ޚަބަރު

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ނަޖާހް މަސްއޫދަށް

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް ސަން އޮންލައިންގެ ނޫސްވެރިޔާ ނަޖާހު މަސްއޫދަށް ލިބިއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ނަޖާހުއަށް ހަވާލުކޮށްދެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރަައީސް ހިދާޔަތުﷲއެވެ.

މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑަށް ފަސް ނޫސްވެރިން ވާދަކުރިއެވެ. އަދި އެ ހުރިހާ ފަރާތާ އެމްއެމްސީން އިންޓަވިއުކޮށް އެ އެވޯޑަށް ނޮމިނޭޓްކުރީ ހަތަރު ނޫސްވެރިއެކެވެ.

އެއީ "ވަގުތު" އޮންލައިންގެ ރީއާން ރަޝީދާއި "ސަންގުޓީވީ"ގެ މާހަތު ހުސެއިންގެ އިތުރުން "އަވަސް"ގެ އަލީ އަފާފް ރަމީޒެވެ.

ގދ. ދާންދޫއަށް އުފަން އުމުރުން 22 އަހަރުގެ ނަޖާހަކީ 2017 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެކެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ "ވަގުތު" އޮންލައިންގައެވެ. އަދި ސަން އޮންލައިންއާ ގުޅުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

ހުރިހާ ދާއިރާއެއްގެ ހަބަރާއި ރިޕޯޓްތައް ވެސް ލިޔާ، ނަޖާހް ބޮޑަށް ފާހަގަކުރެވިފައިވަނީ ޝަރުއީ އަދި ސިޔާސީ ދާއިރާގެ ހަބަރާއި ރިޕޯޓް ލިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލް ކޮށްފައިވަނީ އަވަސް އޮންލައިންގެ ސަބް އެޑިޓަރު ނާޒިމް ހަސަންއެވެ. އޭނާއަށް ވަނީ ޝަރުއީ އަދި ގާނޫނީ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް މިރޭ ލިބިފައެވެ.