުވަހުގެ އެއްބަސްވުމުގައި ޑެ ހެއާ ސޮއިކޮށްފި ނަމަ، ޔުނައިޓެޑާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2024 ވަނަ އަހަރުއެވެ.

އުމުރުން 28 އަހަރުގެ ގޯލްކީޕަރު ޑެ ހެއާގެ އެއްބަސްވުން އާކުރުމަށް ލަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް އެކަން ލަސްވެގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް ރަސްމީކޮށް ޔުނައިޓެޑުން ހާމަކޮށްފައެއް ނުވެއެވެ.

ޔުނައިޓެޑުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު އަހަރު ހޯދާފައިވާ ޑެ ހެއާ، ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޔުނައިޓެޑަށް 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޑެ ހެއާ، އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނީ ފާއިތުވެދިޔަ އަށް އަހަރަކީ ޔުނައިޓެޑާއެކު ހޭދަކުރި ވަރަށް އުފާވެރި އަހަރުތަކެއް ކަމަށާއި އެ ކްލަބާއެކު އިތުރަށް ކެރިޔަރު ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބުމުން ވެސް ވަރަށް އުފާކުރާ ކަމަށެވެ.

"އަހަރެން މި ކްލަބާ ގުޅުނު އިރު، 350 މެޗަށް ވުރެ ގިނަ މެޗު ކުޅެވިދާނެ ކަމަށް އުންމީދެއް ނުކުރަން. މިހާރު އަހަރެންގެ ކުރިމަގާ މެދު ގޮތެއް ނިންމިއްޖެ. އަހަރެން ބޭނުންވާ ކަމަކީ ޓީމަށް އެހީތެރިކަން ފޯރުކޮށްދީ، އިތުރު ޓްރޮފީތައް ކާމިޔާބުކޮށްދިނުން. ސީނިއާ ކުޅުންތެރިއެއްގެ ގޮތުން އަހަރެން ބޭނުންވަނީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް އެހީވާން،" އޭނާ ބުންޏެވެ.

ޑެ ހެއާ ބުނީ ޔުނައިޓެޑާއެކު އަދިވެސް އިތުރު ކާމިޔާބީ ހޯދޭނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށާއި ކްލަބުގެ ތާރީހާ އެއްގޮތަށް ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކްލަބަށް ކާމިޔާބީ ހޯދޭނެ ކަމަށް ޔަގީން ކުރާ ކަމަށެވެ. އަދި ސަޕޯޓަރުން ދޭ ހިތްވަރުގެ ބަދަލު ދޭން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް ޑެ ހެއާ ވަނީ ޔުނައިޓެޑަށް 367 މެޗު ކުޅެފައެވެ. އެތުލެޓިކޯ މެޑްރިޑުން 2011 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި ޑެ ހެއާ ވަނީ ޔުނައިޓެޑާއެކު އިނގިރޭސި ޕްރިމިއާ ލީގަކާއި އެފްއޭ ކަޕަކާއި ލީގު ކަޕަކާއި ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ޔުނައިޓެޑާއެކު އޭނާ ތިން ފަހަރު އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރިއެވެ.