ރައްޔިތުންގެ މަޖިލިސް

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ހާއްސަ ޖަލްސާތައް އާދިއްތަ ދުވަހު ފަށަނީ

އިބްރާހިމް ޒަކީ

ޓެރަރިޒަމްގެ ގާނޫނު އިސްލާހުކުރުމަށް ދައުރުން ބޭރުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާތައް މިމަހު 22ގައި ފަށަން ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ޓެރަރިޒަމްގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ.

ހާއްސަ ޖަލްސާގައި އޮތީ ހަމައެކަނި އެބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނަނީ، މަޖިލީހަށް ބިލެއްގެ ފުރަތަމަކިޔުން އިއްވައިފިނަމަ، އެ ބިލާ ބެހޭގޮތުން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ސާފު ހަތްދުވަސް ފަހުން ކަމަށެވެ. އަދި އެއަށްވުރެ އަވަހަށް އެ ބިލަކާ ބެހޭގޮތުން ޖަލްސާއެއް ބާއްވަން ބޭނުންނަމަ ޖަލްސާއެއް ބޭއްވޭނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވިތާ ސާފު ހަތްދުވަސް ދިނުމަށްފަހު، މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާ މަޖިލީހުގެ ރައީސް މަޝްވަރާ ކުރެއްވުމަށްފަހު އެއްބަސްވާ ދުވަހެއްގައެވެ.

އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، ފުރަތަމަ ކިޔުން އިއްވުމަށްފަހު ޓެރަރިޒަމްގެ ގާނޫނު އިސްލާހުކުރުމަށް ދައުރުން ބޭރުން ބާއްވަން ޖެހޭ މަޖިލިސް ހާއްސަ ޖަލްސާ ތިން ދުވަސް ދިނުމަށްފަހު ބޭއްވުމާ ބެހޭގޮތުން މަޖިލިސް ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމަށް ޕީއެންސީން އެއްބަސްވި ނަމަވެސް އެހެން ބައެއް ޕީޖީ ލީޑަރުން އެއްބަސް ނުވުން ނުވަތަ އެބޭފުޅުންނަށް މަޖިލީހުން ރީޗް ނުވެވުން ފަދަ މައްސަލަތަކެއް ދިމާވެގެން ޖަލްސާ ބޭއްވޭ ގޮތް ނުވީ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ހާއްސަ ޖަލްސާތައް ފަށަން ނިންމާފައިވަނީ މަޖިލިސް ގަވާއިދުގެ 89 ވަނަ މާއްދާގައި ބުނެފައިވާގޮތަށް އެ ބިލްގެ ފުރަތަަމަ ކިޔުމަށް ސާފު ހަތް ދުވަސް ދިނުމަށްފަހު ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅީ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަން ޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ރައީސުލް ޖުމްހޫރިއްހާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެންނެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުުގެ މައްސަލައާބެހޭ މައުލޫމާތު މީޑިއާއަށް ހިއްސާކުރުމަށް މިދިޔަ ހޯމަދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭ ކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.