އިމްތިޔާޒް ފަހުމީ

ގާސިމަށް އޮތް ފުރުސަތަކީ ދޭތެރެޖައްސައި ފިތުނަ އުފައްދައިގެން ކަންފުޅެއްވޭތޯ ބެލުން: އިންތި

އިބްރާހިމް ޒަކީ

3

ޖުމްހޫރީ ޕާޓީއަށް ބަޔަކު ސޮއި ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި، އެޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ފާޑު ވިދާޅުވެއްޖެ އެވެ.

އެ ރަސްމިއްޔާތުގައި ގާސިމް ދެއްކެވި ވާހަކައިގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ފާޑު ވިދާޅުވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، މި ސަރުކާރުގެ ގޯސްކަން ދައްކަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގައިކޮޅުގައި ޖައްސަވަމުން ގެންދަވާ ކަމަށް ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ގާސިމް އިބްރާހީމް ވިދާޅުވިއެވެ. އަދި ފިތުނަ އުފެދޭ ފަދަ ބައެއް ވާހަކަތައް ރައީސް ނަޝީދު ދައްކަވަމުންގެންދަވާ ކަމަށާއި، މިހާރު ފެންނަމުންދާ މަންޒަރަކީ ސަރުކާރުން ކުރާ ބައެއް ކަންކަމަކީ ގޯސް ކަންކަމުގެ ގޮތުގައި ދެއްކުމަށް މަަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބައެއް ބިލުތަކުގައި ހިމެނޭ މައްސަލަތައް މީޑިއާގައި ފާޅުކޮށް، ސަރުކާރު ގޯސް ކުރަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"އެޕާޓީގެ (އެމްޑީޕީގެ) ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ދައްކަވާ ވާހަކައެެއް ދައްކަވާ އިރު، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ވަގުތުން ގުޅާލާފައި، އެވާހަކަ ދެއްކެވޭނެ ދެއްތޯ؟ 65 މެންބަރުންގެ ޕާޓީއެއްގެ ޕީޖީ ލީޑަރެއްގެ ވާހަކަ މި ދަންނަވަނީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަރުކާރުގެ އެކި ވާހަކަތައް ރައްޔިތުންގެ ކުރިމަތީގައި ދައްކަނީ އެކަމުގެ ކޮންމެވެސް "ތާސީރެއް" އެކުލެވޭތީ ކަމަށާއި އެކަން ކޮށްގެން ހޯދަން އުޅެނީ ކޮން އެއްޗެއް ކަމާ މެދު ސުވާލު އުފެދޭ ކަަމަށެވެ.

ގާސިމްގެ މި ވާހަކަތަކަށް ފާޑުވިދާޅުވެ އެމްޑީޕީގެ އިސްބޭފުޅެއް ކަމަށްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ގާސިމަށް އޮތް ހަމައެކަނި ފުރުސަތަކީ ކޮންމެވެސް ދޭތެރެއެއް ޖައްސައިގެން ނުވަތަ ފިތުނައެއް އުފައްދައިގެން ކަންފުޅެއް ވޭތޯ ބެލުން ކަމަށެވެ.

"ގާސިމް އަށް އޮތް ހަމައެކަނި ފުރުސަތަކީ އަހަރެެމެން، އަހަރެމެންގެ ތެރޭގައި ކޮންމެވެސް ދޭތެރެއެއް ޖައްސައިގެން ނުވަތަ ފިތުނައެއް އުފައްދައިގެން ކަންފުޅެއްވޭތޯ ބެލުން، އެއަށްވުރެ އަހަރެމެން އެންމެންގެ ވެސް މާ ބޯ ބޮޑު،" އިންތި ވިދާޅުވިއެވެ.

ގާސިމްގެ ވާހަކައަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، ފަހުގެ ތާރީހުގައި ބޭއްވި ތިން އިންތިހާބުގައިވެސް ކާމިޔާބު ހޯދީ ޖޭޕީ ޝާމިލުވާ ކޯލިޝަނަކުން ކަމަށެވެ. އެކަމަކު ދައުރު ދެބައިނުވަނީސް އިދިކޮޅޮ ޕާޓީގެ ގޮތުގައި ޖޭޕީން ހަރަކާތްތެރިވާން ފަށާ ކަމަށް އޭނާ ވިދާޅުވިއެވެ.