ޕޮލިސް

ރިލްވާންގެ މަރުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފުލުސް ދެ އޮފިސަރުން ވަޒީފާއިން ވަތްކެއް ނުކުރޭ

މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހުމަދު ރިލްވާން އަބްދުﷲގެ މަރުގެ މައްސަލައާބެހޭގޮތުން، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަކޮށްފައިވާ، ފުލުހުންގެ އިންޓެލިޖެންސް ދެ އޮފިސަރުން ފުލުހުންގެ ވަޒީފާއިން ވަކި ނުކުރާކަމަށް ފުލުހުން ބުނެފިއެވެ.

އެދެ އޮފިސަރުން ވަޒީފާއިން ވަކިކުރުމާބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ އެ ފުލުހުން ވަޒީފާއިން ވަކި ނުކުރާ ކަމަށެވެ.

ރިލްވާން މައްސަލައާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ އިންޓެލިޖެންސް ދެ އޮފިސަރުންނަކީ މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ.

ރިލްވާންގެ މަރުގެ މައްސަލަ ބަލައި، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓުން ދައްކާގޮތުގައި ރިފްއަތާއި ޖިނާހު، ވަނީ ރިލްވާންގެ ފޯނު ކޯލްތައް 24 އޭފްރީލް 2014 އިންފެށިގެން 21 ޖުލައިގެ ނިޔަލަށް އަޑުއަހައިފައެވެ. އަދި ރިލްވާން ރާއްޖެއިން ފުރައިގެން ޖިހާދުކުރަން ސީރިއާއަށްގޮސް މަރުވެއްޖެކަމަށް ދެއްކުމަށް ރިލްވާންގެ ޕާސްޕޯޓް ހެދުމަށް އިމިގްރޭޝަންގެ އޭރުުގެ ކޮންޓްރޯލާ ހަސަން އަލީއާ އެ ދެބޭފުޅުން ބައްދަލުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ ދެ ފުލުހުން ހައްޔަރުކުރުމަށް އަމުރަކަށް އެދުމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ފުލުހުންނަށް އެންގެވިއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ، އެ ދެފުލުހުން ފުލުހުންގެ މަސްއޫލިއްޔަތުންވަނީ ދުރުކޮށް، އެ ދެ މީހުންގެ މައްޗަށް ތަހުގީގުތަކެއް ފަށައިފައި ކަމަށެވެ.