ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީދޫ ކައުންސިލަރުންނާއި އެރަށު މުއައްސަސާތަކުގެ އިސްބޭފުޅުންނާއި ރައީސް ސޯލިހު ބައްދަލު ކުރައްވައިފި

މަރިޔަމް ޝަހުދާ

ރ.މީދޫ ކައުންސިލަރުންނާއި އެރަށު މުއައްސަސާތަކުގެ އިސްބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައިފިއެވެ.

މީދޫ ކައުންސިލަރުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ ރައީސް ބައްދަލު ކުރެއްވީ ރ އަތޮޅުގެ ދެ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެތެރެއިން މިއަދު ހެނދުނު މީދޫގަ އެވެ. ރައީސް ސޯލިހު މީދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މިއަދު މެންދުރު މީދޫ ސްކޫލްގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ވަނީ ރަށުގެ ކައުންސިލަރުންނާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލު ކުރެއްވީ ކައުންސިލާއި ރަށުގެ ތަރައްގީއާއި ގުޅުން ހުރި ކަންކަން ގާތުން ބައްލަވައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަންކަން މަޝްވަރާ ކުރުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރަށުގެ ކައުންސިލާއި ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށްގެންދަން އެބޭފުޅުން ބޭނުންވާ ތަރުތީބު އޮޅުންފިލުވުމަށް މަޝްވަރާކުރެއްވުމަށް ކަމަށް ވެސް ރައީސް ވިދާޅުވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމަށް ގެނެވޭނެ އިސްލާހު ތަކާއި ކައުންސިލުން އަދާކުރަންޖެހޭ ޒިންމާތަކުގެ މައުލޫމާތު ހިއްސާކުރުމަކީ މި ބައްދަލުވުމުގެ ބޭނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި ބައްދަލުވުމުގައި މީދޫ ކައުންސިލްގެ އިތުރުން މުއައްސަސާ ތަކުގެ އިސްވެރިން ވަނީ އެކި ކަންބޮޑުވުންތައް ރައީސް ސޯލިހާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން މި ބައްދަލުވުމުގައި މީދޫގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންތައްތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ރައީސާ މަޝްވަރާ ކުރެއްވިއެވެ. ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންވަނީ ރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމާއި، ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެދުމުގެ އިތުރުން ރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަން އަދި ބަނދަރު ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ރައީސްއާ މަޝްވަރާކޮށްފަ އެވެ. ހަމައެހެންމެ ރަށުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމަށް އެދުމުގެ އިތުރުން، އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ޖަމިއްޔާތަކަށް ދިމާވާ ގޮންޖެހުންތައް މީދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ރައީސް ސޯލިހަށް ދެންނެވިއެވެ. އަދި ރަށުގެ ތައުލީމީ ދާއިރާއަށް ބޭނުންވާ ކަންކަމާއި ރަށުގެ ތަރައްގީއަށް ބޭނުންވާ އެކި ކަންކަމާ ގުޅޭ ގޮތުންވެސް ރައީސްއާ މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ބަޖެޓުގައި ހިމެނޭ ކަންކަން ފެށޭނެ ކަމަށް ލަފާ ކުރެވޭ ތާރީހުތައް ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާއި ހިއްސާ ކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި ހުށަހެޅި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.