ވޯލްޑް ކަޕް ކޮލިފައިން

ރާއްޖެ 0-5 ޗައިނާ (ފުލް ޓައިމް)

10 Sep 21:50

މެޗުގެ ކުޅުން ނިންމާލައިފި. މެޗު ނިމިގެންދިޔައީ 5-0ގެ ނަތީޖާއަކުން ޗައިނާ މޮޅުވެގެން.

10 Sep 21:49

'90+1- ޗައިނާއިން އެޓީމުގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްފި. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޗައިނާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަލްކެސަން. އޭނާއަށް ބޯޅަ ލިބުނު އިރު، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ އޭނާ ހުރީ ވަރަށް ހުސްކޮށް.

10 Sep 21:48

ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ތިން މިނެޓުގެ ކުޅުން ދައްކައިފި.

10 Sep 21:46

'87- ޗައިނާގެ ހަމަލާއެއް. ހިލޭ ޖެހުމަކުން ވެއި ޝިހައޯ ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

10 Sep 21:45
10 Sep 21:44

'85- ރާއްޖެއިން ބަދަލެއް. ފޭދޫ އިއްބެގެ ބަދަލުގައި ކުޅެން ނުކުތީ ސަމްދޫހު މުހައްމަދު.

10 Sep 21:40

'81- ޗައިނާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލަށް އުފަން ފޯވަޑް އަލްކެސަން.

10 Sep 21:39

'81- ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔައޯ ޝިހައޯއަށް ކެޕްޓަން އަކޫ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި، ޗައިނާއަށް ޕެނަލްޓީއެއް ދީފި.

10 Sep 21:37

'78- ޗައިނާގެ ބަދަލެއް. ކެޕްޓަން ހައޮ ޖުންމިންގެ ބަދަލުގައި ކުޅެން ނުކުތީ ޔަޔޯ ޖުންޝެންގް.

10 Sep 21:36

'78- ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ސަމޫހު އަލީ (ސަމުއްޓޭ) އަށް ކުރި ފައުލަކާ ގުޅިގެން ޗައިނާގެ ވެއި ޝިހައޯއަށް ރީނދޫ ކާޑެއް.

10 Sep 21:34

'77 - ޗައިނާއަށް އިތުރު ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ޗައިނާގެ ވޫ ލެއި ފޮނުވާލި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވޭ.

10 Sep 21:34

'74- ޗައިނާއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނަގައިދިން ހިލޭ ޖެހުން ރާއްޖޭގެ ޑިފެންޑަރު ސިފާއު ވަނީ ދިފާއުކޮށްފައި. ނަމަވެސް ޕެނަލްޓީ އޭރިއާ ބޭރުން އެ ބޯޅަ ލިބުނީ ވެއި ޝިހައޯއަށް. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ކީޕަރު ފައިސަލްއާ ދިމާއަށް.

10 Sep 21:31

'73 - އަކޫ ކުރި ފައުލަކާ ގުޅިގެން ޗައިނާއަށް ހިލޭ ޖެހުމެއް.

10 Sep 21:28

'70- ރާއްޖެއަށް ފުރުސަތެއް. ހަމްޕު ދިން ބޯޅައެއް ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ފޭދޫ އިއްބެ ފޮނުވާލި ހަމަލާ ޗައިނާގެ ޑިފެންޑަރެއް ފައިގައި ޖެހިފައި ވަނީ ކޯނަރަކަށް ބޭރުވެފައި.

10 Sep 21:26

'68- ޗައިނާގެ ބަދަލެއް. ޔަންގް ޒޫގެ ބަދަލުގައި ކުޅެން ނުކުތީ ވެއި ޝިހައޯ.

10 Sep 21:21

ޗައިނާގެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޔަންގް ޒޫ.

10 Sep 21:21

'62- ޗައިނާއަށް ޕެނަލްޓީއެއް. ޗައިނާއަށް މި ޕެނަލްޓީ ލިބުނީ ކޯނަރެއްގެ ތެރެއިން ނިހާޓު ކުރި ފައުލަކާ ގުޅިގެން.

10 Sep 21:15

'56- ރާއްޖެއަށް އިތުރު ފުރުސަތެއް. ކޯނަރެއްގެ ތެރެއިން އައިސަމް ފޮނުވާލި ހަމަލާ މިފަހަރުވެސް މަތަކުރީ ޗައިނާގެ ކީޕަރު ޔަން ޖުންގްލިން. އޭނާ އެ ހަމަލާ ފޮނުވާލީ ޕެނަލްޓީ އޭރިއާ ތެރެއިން ހަމްޕު ދިން ބޯޅައަކުން.

10 Sep 21:14

'55- ރާއްޖެއަށް ކައިރިކައިރީގައި ދެ ފުރުސަތެއް. ހިލޭ ޖެހުމުން އަކޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށް. އަދި އެ ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ފޮނުވާލި ހަމަލާ ޗައިނާގެ ކީޕަރު ޔަން ޖުންގްލިން ވަނީ މަތަކޮށްފައި.

10 Sep 21:12

'54- ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޭދޫ އިއްބެއަށް ޗައިނާގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް.

10 Sep 21:11

މި ހާފުގައި ރާއްޖެއިން އަންނަނީ ކުރިއަށް ޖެހި، ޗައިނާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކުރަމުން.

10 Sep 21:11

'53- ހިލޭ ޖެހުމަކުން ޗައިނާގެ އަލްކެސަން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ފައިސަލް ހޯދައިފި.

10 Sep 21:10

'51- ޗައިނާއަށް ހުސް ފުރުސަތެއް. ވަންގް ގަންގް ނަގައިދިން ހުރަހަކުން ޔަންގް ޒޫ، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެ ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް.

10 Sep 21:08

'48- ރާއްޖެއަށް ފުރުސަތެއް. ދާދު ދިން ބޯޅައެއް ހިފައިގެން ފޭދޫ އިއްބެ ޗައިނާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ވަނީ ޗައިނާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށްފައި. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރެއަށް ގަސްދުގައި ވެއްޓުން ކަމަށް ނިންމައި، ރެފްރީ ވަނީ ފޭދޫ އިއްބެއަށް ރީނދޫ ކާޑެއް ދައްކާފައި.

10 Sep 21:06

މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަނީ ޗައިނާގެ ފޯވަޑް ވޫ ލެއި. އޭނާއަކީ ސްޕެއިން ލަލީގާގައި ވާދަކުރާ އެސްޕަނިޔޯލްއަށް ކުޅޭ ކުޅުންތެރިއެއް. ފުރަތަމަ ލަނޑު ޖަހާފައިވަނީ އޭނާގެ އެސިސްޓަކުން. އަދި ޗައިނާގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އޭނާ.

10 Sep 21:02

ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ޗައިނާއިން.

10 Sep 21:02

ރާއްޖެއިން ދެވަނަ ހާފަށް ކުޅެން ނުކުތީ ބަދަލަކާއެކު. ދަގަނޑޭގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ނާއިޒް (ދާދު).

10 Sep 20:57

ފުރަތަމަ ހާފު:

  • ފުރަތަމަ ހާފުގައި ޗައިނާއަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ރާއްޖޭގެ ޑިފެންސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށް.
  • ރާއްޖޭގެ ޑިފެންޑަރުން ގިނަ ބޯޅަތަކެއް ދިފާއުކުރަން ޖެހުނު އިރު، ކީޕަރު ފައިސަލް ވަނީ ޗައިނާގެ ހަމަލާތަކެއް މަތަކޮށްފައި.
  • ޗައިނާގެ ދެ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ފަހު 15 މިނެޓުގެ ތެރޭގައި.
  • ޗައިނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ވޫ ޒީ. އަދި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލީ ލެއި.
  • ބްރެޒިލަށް އުފަން ޗައިނާގެ ފޯވަޑް އަލްކެސަންގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންގޮސްފައެއް ނުވޭ. މި މެޗަކީ އޭނާ ޗައިނާ ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗު.
  • ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެން.
10 Sep 20:49
10 Sep 20:48

ރަސްމީކޮށް ރާއްޖޭގެ ގައުމީ ޓީމުގެ ޖާޒީ ރައީސް ސޯލިހު އިފުތިތާހުކޮށްދެއްވައިފި.

10 Sep 20:47

ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފުރަތަމަ ހާފު ނިމުނީ 2-0ގެ ނަތީޖާއަކުން ޗައިނާ ކުރީގައި އޮވެގެން.

10 Sep 20:47
10 Sep 20:46

އިތުރު ވަގުތުގެ ގޮތުގައި ދެ މިނެޓުގެ ކުޅުން ދައްކައިފި.

10 Sep 20:45

ވޫ ލެއި މި ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔަންގް ޒޫ ބޮލުން ޖައްސާލި ބޯޅައަކުން.

10 Sep 20:45

'44- ޗައިނާއިން ލީޑު ފުޅާކޮށްފި. ޗައިނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވޫ ލެއި.

10 Sep 20:41

'40- ޗައިނާއަށް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ނެގި ހުރަހަކުން އަލްކެސަން ބޮލުން ފޮނުވާލި ހަމަލާ، އައިސަމް ބޮލުގައި ޖެހިފައި ކޯނަރަކަށް ވަނީ ބޭރުވެފައި.

10 Sep 20:39

'39- ވޫ ލެއިއަށް ކުރި ފައުލަކާ ގުޅިގެން ރާއްޖޭގެ ކެޕްޓަން އަކޫއަށް ރީނދޫ ކާޑެއް.

10 Sep 20:37

'37- ޗައިނާއަށް ހުސް ފުރުސަތެއް. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ވޫ ޒީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް.

10 Sep 20:35

ވޫ ލެއި ނަގައިދިން ހުރަހަކުން ޗައިނާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ވޫ ޒީ. މި ލަނޑު ޖެހި އިރު، ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ކެޕްޓަން އަކޫއަށް ވަނީ އަނިޔާވެފައި.

10 Sep 20:33

'33- ޗައިނާއިން ލީޑު ހޯދައިފި.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރީންނަށް މަރުހަބާ!

މިރޭ 8:00ގައި ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅޭ މެޗަކީ ޗައިނާގެ ފުރަތަމަ މެޗު. އަދި މިއީ ރާއްޖޭގެ ދެވަނަ މެޗު. ރާއްޖޭގެ ފުރަތަމަ މެޗުގައި ގުއާމް އަތުން ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެފައި. ރަށުން ބޭރުގައި ކުޅުނު އެ މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ).

މިރޭގެ މެޗަށް ނެގި ރާއްޖެ އިން ނެގި ފުރަތަމަ 11 އިން ދާދި ފަހުން އަލުން ސްކޮޑުން ޖާގަ ދިން އަލީ އަޝްފާގު (ދަގަނޑޭ) އަށް ވަނީ ފުރުސަތު ދީފައި. ނަމަވެސް މިރޭގެ މެޗުގައި ކެޕްޓަނެއްގެ ދައުރު އަދާކުރާނީ އަކްރަމް އަބްދުލްޣަނީ (އަކޫ).

މި މެޗުގައި ޗައިނާގެ ފުރަތަމަ 11 އަށް ބްރެޒިލަށް އުފަން ކުޅުންތެރިޔާ އަލްކެސަން ވަނީ ނަގާފައި. މި މެޗަކީ ޗައިނާގެ ގައުމީ ޓީމަށް އޭނާ ކުޅޭ ފުރަތަމަ މެޗު. ޗައިނާގެ ކޯޗަކީ އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީ.

ރާއްޖެ އާއި ޗައިނާ ވަނީ މީގެ ކުރިން ހަތަރު ފަހަރަކު ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކޮށްފައި. އެ ހަތަރު މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައި.