ވޯލްޑް ކަޕް ކޮލިފައިން

ގޮންޖެހުންތަކާއެކު ވެސް ޗައިނާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ ބަލިވުމުގެ ރެކޯޑަށް ނިމުމެއް ގެންނަން

އަލީ ރިފްޝާން

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ކުޅޭ މެޗަކީ ރާއްޖެ އާއި ޗައިނާގެ ފުރަތަމަ ކުރިމަތިލުމެއް ނޫނެވެ. މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިންގައި ދެ ޓީމުގެ ހަތަރު ކުރިމަތިލުމެއް ފެނިގެންދިޔައެވެ. ނަމަވެސް އެ ހަތަރު މެޗުން ވެސް ޗައިނާ އަތުން ރާއްޖެ ވަނީ ބަލިވެފައެވެ. މިރޭގެ މެޗަށް ރާއްޖެއިން ނުކުންނާނީ ޗައިނާ އަތުން ބަލިވުމުގެ ސިލްސިލާ ނިމުމަކަށް ގެނައުމުގެ އަޒުމުގައެވެ.

މިރޭގެ މެޗަކީ ރާއްޖެ އާއި ޗައިނާއަށް ވެސް މުހިންމު މެޗެކެވެ. ހާއްސަކޮށް މިރޭގެ މެޗަކީ ކޮލިފައިންގައި ޗައިނާއިން ކުޅޭ ފުރަތަމަ މެޗަށްވުމުން، އެޓީމުން ފެށުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

ވޯލްޑް ކަޕް 2002ގެ ކޮލިފައިންގައި ބޮޑު ބައްޔަކާއި ހިތްހަމަޖެހޭ ނަތީޖާއެއް!

ރާއްޖެއާ ދެކޮޅަށް ވޯލްޑް ކަޕް ކޮލިފައިން މެޗަކަށް ޗައިނާ ފުރަތަމަ ނުކުތީ 2001 ވަނަ އަހަރުގެ އޭޕްރީލް 22 ގައެވެ. ރަށުން ބޭރުގައި ރާއްޖެއިން ކުޅުނު އެ މެޗުގައި ރާއްޖެއަށް ލިބިގެންދިޔައީ ވަރަށް ހިތްދަތި ނަތީޖާއެކެވެ. އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 10-1ގެ ނަތީޖާއަކުންނެވެ. އެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާ އަތުން ރާއްޖެއަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީއެވެ. އެ މެޗަށް ފަހު 2001 ވަނަ އަހަރުގެ އޭޕްރީލް 28 ވަނަ ދުވަހު ރާއްޖެއިން ނުކުތީ ހޯމް މެޗަށެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު އެ މެޗުން ބަލިވި ނަމަވެސް، އެ ނަތީޖާއަކީ ރާއްޖެއަށް ރަނގަޅު ނަތީޖާއެކެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

ޗައިނާއާ ދެކޮޅަށް 2001 ވަނަ އަހަރު ކުޅުނު އެ ދެ މެޗުގައި އޭރު ރާއްޖޭގައިި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ފެނިގެންދިޔައެވެ. އެގޮތުން އެ މެޗުތަކުގައި މުހައްމަދު ޖަމީލް (ޖަމްބެ) އާއި އައްސަދު އަބްދުލްޣަނީ އާއި ޔޫސުފް އަޒީމް (ޔޫއްޓޭ) އާއި އަޝްރަފް ލުތުފީ އާއި އަލީ ޝިހާމް (ހުރާ އައްޔަ) އާއި ޝާހު އިސްމާއީލް (ސާޔާ) އަދި ކީޕަރު އިމްރާން މުހައްމަދު ފެނިގެންދިޔައެވެ.

ޗައިނާއަށް އެފަހަރުގެ ކޮލިފައިން ވެގެންދިޔައީ ވަރަށް ކާމިޔާބު ކޮލިފައިންއަކަށެވެ. ޗައިނާއިން ވަނީ ކޮލިފައިންގެ ފުރަތަމަ ބުރާއި ފަހު ބުރުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ވޯލްޑް ކަޕް 2002 އިން ޖާގަ ހޯދައިފައެވެ. ނަމަވެސް ބްރެޒިލާއި ތުރުކީ އާއި ކޮސްޓަ ރިކާއާ އެކު "ގްރޫޕު ސީ"ގައި ހިމެނުނު ޗައިނާ އިން ވޯލްޑް ކަޕް ނިންމާލަން ޖެހުނީ ޕޮއިންޓެއް ނުހޯދި، ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ބްރެޒިލުން އެފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު، ދެވަނަ ހޯދި ތުރުކީއަކީ މުބާރާތުގެ ތިންވަނައެވެ.

ވޯލްޑް ކަޕް 2018ގެ ކޮލިފައިންގައި ރާއްޖޭގައި ހޯމް މެޗު ކުޅެވޭ ގޮތް ނުވުން!

އަހަރުތަކަކަށް ފަހު އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާއި ޗައިނާ އެއް ގްރޫޕެއްގައި ލައްވާލިއެވެ. އެފަހަރުގެ ކޮލިފައިން ބުރުގައި ރާއްޖެއިން ޗައިނާއާ ދެކޮޅަށް ނުކުންނަން ޖެހުނީ ބޮޑު ގޮންޖެހުމަކާއެކުއެވެ. 2015 ވަނަ އަހަރުގެ ޖުލައި 26ގެ ހަރަކާތްތަކާ ގުޅިގެން ގައުމީ ފުޓުބޯޅަ ދަނޑު ހަލާކުވުމާ ގުޅިގެން ޗައިނާއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކުޅެން ޖެހުނީ އެގައުމުގައެވެ.

ރާއްޖޭގެ ހޯމް މެޗުގެ ގޮތުގައި ޗައިނާގައި 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 8ގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 3-0ގެ ނަތީޖާއަކުންނެވެ. އަދި 2016 ވަނަ އަހަރު ކުޅުނު ޗައިނާގެ ހޯމް މެޗުން ރާއްޖެ ބަލިވީ 4-0ގެ ނަތީޖާއަކުންނެވެ. ދާދި ފަހުން އަލުން ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބުނު އަލީ އަޝްފާގު (ދަގަނޑޭ) އެ ދެ މެޗުގައި ވެސް ފެނިގެންދިޔައެވެ.

ފޭވަރިޓުންގެ ގޮތުގައި އޮތް ނަމަވެސް، އެފަހަރު ޗައިނާ އިން ގްރޫޕު ސްޓޭޖު ނިންމާލީ ދެވަނައިގައެވެ. އެއްވަނަ ހޯދީ ގަތަރެވެ. އެއަށްފަހު ކޮލިފައިންގެ ތިންވަނަ ބުރުގައި ޗައިނާއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެ ބުރުގައި ހަ ޓީމު ހިމެނުނު ގްރޫޕުން ޗައިނާއަށް ލިބުނީ ފަސްވަނައެވެ. އެ ގްރޫޕުން ވޯލްޑް ކަޕް 2018ގެ ޖާގަ ހޯދީ އީރާނާއި ސައުތު ކޮރެއާއެވެ.

މިރޭގެ މެޗުގައި ވެސް ރާއްޖެއަށް ހޯމް އެޑްވާންޓޭޖުގެ ފުރިހަމަ ފައިދާ ނެގޭކަށް ނެތް!

މިރޭގެ މެޗު އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެ ކުޅުނު ނަމަވެސް، ހޯމް އެޑްވާންޓޭޖުގެ ފައިދާ އެންމެ ފުރިހަމައަށް ނެގޭކަށް ނެތެވެ. ކުރިން ގައުމީ ފުޓުބޯޅަ ދަނޑަށް 11،000 އެއްހާ ސަޕޯޓަރުންނަށް ވަދެވުނު ނަމަވެސް، މިރޭގެ މެޗުގައި ދަނޑަށް ވަދެވޭނީ 3،500 އެއްހާ ސަޕޯޓަރުންނަށެވެ.

ދަނޑަށް ވަދެވޭ މީހުންގެ އަދަދު އެހާ ބޮޑު ތަނުން މަދުވެގެންދިޔައީ މަރާމާތަށް ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތައް ބަންދުކުރުމާ ގުޅިގެންނެވެ. ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އެންގުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހަރަކާތްތަކަށް އެ ސިޑިބަރިތައް ބޭނުންކޮށްފައެއް ނުވެއެވެ.

ޗައިނާގެ ޓީމު ފުރިހަމަ، ރާއްޖޭގައި ޒުވާން ޓީމެއް!

މިރޭގެ މެޗުގައި ޗައިނާއިން ރާއްޖެއާ ދެކޮޅަށް ނެރެނީ ވަރަށް ވަރުގަދަ ޓީމެކެވެ. އެޓީމުގައި ސްޕެނިޝް ލަލީގާގައި ވާދަކުރާ އެސްޕާނިޔޯލްއަށް ކުޅޭ ވޫ ލެއި އާއި ޗައިނީޒް ސުޕާ ލީގުގެ ވަރުގަދަ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންގެ އިތުރުން މިރޭގެ މެޗުގައި ޗައިނާގެ ޓީމުން ބްރެޒިލަށް އުފަން އަލްކެސަން ވެސް ފެނިގެންދާނެއެވެ. އެ މެޗަކީ އޭނާ ޗައިނާއަށް ކުޅޭނެ ފުރަތަމަ މެޗެވެ.

ޗައިނާގެ ކޯޗުގެ ނަމެއް ވެސް ދިވެހިންނަކަށް އަލެއް ނުވާނެއެވެ. ޗައިނާގެ ކޯޗު މާސެލޯ ލިއްޕީއަކީ އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗެވެ. އިޓަލީ ގައުމީ ޓީމުގެ އިތުރުން އިޓަލިއަން ސެރީއާގައި ވާދަކުރާ އިންޓަ މިލާނާއި ޔުވެންޓަސް އަދި ނަޕޯލީއަށް ވެސް އިރުޝާދު ދީފައިވާ ލިއްޕީ، ޗައިނާ ގައުމީ ޓީމާ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭއެފްސީ އޭޝިއަން ކަޕް 2019 އަށް ފަހު ލިއްޕީ އިސްތިއުފާ ދިން ނަމަވެސް، ދުވަސްކޮޅަކަށް އިރުޝާދު ދިން ފަބިއޯ ކަނަވާރޯގެ ބަދަލުގައި އަނެއްކާވެސް ޗައިނާގެ ކޯޗަކަށް ލިއްޕީ ހަމަޖެއްސިއެވެ.

ރާއްޖޭގެ ސްކޮޑުގައި ހިމެނެނީ ވަރަށް ޒުވާން ކުޅުންތެރިންނެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ރާއްޖެއިން ގުއާމްއާ ދެކޮޅަށް ކުޅުނު މެޗުގައި ކޯޗު ޕީޓާ ސެގާޓް ވަނީ އެ ކުޅުންތެރިންގެ ޓެސްޓުކޮށްފައެވެ. އެ ކުޅުންތެރިންނާއެކު މިރޭގެ މެޗުގައި ރާއްޖޭގެ ޓީމުން ފެނިގެންދާނެ ކުޅުންތެރިޔަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ފޯވަޑް އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

އެ ސްކޮޑާއެކު ރާއްޖެއިން މިރޭގެ މެޗަށް ނުކުންނަނީ އަމާޒަކާއެކުއެވެ. އެއީ ވަރުގަދަ ޗައިނާއާ ދެކޮޅަށް ރަނގަޅު ފައިޓެއް ދީ، ބަލިވުމުގެ ރެކޯޑު ނިމުމަކަށް ގެނައުމަށެވެ. ޗައިނާ އަތުން ޕޮއިންޓެއް ނަމަވެސް ހޯދައި، ދިވެހި ސަޕޯޓަރުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށެވެ.