ކޮލަމް

ކެޔޮނިރު ކޮލަމް: ބިދޭސީންގެ "އަނދިރި ދައުލަތް" މުލުން ލުހެލުން!

މުހައްމަދު ބުޝްރީ

13

ތަނަކީ އައްޑޫސިޓީގެ ހިތަދޫއެވެ. ރަށުގެ ވަރަށް ގިނަ ކަޑަތަކުގެ ސޭޓުންނަށް ތިބެނީ ބަންގްލަދޭޝް މީހުންނެވެ. އެފަދަ ގިނަ ކަޑަތައް ހިންގަނީ ދިވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްގެން ބިދޭސީންނެވެ. ރަށުގެ ވިޔަފަރިވެރިން ޑޮލަރު ބޭނުންވެއްޖެނަމަ ގުޅަނީ ކޮންމެވެސް ބަންގްލަދޭޝް މީހަކަށެވެ. އިމާރާތް ކުރަންވެއްޖެނަމަ ގުޅާނީ ރަށުގެ އެކި ހިސާބުތަކުގައި އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅޭ ބަނގްލަދޭޝް މީހުންގެ ކޮންމެވެސް ގްރޫޕަކަށެވެ. އެގްރޫޕްތަކުގެ ވެރީންނަކީ ސީދާ ބަންގްލަދޭޝް މީހުންނެވެ. ބަނގްލަދޭޝް މީހުން ހިންގާ ކެފޭތައް އެބަހުއްޓެވެ. ގެސްޓް ހައުސް އެބަހުއްޓެވެ. ރަށުތެރޭގެ އެކި ތަންތަނުން ކާށި ހޮވައިގެން ކާށީގެ ވިޔަފާރި ކުރަނީ އެމީހުނެވެ. ގިނަ ގާޑިޔާތަކުގައި ސޭޓުންނަށް ތިބެނީ އެމީހުންވެ. މަސްދޯނިފަހަރު ކޮންޓްރޯލް ކުރަނީ އެމީހުނެވެ. ރަށުގެ ކުރުނބާ ވިޔަފާރި އޮތީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައެވެ. އެންމެ ކުޑަމިނުން ރުކަކަށް ނުވަތަ ގަހަކަށް އަރަން ވިއަސް ހޯދަން ޖެހެނީ ބަނގްލަދޭޝް މީހެކެވެ.

އައްޑޫސިޓީގެ ޒުވާނުން ސައިކަލު ތަކުގައި ކޮޅު ކޮޅަށް ދުއްވާ އިރު މުޅި ސިޓީގެ ކަޑަތަކާއި، ސައިހޮޓާތަކާއި، ގާޑިޔާތަކާއި، ޑޮލަރު މާރު ކުރުމާއި، ގެސްޓް ހައުސްތައް ކޮންޓްރޯލް ކުރަނީ ބަންގްލަދޭޝް މީހުން، ނުވަތަ މަޝްހޫރު ނަމުންނަމަ "ބޮނދުން" ނެވެ. ރޯމަހުގެ ވިޔަފާރިވެސް އެމީހުން އަތުގައެވެ. މީގެތެރޭގައި ޤަވާއިދާ އެއްގޮތަށް އުޅޭމީހުނާއި، ޤާވާއިދާ ހިލާފަށް އުޅޭމީހުންވެސް ހިމެނެއެވެ. މިރޭޓުގައި ދާނަމަ އަދި ފަސް ވަރަކަށް އަހަރު ފަހުން މުޅި އައްޑޫ ސިޓީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޮންޓްރޯލް ކުރާނީ ބިދޭސީންނެވެ، އަދި ވަކީން ހާއްސަކޮށް ބަނގްލަދޭޝް މީހުންނެވެ. މިއީ އައްޑޫ ސިޓީގެ ވާހަކަ ކަމުގައި ވިއަސް މިއީ ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި ރަށްރަށުގައިވެސް ކަން އޮތް ގޮތެވެ. ރާއްޖެ މިދަނީ ނޭނގިތިބެ "ސްލީޕް ވޯކް" ކުރަމުން ބޮޑު އަނދަވަޅަކާ ދިމާއަށެވެ. މިފަދަ ބަނގްލަދޭޝް މީހުން ދަނީ ދިވެހީންނާއި ކައިވެނިވެސް ކުރަމުންނެވެ. ނޭނގިތިއްބާ ފެންނާނީ ބަނގްލަދޭޝް ނަސްލުގެ އެތައްބަޔަކަށް ދިވެހި ރައްޔިތުކަން ލިބި މުޅި ޤައުމު އެމީހުންގެ ބާރުގެ ދަށަށް ދާތަނެވެ.

ދާދިފަހުން ރާއްޖެއިން ޑީޕޯރޓް ކޮށްލި އަބޫ ހަނީފް އަކީ 2014 ވަނަ އަހަރު އާދައިގެ ވަޑިއެއްގެ ވަޒީފާއަށް ރާއްޖެ ގެނައި ބަންގްލަދޭޝް މީހެކެވެ. އޭގެ ފަސް އަހަރު ފަހުން އޭނާ ޑީޕޯރޓް ކޮށްލި އިރު އޭނާ ވަނީ ބޮޑު މަލްޓި މިލިއަނަރަކަށް ވެފައެވެ. އޭނާގެ އަމިއްލަ ލަގްޒަރީ ކާރާއި އެޕާރޓްމެން މާލޭގައި ހުއްޓެވެ. ދަތުރު ކުރަނީ އެމިރޭޓްސްގެ ފަސްޓް ކްލާހުންނެވެ. ހަމަ އެދުވަހު ޑިޕޯރޓް ކޮށްލި ބަނގްލަދޭޝްގެ ޝަފީގުލް އިސްލާމްގެ އަމިއްލަ އެތައް ފިހާރައަކާއި ގެސްޓް ހައުސް މާލޭގައި ހުއްޓެވެ. ދިވެއްސެއްގެ ނަމުގައެވެ. ނަމަވެސް ވެރިއަކީ ޝަފީގުލް އިސްލާމެވެ. މިދެމީހުން ޑިޕޯރޓް ކޮށްލިއަސް މިމީހުންނާ ގުޅިފައިވާ ދިވެހި އަދި ބިދޭސީ ނެޓްވޯރކްގެ އެހެން މީހުން ހޯދިފައެއް ނުވެއެވެ. އެނެޓްވޯކް ނުހޯދާ މިމީހުން ޑިޕޯރޓް ކޮށްލުމުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) އަށް ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައި ވެއެވެ.

ޑިޕޯރޓް ކޮށްލެވުނު އަބޫ ހަނީފްގެ ލަގްޒަރީ ކާރު ހުންނަ ވާހަކަ އާއި ފަސްޓް ކްލާހުން ދަތުރު ކުރާ ވާހަކަ ލިޔުމުން އޭނާއާ އެއްކޮޅަށް ވާހަކަ ދެއްކި މަދު ބައެއް މީހުން މަލާމާތުގެ ގޮތުގައި ބުނެފައިވަނީ ލަގްޒަރީ ކާރު ދުއްވައި ފަސްޓް ކްލާހުން ދަތުރު ކުރަންޖެހޭނީ ހަމައެކަނި ދިވެހީންނެވެ؛ އަދި އެއީ ބަނގްލަދޭޝް މީހުން ކޮށްގެން ވާނެ ކަމެއް ނޫނެވެ! ނަމަވެސް މިތަނުގައި މައްސަލައަކީ އެމީހުން ލަގްޒަރީ ކާރުދުއްވުމެއް ނުވަތަ އެމިރޭޓްސްގެ ފަސްޓް ކްލާހުން ދަތުރު ކުރުމެއް ނޫނެވެ. މައްސަލައަކީ ރަނގަޅަށް ލިޔަން ކިޔަން ނޭނގޭ ބިދޭސީން، މަސައްކަތު މީހުންގެ ގޮތުގައި ރާއްޖެ އައިސް، ކޮންމެވެސް ދިވެއްސެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީކޮށް، ދިވެހި މީހާއަށް މަހަކު ކުޑަ ލާރިކޮޅެއް ދީފައި، ބިދޭސީމީހާ ޤަވާއިދާ ހިލާފަށް ވިޔަފާރި ކުރުމެވެ. ދުވަސް ކޮޅަކުން އެތައް ފިހާރައަކާއި، އެތައް ގެސްޓް ހައުސް އެއްގެ ވެރިޔަކީ އެއްކަލަ "މަސައްކަތު" މީހާއެވެ. ވިޔަފާރި ހިންގަނީ މަނީ ލޯންޑަރިންއާއި ޑްރަގްގެ ވިޔަފާރި އާއި އެނޫންވެސް ވިޔަފާރި ހިމެނޭގޮތަށް، މާފިއާ ސްޓައިލަށެވެ. މައްސަލައަކީ މިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރެވޭނީ ބިދޭސީންނަށް ވޯކް ވިސާ ދޭ އަދަދު ކަނޑައަޅައިގެން ކަމަށް ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ދާދި ފަހުން މީޑިއާއަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެއަދަދު ކޮންޓްރޯލް ކުރާނެ ގޮތެއް ހަނަފީ ވިދާޅެއް ނުވެއެވެ. ހަނަފީ ވިދާޅުވީ ބިދޭސީންގެ އަދަދު ކޮންޓްރޯލް ކުރުމަށް ހިންގާ ކަންތައްތަކުގެތެރެއިން އަންނަ އޮކްޓޯބަރު މަހު ވަރަށް މުހިއްމު މަސައްކަތެއް ފެށިގެން ދާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތެއް ކަމެއް ވެސް ތަފުސީލްކޮށް ވިދާޅެއް ނުވެއެވެ. މިމައުލޫގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދިފަހުން ވިދާޅުވެފައި ވަނީ ބިދޭންސީގެ އަދަދު ރާއްޖޭގައި އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ވިސްނަން ޖެހޭ ކަމަށާއި ބިދޭސީންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ މައްސަލަ ރަނގަޅަށް މެނޭޖުކުރަން ޖެހިފައިވާ ކަމަށެވެ. ކޮންޓްރޯލަރ އޮފް އިމިގްރޭޝަނާއި، ޕޮލިސް ކޮމިޝަނަރުގެ ވާހަކަތައް ކިތައްމެހާވެސް ރަނގަޅެވެ. ނަމަވެސް އަމަލީ ގޮތުން މިބޮޑު މައްސަލަ ހައްލުވުމުގެ ކޮޅުމަތި ފެންނަން އަދި ކައިރިވެސް ނުވެއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކާއި، ސިޓީ ތަކާއި، ރަށް ރަށުގެ ކުދި ފިހާރަތަކާއި، ގާޑިޔާ ތަކާއި، ކުދި ކެފޭ ތަކާއި، ބައެއް މަސް ދޯނިތަކާއި، ޑޮލަރު ގަނެ ވިއްކުމުގެ ވިޔަފާރި އާއި، ކުދި ގެސްޓް ހައުސް ތަކާއި، ރެކްރޫޓްމެންޓް ފަދަ އެތައް ވިޔަފާރިއެއް މިވަގުތުން މިވަގުތަށް ވެސް ކޮންޓްރޯލް ކުރަމުން އެދަނީ ޤަވާއިދާ ހިލާފަށް ބިދޭސީންނެވެ. މަނީ ލޯންޑްރިންއާއި، ހިއުމަން ޓްރެފިކިންގާއި، އަދި ކިއެއްތަ ޑްރަގް ވިޔަފާރީގައިވެސް ބަންގްލަދޭޝް މީހުންގެ ބައިވެރިވުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ މަޖުލިހުގެ ރައީސް ވަރަށް ފޯރިއާއެކު، ދީނީ ފަރާތްތަކަށް އަމާޒު ކުރައްވައި، "އަނދިރި ދައުލަތެއް" ގެ ވާހަކަ ދައްކަވާއިރު، ރާއްޖޭގައި އޮތް އެންމެ ބޮޑު "އަނދިރި ދައުލަތް" އަކީ ބިދޭސީން ޤަވާދާއި ޤާނޫނާ ހިލާފަށް މުޅި ޤައުމުގެ ވިޔަފާރީގެ ކޮންޓްރޯލް ނެގުމަށް މިހިންގާ ބިޔަ "ވެރިކަން" އެވެ. މި އަނދިރި ދައުލަތް މުލުން ލުހެލައި، މި ކަން ނިމުމަކަށް ގެނެވޭނީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަނާއި، ޕޮލިސް ކޮމިޝަނަރ އާއި، ޑިފެންސް މިނިސްޓަރާއި، އިކޮނޮމިކް މިނިސްޓަރާއި، ޓޫރިޒަމް މިނިސްޓަރާއި، އަދި ހުދު ރައީސުލް ޖުމްހޫރިއްޔާވެސް މިހާރަށް ވުރެ ސީރިއަސް ކޮށް މިމައްސަލަ ނަންގަވައި، ޤައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގެ ގޮތުގައި މިމައްސަލައާ ކުރިމަތި ލައްވައިގެންނެވެ. ބިދޭސީންގެ "އަނދި ދައުލަތް" ނިމުމަކަށް ގެނައުމަކީ ރާއްޖޭގެ ކުރިމަގާއި، ޤައުމުގެ ސަލާމަތާއި، ރައްކާތެރިކަމާ ގުޅިފައިވާ ނުހަނު ނާޒުކް، މުހިއްމު މައްސަލައެކެވެ.