Close
އަހުމަދު ރިލްވާން އަބްދުﷲ

ރިލްވާންގެ ރިޕޯޓް ލީކު ކުރުމަކީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްތޯ ސުވާލު އުފެދޭ: ގާސިމް

ރަހީނުކޮށް މަރާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ މަރާލާފައިވާ މައްސަލައާ ގުޅޭގޮތުން، މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ލީކު ކުރުމަކީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ޖޭޕީއާ މެމްބަރުންތަކެއް ގުޅުމަށް މިރޭ ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރު ކޯލިޝަން ޕާޓްނަރު ގާސިމް ވިދާޅުވީ، ޝަރީއަތުގައި އޮންނަ މައްސަލަތަކާއި ނުވަތަ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅޭގޮތުން އޮންނަ ލިޔުމެއް ލީކު ކޮށްލުމަކީ އެެއްވެސް މީހަކޫ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން މަރާލެވިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތަކީ ގައުމުގެ ވަރަށް މުހިންމު ރުކުންތަކެއް އަދާކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތަކަށްވާއިރު، ރިލްވާންގެ މައްސަލާގައި ނެރެފައިވާ ރިޕޯޓް ހާމަކޮށް، އޭގެ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"..އެހެންނޫން ކަމަށް ވަންޔާ އޭގައި އެޅިދާނެ ވަރަށް ގިނަ ހުރަސްތަކެއް އެބަހުރި. އެއީ ހެކިދޭން ހުންނަ މީހާ ހެކި ދިނުމަގައާއި އެހެން ކަންތައްތައް ކުރުމުގައި އުދަނގޫތަކެއް ވަރަށް ބޮޑު އެބަހުރި. އެހެންކަމުން މިއީ ރަނގަޅު ނިޔަތެއްގައި ކުރެވޭ ކަމެއްތޯ ސުވާލު ކޮށްލަން އެބަޖެހޭ.،" ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު، މީގެ ފަސް އަހަރު ކުރިން ވީނުވީއެއް ނޭނގި ގެއްލުނު ރިލްވާނަށްވީ ގޮތުގެ މައުލޫމާތުތަކެއް ތިލަކޮށް އެކުލަވާލި ރިޕޯޓްގައި ހުރި ބައެއް މައުލޫމާތު ރިޔާސީ ކޮމިޝަނުން ވަނީ މީޑިއާއަށް ހިއްސާ ކޮށްފައެވެ.

އަދި އޭގެ ފަހުން އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އެ ރިޕޯޓް އަރުވައިފައެވެ. އެއާއެކު ނަޝީދު ވަނީ ރިޕޯޓްގެ ކޮޕީ ހައްދަވައި މަޖިލީހުގައި ހިމެނޭ ޕީޖީ ގުރޫޕްގެ ހުރިހާ ލީޑަރުންނަށް އަދި މަޖިލީހުގެ މެމްބަރުންނަށް ވެސް އެ ރިޕޯޓް ބައްސަވައިފައެވެ.

ނަމަވެސް ރިލްވާންގެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ސިއްރު ހިފަހައްޓަންޖެހޭ އެތައް ބައިވަރު ކަންތައްތަކެއް ހިމެނިފައި ވަނިކޮށް، ކަމާ ނުބެހޭ ފަރާތްތަކެއްގެ އަތްމައްޗަށް އެ ރިޕޯޓްގެ ކޮޕީ ދިއުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި އެ ރިޕޯޓްގެ ޑްރާފްޓެއް އާންމުކުރިއެވެ. ނަމަވެސް މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރި އެ ރިޕޯޓް ފަހުން ވަނީ ސައިޓުން ނަގައިފައެވެ.

އަދި އެ ކަންތައްތަކާ ގުޅިގެން، ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވިކަމުގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް އާމުވެ، ބައެެއް ސިއްރުހެކިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުވިއެވެ.

އެކަމާ ގުޅިގެން ދާދި ފަހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރިލްވާން މައްސަލައިގެ ތަހުގީގު ރިޕޯޓް ލީކުވުމުން ރިލްވާންގެ އާއިލާ އާއި އެނޫން ފަރާތްތަކުގެ ވެސް ކަންބޮޑުވުން އެބަހުރި ކަމަށް ވިދާޅުވެފައެވެ.

އަދި ރިޕޯޓް އާންމު ވުމުން ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަންކަން އޭގައި އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ވިދާޅުވީ، މިހާތަނަށް ވެފައޮތް ކަންތައް ނުވާ ކަމަކަށް ނުހެދޭނެ ކަމަށާއި އެ ރިޕޯޓުގައި ހިމަނާފައިވާ ސިއްރު މައުލޫމާތުތައް ހިފަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވިއެވެ.