މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 38

އަބްދުﷲ ފާރޫގް ހަސަން

ތަޢުލީމު

ރާއްޖެއާއި މަލިކުގެ ޢިލްމީގުޅުން:


ދާދިފަހަކާ ޖެހެންދެން ރާއްޖޭގައިވެސް ތަޢުލީމުގެ މައިގަނޑަކީ ކީރިތިޤުރުއާން ކިޔެވުމާއި ދީނީ ޢިލްމު އުނގެނުންކަމުގައި ހިމެނިފައި އޮތް ފަދައިން އަޅުގަނޑުމެންގެ ކާބަފައިންގެ ދެވަނަ ދަރިކޮޅު ކަމުގައިވާ މަލިކުގައިވެސް އެކަންއޮތީ ހަމައެގޮތަށެވެ.

އިހުޒަމާނުގައި ރާއްޖޭގައިވެސް ކިޔަވައިދީ އުޅުނީ އެދުރުގެތަކާއި މިސްކިތްމިސްކިތުގައި ހިންގޭ ކްލާސްތަކުގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވުނު ރަސްމީ މަދަރުސާއަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ސިރީ ކުލަރަންމީބަ އިސްކަންދަރު ކައްތިރި ބަވަނަ މަހާރަދުން ހުކުރުމިސްކިތު ދޮރޯށިތެރޭގައި ހެއްދެވި މަދަރުސާއެވެ.

ހަމައެފަދައިން މަލިކުގައިވެސް އެވޭލާޒަމާނުގައި ކިޔަވައިދީ އުޅުނީ އެދުރުގެތަކާއި، މިސްކިތުގައި ހިންގާ ކްލާސްތަކުގައެވެ. އެ ތަންތާނގައި ކިޔަވައިދިނީ ހިލޭސާބަހަށެވެ. ނަމަވެސް ކޮންމެ ބުރާސްފަތި ދުވަހަކު އެދުރުގެއަށް ކާށިގެންގޮސްދިނުމާއި، ކޮންމެ ސޫރަތެއް ނިމުމުން، "މަލާފަތެއް" ގެންގޮސް ދިނުމަކީ ކުދީންގެ އާދައެކެވެ.

މިއީ، ރާއްޖޭގައި މިކަން އޮތްގޮތެވެ. ރާއްޖޭގައިވެސް އިހުގައި ކިޔަވާކުދީންގެ އަތުން ފީއެއް ނުނަގައެވެ. ނަމަވެސް އެދުރުގެއަށް ދޮންކޭލާއި، މަހާއި، ކާށިފަދަ ތަކެތި ގެންގޮސް ދިނުމާއި، އަލިފުބާ ޖެހުމާއި، ސޫރަތް ލިޔުއްވުމާއި، (ފިލިދަސްވެ ޤުރުއާން ކިޔަވަން ފެށުން) ކޮންމެ ސޫރަތެއް ނިމުމުން "މަލާފަތް" ނުވަތަ ފަރިވަޅު ގެންގޮސް ދިނުމަކީ މިރާއްޖޭގައި އޮތް ކަމެކެވެ. ޚުދު އަޅުގަނޑުވެސް އެދުރުގެއަށް ސޫރަތް ލިޔުއްވި މަލާފަތް ގެންގޮސްދިނީމެވެ. އާދެ، މިއީ އެއްޢާއިލާގެ ދެގޮފި އެއްގޮތަކަށް ޙިއްޞާ ކުރަމުންއައި އެއްޘަޤާފަތެކެވެ.

ރާއްޖެއެކޭ އެއްފަދައިން އިހުގައި މަލިކުގައިވެސް ޤުރުއާން ކިޔަވަނީ ފިލާގައި ލިޔެގެންނެވެ. ފިލާ ހިތުދަސްކުރަމުން ގެންގޮސް ޚަތިމު ކުރަނީއެވެ. އެދުރުގެތައް ނުވަތަ މިސްކިތުގެ ކްލާސްތައް ނިމުމުން ޢަރަބިބަހާއި، ހިސާބު ޢިލްމާއި، ނިޔަމިކަމާއި، ކީރިތި ޤުރުއާނުގެ ތަފްސީރާއި، ޙަދީޘް އުނގެނުމަށް ޚާއްޞަ އެދުރުންގެ ގާތަށް ދެއެވެ. މިކަމުގައިވެސް ދަންނަވަން ޖެހެނީ މިއީ ރާއްޖޭގެ ގޮތެއް ކަމުގައެވެ. ޚުދު އަޅުގަނޑުވެސް އެދުރުގެ ނިމުމަށްފަހު އިސްވެދެންނެވި ބާވަތުގެ ޢިލްމުތައް އުނގެނުމަށް ޚާއްޞަ އެދުރުންގެ ގާތަށް (އަޅުގަނޑުގެ ބޮޑުބޭބެއިންގެ އަރިހަށް) ދިޔައީމެވެ.

މަލިކުގައި އެދުރުންނަށް މުސާރަ ދޭން ފެށުނީ ރާއްޖެއާ މުޅިން ވަކިވެ ކަންނަންނޫރުގެ ދަށަށް ދިޔުމަށް ފަހުގައެވެ. އެދުވަސްވަރުން ފެށިގެން މިސްކިތްތަކާ ގުޅިފައިވާ ކްލާސްތަކުގެ މުދައްރިސުންނަށް މިސްކިތުފަންޑުން މުސާރައެއް ދެވެއެވެ. މިސްކިތުފަންޑަށް ފައިސާ ލިބޭގޮތް މަލިކުގެ ދީނީ ކަންތައްތަކާބެހޭ ބައިގައި ވަނީ ބަޔާންކުރެވިފައެވެ.

އެދުވަސްވަރު މަލިކުމީހުން ތަޢުލީމު ޙާޞިލުކުރުމަށް ރާއްޖެއައިސް ރާއްޖޭގެ އެދުރުންނަށް ދަރިވަރުވަމުން ދިޔައެވެ. ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށްވެސް ޢިލްމު ޙާޞިލުކުރަން ގޮސް އުޅުނުކަމަށް ވެއެވެ. މިއީ ރާއްޖޭގެ އެހެނިހެން އަތޮޅުއަތޮޅުންވެސް ދެކުނަށް ކިޔަވަންދިޔަ ފަދައިން ގޮސްއުޅުނު އުޅުމެކެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ސަރަޙައްދަކީ "މަލިކައްޑޫ" ދެމެދެވެ. މަލިކަކީ ރާއްޖޭގެ އެއްއަތޮޅެވެ.

މަލިކަށް "ރަޙްމަތާއި، ބަރަކާތާއި، އަލިކަން ލިބެނީ މިކޮޅުން" ކަމަށް މަލިކު ތަކަންދުގޯތީ އިސްމާޢީލްކާކަ ބުނުއްވާފައިވަނީ ހަމަ ހެޔޮކޮށެވެ.

މަލިކުމީހުން ރާއްޖެއިން އުނގެނޭ ޢިލްމުތަކުގެ ތެރޭގައި ދީނީ ޢިލްމުގެ އިތުރަށް ބޭސްވެރިކަމާއި ފަންޑިތަވެރިކަމުގެ ހުނަރުތައްވެސް ހިމެނެއެވެ. މިއީ އިތުރު ހެއްކާއި ދަލީލަށް ބޭނުންކަމެއްވެސް ނޫނެވެ. އެއްކާފައެއްގެ ދެދަރީން އެކަކު އަނެކެއްގެ ގާތުން އުނގެނުމަކީ އެއްވެސް ޙާލެއްގައި ދެރަކަމެއް ނޫނެވެ. ޢައިބުކަމެއް ނޫނެވެ. މިއީ މިކަން ހިނގަމުންއައި ގޮތްކަން ތަކަންދުގޯތީ އިސްމާޢީލްކާކަ ކިޔުއްވައި ދެއްވި އަންނަނިވި ރައިވަރުތަކުންނާއި ތިރީގައި މިލިޔާ ބަނދިންވެސް ސާބިތުވެއެވެ.

"ފާ އައީ ހުވަދުވަށް ގޮސް
ބާފުޅަށް ހުރި ލޯބިވެރި ކަ
މާ އުޅެފާ ކަންވެރި ކަ.

ގޭދިޔަ ދަތުރު ދުވަށް ހުވަ
އާހަ ނުވި ރަންދިޔަށް ތިރި މާ
ސާދަ ގެނައިމެ އިސްތިރި މާ.

އަރިއަހުން ކޮށްލާން ދުރު
ކަރިބަސޮރު މިން ފުޅާ އިންމަ
ވަރިތޮޅި ތޭރަ ގެނައިން މަ."

މިރައިވަރުތަކުން މަލިކުމީހުން ފަންޑިތަ ދަސްކުރަން ހުވަދުއަށްގޮސް އުޅުނުކަން އެނގެއެވެ. އާދެ، ދެން މިލިޔަނީ އިސްވެ ދެންނެވި ބަންޖެވެ.

"ކޯޑިކޮޅު ކަނިގަނޑެއްގަ
ކީރިދައިތަ މަސްބައިބައި
މަލާފަތެއް ބޮލު އަރުވައި
ފެންކޫޒެއް އަތުލައިގެން
ތިމަން ކަލެއް ފޭބިފަހުން
ކާން އިއްތި ދޮންކަމަނާ
ކައިފޫވޯ ބޮއިފޫވޯ
ނަހަރި ގޮނަށް ލައިފޫވޯ
އުނދުޅި ބިތުގެ ލައިފޫވޯ
ދުވަމުންގޮސް ވެރެމުންގޮސް
ދިވެހިއަރާ ރާއްޖޭގެ ނިޔަމިފޮތްކޮޅެއް ގަނެގެން
"

އާދެ، މިބަނދީގައި ދިވެހިރާއްޖޭގެ ނިޔަމިފޮތް ހޯދާވާހަކަ ޞަރީޙުބަހުން އެބައޮތެވެ. ތެދުފުޅެކެވެ. މަލިކަކީވެސް މޮޅު މާލިމީން އުފެދުނު ރަށެކެވެ. ދިވެހި އޮޑިފަހަރުގައިވެސް މަލިކުގެ މާލިމީން އުޅުއްވައިފައިވެއެވެ. އަޅުގަނޑުގެ ނުކުތާއަކީ 1753މ. ގެ ކުރިން މިދެބައިމީހުންނަކީ އެއްބަޔެއް ކަމެވެ. އެއް ޢިލްމުތަކެއް، އެއްޘަޤާފަތެއް ޙިއްޞާ ކުރަމުންއައި ބަޔެއްކަމެވެ. ކަންނަންނޫރު މީހުން މަލިކުހިފައި ދިވެހިރާއްޖެއާ މަލިކު ވަކިކުރުމަށްފަހުވެސް އިންޑިޔާގެ ޔުނިއަން ޓެރިޓަރީއަކަށް މަލިކުވަންދެން މަލިކުމީހުން ތަޢުލީމު ހޯދީ ރާއްޖޭގައި އުފައްދާ ފޮތްތަކުން ދިވެހީންގެވެސް އެހީއާ އެކުގައިކަމެވެ. މަލިކުގެ ދިރިއުޅުމަށް (ހެދުމާއި، ދީނީގޮތުން ޤަބޫލު ކުރާ ގޮތްތަކަށް) މިފަހަކަށްއައިސް އެންމެ ބޮޑު އިންޤިލާބެއް ގެންނެވީ އަލްފާޟިލް މަލިންގޭ ޙުސައިންދީދީ (މަލިކުގެ ބައެއްމީހުން ކިޔާ ގޮތަށް ދަންނަވާނަމަ ހިންނަވަރު ޙުސައިންދީދީ) އެވެ.

އިނގިރޭސީންގެ ދައުރު:

އިންޑިޔާކަނޑުގެ ޤައުމުތަކަށް އިނގިރޭސީން ވެރިވުމަށްފަހު އިންޑިޔާއާއި ސްރީލަންކާ ފަދަ ޤައުމުތަކުގައި ތަޢުލީމުދެމުން ގެންދިޔަ ދުވަސްވަރު ރާއްޖެވެސް އޮތީ އެބައިމީހުންގެ "ޙިމާޔަތު" ގައެވެ. ނަމަވެސް އިނގިރޭސީން ރާއްޖޭގެ މީހުންނަށް ތަޢުލީމު ދީފައެއް ނުވެއެވެ. އެހެންކަމާއެކު އިނގިރޭސީންގެ ދަށުގައި ދިވެހިރަށެއްގެ ގޮތުގައި އޭރުއޮތް މަލިކާ މެދުވެސް އެބައިމީހުން ޢަމަލުކޮށްފައިވަނީ ރާއްޖެއާމެދުވެސް ޢަމަލުކުރި ގޮތަށެވެ. އާދެ، މަލިކުގެ ތަޢުލީމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ރަސްމީ ސިފައެއްގައި މަދްރަސާއެއްކަމުގައި ބެލެވޭފަދަ ތަނެއް މަލިކުގައި ހުޅުވުނީ 1891މ. ގައި ކަމަށް މުވައްރިޚުން ބަޔާންކުރައްވައެވެ. އެއީ އިނގިރޭސީންގެ ފަރާތުން މަލިކުގެ ޑިސްޕެންސަރީގައި ހުރި މިސްޓަރ އިބްރާހީމްޚާނޭ ކިޔޭ ބޭކަލަކަށް އިތުރު މަސައްކަތެއްގެ ގޮތުގައި ކުދީންނަށް ކިޔަވައިދިނުމުގެ ކަންތައް ޙަވާލު ކުރެވުމުންނެވެ. ކިޔަވައިދިނުމުގެ ކަންތައް ކުރާތީ އޭނާގެ މުސާރައަށް -/20ރ. (ވިހިރުފިޔާ) އިތުރުކޮށް ދެވުނެވެ.

މިޒަމާނުގެ ތަޢުލީމުގެ ފެށުން:

އިނގިރޭސީންގެ ދަށުން އިންޑިޔާއަށް މިނިވަންކަން ލިބުނުއިރު މިދެންނެވި ސްކޫލުގައި ހިނގަނީ ގްރޭޑް 1، 2، 3 ގެ ކްލާސްތަކެވެ. ޒަމާނުގެ ފުރޮޅުންތަކާއެކު މި ސްކޫލް ތަރައްޤީވަމުން އައިސް 1961މ. ގައި މި ސްކޫލް ސީނިއަރ ބޭސިކް ސްކޫލަކަށް ބަދަލުކުރެވުނެވެ. 73-1972މ. ގައި ހައިސްކޫލަކަށް ބަދަލުކުރެވުނެވެ. މި ސްކޫލް ނިންމާ ކުދީން ކޮންމެ އަހަރަކުވެސް މާޗުމަހުގެ ތެރޭގައި ކެރެލާ ބޯޑް ސެކަންޑަރީ އެޑިޔުކޭޝަނުން ބާއްވާ ސެކަންޑަރީ ސްކޫލް ލީވިންގ ސެޓްފިކެޓުގެ އިމްތިޙާނުގައި ބައިވެރިވެއެވެ. މިއިމްތިޙާނުން ފާސްވާ ކުދީންނަށް ހަމަޖެހިފައިވާ ޤަވާޢިދުތަކުގެ މަތިން ލަކުޑިދީބުގެ ކޮލެޖުތަކުން ޖާގަލިބެއެވެ.

ކޮލެޖުން ނިމޭ ކުދީންނަށް އިންޑިޔާގެ މައިކަރައިގެ ޔުނިވަރސިޓީތަކުން ޖާގަ ލިބެއެވެ. ތަންކޮޅެއް ކުރިން އިންޑިޔާ ސަރުކާރުން މަލިކަށް ޚާއްޞަ އިމްތިޔާޒެއް ދީގެން ޔުނިވަރސިޓީ ތަޢުލީމުގެ ފުރުޞަތު ދިނެވެ. ނަމަވެސް މިހާރު އެކަން އޮންނަނީ ލަކުޑިދީބަށް ލިބޭ ޖާގައިގެ ތެރެއިން ކޮލެޖު ނިންމާއިރު ލިބޭ ނަތީޖާއެއްގެ ނިސްބަތުންނެވެ. އެހެންކަމާއެކު މިހާރު މަލިކު ކުދީންގެ ކުރިމަތީގައި ޔުނިވަރސިޓީތަކުގެ ދޮރުތައް މާތަނަވަސް ގޮތެއްގައި ހުޅުވިފައި ވެއެކޭ ދެންނެވޭކަށެއް ނެތެވެ.

މިހާރުގެ ޢާންމު ތަޢުލީމީ ޙާލަތު:

މަލިކު ހައިސްކޫލުގެވެސް ތަޢުލީމީ ފެންވަރު މާރަނގަޅެއް ނޫނެވެ. ޚާއްޞަކޮށް އިނގިރޭސިބަހާއި ހިސާބުގެ ފެންވަރު ވަރަށް ދަށެވެ. ހައިސްކޫލް ނިމޭއިރުވެސް ރަނގަޅަށް އިނގިރޭސިބަހުން ވާހަކަ ދައްކާކަށެއް ނޭނގެއެވެ.

މަލިކަށް ދިމާވެފައިވާ ތަޢުލީމީ މައްސަލަތައް އިންސާފުވެރި ގަލަމަކުން ތަޙުލީލު ކުރާއިރު ފާހަގަކުރެވޭ ނުކުތާތަކެއް އެބަހުއްޓެވެ.

އާދެ، މަލިކުގެ ގިނަ ބައްޕައިންނަކީ ދަތުރުކުރާ މީހުންނެވެ. މައިންނަކީ އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވާ، ޢާއިލާގެ ތުއްތުކުދީންގެ ކަންތައް ބަލަހައްޓާ ބަޔެކެވެ. އެހެންކަމާއެކު ތަންކޮޅެއް ބޮޑެތިކުދީން ބަލަހައްޓާނެ ވަގުތެއް ނުލިބެއެވެ. ނަތީޖާއެއްގެ ގޮތުން ދިހައަހަރާއި ފަނަރައަހަރާ ދެމެދުގެ ކުދީން އެބައިމީހުންނަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުން ފުރިހަމައަށް ހިފައެވެ. ގިނަ ފަހަރަށް ވަގުތު ހޭދަކޮށްލަނީ ކުޅިވަރާއި މަޖަލުގައެވެ. އަތިރިމަތީގައެވެ. ނުވަތަ އެނޫންވެސް ތަނެއްގައެވެ. ގެއަށް ވަންނަނީ އިރުން އިރަށް ކައިބޮއި ހެދުމަށާއި ރޭނިންޖަށެވެ.

ދަރީން ސްކޫލަށް ވެއްދުމަށްފަހު ބެލެނިވެރީން ދެކެނީ އެބައިމީހުންގެ ވާޖިބު އަދާވީ ކަމަށެވެ. ތަޢުލީމުގައި ބަހުގެ ހުރަހެއް ނެތުމާއެކު ކުދީންނަށް ގްރޭޑް 6، 7 އާ ހަމައަށް ފަސޭހަކަމާއެކު ދެވެއެވެ. ނަމަވެސް ކުރިޔަށް ދިޔުމުގައި ވަރަށްދަތި ގޮތްތަކެއް މެދުވެރިވެއެވެ.

ހައިސްކޫލަށް ވަންނަ ކުދީންނަށް އެކުދީންގެ އަމިއްލަ ބަސްފިޔަވައި އެހެން ބަހެއް ނޭނގެއެވެ. އެހެންކަމުން ޓީޗަރުންނާއި ދަރިވަރުންނާ ދެމެދު ވަރަށް އުސް ފާރެއް ލެވެއެވެ. ހަމައެފަދައިން ބަހަކީ ޓީޗަރުންނާއި ބެލެނިވެރީންނާ ދެމެދުގެވެސް ހުރަހެކެވެ.

(ނުނިމޭ)