ކޮލަމް

ކެޔޮނިރު: ރައީސް ނަޝީދުގެ ގޮތް ނޭނގޭ އައްޑޫ ދަތުރުފުޅު!

މުހައްމަދު ބުޝްރީ

12

ހަޔެއް ނޮވެމްބަރު 2018 ވީ އަނގާރަ ދުވަހު މެންދުރު ފަހު، ރައީސް ނަޝީދާއި، އެމަނިކުފާނުގެ 50 ވަރަކަށް ބޭފުޅުންގެ ޑެލިގޭޝަން، ފްލައިމީ އެއަރލައިނުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންނެވިތަނާ، އިއްތިފާގަކުން ނަމަވެސް ނުވަތަ ރޭވިގެން ނަމަވެސް އެމަނިކުފާނާ ބައްދަލުވީ މަޝްހޫރު އައްޑޫ ރަދުން ނުވަތަ އަފީފް ދީދީީގެ ދޮށީ ދަރިކަލުން އިބްރާހިމް އަފީފް އާ އެވެ. އެދުވަހު އައްޑޫ ސިޓީ އަށް ވަޑައިގެން ފޭދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުުޅުގައި ރައީސް ނަޝީދު ވިދާޅުވީ އައްޑޫ މީހުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ބައެއް ނޫން ކަމަށާއި އިންޑިއާގެ މަސްލަހަތާ ވެސް "މާ ބޮޑަށް ގުޅިފައިވާ ބައެއް" ކަމަށެވެ.

އައްޑޫ ސިޓީއަށް ވަޑައިނުގަންނަވާތާ ތިން އަހަރަށް ފަހު ކުރެއްވި ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ ދުވަހުގެ ފުރަތަމަ ބައްދަލުވުމުގައި އައްޑޫ ސިޓީގެ ރައްޔިތުންނަކީ އިންޑިއާގެ މަސްލަހަތާ ގުޅިފައިވާ ބައެއްކަމުގައި ރައީސް ނަޝީދު ވިދާޅުވުމަކީ ސިޔާސީ ކަންކަމާ ވިސްނާ ކޮންމެ މީހެއްގެ ބޮލުގައި އެލާރމް ރަނގަބީލު އަޅާނެ ކަމެއްކަން ކަށަވަރެވެ. މިއީ ކުއްލިއަކަށް ކޮން ވާހަކައެއް ތޯއެވެ؟ އެދުވަހުގެ ތަގްރީރުގައި ނަޝީދު އިތުރަށް ވިދާޅުވީ މުޅި އިންޑިއާ ކަނޑުގެ މަސްލަހަތާއި ހަމަޖެހުން ގުޅިފައިވަނީ އައްޑޫ ސިޓީއާ ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުން އޮތީ އިންޑިއާ އާ ގުޅިފައި ކަމަށެވެ.

ސެޕްޓެމްބަރު 23 ގައި ގުޅިފައިވާ އިއްތިހާދުން ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހް ހޮވިވަޑައިގެންފައި ވަނިކޮށް، އެމަނިކުފާނުގެ އެއްވެސް އިޒުނައެއް ނެތި ރައީސް ނަޝިދު ވަނީ ގޮނޑި ގެއްލުނު 12 މެންބަރުންނަށް ޕްރައިމަރީ އަކާ ނުލައި ގޮނޑި ލިބެން ޖެހޭނެ ކަމަށް ވެސް ދާދި ފަހުން ވިދާޅުވެފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް މީހުންގެ ޝުއޫރުތައް އުތުރި އަރައިގަތުމުން އެވާހަކަ އަނބުރައި ގެންދަވައި، ޕްރައިމަރީއަކާ ނުލައި ގޮނޑި ނުލިބޭނެ ކަމަށް ނަޝީދު ފަހުން ވިދާޅުވިއެވެ. އައްޑޫސިޓީ އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ އާ ސަރުކާރުން އައްޑޫގައި މުޅިން އާ ތިން ރަށެއް ހިއްކައިގެން އުފައްދަވާނެ ކަމަށާއި، އަލުން ކޮންވެންޝަން ސެންޓަރެއް އަޅަން ޖެހިއްޖެނަމަ އަޅާނެ ކަމަށާއި، ބިން ހިއްކައިގެން އައްޑޫގައި ރިސޯރޓް އިތުރު ކުރާނެ ކަމަށް ވެސް ވައުދުވެވަޑައިގެންފައެވެ. މިވާހަކަތައް ނަޝީދު ދެއްކެވިއިރު އިިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ވަރަކަށް އިޝާރާތް ނުކުރެއްވުމުން ދޭހަވަނީ މީ އާ ސަރުކާރުގެ ހިޔާލު ކަމަށް ވިއަސް ނަޝީދު މިވާހަކަތައް ދެއްކެވީ މިއީ ނަޝީދު އައްޑޫއަށް ކޮށްދެއްވަން އުޅުއްވާ ކަންތައްތަކެއްކަން ދޭހަވާ ފަދަ ގޮތަކަށް ކަމެވެ.

ހަތަރު ޕާޓީގެ ހަތަރު ލީޑަރުން އިއްތިހާދު ވެގެން އުފެއްދުމުގެ މަގުމަތީގައިވާ ކޯލިޝަން ސަރުކާރެއްގައި ހިމެނޭ ހަތަރު ލީޑަރުންގެތެރެއިން ނަޝީދަކީ ވެސް އެއް ލީޑަރެވެ. ރާއްޖެތެރެއަށް ދަތުރު ކުރައްވައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ އެންމެ އިސްފަރާތަކީ ތިމަން މަނިކުފާނު ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދަށް ވައުދު ވެވަޑައިގެންނެވޭ ނަމަ އަނެއް ތިން ލީޑަރުންވެސް އަތޮޅުތަކަށް ވަޑައިގެން ހިތްޕުޅަށް އަރައިވަޑައިގަތް ވައުދުތަކެއް ވެވަޑައިގަންނަވަން ވީއެވެ. މިއީ ސަރުކާރު ހިންގުމުގެ ޕްރޮޓޮކޯލްއާ ހިލާފު، މުޅިން އަމިއްލަ އަމިއްލަ ގޮތް ކުރިއަށް ނެރުމުގެ އުސޫލެކެވެ. މިފަދަ ކަންކަމުގެ ސަބަބުން ކޯލިޝަން ބަލިކަށިވެ މައްސަލަ އުފެދުން ނޫން ކަމެއް ނުވާނެއެވެ.

އެމް.ޑީ.ޕީ ގެ އަސާސީ ގަވާއިދުގައި ވާގޮތުން އެމް.ޑީ.ޕީގެ ކެންޑީޑޭޓަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހޮވުމާއި އެކު ޕާޓީގެ އެންމެ އިސް ފަރާތަކަށް ވެވަޑައިގަންނަވާނީ އެބޭފުޅެކެވެ. ޕާޓީގެ ރައީސެއް ނޫނެވެ. އެހެން ކަމުން މިވަގުތު އެމް.ޑީ.ޕީ ގެ އެންމެ އިސް ބޭފުޅަކީ އިންތިހާބީ ރައީސް މުހައްމަދު ސޯލިހް އެވެ. ނަޝީދެއް ނޫނެވެ. ވީއިރު އައްޑޫ ސިޓީގައި ރައީސް ނަޝީދުގެ ހާއްސަ، ބޮޑު އޮފީހެ ގާއިމް ކުރައްވައި، އިންތިހާބީ ރައީސަށް އިޝާރާތް ކުރެއްވުމެއް ނެތި އައްޑޫ ރައްޔިތުންނަށް ވައުދުވެވަޑައިގަތުމުގެ އެއްވެސް ހައިސިއްޔަތެއް ނަޝީދަކަށް ލިބިވަޑައިގެން ނުވެއެވެ. ނުވަތަ ލިބިވަޑައިގެންފައި ވާނަމަ ވާ ހައިސިއްޔަތެއް އަނެއް ތިން ލީޑަރުންނަށް ވެސް ލިބިވަޑައިގަންނަވަން ޖެހޭނެއެވެ.

2008 ގައި ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ރައީސް ކަމަށް ހޮވިވަޑައިގަތުމުން އެމަނިކުފާނުގެ ސަރުކާރުން ވަނީ އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުން ދިވެހި ފުލުހުން ތަމްރީނުކުރާ ޕޮލިސް އެކަޑަމީ އެއް އަޅަން އައްޑޫ އިން ބިން ދިނުމަށް އެއްބަސް ވެފައެވެ. މިބިން އިންޑިއާ ސަރުކާރާ ހަވާލު ކުރީ، ރައީސް ނަޝިދުގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް، ރައީސް ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ. އައްޑޫ ހިތަދޫގެ ފުއްޓަރު ފަރާތުން، ގެސްޓް ހައުސް އަޅަންވެސް އެންމެ އެކަށޭނަ، ބީޗްފްރަންޓް ބިމުން، ގާތްގަނޑަކަށް އެއް ކިލޯ މީޓަރުގެ ދިގު ބިން، އެސަރަހައްދުގެ މޫދުވެސް ހިމެނޭ ގޮތަށް ވަނީ މިދެންނެވި މިލިޓަރީ ޓްރެއިނިންގ އެކަޑެމީ އަޅަން އިންޑިއާ އާ ހަވާލު ކޮށްފައެވެ. މިތަނުގެ ފައުންޑޭޝަން އަޅައި ދެބުރި މިހާރު ނިމިފައިވާ އިރު އަދިވެސް އިތުރު ބުރިތައް އަޅާނެކަމަށް ލަފާ ކުރެވެއެވެ. ބިންގަރާހާ އެކު އަޅާ މިތަނަށް ހާއްސަ ބަނަދަރެއް ވެސް މިތަނުގައި އޮވެ އެވެ.

މިއީ ނަޝީދު އެވިދާޅުވާ އިންޑިއާކަނޑުގެ ސަލާމަތާ އައްޑޫއާ ގުޅޭ ވާހަކައިގެ ރަމްޒުކަމަށް ވެދާނެއެވެ. އިންޑިއާގެ މިލިޓަރީ ބޭސް އެއް އައްޑޫސިޓީގައި ބިނާ ކުރުމުގެ ފެށުން ކަމުގައިވެސް މިތަން ވެދާނެއެވެ. ނަޝީދު އިއްޔެ އައްޑޫގައި ދެއްކެވި ވާހަކައިގެތެރޭގައި، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް ފެށިގެން އުޅޭ ކަމަށާއި އެކަމުގައި އައްޑުސިޓީ އާއި މުޅި ދިވެހިރާއްޖެ އިންޑިއާ ކޮޅަށް ޖެހެން ޖެހޭނެ ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައި ވެއެވެ.

ރާއްޖޭގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތު ކުރައްވައި ކެޔޮނިރު ކޮލަމަށް ކިޔާ ދެއްވާފައިވާ ގޮތުގައި ނަޝީދުގެ މިވާހަކަ ތަކަކީ އައްޑުސީޓީގައި އިންޑިޔާއަށް މިލިޓަރީ ބޭސްއެއް ދެއްވުމުގެ ހިޔާލުގައި ނަޝީދު އެޅުއްވި ސުރުހީ އެކެވެ. އަދި އިއްތިހާދުގެ އަނެއް ތިން ލީޑަރުން ނަޝީދުގެ މިއަމަލުފުޅުތައް ކުރީ ކޮޅު ނުހުއްޓުވައިފި ނަމަ މިކަން ކޮންޓްރޯލުން ނައްޓައިގެން ހިނގައިދާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި އިންޑިއާ ކަނޑުގައި މިވަގުތު އެއްވެސް ހަނގުރާމައެއް ނެތް ކަމަށާއި އިންޑިއާގެ ސަރަހައްދީ ހަންފެތުރުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ރާއްޖެ ބޭނުންކުރާކަން މިކަމުން ދޭހަވާ ކަމަށާއި، ތިން ލީޑަރުން ގުޅިގެން މިކަން ހުއްޓުވައި ނަޝީދުގެ ބަހާއި އަމަލު ސިޔާސީ ހަމަތަކާއި އިންތަކުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މިދެންނެވި ސިޔާސީ އެނަލިސްޓް، ކެޔޮނިރު ކޮލަމަށް ވިދާޅުވިއެވެ.

ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަޖުލިސް އިންތިހާބްގައި ރައީސް ނަޝީދު މަޖުލިހުގެ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތި ލައްވާނެ އެވެ. އެދާއިރާގެ މިހާރުގެ މެންބަރު މަހްލޫފަށް އާސަރުކާރުގެ ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރުކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބެލެވެއެވެ. ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި އާއެކު މަޖުލިހަށް ވެދެވަޑައިގެން ނަޝީދު އެންމެ އިސް ކަމެއް ދެއްވާނީ ރާއްޖޭގެ ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވައި، ރާއްޖޭގެ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ކަމަށް މިދެންނެވި ސިޔާސީ އެނަލިސްޓް ލަފާ ކުރައްވަ އެވެ. އިންޑިއާގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ނާރެހަކަށް ނަޝީދު ހައްދަވާނި އެމަނިކުފާނަށް ބޮޑު ތާއިދެއް އޮންނަ އައްޑޫ ސިޓީ ކަމަށް ބެލެވެއެވެ. އަދި މިމަސައަކަތަށް ބާރު ހޯއްދެވުމުގެ ގޮތުން އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކަށް ނަޝީދާ ގާތް ގުޅުމެއް އޮންނަ އަމީން ފައިސަލް އައްޔަން ކުރެއްވުމަށް ނަޝީދު މިހާރުވެސް ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ވެއެވެ. ނަމަވެސް އިންތިހާބީ ރައީސް މިކަމަށް އަދިވެސް ފެހި ސިގްނަލް ނުދެއްވާ ކަމީ ނަޝީދުގެ މި އަޑި ނޭނގޭ މާސްޓަރ ޕްލޭނަށް އިންތިހާބީ ރައީސްގެ ރުހުން ނެތްކަން ދޭހަވާ ކަމެއް ކަމަށް ވެސް ވެދާނެއެވެ. ކޮންމެ ގޮތެއް ވިއަސް އިއްތހާދުގެ އަނެއް ތިން ލީޑަރުން ވަރަށް ސީރިއަސްކޮށް މިކަމާ ކުރިމަތި ނުލައްވައިފިނަމަ ވަގުތު ފާއިތުވެ، އަލުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ތަކެއް މިޤައުމަށް ލިބުމަކީ ދުރު ކަމެއް ނޫނެވެ.