މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 37

އަބްދުﷲ ފާރޫގް ހަސަން

(7 ސެޕްޓެމްބަރުގެ އަދަދާ ގުޅޭ)

ރޭޑިޔޯ:

މީގެ ތިރީހަކަށް އަހަރުކުރީން ރޭޑިޔޯއަކީ މަލިކުމީހުންނަށް ވަރަށް ބީރައްޓެހި އެއްޗެކެވެ. ނަމަވެސް މިހާރު މަލިކުގައި ރޭޑިޔޯ ވަރަށްގިނައެވެ. އެހެންކަމުން ދުނިޔޭގެ އެތަންމިތާނގެ ޚަބަރުތައް ގޭގައިތިބެގެން ވަގުތުން ވަގުތަށް އަޑުއަހައެވެ. މަލިކުމީހުން ޢާންމުކޮށް އެންމެ ގިނައިން އަޑުއަހާ ރޭޑިޔޯ ސްޓޭޝަނަކީ ދިވެހިރާއްޖޭގެއަޑެވެ. މަލިކަށް ދިވެހިރާއްޖޭގެއަޑު ދުވާލު ވަރަށް ސާފުކޮށް ލިބެއެވެ. ރޭގަނޑު ލިބޭލެއް ތަންކޮޅެއް ނުސާފެވެ.

މަލިކު މިހާރު އެއަތޮޅެއްގައި ހިމެނޭ ޔުނިއަން ޓެރިޓަރީ އޮފް ލަކްޝަދީބުގައި ރޭޑިޔޯ ސްޓޭޝަނެއް ނުހުރެއެވެ. ނަމަވެސް ދިގުކަރައިގެ ކާލީކޯޓުން ލަކުޑިދީބަށް ޚާއްޞަ ޕްރޮގްރާމެއް ފޮނުވައެވެ. އެ ޕްރޮގްރާމުގައި މަލިކުބަހުން ދުރަށް އަޑުފޮނުވާ ތިރީސް މިނެޓު ހިމެނެއެވެ. ޚަބަރާއި، ލަވައާއި، ޑްރާމާ ފަދަ ތަކެތި ފޮނުވައެވެ.

ޓެލެވިޜަން:

ލަކުޑިދީބުގައި ޓެލެވިޜަން ސްޓޭޝަނެއްވެސް ނުހުރެއެވެ. ނަމަވެސް ލަކުޑިދީބަށް ޓެލެވިޜަން ޕްރޮގްރާމުތައް ލިބޭނެގޮތް އިންޑިޔާސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ. މިގޮތުން ނިއުދިއްލީން ދުރަށް ދައްކާ ދެއްކުންތައް މަލިކަށް ސާފުކޮށް ލިބެއެވެ.

ވަޔަރލެސް:

މަލިކު އޮންނަނީ ސެޓެލައިޓް ކޮމިއުނިކޭޝަންގެ ޒަރީޢާއިން ދިގުކަރައާއި ކަވަރައްދޫއާ ގުޅިފައެވެ. ލަކުޑިދީބުގެ އެންމެ ދުވަސްވީ ވަޔަރލެސް ސްޓޭޝަނަކީ މަލިކުގެ ވަޔަރލެސް ސްޓޭޝަނެވެ. މަލިކުގައި ވަޔަރލެސް ސްޓޭޝަނެއް އުފެއްދީ އިނގިރޭސީންނެވެ. 1941 ވަނައަހަރުގައެވެ. އެތަނުގައި ފުރަތަމަ ހިނގިކަމަށްވަނީ މަލިކުގައި އިނގިރޭސީން އުފެއްދި ވައިބަލާ ހަފީސްގެ (މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުގެ) ދަށުން ދިގުކަރައިގެ ޕޫނާއަށް މޫސުމާބެހޭ ރިޕޯޓުތައް ފޮނުވުމުގެ މަސައްކަތެވެ. މަލިކުގެ ވަޔަރލެސް ސްޓޭޝަން ގާތްގަނޑަކަށް 1947 އާ ހަމަޔަށް މިގޮތަށް ހިނގުމަށްފަހު، ޢާންމު ދަތުރުވެރީންނަށްވެސް އެތަނުން މޫސުމާބެހޭ މަޢުލޫމާތު ދޭން ފެށިއެވެ. މަޑުމަޑުންގޮސް އެތަން ހަމަޖެހިގެން ދިޔައީ ސަރުކާރުގެ ތަފާތު ބޭނުންތައްވެސް ހިފޭ ތަނެއްގެ ގޮތުގައެވެ.

ޓެލެފޯނު:

މަލިކުގައި އެންމެފުރަތަމަ ޢާންމުކޮށް ޓެލެފޯން ބޭނުންކުރެވެން ފެށީ 1973 ގައެވެ. މިހާރު މަލިކުގެ ޢާންމު ރައްޔިތުންނަށްވެސް އައި.ޑީ.ޑީ. ފޯނު (މަލިކުގައި ކިޔާގޮތަށް ދަންނަވާނަމަ އެސް.ޓީ.ޑީ. ފޯނު) ގެ ޚިދުމަތްވަނީ ލިބިފައެވެ. ގޭގައި ތިބެގެން ބޭނުން ކޮންމެ ޤައުމަކާ ގުޅާލެވެއެވެ.

އަޅުގަނޑުމެން މަލިކަށް ޒިޔާރަތްކުރިއިރު މަލިކުގައި ފެކްސްހުރީ ހަމައެކަނި ޑެޕިއުޓީ ކަލެކްޓަރގެ އޮފީހުގައެވެ. އޭރު ފެކްސް ފޮނުވެނީ ނިއުދިއްލީއަށާއި، ކޮއްޗެއަށާއި، ކަވަރައްދުއަށެވެ.

މޫސުމާބެހޭ އޮފީސް:

މަލިކުގައި މީޓިއޮރޮލިޖިކަލް ސެންޓަރެއް ހުރެއެވެ. ކުރީންވެސް ދެންނެވިފަދައިން އެތަނަށް މަލިކުމީހުން ކިޔަނީ ވައިބަލާހަފީހެވެ. މިއީ އިނގިރޭސީން އުފެއްދި މަރުކަޒެކެވެ. މިހާރު މިތަނަކީ އިންޑިޔާގައި ހުރި މޫސުމާބެހޭ މަޢުލޫމާތު ހޯދާ އެންމެބޮޑު އެއްމަރުކަޒު ކަމުގައި ބުނެވެއެވެ. މިތަން ހިނގަނީ އިންޑިޔާގެ މެޑްރާސްގައި ހުންނަ މޫސުމާބެހޭ އޮފީހެއްގެ ދަށުންނެވެ. ކޮންމެދުވަހަކު މަލިކުން އެއްކުރާ މަޢުލޫމާތުވެސް ފޮނުވާލެވެނީ މަދަރާސީއަށެވެ.

ކޮންމެދުވަހަކު ބޮޑެތިހަން ޖައްވަށް ދޫކޮށްގެން ޖައްވުގެ އޮޔާއިވައިގެ މަޢުލޫމާތު ހޯދުމާއި، ވެށީގެ ފިނިހޫނުމިން ބެލުމަކީ އެތާނގައި އާދަވެގެން ހިނގާ މަސައްކަތެވެ. ވާރޭމިނި (ރޭންގޭޖް) އާއި، ވިންޑްމީޓަރ ފަދަ ތަކެތި ޤަވާޢިދުން ބޭނުން ކުރެވެއެވެ. މަލިކުގެ މެޓިއޮރޮލޮޖިކަލް ސެންޓަރ ނުވަތަ ވައިބަލާހަފީހުގެ އޮފިސަރ އިންޗާޖަކަށް ހުންނަވަނީ މަލިކުގެ ބޭކަލެކެވެ. ކުޑަކައްދާތަގޭ މުޙަންމަދެވެ.

ޕޯސްޓްއޮފީސް:

މަލިކުގައި ސަބްޕޯސްޓްއޮފީހެއް ހުރެއެވެ. އިނގިރޭސީންގެ ދަށުގައި މަލިކު އޮތް ދުވަސްވަރު މަލިކަށް އެޑްރެސް ކުރެވިފައި ހުންނަ ސިޓީތައް ފުރަތަމަ ފޮނުވާލެވެނީ ކަންނަންނޫރުގައި ހުންނަ މަލިކުގެ އެޖެންޓަށެވެ. އޭނާ އެންމެއަވަހަށް ފޮނުވޭގޮތް ދިމާވާ އޮޑިޔަކުން ޕޯސްޓް މަލިކަށް ފޮނުވަނީއެވެ. ޕޯސްޓް ބެހުމުގެ ކަންތައް ހަމަޖައްސަނީ މަލިކުގެ އާމީން (މަލިކުވެރީން) އެވެ. މަލިކުމީހުން ޕޯސްޓް ކުރަން ބޭނުންވާ ސިޓީތަކުގެ ކަންތައް ހަމަޖައްސަނީވެސް އޭނާއެވެ. އާމީން އަމިއްލަ ގޮތުން ސްޓޭމްޕްޖެހުމުގެ އިންތިޒާމް ހަމަޖައްސައިގެން ކަހަލަ ގޮތަކަށެވެ. 1958 އާ ހަމަޔަށްވެސް މަލިކުގެ ޕޯސްޓުގެ ކަންތައް ހިނގަމުން އައީ މިކަހަލަ ގޮތަކަށެވެ. އެހާތަނުން "އެކްސްޓްރާ ޑިޕާޓްމަންޓަލް ޕޯސްޓްއޮފީހެއްގެ ގޮތްޕެއް" މަލިކުގައި ހުޅުވުނެވެ. މަލިކުގެ ޕޯސްޓްއޮފީސް ސަބްޕޯސްޓްއޮފީހެއްގެ ފެންވަރަށް ތަރައްޤީ ކުރެވުނީ 1964 ގައެވެ.

ނޫސްވެރިކަން:

އަޅުގަނޑުމެން މަލިކަށްދިޔައިރު މަލިކުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ނޫހެއް ނުކުމެއެވެ. ނަމަކީ ލަކްޝަދީބު ޓައިމްސް މަހަލް އެޑިޝަނެވެ. ލަކްޝަދީބު ޓައިމްސްގެ މައިއޮފީސް ހުންނަނީ ކަވަރައްތީގައެވެ. ކަވަރައްތީން އެނޫހުގެ އިނގިރޭސި އެޑިޝަނަކާއި މަލިޔާޅަމް އެޑިޝަނެއް ނެރެއެވެ. މަލިކުގައި އެނޫސް ނެރެމުންގެންދިޔައީ އަޅުގަނޑުމެންގެ އެކުވެރި ފެންގެންނަގޯތި މުޙައްމަދުގެ (މަލިކުގެ އިންފޮރމޭޝަން އެސިސްޓެންޓް-ކަމް ފޮޓޮގްރާފަރ) ބެލުމުގެ ދަށުންނެވެ. އެހެންކަމުން އެނޫހުގައި މަސައްކަތްކުރުމުގެ އުފާ އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑު މަލިކުގައި ހުއްޓައި ނުކުތް އަދަދުތައް ބަހަވީގޮތުން ބަލައިދީ ބައެއް މައުޟޫޢުތަކަށް މަޒުމޫނުލިޔެދީ ހެދީމެވެ. އެހެންކަމުން، ރާއްޖެއިންބޭރުގައި ދިވެހިބަހުން ނުކުތް ނޫހަކަށް ކިތަންމެ ފެންގޮތެއްގައި ނަމަވެސް ޚިދުމަތެއް ކޮށްދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައެވެ. ކޮންމެއަކަސް މިއީ އަޅުގަނޑުގެ ނޫސްވެރިކަމުގެ ޙަޔާތުގެ އުފާވެރި ހަނދާނެކެވެ.

މަގުމަތީގެ ޓްރާންސްޕޯޓް:

މަގުމަތީގެ ޓްރާންސްޕޯޓުގެ ދާއިރާއަށް ބަލާލާއިރު މަލިކުމީހުން އެންމެގިނައިން ބޭނުންކުރަނީ ބައިސިކަލެވެ. މޮޓޯސައިކަލާއި ސްކޫޓަރވެސް ހުރެއެވެ. ބަހެއް، ކާރެއް ނުހުރެއެވެ. ސަރުކާރުގެ ބޭނުންތަކަށް ބޭނުންކުރާ ދެތިން ޖިޕެއް އޮވެއެވެ. މީގެ އިތުރަށް ޓްރެކްޓަރާއި ކުދި ޕިކަޕް ހުރެއެވެ. އިންޑިޔާއާއި ސްރީލަންކާގައި ދަތުރުފަތުރުގެ އެންމެ ޢާންމު ވަސީލަތެއްކަމުގައި މިހާރު ބެލެވޭ ތްރީވީލް ނުވަތަ "ކުރޮޅި" ވަރަށްމަދުން ގެންގުޅެއެވެ.

ތެދުތެދަށް ދަންނަވާނަމަ މަލިކުގެ މީހުންއުޅޭ ސަރަޙައްދުގައި ދުއްވާތަކެތީގެ ބޭނުން ކުރެވޭކަށްވެސް ނޯވެއެވެ. މަގުތަކުގެ ހަނިކަމާއި، ގެދޮރު އަޅައިފައި ހުންނަ ގޮތުންނެވެ. ދުއްވާ ތަކެތި ބޭނުންކުރެވެނީ ބަންޑާރަގަނޑަށް ގޮސްއައިސް ހެދުމަށެވެ. ބަންޑާރަގަނޑުން ކާށްޓާއި ދަރު ގެނައުމަށެވެ.

މަލިކުގައި ބަހެއްނެތޭ އަޅުގަނޑަށް ދެންނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. އާދެ، ނަވޯދިޔާ ސްކޫލުގައި އެސްކޫލް ކުދީންނަށް ޚާއްޞަ ބަހެއް އޮވެއެވެ. ޗުއްޓީ ދުވަސްދުވަހު އެކުދީން މަލިކުގެ މީހުންއުޅޭ ސަރަޙައްދަށް ގެނެސް ގެންގޮސް ހަދަނީ އެބަހުގައެވެ. އަޅުގަނޑު މަލިކުގެ ތަޢުލީމުގެ މައްޗަށް ބަލާލާ ބަލާލުމުގައި އެސްކޫލުގެ ތަޢާރުފެއް ގެނެވޭތޯ މަސައްކަތް ކުރާނަމެވެ.

މަލިކުބައްތި:

މަލިކުމީހުންގެ ދަތުރުފަތުރާއި މުވާޞަލާތާ ބެހޭގޮތުން ލިޔެވޭ ކޮންމެ ލިޔުމެއްގައިވެސް މަލިކުބައްތިއަށް ޚާއްޞަ ކަނެއް ދޭން ޖެހެއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މަލިކަކީ ކަނޑުދަތުރުފަތުރުގެ ވަރަށް ޚާއްޞަ މަގެއްގައި އޮންނަ ރަށެކެވެ. އެހެންކަމާއެކު އިންޑިޔާކަނޑުގައި އިނގިރޭސީންގެ ނުފޫޒު ފެތުރިފައި އޮތް ދުވަސްވަރު އެބައިމީހުން މަލިކުގައި ބައްތިއެއް ޢިމާރާތްކުރީ އޭރު ސިލޯނުގައި އޮތް އިނގިރޭސިސަރުކާރުގެ ފަރާތުންނެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން އޭރު އިންޑިޔާގައިވެސް އޮތީ އިނގިރޭސި ވެރިކަމެވެ. ނަމަވެސް މިމުހިންމު މަސައްކަތް ކުރީ ކޮޅުނބު މެދުވެރިކޮށެވެ. ދިވެހިރާއްޖެއާ އިނގިރޭސީންނާ ދެމެދު ހިނގާ މުޢާމަލާތްތައް އެދުވަސްވަރު ހިންގަނީ ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު މެދުވެރިވެވަޑައިގެންނެވެ.

މަލިކުބައްތި ޢާންމުކޮށް ދަތުރުވެރީންނަށް ހުޅުވާލެވުނީ 2 ފެބްރުއަރީ 1885 ގައެވެ. އިނގިރޭސިސަރުކާރުން 1956 ގައި މަލިކުބައްތި އިންޑިޔާއާ ޙަވާލު ކުރަންދެން ބައްތި ބެލެހެއްޓީވެސް ކޮޅުނބުންނެވެ.
މަލިކުބައްތި ހުންނަނީ މަލިކުގެ މީހުންއުޅޭ ސަރަޙައްދާ ވަރަށް ދުރުގައި ރަށުގެ ދެކުނުކޮޅުގައެވެ. ބައްތި ބެލެހެއްޓުމާ ޙަވާލުވެ ތިބޭނެ މީހުން ތިބޭނެ ގޭގެއާއި ބައްތިއަށް ބޭނުންވާ އިލެކްޓްރިކް ލިބޭނެގޮތުގެ އިންތިޒާމު އެހިސާބުގަނޑުގައި ހަމަޖެހިފައި ހުރެއެވެ.

މަލިކުގައި ކަސްޓަމެއް ނުހުރެއެވެ. ނަމަވެސް ހާބަރ ޑިޕާޓްމަންޓަކާއި ޕޯޓް އެސިސްޓެންޓުގެ ހަފީހެއް (އޮފީހެއް) ހުރެއެވެ.

މަލިކުގައި ހާބަރ ޑިޕާޓްމަންޓް ހިނގަމުންދަނީ މަރުކަޒީ ސަރުކާރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ދަށުންނެވެ. އިސް ވެރިޔަކަށް 1990 ސެޕްޓެމްބަރުގައި ހުރީ އެސިސްޓެންޓް އިންޖިނޭރު އޭ.ޕީ. އަބޫޞާލިޙެވެ. މީނާއަކީ ލަކުޑިދީބުގެ ކިލްތާނުގެ ބޭކަލެކެވެ.

ހާބަރ ޑިޕާޓްމަންޓުން އާދަވެގެންކުރާ މަސައްކަތަކީ ފަޅު ފުންކުރުމާއި، ބޯޓުފަހަރު ފަޅަށް ވެއްދުމާއި، ރަށްގިރާ ދިމަދިމާގައި ތޮށިލުމާއި، ނެރުބައްތި ޖެހުމާއި، ބޮއިއެޅުމާއި، އެންބަރކޭޝަން ޖެޓީ ހެދުމާއި، ފަސިންޖަރުންގެ ހޯލުހަދައި ބެލެހެއްޓުމެވެ.

ޕޯޓްއެސިސްޓެންޓުންގެ ހަފީހުން ކުރާ ކަމަކީ ނާ އަންނަ ދުވަސް (ޕެސެންޖަރލައިނަރ ނުވަތަ ކާގޯބޯޓު) ދުވަހާއި ހެލިކޮޕްޓަރު އަންނަ ދުވަސް އިޢުލާނުކޮށް އެތަކެތީން ފަސިންޖަރުންނަށް ޖާގަދިނުމާއި، ހެލިކޮޕްޓަރު އައުމާއި ފުރުމާ ބެހޭ ކަންތައް އިންތިޒާމުކޮށް ބެލެހެއްޓުމެވެ.

ޕޯޓްއެސިސްޓެންޓަކީ ކަލިފަދާތަގޭ މުޙަންމަދެވެ. މީނާގެ އިތުރަށް ޗީފް އިންޖިން ޑްރައިވަރެއް ހުންނަވައެވެ. އެމަޤާމުގައި ހުންނަވަނީ މުރާދޫގަނޑުވަރު މުޙަންމަދުމަނިކުފާނެވެ.

(ނުނިމޭ