ޚަބަރު

ބީއެމްއެލް އިން ހުޅުމާލޭގައި ޑޮލަރު އޭޓިއެމްގެ ހިދުމަތްދޭން ފަށައިފި

އާނިފާ ހުސެއިން ސިރާޖް

ބޭންކް އޮފް މޯލްޑިވްސް (ބިީއެމްއެލް) އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގ ގައި ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް އެއް މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ބުނީ އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި މި ގާއިމް ކުރެވުނު އޭޓީއެމް އަކީ ބޭންކް އޮފް މޯލްޑިވްސް ގެ ހިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް ކަމަށެވެ. ބީއެމްއެލް އިން މިހާރުވެސް އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި ހަތް އެޓީއެމް މެދުވެރިކޮށް ހިދުމަތް ދެމުން ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.

މި އޭޓީއެމް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔާރ އެވެ. ބީއެމްއެލް އިން ބުނީ މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ހިދުމަތްވެސް ހޯދޭނެކަމަށެވެ.

"މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް. ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ. މި ތަފާސް ހިސާބުތަކަށް ބަލާއިރުވެސް ކަސްޓަމަރުން ބޭނުންވާ މިންވަރަށް އޭޓީއެމް މެދުވެރިކޮށް ހިދުމަތް ދެވެމުންދާކަން ފާހަގަކޮށްލަން." މި ހިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 110 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބީއެމްއެލް އިން ވަނީ ބުނެފައެވެ.