ސިޔާސީ

ރައީސް ނަޝީދު އިސްވެ ހުރެ މަސައްކަތް ކުރަނީ ގައުމީ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަން: އަދުރޭ

އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިސްވެ ހުރެ ގައުމީ ސަލާމަތީ ބާރުތަކުގެ އަގު ވައްޓާލަން މަސައްކަތް ކުރާކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަކީ މުޅި ގައުމުގެ ނިޒާމު ފުނޑާލުން ކަމަށާއި ރައީސް ނަޝީދު އިސްވެ ހުރެ މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުރަމުން އެ ގެންދަނީ އެކަންތައް ކަމުގައެވެ.

"މިއީ ގަސްތުގައި ރާވައިގެން ކުރަމުން ގެންދާ ކަމެއް. ބޭނުމަކީ އެމްޑީޕީގެ ފޮރުވިފައިވާ ސިއްރު އެޖެންޑާ ކާމިޔާބު ކުރުމަށް މަގުފަހި ކުރުން" އަދުރޭގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަކީ އެބަޔަކަށްޓަކައި މުޅި ދިވެހި ގައުމު ފަހުރުވެރިވުން ލާޒިމު ހިދުމަތްތަކެއް ކޮށްދެމުން އަންނަ ބައެއް ކަމަށާއި އެއީ ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ގުރުބާން ވުމަށް ތައްޔާރުގައި ތިބޭ ބައެއްކަމަށް ތާރިހު ހެކިދޭ ކަމަށެވެ.

ރައީސް ނަޝީދު ސިފައިންނާއި ފުލުހުންގެ އަގު ވައްޓާލާކަމަށް ބުނެ އަދުރޭ ޓުވީޓުކޮށްފައި މި ވަނީ ރައީސް ނަޝީދަށް ފުލުހުން ފާރަލަމުންދާކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ބުނުން އެމްއެންޑީއެފުން އަދި ފުލުހުން ދޮގުކޮށްފައި ވަނިކޮށެވެ.

ރައީސް ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާކަމަށް ދަރުބާރުގޭގައި ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައެވެ. ނަމަވެސް މިކަން ދޮގުކޮށް އެމްއެންޑީއެފުން ނެރުނު ބަޔާނުގައި އެމަނިކުފާނަށް ފުލުހުން ފާރަލަމުން ދާކަމަށް ބުނެފައި ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ފުލުހުންވެސް ވަނީ މިކަމާ ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް ރައީސް ނަޝީދަށް އެއްވެސް ސެކިއުރިޓީ ނުރައްކަލެއް ނެތް ކަމަށް ބުނެފައިވެއެވެ.