ދުނިޔެ

ސައުދީގައި ތެޔޮ އުފައްދާ ދެ ސަރަހަދަކަށް ދިން ހަމަލާއާއި ގުޅިގެން ދުނިޔޭގައި ތެލުގެ އަގު އުފުލިއްޖެ

މަރިޔަމް ޝަހުދާ

ސައުދީ އަރަބިއްޔާގައި ތެޔޮ އުފައްދާ ދެ ސަރަހައްދަކަށް އިއްޔެ ދިން ހަމަލާއާއި ގުޅިގެން ދުނިޔޭގައި ތެލުގެ އަގު އުފުލިއްޖެ އެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށާފައި ވަނީ ސައުދީގެ ތެޔޮ އުފައްދާ ކާރުހާނާއަކަށް މިދިޔަ މެއި މަހު ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެންނެވެ. އަދި އިއްޔެގެ ހަމަލާއާއެކު ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑު ތަނުން މަތިވާނެ ކަމަށް ވެސް ސީއެންއެން އިން ރިޕޯޓު ކުރެއެވެ.

ސައުދީން ވަނީ މެއި މަހުގެ އިތުރުން އިއްޔެ ދިން ހަމަލާތަކުގެ ސަބަބުން އެ ގައުމުގައި ތެޔޮ އުފައްދާ މިންވަރު ދަށްވެފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އިއްޔެގެ ހަމަލާއާއި ގުޅިގެން އެގައުމުން ތެޔޮ އުފައްދާ މިންވަރު %50 ދަށްވެފައިވާކަމަށް ވެސް ސައޫދީން ބުނެއެވެ.

ތެލުގެ އަގަށް އައި ބަދަލާއެކު ތެޔޮ ސަޕްލައި ކުރާ މިންވަރު ދަށް ވުމުން އެމެރިކާގެ ރައީސް ޑޯނާލްޑް ޓްރަމްޕް ވަނީ އެގައުމުގެ އިމަޖެންސީ ރިޒާވްގައި ހުރި ތެޔޮ ބޭނުންކުރުމަށް އަމުރުކޮށްފައެވެ. ސީއެންއެން އިން ރިޕޯޓު ކުރި ގޮތުގައި ޓްރަމްޕް ވިދާޅުވީ ބޭނުން ޖެހިއްޖެ ހާލަތުގައި އެމެރިކާގެ މާކެޓުގައި ތެލުގެ ސަޕްލައި މަދުވިޔަ ނުދިނުމަށް އެގައުމުގެ އިމަޖެންސީ ރިޒާވްގައި ހުރި ތެޔޮ ބޭނުން ކުރުމަށެވެ.

އިއްޔެގެ ހަމަލާއާއި އާއި ގުޅިގެން ސައުދީގެ ތެޔޮ ކާރުހާނާއަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު ޔަމަންގެ ހޫޘީން ވަނީ މި ހަމަލާގެ ޒިންމާ ނަގާފައެވެ. ނަމަވެސް އެމެރިކާއިން ވަނީ މި ހަމަލާއަކީ އީރާންގެ ހަމަލާއެއް ކަމަށް ތުހުމަތުކޮށްފައެވެ.