ވޯލްޑް ކަޕް ކޮލިފައިން

މުޅި ގޭމު ނިމުމަކަށް ގެނައީ ރެފްރީ ދިން ދެވަނަ ޕެނަލްޓީ، އެއީ ގޯސް ނިންމުމެއް!

އަލީ ރިފްޝާން

1

ރާއްޖޭގެ ކުޅުންތެރިން ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުން ދަނިކޮށް، މުޅި ގޭމު ނިމުމަކަށް ގެނައީ ރެފްރީ ދިން ދެވަނަ ޕެނަލްޓީ ކަމަށާއި އެ ޕެނަލްޓީ ދޭންވީ ސަބަބު ނުވިސްނޭ ކަމަށް ރާއްޖޭގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަތުން 5-0ގެ ނަތީޖާއަކުން މިރޭ ބަލިވި މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ރާއްޖޭގެ ކޯޗު ސެގާޓް ބުނީ ހުރިހާ ކުޅުންތެރިން ވެސް ވަރަށް މަސައްކަތް ކުރި ކަމަށާއި ގުއާމްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައި ކަމަށެވެ.

"ކުޅުންތެރިން ތިބީ ވަރަށް ވަރުބަލިވެފައި. ހާއްސަކޮށް ގުއާމް މެޗާއި އެ މެޗަށް ފަހު ކުރަން ޖެހުނު ދިގު ދަތުރުގެ ސަބަބުން. ޗައިނާއަށް އެކަމާ ކުރިމަތިލާކަށް ނުޖެހޭނެ. އެހެންވީމާ އެ ތަފާތު ވަރަށް ބޮޑަށް ފެނުނު. ދެވަނަ ޕެނަލްޓީ ދޭން ޖެހޭ ސަބަބެއް އަހަރެންނަކަށް ނޭނގޭ. އެ ޕެނަލްޓީގެ ސަބަބުން މުޅި ގޭމު ނިމުމަކަށް އައި. އަހަރެން ޖެހޭނީ ޕެނަލްޓީތައް ދޭން ޖެހުނު ސަބަބު ހޯދަން ފުރަތަމަ ޓީވީން ރީޕްލޭ ބަލަން،" އޭނާ ބުންޏެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޗައިނާއަށް ދިން ޕެނަލްޓީއަކީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔައޯ ޝިހައޯއަށް ކެޕްޓަން އަކްރަމް އަބްދުލްޣަނީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. އެ ފައުލާ ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު އަކޫއަށް ރަތް ކާޑެއް ވެސް ދައްކައިފައެވެ.

ކޯޗު ބުނީ ޗައިނާއަށް ފުރަތަމަ ޕެނަލްޓީ ދިން އިރު އަހްމަދު ނޫމާން (ހެލްމެޓް) ޕެނަލްޓީ އޭރިއާ ތެރެއަށް ވެއްޓިފައި އޮތުމުން އެކަމަށް ސަމާލުކަން ދޭން ޖެހުނު ކަމަށާއި އޭގެ ސަބަބުން ޕެނަލްޓީ ދޭން ޖެހުނު ސަބަބު ރަނގަޅަށް ނޭނގުނު ކަމަށެވެ. އަދި 2-0ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮއްވައި ރާއްޖެއަށް ލަނޑެއް ޖެހުނު ނަމަ، މެޗުގެ އޮއިވަރު ބަދަލުކޮށްލެވުނީސް ކަމަށް އޭނާ ބުންޏެވެ.

"ޗައިނާއަށް މި މޮޅު ހައްގު. ދެ ޓީމުގެ ތެރެއިން މޮޅަށް ކުޅުނީ ޗައިނާއިން. ޗައިނާ ކޯޗު މާސެލޯ ލިއްޕީ ވަނީ އަހަރެމެންގެ ކުޅުން ވަރަށް ރަނގަޅަށް ދަސްކޮށްފައި. މެޗަށް ފަހު އަހަރެންނަށް އޭނާ ނަސޭހަތްތަކެއް ދިން. އެކަމުން އަހަރެން ދަސްކުރާނަން. މިއަދުގެ މެޗަކީ ރަނގަޅު އިމްތިހާނެއް،" އޭނާ ބުންޏެވެ.

މިރޭގެ އެ ނަތީޖާއާއެކު ޗައިނާ ވަނީ ގޯލުގެ ތަފާތުން "ގްރޫޕު އޭ"ގެ އެއްވަނައަށް ޖެހިލައިފައެވެ. ޗައިނާ އާއި ދެވަނައިގައި އޮތް ސީރިއާ އާއި ތިންވަނައިގައި އޮތް ފިލިޕީންސް އަދި ހަތަރުވަނައިގައި އޮތް ރާއްޖެއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އޭގެ ތެރެއިން ޗައިނާ އާއި ސީރިއާ އިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ގްރޫޕުގެ ފުލުގައި އޮތް ގުއާމް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅޭ ތިންވަނަ މެޗަށް ނުކުންނަން ޖެހޭނީ އަންނަ މަހުގެ ދިހަވަނަ ދުވަހުއެވެ. ރަށުން ބޭރުގައި ކުޅޭ އެ މެޗުގައި ރާއްޖެ ނުކުންނަން ޖެހޭނީ ސީރިއާއާ ދެކޮޅަށެވެ. އެ މެޗަކީ ސީރިއާގެ ހޯމް މެޗު ކަމުގައިވީ ނަމަވެސް، އެ މެޗު ކުޅޭނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައެވެ.

ހަސަނާ

އެއީ ހަމަ ރަނގަޅު ޕެނަލްޓީއެއް.