އައިފޯން

އާ ކެމެރާ ފީޗާސް ތަކާއެކު އައިފޯން 11 ލޯންޗު ކޮށްފި

ދުނިޔޭގެ އެންމެ މަގުބޫލު ފޯނު އުފައްދާ ކުންފުނި، އެޕަލް ކުންފުނީގެ އާ ފޯނުތައް މިރޭ ލޯންޗު ކޮށްފިއެވެ.

ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލްގެ ހެޑްކުއާޓާސްގައި ބޭއްވި ރަސްމިއްޔާތުގައި އެޕަލް ކުންފުނިން މިރޭ އިއުލާން ކޮށްފައިވަނީ އައިފޯން 11 ސީރީސްގެ ދަށުން ތިން ފޯނެކެވެ. އެއީ އައިފޯން 11، އައިފޯން 11 ޕްރޯ އަދި އައިފޯން ޕްރޯ މެކްސްއެވެ.

އެގޮތުން މިއަހަރު ލޯންޗުކުރި އައިފޯން ތަކުގައި އާ ކެމެރާ ފީޗާސް ތަކާއި އާ ކުލަތަކެއް ހިމަނާފައިވާއިރު، ދެ ފޯނުގައި ވެސް ހިމެނޭނީ އެޕަލް ކުންފުނީގެ އާ އަދި ވަރުގަދަ އޭ13 ބަޔޯނިކް ޗިޕެވެ.

ކުރީ ފޯނުތަކަށްވުރެ ހަ ގުނަ ސްޕީޑް އަވަސް ކޮށްދޭ މި ޗިޕަކީ އެޕަލް ކުންފުނިން ބުނާގޮތުގައި، މިހާތަނަށް ސްމާޓްފޯނެއްގައި ހިމެނޭ އެންމެ އަވަސް ސީޕީޔޫ އަދި ޖީޕީޔޫއެވެ.

އައިފޯން 11

މިދިޔަ އަހަރު އެޕަލްއިން ލޯންޗުކުރި އައިފޯން އެސްއާރް އެކޭ އެއްގޮތަށް މިއަހަރު އެޕަލް އިން ލޯންޗުކުރި އަގުހެޔޮ ފޯނަކީ އައިފޯން 11 އެވެ. މި ފޯނުގެ އަގަކީ 699 އެމެރިކާ ޑޮލަރެވެ.

އައިފޯން 11 ގައި އެކްސްއާރްއާ އެއްގޮތަށް 6.1 އިންޗީގެ އެލްސީޑީ ޑިސްޕްލޭއެއް ހިމެނޭއިރު ހަދާފައިވަނީ ވެސް އެލްމިނިއަމް އަދި ބިއްލޫރިންނެވެ. އަދި އަޅުވާފައިވަނީ އެލްއެސްޑީ ޕެނަލްއެކެވެ.

ނަމަވެސް އެކްސްއާރްއާ ހިލާފަސް އައިފޯން 11 ގައި ދެ ކެމެރާ ހިމެނޭނެއެވެ.

އެގޮތުން 12 މެގަޕިކްސަލްގެ އާންމު ކެމެރާއަކާއެކު 12 މެގަޕިކްސަލްގެ އަލްޓްރާ ވައިޑް ކެމެރާއެއް އައިފޯން 11 ގައި ހިމެނޭނެއެވެ. އަދި އެކްއާރާ ހިލާފަށް އައިފޯން 11 ގައި އިތުރު އެއް ގަޑިއިރު ޗާޖު ހިފަހައްޓާނެއެވެ.

އައިފޯން 11 ޕްރޯ އަދި ޕްރޯ މެކްސް

އެޕަލް ކުންފުނިން މިރޭ ލޯންޗުކުރި ތިން ފޯނުގެ ތެރެއިން އެންމެ ތަފާތު ފީޗާސްތައް ހިމެނެނީ ޕްރޯ ދެ ފޯނުގައެވެ.

އެގޮތުން 5.8 އިންޗީގެ އައިފޯން 11 ޕްރޯ އަދި 6.5 އިންޗީގެ އައިފޯން ޕްރޯ މެކްސް ގައި އެޕަލް އިން ހިމަނާފައިވަނީ އެ ކުންފުނީގެ އޯލެޑް ސުޕަ ރެޓީނާ އެކްސްޑީއާރު ޑިސްޕްލޭއެވެ. އެއީ ކުރީގެ އައިފޯންތަކަށްވުރެ ރިޒަލޫޝަން ވަރުގަދަ ކުލަ ރީތި، އަލިގަދަ ޑިސްޕުލޭ އެކެވެ.

ފީޗާސްތަކުގެ ތެރެއިން 11 ޕްރޯ އަދި 11 ޕްރޯ މެކްސް އަށް ހިތް ކިޔާނެ އެއް ކަމަކީ ވެސް އޭގައި ހިމެނޭ ކެމެރާ ފީޗާސްތަކެވެ.

އެގޮތުން ދެ ފޯނުގެ ފަހަތުގައި 12 މެގަޕިކްސަލްގެ ތިން ކެމެރާ ހިމެނެއެވެ. އޭގެ ތެރޭގައި އަލްޓްރާ ވައިޑް އެންގަލް، މެއިން އަދި 0.5 އެކްސް އިން 2 އެކްސްއަށް ޒޫމް ކޮށްލެވޭ ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެއެވެ.

މީގެ އިތުރުން އެޕަލްއާ ވާދަވެރި ގޫގޫލް ޕިކްސެލް 3 އަދި ވާވޭ ޕީ30 ޕްރޯ ގައި ވެސް ހިމެނޭ ނައިޓް މޯޑް މިފަހަރުގެ އައިފޯންގައި އެޕަލް އިން ވަނީ ހިމަނައިފައެވެ. މިއީ އެޕަލް އިން އައިފޯނެއްގައި ނައިޓް މޯޑް ހިމެނި ފުރަތަމަ ފަހަރެވެ.

ނައިޓް މޯޑަކީ އަދިރި ކަމުން ކެމެރާއަށް ރީތިކޮށް ނާރާ ތަންތަނާއި އެއްޗެހި އަލިކޮށްދޭ ކެމެރާ ފީޗާއެކެވެ.

މީގެ އިތުރުން 11 ޕްރޯ އަދި 11 ޕްރޯ މެކްސް ފޯނުގެ ވީޑިއޯ ރިކޯޑިންގެ ފެންވަރު މަތިކޮށް ވައިޑް އެންގަލް ކެމެރާ އިން ވެސް ވީޑިއޯތައް ނެގޭއިރު، ވީޑިއޯތައް ނެގުމަށްފަހު ވީޑިއޯ އެޑިޓްކޮށް، ކްރޮޕްކޮށް، ފިލްޓަރުތައް ވެސް ލެވޭނެއެވެ.

އެޕަލް އިން ބުނާގޮތުގައި، މި ތިން ކެމެރާއަކު އެ ކުންފުނީގެ ފަހުގެ އައިފޯން ވެގެންދާނީ ވީޑިއޯ ޝޫޓް ކުރުމާއި އެޑިޓް ވެސް ކުރެވޭ ފިލްމު މޭކިން ސިސްޓަމަކަށެވެ.

އަގަށް ބަލާއިރު، އައިފޯން 11 ޕްރޯގެ އަގު ފެށެނީ 999 އެމެރިކާ ޑޮލަރުންނެވެ. އަދި މެކްސްގެ އަގު ފެށެނީ 1099 ޑޮލަރުންނެވެ. ސްޓޯރޭޖް އިތުރުކުރާ ވަރަކަށް އަގު މަތިވާނެ އެވެ.

އެޕަލް އިން މިރޭ ލޯންޗުކުރި ތިން ފޯނަށް ވެސް އަންނަ ހުކުުރު ދުވަހުން ފެށިގެން ޕްރީ އޯޑަރު ކުރެވޭނެއެވެ. ޝިޕިން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

އަދި އެޕަލް ކުންފުނީގެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓް އައިއޯއެސް 13، މިމަހުގެ 16 އިން ފެށިގެން އައިފޯން 6އެސް އަދި އޭގެ ފަހުން ނެރުނު ފޯންތަކަށް ލޯންޗުކުރާނެއެވެ.