އަންހެނުން

ޑރ. ޝަކީލާއަށް ބައިނަލްއަގުވާމީ ދެ އެވޯޑެއް

އާނިފާ ހުސެއިން ސިރާޖް

އަންހެނުން ބާރުވެރިކުރުމާއި އަންހެނުންކުރާ މަސައްކަތުގެ އަގު ވަޒަންކުރާ ދެ ޖަމިއްޔާއަކުން ޑރ. މަރިޔަމް ޝަކީލާއަށް، ދެ އެވޯޑެއް ދީފި އެވެ.

ޑރ. ޝަކީލާއަށް ލިބިވަޑައިގެންނެވި ބައިނަލްއަގުވާމީ ދެ އެވޯޑަކީ ސައުތު އޭޝިއަން ވިމެން ޑިވެލޮޕްމެންޓް ފޯރަމުން އިންތިޒާމުކޮށްގެން ނޭޕާލުގެ ކަތަމަންޑޫގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ވިމެންސް އެންޓަރޕްރެނިއާޝިޕް ސަމިޓް 2019ގައި އެމެރިކާގެ ޖަމިއްޔާއެއް ކަމުގައިވާ އެތީނާ އިންޓާނޭޝަނަލް އިން ދިން ވިޔަފާރިވެރިންގެ ދާއިރާގެ އެކްސެލެންސް އެވޯޑާއި، މިމަހުގެ ހަޔަކުން ހަތަކަށް އިންޑިއާގެ މަދްޔަޕްރަދޭޝްގައި ކުރިއަށްގެންދިޔަ ގްލޯބަލް ސަމިޓް އޮފް ވިމެން އެންޓަރްޕްރެނިއާޝިޕް ގެ މާވޭ ގްލޯބަލް ވިމެންސް އެވޯޑެވެ.

ކަތަމަންޑޫގައި ކުރިއަށްގެންދިޔަ އިންޓަނޭޝަނަލް ވިމެންސް އިންޓަޕްރެނިއާޝިޕް ސަމިޓްގައި އެތީނާ އެވޯޑް ޑރ ޝަކީލާއަށް ހަވާލުކޮށްދެއްވީ ނޭޕާލުގެ ނައިބު ރައީސް ނަންދާ ބަހާދުރް ޕުންއެވެ.

ޑރ. ޝަކީލާ އަކީ ރާއްޖޭގެ ސިމްޑީ ގުރޫޕްގެ ސީއީއޯއެވެ. އައްޑޫ ވިމެންސް އެސޯސިއޭޝަންގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް ހިންގަވަމުން ގެންދަވާ ޑރ ޝަކީލާ އަކީ އޮސްޓްރޭލިއާގެ ކާޓިއުން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓްގެ އެޑްވައިޒަރީ ބޯޑުގެ މެންބަރެއްވެސްމެއެވެ. މީގެ އިތުރުން ޑރ ޝަކީލާ ގެންދަވަނީ ރާއްޖޭގައި ހުންނަވާ ބެލްޖިއަމްގެ އޮނަރަރީ ކައުންސިލްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ. އޭނާ ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމާއި އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.

ޑރ ޝަކީލާ އަކީ ގިނަ ދާއިރާތަކަކުން ރާއްޖޭގެ އަންހެނުންނަށް ފުރުސަތު ހޯއްދަވައި ދެއްވައި އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.