ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާއެއް ކަމަށްވާ އަރަމްކޯގެ ދެ ފެސިލިޓީ އަކަށް މިއަދު ދިން ހަމަލާ ރާއްޖޭގެ ސަރުކާރުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސައުދީގެ އަބްގައިގް އަދި ހިޖްރާ ޚުރައިސްއަށް ދިން ހަމަލާ އަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. މި ހަމަލާ ކުށްވެރިކޮށް މި ފަދަ، ގައުމުގެ އިންފްރާސްޓަކްޗާއަށް ގެއްލުންވާ ފަދަ ހަމަލާ ތަކަކީ އާންމުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ފަދަ ޓެރަރިޒަމްގެ ހަމަލާތަކުގެ ނޭދެވޭ އަސަރު އެ ސަރަހައްދާއި މި ހަމަލާ އަމާޒުވި ފަރާތްތަކުގެ ސުލްހަ މަސަލަސްކަމަށް ފޯރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ސައުދީއާއެކު ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭވެސް ސައުދީގެ ތެޔޮ އުފައްދާ ދެ ސަރަހައްދަކަށް ޑްރޯން މެދުވެރިކޮށް ވަނީ ހަމަލާތަކެއް ދީފައެވެ. އެފަހަރު ހަމަލާ ދީފައިވަނީ ސައުދީގެ އަރަމްކޯގެ އީސްޓް-ވެސްޓް ޕައިޕްލައިން ސަރަހައްދުގައިވާ ދެ އޮއިލް ޕަންޕިންގ ސްޓޭޝަނަށެވެ.