ފ. ނިލަންދޫ

ނިލަންދޫގައި ހުންނަ ރުކުން ރުއްފަޅާ ރުއް، އުމުރު 30 އަހަރަށްވުރެ މަތީގައި، އަޅައިލާނެ މީހަކު ނެތް!

ސިނާން އަލީ

1

ނިލަންދޫގައި ހުޅަނގު ފަރާތު ބަނދަރު ސަރަހައްދުގައި ހުންނަ ރުކުން ރުއް ފަޅާ ރުކަކީ، މި ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހެއްގެ ވެސް ހާއްސަ ސަމާލުކަމެއް ލިބޭ ރުކެކެވެ. ރަށަށް ޒިޔާރަތް ކުރާ މީހުންނަށް މިރުއް ދެއްކުމަކީ، މިރަށުން ފެންނާން ހުރި ތަފާތު ކަންކަމުގެ ތެރޭގައި ރަށު ރައްޔިތުން ހިމަނާފައިވާ ކަމެކެވެ. ދިވެހީންގެ ތެރޭގައި މިއަދު ވެސް ގިނަ ވާނީ މި ފަދަ ރުކެއް ހަމަލޮލުން ނުދެކޭ މީހުނެވެ. އެހެންކަމުން ރަށު ރައްޔިތުންގެ އެ ނިންމުން ރަނގަޅު ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

މި ރުކަކީ އާދައިގެ ދިވެހި ރުކެއް ނަމަވެސް މިރުއް ހުރީ ރުކުގެ އުމުރާ އަޅައި ބަލާއިރު، އެހާ ދިގުކޮށް ހެދިފައެއް ނޫނެވެ. ރައީސް މައުމޫނުގެ ފުރަތަމަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެންބަރުކަން ކުރެއްވި، މި ރަށު އަލީ އަހުމަދު (ދޮންބޭބެ) ވިދާޅުވީ އެ ރުކުގެ އުމުރުން މިހާރު 30 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. މި ރުކަކީ ކުރީން ވަރަށް ގިނަ ކުރި ފަޅައި ފުޅާކޮށް ހެދުނު ރުކެއް ކަމަށާއި މިހާރު އޭގެން ގިނަ ކުރިތައް މަރުވެ ގޮސްފައި ވަނީ އަޅައި ނުލެވި ހުރުމުގެ ސަބަބުން ކަމަށް ދޮންބޭބެ ވިދާޅުވި އެވެ.

"ކުރީން ތި ރުއް ވަރަށް ރީތިވާނެ. ވަށައިގެން ކުރިތައް ފަޅައި ހެދިފައި ހުރި. މިހާރު ވެފަަ ހުރިގޮތަކީ ރުކުގެ ކޮޅު ބެދުނީމަ ރަނގަޅަށް ނުހެދި އަލުން ފަޅާ ކުރިތައްވެސް މަރުވަނީ. މިހާރު ތި ރުކުގެ އަސްލު ރީތިކަން ތިހުރީ ގެއްލިފަ." ދޮންބޭބެ ބުންޏެވެ.

މި ރުކުގެ ކޮޅު މުޅީން ކަހަލަ ގޮތަކަށް ބެދިފައިވާ އިރު، ކުރީން ކުރި ފަޅައި ހެދިފައި ހުރި، އެހެން ނަމަވެސް މިހާރު މަރުވެފައި ހުރި ބުޑުތައް ރުކުން ފެންނާން އެބަހުއްޓެވެ. އެފަދަ ބައެއް ބުޑުތައް ރުކުގެ އެންމެ ތިރިޔާ ހަމަޔަށް ވެސް ފެންނާން އެބަ ހުއްޓެވެ.

މި ރަށުގެ ބައެއް މީހުން ކިޔައިދިން ގޮތުގައި، އެއް ދުވަސްވަރެއްގައި މި ރުއް 35 ކުރިޔަށް ހެދިފައި ހުއްޓެވެ. އެއިން ކޮންމެ ކަތްޕެއްގައި ވެސް ފަންއަޅައި، ކޮޅުގަނޑު ރަނގަޅު ފެންވަރަކަށް ހެދިފައި ހުއްޓެވެ. ރަށު މީހުންގެ ވާހަކަ ތެދުކަމަށް ބުރަވެވެނީ، މިހާރު ވެސް މި ރުކުގެ މައި ކުރީގެ އިތުރުން، އިތުރު ކުރިތައް ފެންނާން ހުރުމުންނެވެ. ރުކުގެ ވަރަށް ތިރީގައި ފަން ގަނެފައި ހުރި ދެރުއް ހުރި އިރު، އަލަށް ފަޅާފައި ހުރި ޅަ ކުރިތައް ރުކުގެ މެދެއްހާ ހިސާބުގައި ފެންނާން އެބަ ހުއްޓެވެ.

މި ރުކަކީ ރަށަށް އަންނަ ފަތުރުވެރީންނަށް ވެސް ދައްކާ، ރަށަށް ޒިޔާރަތްކުރާ އެހެން މެހެމާނުންނަށް ވެސް ދައްކާ، ރަށުގެ ތާރީޚީ އަދި އާދަޔާ ޚިލާފު ޓްރޭޑް މާކަކަށް ވެފައިވީ ނަމަވެސް، މި ރުކާ ގުޅޭ ދިރާސާއެއް އެއްވެސް ބަޔަކު ކޮށްފައެއް ނުވެ އެވެ. ރުއްގަސްފަދަ ގުދުރަތީ ވަސީލަތްތައް ތަރިކައިގެ ގޮތުގައި ހިމެނޭ އާންމު ހިމެނުން ފިޔަވައި، ގައުމީ ނިސްބަތުގައި، މި ރުކަށް އިތުރު ހާއްސިއްޔަތެއް ލިބިފައެއް ނުވެ އެވެ. ވެރިފަރާތުން ކަނޑާލަން ބޭނުންވެއްޖެ ނަމަ މިހާރުވެސް އެކަން ކުރެވޭނެ އެވެ.

ގައުމީ ތަރިކައެއްގެ ގޮތުގައި، ނުވަތަ ހިމާޔަތުގެ ލިސްޓުގައި މި ފަދަ ތަަފާތު ގުދުރަތީ ރުއްގަސް ނުހިމެނެނީ ކީއްވެތޯ ސުވާލު ދެންނެވުމުން، ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވީ ހެރިޓޭޖް މިނިސްޓްރީއެއް މިހާރު އުފައްދާފައި އޮތް ނަމަވެސް، ރުއްގަަސް ފަދަ މި ފަދަ ވަސީލަތްތަކުގެ ބައި އަދިވެސް އޮންނާނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ދަށުގައި ކަމަށެވެ.

"އަޅުގަނޑުމެން ބަލަނީ ތީ "ނެޗުރަލް ހެރިޓޭޖް" (ގުދުރަތީ ތަރިކަ) އެއް ކަމަށް. އެހެންވީމަ ތިބައި މި އޮންނަނީ އެންވަޔަރަންމެންޓް މިނިސްޓްރީ ދަށުގައި." ތޯރިގު ވިދާޅުވި އެވެ.

އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް މި ސުވާލު ދެންނެވުމުން ވިދާޅުވީ، ތީ ވަރަށް ކޮމްޕްލެސް ސުވާލެއް ކަމަށާއި އެހެން ނަމަވެސް މިހާރުގެ މެންޑޭޓު އޮތީ އެ މިނިސްޓްރީގައި ކަމަށެވެ. ނަމަވެސް އެ ރުކުގެ މާބޮޑު މައުލޫމާތެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އާންމު އުސޫލެއްގެ ގޮތުން ރުއް ގަސް ކެނޑޭނީ މި މިނިސްޓްރީން ހުއްދަ ލިބިގެން. އެހެންވީމަ ޖުމުލަ ގޮތެއްގައި ބަލާ އިރު ތި ރުއް ވެސް ހުންނާނީ އެ އުސޫލުން ބަލާ އިރު ހިމާޔަތް ވެފައި. ދެން ތި ރުކުގައި ތަފާތުކަމެއް ހުރެގެން ހާއްސަ ހިމާޔަތެއް ދޭން އެ ރަށު ކައުންސިލުން ވެސް އަދި އެހެން ފަރާތަކުން ވެސް އެދިފައެއް ނެތް. އެފަދަ ރިކުއެސްޓެއް އައިސްފި ނަމަ އަޅުގަނޑުމެންނަށް އެއީ ކުރަން ޖެހޭ ވަރުގެ ކަމެއްތޯ ބެލޭނެ." މިނިސްޓަރު ހުސެއިން ވިދާޅުވި އެވެ.

ރުކުގެ ވެރިފަރާތް ކަމަށްވާ މިރަށު، އެއްގަލި، އަބްދުއްރައްޒާގު މުހައްމަދު ބުނިގޮތުގައި ރުއް އިންދީ 1987 ވަނަ އަހަރުގެ ޑިސެމްބަރުމަހު އެވެ. އެއީ އާދައިގެ ދިވެހި ރުކެއްގެ ކާއްޓެއް ކަމަށް ރައްޒާގު ބުންޏެވެ.

އިހުގެ ބައެއް މީހުން ބުނިގޮތުގައި، ރުކުން ކުރި ފަޅައި ކަފި ކަތްޕަށް ހެދޭ ގޮތް މެދުވެރިވަނީ ރުކުގެ ކުރިގަނޑުން ބައެއް މަޑި ކެއުމުން، އެ ކުރިގަނޑުގެ ވަށައިގެން ހުންނަ ކުރިފަޅައި ހެދުމުގެ ބާރަށް އަންނަ ގުދުރަތީ ބަދަލެއްގެ ސަބަބުންނެވެ. އެހެން ބައެއް މީހުން ބުނިގޮތުގައި، މި ގޮތަށް ރުކުން އިތުރު ކުރިފަޅައި ހެދުމަށް މެދުވެރިވާ ސީދާ ސަބަބު ހޯދިފައެއް ނުވެ އެވެ.

ނިލަންދޫގައި ކަފިކަތްޕަށް ހެދޭ ރުކާ ބެހޭ ގޮތުން ވާހަކަދައްކާއިރު ބޮޑަށް ބުރަވެވެނީ މި ކަމާ ރުކުމަޑިޔާ ގުޅުމެއް ނެތް ކަމަށެވެ.

އެ ރުއް އެއްވެސް އިރަކު މަޑިކައިފައެއް ނުވޭ. އެހެންވީމަ މަޑިކެއުމާ މިކަމާ އެއްވެސް ގުޅުމެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ." ރައްޒާރު ބުންޏެވެ.

ރައްޒާގު ބުނީ މި ރުއް ދުވަހަކު ވެސް ފޯދިފައި ނުވާ ކަމަށާއި އަބަދުވެސް ފަޅަނީ ކުރި ކަމަށެވެ. އެ ގޮތުން ރުއް އެންމެ ފުރަތަމަ ހެދުނު އިރު ވެސް އެތް ނާންނަ ކަމަށާއި ފަހުން ރުކުގެ މައި ދަނޑީންނާއި އެ ދަނޑީން ކަފިލައި ފެޅި ކުރިތަކުން ވެސް އިތުރު ކުރި ފަޅާ ކަމަށެވެ. ރައްޒާގު ބުނީ 2011 ވަނަ އަހަރުގެ ތެރޭގައި، ފިޝަރީޒް މިނިސްޓްރީއަށް ގޮސް މި ރުކުގެ ވާހަކަދެއްކި ކަމަށެވެ. މި ރުއް ހިމާޔަތް ކުރުން ނޫނީ ރުކާ ގުޅޭ ގޮތުން ސަރުކާރުން ވިސްނަން ވެސް އެދުނު ކަމަށެވެ.

"އެމީހުން ބުނީ ރުކަށް ރަނގަޅަށް ފަރުވާދީ، ބަލަހައްޓަމުން ގެންދާށޭ. އެކަމަކު އެ ރުކަކީ ދުވަހަކުވެސް އެއްޗެއް އެޅި ރުކެއް ނޫން. ގަހެއް ގޮތަށް ކަފި ކަތްޕަށް ހެދެމުން ދަނީ. ވަކަރުގަނޑުގައި އާރެއްވެސް ނުލާ. އަޅުގަނޑުމެންގެ ހާލަތު ހުންނަ ގޮތުން އެކަމަށް ހުސްވެ ތިބެ ރުއް ބެލެހެއްޓޭނެ ގޮތެއް ނޯވޭ. އެގޮތަށް ހުރެ އެ ރުކުގެ އަސްލު ރީތިކަން އެވަނީ ވަރަށް ބޮޑަށް ގެއްލިފަ، ކޮޅު ބެދިފަ ހުރީމަ އިތުރަށް ހެދިބޮޑުވުން ވެސް ވަނީ މަޑުޖެހިފަ." ރައްޒާގު "ވަން"އަށް ކިޔައިދިނެވެ.

ރައްޒާގު ބުނީ އެ ރުއް ގަންނާން ޓޫރިސްޓު ރިސޯޓަކުން އައިސް ވާހަކަދެއްކި ކަމަށާއި އެހެން ނަމަވެސް ފަހުން ހަބަރެއް ނުވި ކަމަށެވެ. އެމީހުންގެ ހަބަރެއް ފަހުން ނުވީ، އެ ގޮތަށް ހެދޭ ރުއްތައް އެހެން ފަސްގަނޑެއްގައި ގޮސް ޖެހުމުން ނުހެދޭނެ ކަމަށް ބައެއް މީހުން ލަފާދިނުމުން ކަމަށް ވެސް ރައްޒާގު ބުންޏެވެ.

މި ރުކުގެ އުމުރުން، 32 އަހަރުވެ، ރުކުގެ ހަޔާތުގައި މިހާރު ވެރިކަން ކުރައްވަނީ ފަސް ވަނަ ރައީސް ކަމަށް ވެފައި، ނިލަންދުއަށް ޒިޔާރަތްކުރާ ވަޒީރުންނާއި ސަރުކާރުގެ ވަފުދުތަކަށް ވެސް މީ މުހިންމު އަދި ތަފާތު ރުކެއް ކަމަށް ދެކިގެން، މި ރުކުގެ ކައިރީ ފޮޓޯތައް ނަގަމުން އަންނައިރު، މި ރުކަށް ޖެހޭނެ ހާލެއް ޖެހެން ދޫކޮށްލާފައި ހުރީ ކީއްވެތޯ ސުވާލު އުފެދެ އެވެ.

ގައުމީ ނިސްބަތުގައި މިއީ ކުޑަކުޑަ ވާހަކަޔަކަށް ވެދާނެ އެވެ. އެކަމަކު، ލާމަރުކަޒީ ނިޒާމު މިނިވަންވެ، ރަށްރަށުގެ އިހުތިސާސް ފުޅާވެ، ރަށަށް ވަންނަ ފައިސާ ސީދާ ރައްޔިތުންނަށް ލިބޭން ފަށާ އިރު މި ފަދަ ކޮންމެ ވަސީލަތަކީ ވެސް މުހިންމު އެއްޗަކަށް ވާނެ އެވެ. ގުދުރަތީ ރީތި ފަޅެއް އަދި ރީތި ހުދު ދޮންވެލި ގޮނޑުދޮށެއް ނިލަންދޫގައި އެބަ އޮތެވެ. ލޯކަލް ޓޫރިޒަމް ތައާރަފުވެ ފުޅާވަމުން އަންނަ ރަށެކެވެ. އެހެންކަމުން މި ފަދަ އާދަޔާ ހިލާފު ކޮންމެ އެއްޗަކީ އޭގެ ޒާތުގައި ޓޫރިސްޓުން ވެސް އަދި ދިވެހީންވެސް ޝައުގުވެރި ކުރުވޭނެ ތަކެއްޗެވެ.

ރަށުގެ ބައެއް މީހުން ބުނި ގޮތުގައި، މި ރުއް ހިމާޔަތް ކޮށް ކޮޅުގަނޑު ސާފުކޮށް، ހެދޭނެ ޖާގަ ދީފި ނަމަ، އަލުން އާ ބާރަކާ އެކު ރުއް ހެދި އިތުރު ކުރިތައް ފަޅައި ވަރަށް ވެސް ފުރިހަމަ އަދި ތަފާތު މަންޒަރެއްގެ ގޮތުގައި މި ރުއް ދެއްކޭނެ އެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއް ނޫނެވެ.

މި ކަމުގައި ކޮންމެވެސް އެއް ބަޔަކު އިސްނަގަން އެބަ ޖެހެ އެވެ. ކުޑަ ކަމަކުން ވެސް ހޯދޭނެ މަންފާ ބޮޑުވެދާނެކަން ގަބޫލުކުރާން ޖެހެ އެވެ. މިއަދުގެ ސަރުކާރަކީ ޖަޒީރާވަންތަ ރާއްޖެއަކަށް އިސްކަންދޭ ސަރުކާރަކަށް ވެފައި، ތާރީޚާއި ސަގާފަތު އަދި ތަރިކަ ހިމާޔަތް ކުރާން ވަކި މިނިސްޓްރީއެއް ވެސް އޮތް އިރު، މި ފަދަ ކަންކަމަށް އަވަސް ފިޔަވަޅު އެޅެމުން އަންނަ މަންޒަރު ފެނުން މުހިންމެވެ.

މި ލިޔުން ނިންމައިލުމުގެ ކުރީން ބުނެލަން ބޭނުންވާ އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. އެއީ ނިލަންދޫގައި ތާރީޚީ ގޮތުން ހިމާޔަތްކޮށްފައި އޮތް، "ފޯއްމަތި" ވެސް ހިމާޔަތްކޮށްފައި އޮތީ "އަމާ ބުނީތީ ފަރަށްދާ އުސޫލުން" ކަމެވެ. ހިމާޔަތޭ ކިޔާފައި ކޮށްފައި އޮތް އެއްވެސް ކަމެއް އެތަނަކުން ފެންނާކަށް ނެތެވެ. ފޯއްމައްޗަކީ ނިލަންދޫގެ އެންމެ ބޮޑު ތާރީޚީ ސަރަހައްދެވެ. އެތަނުގައި ހުރި ތަކެއްޗަކީ ކޮންމެވެސް ޒަމާނެއްގައި، ނިލަންދޫގައި އުޅުނު ބަޔަކު އަޅުކަން ކުރި ތަކެތި ކަމަށް ބުނެވެ އެވެ. މިއަދު މިސަރަހައްދަކީ ވެސް ރަށުގެ ބައެއްގެ ގޮތުގައި ހުޅުވި ސަރަހައްދުގެ ތެރެއިން އެއްގަމު ވެހިކަލްތައް ވެސް ދުއްވާ ތަނެކެވެ. ފޯއްމަތީގެ ނަން ހާއްސަވާ "ގާތައް" ހުރީ ހުންނާނެ ގޮތަކަށް ހުންނާނެ ތަނަކަށް "އުކައިލާފަ" އެވެ.