ވޯލްޑް ކަޕް ކޮލިފައިން

ރާއްޖޭގެ ކުޅުންތެރިން ވަރަށް މަސައްކަތްކުރި، ރާއްޖޭގައި ވަރަށް ރަނގަޅު ކުޅުންތެރިން އެބަ ތިބި: ލިއްޕީ

އަލީ ރިފްޝާން

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަރަށް މަސައްކަތްކުރި ކަމަށާއި ރާއްޖޭގެ ޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 5-0ގެ ނަތީޖާއަކުން މިރޭ ޗައިނާ މޮޅުވި މެޗަށް ފަހު އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ތަޖުރިބާކާރު ކޯޗު ބުނީ ގައުމީ ޓީމެއް ވަރުގަދަ ކުރެވޭނީ އެގައުމެއްގެ ލީގު ވެސް ވަރުގަދަ ވެގެން ކަމަށެވެ.

"ރާއްޖެއިން ވަރަށް މަސައްކަތްކުރި. އެޓީމުގައި ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް އެބަ ތިބި. އަހަރެންނަކަށް މާ ބޮޑަށް ރާއްޖޭގެ ލީގާ ބެހޭ މައުލޫމާތެއް ނޭނގޭ. ގައުމީ ޓީމެއް ވަރުގަދަ ކެރެވޭނީ ލީގު ވެސް ރަނގަޅު ވެގެން. ކޮންމެ މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ،" އޭނާ ބުންޏެވެ.

ލިއްޕީ ބުނީ ބްރެޒިލަށް އުފަން ކުޅުންތެރިޔާ އެލްކެސަން އާއި ސްޕެނިޝް ލަލީގާގައި ވާދަކުރާ އެސްޕާނިޔޯލްއަށް ކުޅެމުން އަންނަ ވޫ ލީ ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ނަމަވެސް އޭނާއަށް މުހިންމީ މުޅި ޓީމުގެ ކުޅުން ކަމަށެވެ. އަދި ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންނަށް މުހިންމީ އެންމެ ކުޅުންތެރިއެއް ދައްކާ ކުޅުމެއް ނޫން. މުޅި ޓީމު ދައްކާ ކުޅުން. މުޅި ޓީމުން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އެލްކެސަން ދެ ލަނޑު ޖެހި. މިއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗު. އޭނާ އަންނަނީ ކުޅުން ރަނގަޅު ކުރަމުން. ވޫ ލީގެ ކުޅުން ވެސް ވަރަށް ރަނގަޅު. ލަލީގާ ފަދަ ވަރުގަދަ ލީގެއްގައި ކުޅޭތީ އެ ތަން ފެންނާނެ،" އޭނާ ބުންޏެވެ.

ލިއްޕީ ބުނީ ސީރިއާ މެޗާ މެދު އަދި ނުވިސްނާ ކަމަށާއި ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއް ކަމަށެވެ. އަދި ފާއިތުވެދިޔަ ދެ މެޗުން ޖުމްލަ ނުވަ ލަނޑު ކާމިޔާބުކުރެވުމުން އެކަމާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މިރޭގެ އެ ނަތީޖާއާއެކު ޗައިނާ ވަނީ ގޯލުގެ ތަފާތުން "ގްރޫޕު އޭ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ޗައިނާ އާއި ދެވަނައިގައި އޮތް ސީރިއާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް އަދި ހަތަރުވަނައިގައި އޮތް ރާއްޖެއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ޗައިނާ އާއި ސީރިއާ އިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި ޗައިނާ އިން ކުޅޭ ދެވަނަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. ގުއާމްއާ ދެކޮޅަށް ކުޅޭ އެ މެޗަކީ ޗައިނާގެ ފުރަތަމަ ހޯމް މެޗެވެ.