ޔޫރޯ ކޮލިފައިން

ރޮނާލްޑޯގެ ހަތަރު ލަނޑާއެކު ލިތުއޭނިއާ އަތުން ޕޯޗުގަލަށް މޮޅެއް

އަލީ ރިފްޝާން

ޔޫރޯ ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހަތަރު ލަނޑާއެކު ލިތުއޭނިއާ އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު "ގްރޫޕު ބީ"ގެ މެޗުގައި ލިތުއޭނިއާ އަތުން ޕޯޗުގަލް މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯ ކާމިޔާބުކުރި ހަތަރު ލަނޑާއެކު އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު ވަނީ 93 އަށް އަރައިފައެވެ. އަދި ރޭ ފެނިގެންދިޔައީ ގައުމީ ޓީމާއެކު އޭނާ ފުރިހަމަކުރި އަށްވަނަ ހެޓްރިކެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ޕޯޗުގަލުން ލީޑު ހޯދީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޕޯޗުގަލަށް އެ ޕެނަލްޓީ ލިބުނީ ޖޮއާއޯ ފެލިކްސް ނަގައިދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ލިތުއޭނިއާގެ ސައުލިއަސް މިކޮލިއޫނިސްގެ އަތުގައި ޖެހުމުންނެވެ. ޕޯޗުގަލަށް އެ ޕަނަލްޓީ ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ލިތުއޭނިއާ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މަންޓަސް ކުކްލީސް ނަގައިދިން ކޯނަރަކުން ލިތުއޭނިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވީޓޯޓަސް އަންދްރިއަސްކެވިޝިއަސްއެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ހަމަލާތަކަކަށް ފަހު މެޗުގެ 61 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ އަނެއްކާވެސް ލީޑު ހޯދައިފައެވެ. ރަފާ ސިލްވާ ދިން ބޯޅައަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ރޮނާލްޑޯ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައިވަނީ ލިތުއޭނިއާގެ ގޯލްކީޕަރު އޭނެސްޓަސް ސެޓްކުސްއަށް ރަނގަޅަށް މަތަނުކުރެވުމުގެ ސަބަބުން އޭނާގެ ކޮނޑުގައި ޖެހިފައެވެ.

އެ ލަނޑު ޖެހިތާ ދެ މިނެޓު ތެރޭ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ހެޓްރިކް ފުރިހަމަކޮށްފައެވެ. ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކުރީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުންނެވެ. ލިތުއޭނިއާ ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ބޯޅަ ލިބުނު އިރު، ގޯލުގެ ކުރިމަތީ އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ އަދި ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ލަނޑު ވެސް އޭނާ ކާމިޔާބުކުރީ ބެނާޑޯ ސިލްވާ ދިން ބޯޅައަކުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ރޮނާލްޑޯއަށް ބޯޅަ ލިބުމާއެކު އޭނާ ވަނީ ވަރަށް ފަސޭހަކަމާއެކު ލިތުއޭނިއާގެ ގޯލުގެ ކަނަކަށް ބޯޅަ އަމާޒުކޮށްލައިފައެވެ.

މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަމް ކާވާޅިއޯއެވެ.

ޕޯޗުގަލް އަދިވެސް އޮތީ "ގްރޫޕު ބީ"ގެ ދެވަނައިގައެވެ. އެ ގްރޫޕުގެ އެއްވަނައިގައި އޮތް ޔޫކްރޭނަށް ފަސް މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ޕޯޗުގަލަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސާބިއާއަށް ފަސް މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ލަގްޒެންބާގަށް ފަސް މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި އޮތް ލިތުއޭނިއާއަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރޭ ކުޅުނު "ގްރޫޕު އޭ"ގެ މެޗުގައި ކޮސޯވޯ އަތުން 5-3ގެ ނަތީޖާއަކުން އިނގިރޭސިވިލާތް ވަނީ މޮޅުވެފައެވެ. އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުގައި އިނގިރޭސިން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން އިރު، ރަހީމް ސްޓާލިން އާއި ހެރީ ކޭން ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ކޮސޯވޯގެ މާޖިމް ވޮޖްވޮޑާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ކޮސޯވޯ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ވެލަން ބެރިޝާ ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ވެޑަޓް މުރިގީއެވެ.

ރޭ ކުޅުނު ޔޫރޯ ކޮލިފައިން މެޗުގައި ފްރާންސް އިން ވެސް ވަނީ މޮޅެއް ހޯދައިފައެވެ. އެންޑޯރާއާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު އެ މެޗުން ފްރާންސް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފްރާންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމާން އާއި ކްލެމެންޓް ލެންގްލެޓް އަދި ވިސާމް ބެން ޔެޑާއެވެ. ރޭގެ މެޗުގައި ފްރާންސަށް ލިބުނު ޕެނަލްޓީއެއް އެންޓޮއިން ގްރީޒްމަން އަތުން ވަނީ ނާކާމިޔާބުވެފައެވެ. ރޭގެ މެޗުގެ ކުރިން ކުޅުނު ޔޫރޯ ކޮލިފައިން މެޗުގައި ވެސް ގްރީޒްމަން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައެވެ.