ދުނިޔެ

ރޮހިންޔާ މުސްލިމުން ދިރިއުޅެމުން އައި ސަރަހައްދުތަކުގައި މިޔަންމާގެ ސަރުކާރުން އިމާރާތްތައް އަޅައިފި

ފަތޯނާ ފާއިޒު

މިޔަންމާގެ ރަކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުން ދިރިއުޅެމުން އައި ސަރަހައްދުތައް ސުންނާފަތި ކުރުމަށްފަހު، އެތަންތަނުގައި މިޔަންމާ ސަރުކާރުން ބޭނުންވާ އިމާރާތްތައް އަޅާފައިވާ ކަމަށް ބީބީސީން ރިޕޯޓު ކޮށްފިއެވެ.

ބީބީސީން މިޔަންމާއަށް ކުރި ދަތުރެއްގައި، ކުރިން ރޮހިންޔާ މުސްލިމުން އުޅެމުންދިޔަ ހަތަރު ސަރަހައްދެއް، މިޔަންމާގެ ސަރުކާރުން ބޭނުންކުރާކަން އެނގިފައިވާ ކަމަށް އެނޫހުން އިއްޔެ ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން އެސަަރަހައްދުތަކުގެ ސެޓެލައިޓް ފޮޓޯތަކުން ކުރިން ފެނުނީ ރޮހިންޔާ މުސްލިމުން އުޅުނު ތަންތަން ކަމުގައި ވަނީ ބުނެފައެވެ. ކުރިން ރޮހިންޔާގެ ރެފިއުޖީން ދިރިއުޅުނު ބައެއް ތަންތަނުގައި މިހާރު ހުރީ ސަރުކާރުގެ ބައެއް އިމާރާތްތަކާއި، ފުލުހުންގެ ބެރެކުތަކުގެ އިތުރުން ރެފިއުޖީ ކޭމްޕުތަކެއް އަޅައިފައެވެ.

އެހެންނަމަވެސް މިޔަންމާ ސަރުކާރުގެ އޮފިޝަލުން އެކަން ދޮގު ކުރެއެވެ.

2017 ވަނަ އަހަރުގައި މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ދިން ލާ އިންސާނީ އަނިޔާތަކަށް ކެތް ނުކުރެވިގެން، ރޮހިންޔާ މުސްލިމުންގެ ތެރެއިން 700،000(ހަތްލައްކަ) މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

އދއިން އެކަން ސިފަ ކުރީ "ނަސްލެއް ނައްތާލަން" މިޔަންމާގެ އަނިޔާވެރި ސަރުކާރުން ހިންގި ބޮޑު ޖަރީމާއެއްގެ ގޮތުގައެވެ. މިޔަންމާ ނުވަތަ ބުރުމާގެ ސަރުކާރުން، އެކަމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ. އެގައުމުގެ ސަރުކާރުން ބުނާ ގޮތުގައި، ސިފައިން ހިންގި އޮޕަރޭޝަނުގައި، ކުށެއް ނެތް ރޮހިންޔާ ދަރިކޮޅުގެ މީހުން މަރާފައެއް ނުވެއެވެ.

މިޔަންމާ އަކީ ބުޑިސްޓުންގެ މެޖޯރިޓީއެއް އޮންނަ ގައުމެކެވެ. ރޮހިންޔާ ރެފިއުޖީންނާއި ދެކޮަޅަށް ލާ އިންސާނީ ޖަރީމާއެއް ހިންގި ކަމަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދާއިރު، މިހާރު އެ ސަރުކާރުން ބުނަނީ ބަންގްލަދޭޝްއަށް ދިޔަ ބައެއް ރެފިއުޖީން އަނބުރާ ގެންނަން ބޭނުންވާ ކަމުގައެވެ.

އެގޮތުން މިދިޔަ މަހުގެ ތެރޭގައި، ބަންގްލަދޭޝްއަށް ހިޖުރަކުރި ރެފިއުޖީންތަކެއް އަނބުރާ މިޔަންމާއަށް ގެންނަން، އެގައުމުގެ ސަރުކާރުން މަސައްކަތް ކުރިއެވެ. އެކަން ފެއިލްވީއެވެ. އެނބުރި އައުމުގެ ހުއްދަ ދިން 3،450 ރެފިއުޖީން އެކަމާ ދެކޮޅު ހެދީއެވެ. އެއީ މިޔަންމާއިން ރަށްވެހިކަން ލިބުން ފަދަ އަސާސީ ހައްގުތައް ލިބޭނެ ކަމުގެ ޔަގީންކަން، އެ ރެފިއުޖީންނަށް ނެތުމުންނެވެ.

މިޔަންމާއިން ބުނީ ރެފިއުޖީން އަނބުރާ ނުގެނެވެނީ ބަންގްލަދޭޝްގެ ސަބަބުން ކަމަށެވެ. މިޔަންމާ ސަރުކާރުން ވަނީ ރޮހިންޔާ ރެފިއުޖީން އަނބުރާ ގެނައުމަށްޓަކައި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް އަލުން ގާއިމު ކުރިކަން ދެއްކުމަށް، އެގައުމަށް ނޫސްވެރިންވެސް ގެންގޮސްފައެވެ. އެ ޓުއާގައި ބީބީސީން ބައިވެރިވިއެވެ.

ބީބީސީން ބުނީ ރަހީން ސްޓޭޓަށް ވަނުން ހުއްދަ ނޫން ކަމަށެވެ. ސަރުކާރުގެ އުޅަނދެއްގައި ނޫސްވެރިން ދަތުރު ކުރަން ޖެހުނުއިރު، ފޮޓޯއެއް ނަގާކަށް، އަދި މީހަކާ އިންޓަވިޔު ކުރަން ހުއްދަ ދީފައިނުވާއިރު، ކައިރީގައި ނޫސްވެރިން ސުޕަވައިޒް ކުރަން ފުލުހުންވެސް ތިބ ކަމަށް ބީބީސީން ރިޕޯޓް ކުރެއެވެ.

ބީބީސީން ބުނީ އެވަރުންވެސް، މިޔަންމާ ރޮހިންޔާ ދަރިފަސްކޮޅު ނައްތާލަން މިޔަންމާއިން ކުރި މަސައްކަތް ނުފޮރުވުނު ކަަމަށެވެ.

މިޔަންމާގެ ރަހީން ސްޓޭޓްގެ ސެޓެލައިޓް ފޮޓޯތަކެއް އެނަލައިޒް ކުރި އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓުން ބުނީ، މިޔަންމާ ސިފައިން ރޮހިންޔާ ދަރިކޮޅުގެ މީހުން ފޮނުވާލި ސަރަހައްދުތަކުގެ 40 އިންސައްތަ އެއްކޮށް ހަލާކުކޮށްލާފައިވާކަމަށެވެ.

ރަހީން ސްޓޭޓްގައި ރޮހިންޔާ ދަރިކޮޅުގެ އެއް މިލިއަން މީހުން ދިރިއުޅެމުން އައިއިރު، އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ. ބުޑިސްޓުންގެ މެޖޯރިޓީ އޮންނަ މިޔަންމާއިން ދެކޭގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުންނަކީ ބަންގްލަދޭޝްއިން އެގައުމަށް ގަވައިދާ ހިލާފަށް އެތެރެވި ބައެކެވެ.

އެހެންނަމަވެސް ތާރީހުން އެނގޭ ގޮތުގައި ރޮހިންޔާ ދަރިކޮޅުގެ މީހުން މިޔަންމާގައި ދިރިއުޅެމުން އަންނަތާ އެތައް ޒަމާންތަކެއް ވަނީ ވެފައެވެ. 2017 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާ ސިފައިން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތަކުގައި ރޮހިންޔާ ދަރިކޮޅުގެ އެއްވެސް ކުށެއް ނެތް މީހުން މަރައި، ރޭޕުކޮށް، އެމީހުންގެ ގެދޮރުގައި ހުޅު ޖަހާފައިވެއެވެ. އެ އަމަލުތައް ހިންގީ ރޮހިންޔާގެ ހަނގުރާމަވެރިންތަކެއް، މިޔަންމާ ފުލުހުންގެ ޗެކްޕޯސްޓަކަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރުމަށްފަހުގައެވެ.

މިޔަންމާ ސިފައިން ހިންގި ރަހުމެއް ނެތް އަމަލުތަކާ ގުޅިގެން ހަތް ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.