ވޯލްޑް ކަޕް ކޮލިފައިން

ކުޅުނީ ބައްސާމެއް ނޫން، ދިވެހި ލޭ ހިނގާ ދިވެހި ކުޅުންތެރިން، ހިތް މަރާލީ ކީއްވެ؟

2

"ރާއްޖެއިން ވަރަށް މަސައްކަތްކުރި. އެޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް އެބަ ތިބި. އަހަރެންނަކަށް މާ ބޮޑަށް ރާއްޖޭގެ ލީގާ ބެހޭ މައުލޫމާތެއް ނޭނގޭ. ގައުމީ ޓީމެއް ވަރުގަދަ ކެރެވޭނީ ލީގު ވެސް ރަނގަޅު ވެގެން. ކޮންމެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ،" މިއީ އިޓަލީއާއެކު 2006 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދައި، ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލި ތަޖުރިބާކާރު ކޯޗު، މާސެލޯ ލިއްޕީގެ ކޮމެންޓެކެވެ.

ޗައިނާއިން ރާއްޖެއާ ދެކޮޅަށް ރޭ ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު 5-0 އިން ޗައިނާއިން ކާމިޔާބުކުރި އިރު، ދިވެހި ޓީމަށް ލިއްޕީވެސް ތައުރީފުކުރިއެވެ. ޗައިނާގެ ކޯޗަކަށް ހުރެ، ލިއްޕީ، ދިވެހި ކުޅުންތެރިންގެ ހިތްވަރަށް ތައުރީފު ކުރި އިރު، ދަނޑަށް ވަން ސަޕޯޓަރުން އެ ކުޅުންތެރިންނަށް "ނޯ ޖަހައި، އެކުޅުންތެރިން ހިތް މަރާލީ ކޮން ވިސްނުމަކުންތޯ" ސުވާލު ކޮށްލަން ޖެހެއެވެ.

ދިވެހި ސަޕޯޓަރުންނާއި ކޯޗާ ދެމެދު މައްސަލަތަކެއް އެބައޮތެވެ. އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްސަލައިގައެވެ. އެ ހޫނު މައްސަލަގަނޑާއެކު އެފްއޭއެމްއަށް ނަފުރަތުވެސް އެތައް ގޮތަކުން އޮތެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މީގެކުރިންވެސް އެތައް ބަހުގެ ހަމަލާތަކެއް އަމާޒުވެފައިވެއެވެ. އެ ނުރުހުންތައް ސަޕޯޓަރުންގެ ތެރޭގައި އޮއްވައި، ރޭގެ މެޗަށް ދަގަނޑޭ ސްކޮޑަށް ނަގައި، ޓީމަށް އެރުވުމަކީ ސަޕޯޓަރުން މެޗަށް ވަން ސަބަބުވެސް މެއެވެ.

މައްސަލައެއް ނެތެވެ. ނުރުހުންވާނެ ކަންކަން ހުރެދާނެއެވެ. އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށް ވެސް ގޮވަން ޖެހޭ ޕްލެޓްފޯމްތަކުގައި ގޮވިދާނެއެވެ. ޓީމަށް ފާޑުވެސް ނުކިޔޭނެއެކޭ ނޫނެވެ. އެއީ ސަޕޯޓަރުންގެ ޒިންމާއެވެ. އެކަމަކު ދަނޑުގައި ރޭ ކުޅުނު މެޗަކީ ޗައިނާގައި ކުޅުނު މެޗެއްތޯ ސުވާލު އުފައްދާ ހިސާބަށް ބައެއް ސަޕޯޓަރުންގެ ރާގު ދިޔައެވެ. މުޅި ދަނޑުގައި ޗައިނާ ސަޕޯޓަރުންގެ އަޑު ހިއްޕާލި އިރު، ދިވެހީންގެ ތެރެއިން ބަޔަކުވެސް ޗައިނާއަށް ސަޕޯޓު ކުރީއެވެ. ބައްސާމްގެ އިސްތިއުފާއަށް ވެސް އެ ދަނޑިވަޅުގައި ގޮވީއެވެ. ދަނޑަށް ވަން މުހިންމު މަގުސަދު އޮޅުވާލީއެވެ. ނަތީޖާ ފެނުނީ ކުޅުންތެރިންގެ ފަރާތުންނެވެ.

ހަގީގަތުގައި ޗައިނާގެ ފުޓުބޯޅަ ލެވެލްއަކީ ރާއްޖެއަށްވުރެ މާ މަތީ ދަރަޖައެކެވެ. އެޓީމުގެ ފޯވަޑް ކުޅެނީ ސްޕެނިޝް ލީގުގެ އެސްޕަނިއޯލްއަށެވެ. ކޯޗަކީ ދުނިޔޭގެ ޗެމްޕިއަނެކެވެ. ރާއްޖެ އެ ލެވެލްއަށް ދާން ދުވަސް ނަގާނެއެވެ. އެކަމަކު ދިވެހީން ހަގީގަތުގައި އުންމީދުކުރީ "މިރަކަލް" އަކަށެވެ. އެއީ އެއްވަރުކޮށްލުން ނޫނީ ޗައިނާ ބަލިކުރުމަށެވެ. އެކަމަށް ކުޅުންތެރިން 100 ޕަސެންޓް ދިންވެސް މެއެވެ. ނަމަވެސް ކުޅުންތެރިންގެ އެ މަސައްކަތުގައި ބައިއަތު ނުހިފި ސަޕޯޓަރުންތަކެއް ފެނިގެންދިޔައެވެ. އެ ސަޕޯޓަރުންގެ އެހީ ކުޅުންތެރިން އެންމެ އެކަށޭނެ މިންވަރަށް ނުލިބުމަކީ ކުޅުންތެރިންނަށް ކުރެވެނު މަލާމާތެކެވެ.

ބައްސާމް ބޭރުކުރަން ގޮވި އިރު، ކުޅުންތެރިން ބޭނުންވާ ސަޕޯޓު ނުދިނީ ކީއްވެ ހެއްޔެވެ. ކުޅުނީ ބައްސާމްތޯ، ނޫނީ މި ރާއްޖޭގެ ރަތް ލޭ ހިނގާ ޒުވާން ހުނަރުވެރި، މުސްތަގުބަލު އުޖާލާ ދިވެހި ޓީމުތޯ އަމިއްލަ ހިތާ ހިތާ ސުވާލު ކޮށްލީ ކިތައް މީހުންތޯއެވެ. ދަނޑަށް ވަދެ އެފްއޭއެމްއާ ދެކޮޅަށް ކުރި ހަޅުތާލުގެ ސަބަބުން ޓީމުގެ ކުޅުންތެރިންގެ ހިތްވަރަށް އަސަރުކުރާނެތޯ ވިސްނާލީ ކިތައް ސަޕޯޓަރުންތޯ ސުވާލުކޮށްލެވެއެވެ.

ސްޓޭޑިއަމްގެ ހަލާތު ރޭ އޮތް ގޮތް ކިޔައި ދެވިއްޖެއެވެ. ދެން އޮތީ މީސް މީޑިއާއެވެ. ގައުމީ ޓީމަށް މަލާމާތް ކުރުން އިންތިހާއެވެ. ހެޔޮނުވާނެއެވެ. އެ ކުޅުންތެރިން ކުރީ ގައުމަށްޓަކައި، "މިރަކަލް ނަތީޖާ"އެއް ނެރުމަށް މަސައްކަތެވެ. އެ އަމާޒަށް ވާސިލު ނުވުމަކީ ގައުމީ ޓީމަށް ޖޯކު ޖަހައި، އެ ކުޅުންތެރިން ރޮއްވާލަންވީ ސަބަބެއް ނޫނެވެ. ހޭލާށެވެ. ރާއްޖެ ކުޅުނީ ޗައިނާއާ ދެކޮޅަށެވެ. އެއްވަރުކުރުމަކީވެސް އުނދަގޫ ކަމެކެވެ.

ހަގީގަތުގައި ޗައިނާ ކޯޗު ބުނީވެސް މުޅިން ރަނގަޅު ވާހަކައެކެވެ. ހާފް ޕިޗެއްގައި ތަމްރީނުކޮށް، ގިނަ ފަހަރު މުސާރައަކާ ނުލައި ލީގުގައި ކުޅޭ ކުޅުންތެރިންނަކީ، ގައުމީ ޓީމަށް ދާއިރު، އެންމެ މެންޓާލިޓީ ރަނގަޅު ކުޅުންތެރިންނަކަށް ނުވާނެއެވެ. ލީގު ސިސްޓަމް ހަރުދަނާވެ، ކްލަބުތަކުން ތަފާތު ދައްކަންވެސް ޖެހެއެވެ. ރޭ މޮޅަށް ކުޅެ ޗައިނާ މޮޅުވި އިރު، އެޓީމުގެ ކުޅުންތެރިން ކުޅޭ ލީގުގައި ބްރެޒިލް މިޑްފީލްޑަރު އޮސްކާއާއި ބެލްޖިއަމް މިޑްފީލްޑަރު ޔެނިކް ކަރެސްކޯއާއި ބްރެޒިލް ފޯވަޑް ހަލްކް އާއި ބެލްޖިއަމް މިޑްފީލްޑަރު މާރުއާން ފެލައިނީ އާއި ސްލޮވާކިއާ މިޑްފީލްޑަރު މަރެކް ހަމްސިކް އާއި އާޖެންޓީނާގެ އެޒެކުއިލް ލަވޭޒީ އާއި ހާވިއާ މަޝަރާނޯ އާއި ބްރެޒިލްގެ ޕައުލީނީއޯ އާއި ރޮބީނިއޯގެ އިތުރުން އެތައް ތަރިންނެއް ކުޅެއެވެ. ޕްރޮފެޝަނަލީ ކުޅެނީ ބޮޑު މުސާރައިގައެވެ.

ގައުމީ ޓީމު ހަލާކުރާނެ ބަޔަކީވެސް އެގައުމެއްގެ އެންމެންނެވެ. ވަކި މީހެއް ނޫނެވެ. ވިސްނަން ވެއްޖެއެވެ. ބަލިވާ ކޮންމެ ފަހަރަކު ކުޅުންތެރިން ހިތް މަރާލައި، ޖޯކު ޖެހުން ހުއްޓާލަން ވެއްޖެއެވެ. މިއީ 21 ވަނަ ގަރުނުގެ "މޮޑާން ފުޓުބޯޅަ"އެވެ. ފުޓުބޯޅައަކީ މިހާރު ހަމައެކަނި ހުނަރެއް ނޫނެވެ. ފެސިލިޓީއެވެ. މީޑިއާއެވެ. ބޮޑު މާކެޓެކެވެ. ބޮޑު ވިޔަފާރިއެކެވެ. ޗައިނާއަކީ އޭޝިއާގައި އެ މާކެޓް ލީޑު ކުރަމުން އަންނަ އެއް ގައުމެވެ. ތަފާތު ވިސްނާލަން މުހިންމެވެ. ބައްޔަކީ ހަމައެކަނި ބައްޔެއް ނޫނެވެ. ބައްޔަކުން އެތައް ވާހަކައެއް ބުނެދޭނެއެވެ. ޓީމު ޓީމަކަށް ހަދާނީވެސް ސަޕޯޓަރުންނެވެ.

އޭއެމް

ދިވެހި ފުޓޮބޯޅަ ކުރިަރުވަން ތިޔަބުނާ ރައީސްގެ ދައުރުގަ ކުރީ ކޮންކަމެއްތޯ؟ ސިޔާސީބޭފުޅުން އެފްއޭމްގެ ެއިސްމަގާމް ތަކައް ވެއްދުން އެއީ ފުޓްބޯޅައައް ކުރެައްވި އިންވެސްޓްމެންޓް އެއްތޯ؟ ދިވެހި މައިންނާ ބަފައިން އެމީހުންގެ ދަރިން ފުޓބޯޅަކުލެން ކުރާބުރަމަސައްކަތުގެ ނަތީޖާ މިހާހިތިމިވަނީ އެއިދާރާގެ ފަރުވާކުޑަކަމުން!!! އިސްތިއުފާއައް އެގޮވަނީ ފުޓްބޯޅަ އާއިލާތަކުގެ ހިތައްކުރާއަސަރު ބޮޑުވީމާ ކުޅުންތެރިންތެރިން ކުރާ މަސައްކަތް ބައްސާމްއާ ބައްސާމުގެ ޓީމުން ނުދެކޭތީ

އަސްތާ

ބޯޅަ ކޮންޓްރޯލް ކުރަން ނޭގޭ ބައެއް. ބޯޅަ އައިމަ ނޭފަތް ހުރި ދިމާލަކަށް ބޯޅަ ޖެހުން. ސަޕޯޓް ކުރަން މަޖްބޫރު ނޫސްވެރިޔާއަށް މަޖްބޫރެއް ނުކުރެވޭނެތާ!! އެއީ ފިކުރެކޭ!! ޓީމުގެ ކަންތައް ގެންގޮސްފައިވާ ގޮތުން ބައްސާމާ ކޯޓް ޒިންމާ ނުނަގަން ޖެހޭ އެއްވެސް ސަބަބެއް ނެތް. މި ކިޔާ މެޗުން ރާއްޖެ ޓީމުގެ މެދުތެރެއެއް ނެތް. ފަހަތުން ހުހަށް ލިބޭ ބޯޅަވެސް ނޭފަތް ހުރި ދިމާއަކަށް. ދަގަނޑޭއަށް ޕާހެއް ދެވުނޫ އެންމެ ފަހަރަކު ޖުމްލައެކު ދަނގަޑޭއަށް 5 ބޯޅަ ކުޅެވުނީ. ޗައިނާ ޑިފެންޑަރުންގެ ފަހަތުން ބޯޅަ ލިބޭތޯ އެކަނިމާ އެކަނި ދުވަން ޖެހުނީ. މިވައްތަރުގެ ފުޓްބޯޅަ ބަލަން މިހާރު ފޫހި. ބިންމަތިން އަންނަ ބޯޅަ ކޮންޓްރޯލް ކުރަން ޖެއްސީމާ 5 މީޓަރ ދުރަށް ބޯޅަ ހުއްޓެނީ.