ކޮލަމް

މަދީނާގެ އިސްލާމީ ދައުލަތުން ކުރިމަތިލާންޖެހުނު އެންމެ މުހިންމު ތިންމައްސަލަ - 7

އަބްދުﷲ ފާރޫގް ހަސަން

މަދީނާގެ ދުސްތޫރުން ލިބުނު މުހިންމު ބައެއް ފައިދާތައް

މަދީނާގެ މީޘާޤުން މުސްލިމުންނަށްވަނީ ސިޔާސީ ގޮތުންނާއި އަސްކަރީގޮތުން ނުހަނު މުހިންމު މަންފާތަކެއް ހާސިލުވެފައެވެ. އޭގެތެރޭގައި މިދަންނަވާ ކަންތައްތައް ހިމެނެއެވެ.

1. އިސްލާމީ ދައުލަތަށްވަނީ ވަރުގަދަ އަސާސެއް ހޯދިފައެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ އުދުވާނީ ހަމަލަތަކާއި ކެހިވެރި ރޭވުންތަކުންވެސް ގުޑުމެއް އަރުވައިލެވޭފަދަ ބަދަހި އަސާސެކެވެ. އަދި
2. ޔަހޫދީންނާއި، މުޝްރިކު އަރަބި ޤަބީލާތަކުން ހަމައެކަނި އިސްލާމީ ދައުލަތަށް އިއުތިރާފުވެ އެދައުލަތް ޤަބޫލުކުރީކީނޫނެވެ. އަދި ކީއްތޯއެވެ. އެފަރާތްތަކުންވަނީ އިސްލާމީ ދައުލަތުގެ ހަލީފުން ކަމުގައިވެފައެވެ. އެދައުލަތް ދިފާއުކުރަން ގުޅިގެން މަސައްކަތްކުރުމުގެ ޒިންމާ ޤަބޫލުކޮށްފައެވެ.
3. މުސްލިމުންނަށްވަނީ ދީނީ ގޮތުންނާއި ޤައުމީ ގޮތުންނާއި ސިޔާސީ ގޮތުން އަމިއްލަ ޝަޚްޞިއްޔަތެއް ލިބިފައެވެ. އެކަންވަނީ ހިލޭމީހުންލައްވައި ޤަބޫލުކުރުވިފައެވެ. އިސްލާމީ ތަހްރީކުގެ ކާމިޔާބީއަށް މަގުފަހިކުރުމުގައި ވެސް އެމީޘާޤުވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.
4. މުސްލިމުންނަށްވަނީ މަދީނާގައި މަރުކަޒީ ޙައިޘިއްޔަތު ލިބިފައެވެ. ޚާއްސަކޮށް ސިޔާސީ ގޮތުންނެވެ. އެ ޙައިޘިއްޔަތުގެ ސަބަބުން މުސްލިމުންނަށްވަނީ އެންމެ ފުރަތަމަ މަދީނާއަށް އެއަށްފަހު މުޅި އަރަބިކަރަޔަށް ދީނީ، ސިޔާސީ، އިޤްތިސާދީ، ޘަޤާފީ ވަރުގަދަ އިންގިލާބެއް ގެނައުމުގައި ކާމިޔާބު ލިބިފައެވެ.
5. މަދީނާގެ މީޘާޤުގެ ސަބަބުންވަނީ ޤުރައިޝުންގެ ކެހިވެރި ރޭވުންތަކާއި ނުރައްކާތެރި ހަރަކާތްތަކަށް ހުރަސްއެޅިފައެވެ. ޤުރައިޝުންގެ ނުބައިރޭވުންތަކަކީ އިސްލާމީ ދައުލަތުގެ ޅަފަތުގެ މަރްޙަލާގައި ވަރަށް އާދަޔާ ޚިލާފު ނިރުބަވެރިކަމެކެވެ. މަދީނާގެ މީޘާޤުގެ ސަބަބުން ޤުރައިޝުންނަކަށް މަދީނާއިން އެއްވެސް ޙަލީފަކު ނުހޯދުނެވެ. ޤުރައިޝުން މަދީނާއަށް ވަރުގަދަ ހަމަލަތަކެއް ދެމުން ގެންދިޔައިރުވެސް މުޝްރިކު އަރަބި ޤަބީލާއެއް ވެސް މުސްލިމުންގެ ފުރަގަހުން މަދީނާއަށް ހަމަލަދޭކަށެއް އެއްބަހެއް ނުކުރެވުނެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ލިބުނު ތާރީޚީ ފަތަހައިގެ އެއްސަބަބަކީ ވެސް މަދީނާގެ މީޘާޤެވެ. ހަމައެފަދައިން އުހުދު ހަނގުރާމައިގައި ޤުރައިޝުންނަށް ކާމިޔާބު ނުލިބުމުގެއެއް ސަބަބަކީ ވެސް މަދީނާގެ މީޘާޤެވެ.
6. މަދީނާގެ މީޘާޤަކީ ޙަޤީޤަތުގައި ދިފާއީ މުޢާހަދާއެކެވެ. އެހެންކަމުން ޤުރައިޝުން ޖެހިލުންކުރުވައި އެބައިމީހުންގެ އިޤްތިސާދީ މަސައްކަތްތަކުގެ ދާއިރާގައި އެބައިމީހުންނަށް ދަތިކުރުމަށްޓަކައި މުސްލިމުން އަސްކަރީ ހަރަކާތްތައް ފަށައިގަތުމުންވެސް މަދީނާގެ އެއްވެސް ޤަބީލާއަކަށް އެކަމަކާދެކޮޅެއް ނެހެދުނެވެ. އެކަމުގެ ތެރެޔަކަށް ނުވެސް ވަދެވުނެވެ.
7. މަދީނާގެ ދިފާއީ މުޢާހަދާވެފައިވަނީ އިސްލާމީދައުލަތުގެ ދިފާއީފާރެއްކަމުގައެވެ. އެމުއާހަދާވަނީ މުސްލިމުންނަށް އެބައިމީހުންގެ އެކުވެރި ޤަބީލާތަކުގައި އިސްލާމީ ތަހްރީކު ކުރިޔަށް ގެންދިޔުމުގެ މަގުހުޅުވައިދީފައެވެ. އިސްލާމީ އަޤީދާ އާއި އިސްލާމީ ތައުލީމް ތައާރުފުކޮށް ދިނުމުގެ ފުރުސަތުލިބިދީފައެވެ. ބުދަށް އަޅުކަން ކުރުމާއި ޝަރީކު ކުރުމުގައި ހުރި ގެއްލުންތައް ވިސްނައިދިނުމުގެ މަގު ތަނަވަސްކޮށްދީފައެވެ.

އާދެ، މަދީނާގެ ސަޙީފާގެ ނަމުން އިސްލާމީ ތާރީޚުގައި މަޝްހޫރުވެފައިވާ އެތާރީޚީ މުއާހަދާއަކީ ދުނިޔޭގައި ލިޔެވުނު އެންމެ ފުރަތަމަ ދުސްތޫރު ތޯ ނުވަތަ ނޫންތޯމި ސުވާލަކީ މުއައްރިޚުންނާއި މުޙައްޤިޤުންގެ އަރިހުގައި ވަރަށް މުހިންމު ސުވާލެކެވެ. މިއަދާ ހަމަޔަށްވެސް އެބޭކަލުންނަށްވަނީ މިފަދަ ދުސްތޫރެއް ނުހޯއްދެވިފައެވެ. ފެނިވަޑައިނުގެންފައެވެ. ދެވަނަ ސުވާލަކީ އެއަހްދު ނާމާޔަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ ނަބީކަންޤަބޫލު ނުކުރާ މީހުންނަށް ވެސް އިބުރަތާއި ނަސޭހަތް ލިބިދޭ އަހްދުނާމާޔަކަށްނުވޭ ބާއެވެ؟. މިސުވާލެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މަގާމަކީ ހަމައެކަނި ސަހަރާގައި ބޮޑުފުޅުވި އުންމީއެއްގެ މަގާމުކަމުގައިވެފައި އެމާތް ސާހިބާޔަށް ވަޙީ ލިބިވަޑައިނުގަންނަވާނަމަ އެފަދަ ތަނަވަސްދާއިރާއެއްގެ ސިޔާސީ އަދި އަސްކަރީ ސަހީފާއެއް އެކަށަ އެޅުއްވުނީސްބާވައެވެ؟. ޖަވާބުގައި ވިދާޅުވާން ޖެހިވަޑައިގެންނަވާނީ ނޫނެކޭއެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ ވަނީ އެ މުއާހަދާގެ ޒަރީޢާއިން މަދީނާގައި އިސްލާމީ ދައުލަތެއް އުފެއްދެވުމުގައި ކާމިޔާބު ހޯއްދަވައިފައެވެ. ޔަޘްރިބުގެ މުހިންމު ޤަބީލާތަކުގެ މީހުން ލައްވައި އެދައުލަތް ތަސްދީޤު ކުރުއްވައިފައެވެ. މަދީނާގެ ޔަހޫދީންނާއި މުޝްރިކުން ވަނީ އެދައުލަތް ދިފާއުކުރަން އަހްދު ކަށަވަރުވެފައެވެ. އޭގެ އިތުރަށް މަޝްރިޤާއި މަޣުރިބުގައި އިސްލާމީ ދިދަ ވިހުރުވައިލައި މުސްލިމުންގެ އާރާއި ބާރާއި ޝާނު ޝައުކަތު ޤާއިމު ކުރެއްވުމުގެ މުގައްދިމާއެއް ލިޔުއްވައިފައެވެ. އެ މުއާހަދާއަކީ މިޒަމާނުގައި ތިމައުރެންނީ ނަބަވީ ސީރަތު ތާރީޚީ އަދި ސައިންސީ މޭރުމަކުން ބަލައި ދިރާސާކުރާ ބައެއްކަމުގައި ދައުވާ ކުރާ މީހުންގެ ކުރިމަތީގައިވެސް ވަރުގަދަ ގޮންޖެހުމެކެވެ.

އެއަހްދުނާމާގެ ބައެއް ޚާއްޞަ ދިމަދިމާއަށް ނަޒަރު ހިންގާއިރުވެސް އެ މުއާހަދާގެ ފުރިހަމަ ކަމާމެދު އިންކާރު ކުރެވޭކަށެއްނެތެވެ. ޔަހޫދީންނަކީ އެޒަމާނުގައި އެބައެއްގެ އިލްމުވެރިކަމާއި، ފަންނުވެރިކަމާއި، ބުއްދިވެރިކަމުގައި ނަން ހިނގައިފައިވާ ބަޔެކެވެ. ޤަރުނު ތަކެއްގެ މުނާފިޤުކަމާއި ބޯހަރުކަމުގެ ސަބަބުން އެމީހުންނަކީ ހައްދެއްނެތްވަރުގެ މަކަރުވެރި އަދި ހީލަތްތެރި ބަޔަކަށް ހަދައިފައިވިޔަސްވެހެވެ. ސިޔާސަތުގެ ރާޒުވާގައި މުޅި އަރަބި ކަރައިގައިވެސް އެމީހުނާ ވަރުން އަޅައިލެވޭފަދަ ބަޔަކު ނެތެވެ. އެކަމަކު އެމީހުންވަނީ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި އެމުއާހަދާ ޤަބޫލުކޮށްފައެވެ. ޔަހޫދީން އެމުއާހަދާ ޤަބޫލުކުރީ ކޮންކަހަލަ މަސްރަޙެއްގައިތޯއެވެ. ކޮންކަހަލަ ހާލަތެއްގައިތޯއެވެ. އާދެ އޭރު މުސްލިމުންނަކީ އެއްވެސް އާރެއް ބާރެއް ނެތްބައެކެވެ. ފޯރުންތެރިކަމެއް ނެތް ބަޔެކެވެ. ހަސްފަސްނެތް ބަޔެކެވެ. އެމުއާހަދާގައި ކައުސާހިބާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޙައިޘިއްޔަތު ބަޔާންވެފައިވަނީ މާތްﷲގެ ތެދުވެރި ނަބިއްޔެއްގެ ގޮތުގައެވެ. މަދީނާގައި އުފެދޭ ޚިޔާލުތަފާތު ކޮންމެކަމެއްގައި ފަހުބަސް ވިދާޅުވާ ވެރިޔެއްގެ ޙައިޘިއްޔަތުންނެވެ. މުސްލިމުންނާ އަޅާބަލާއިރު ޔަހޫދީންގެ ޙައިޘިއްޔަތު އޮތީ ދެވަނަ ދަރަޖައިގެ ބައެއްގެ ގޮތުގައެވެ. ޔަހޫދީންވަނީ މުސްލިމު މުހާޖިރުންނަކީ މަދީނާގެ ޤައުމެއްކަމަށް އިއުތިރާފުވެ ބަލައިގެންފައެވެ. ޝައްކެތްނެތް ގޮތުގައި މިއީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މޮޅު ޙިކުމަތު އަމަލީ އާއި ސިޔާސީ ތޫނުވިސްނުންފުޅުގެ ކާމިޔާބީ އެކެވެ. ދީނީ ނަޒަރުން ބަލާއިރު ޔަހޫދީންނާއި މުޝްރިކު ޤަބީލާތަކުން މި މުއާހަދާގައި ސޮއިކުރުމަކީ މުސްލިމުންނަކީ މުއުމިނުންކަމުގައި ޤަބޫލުކުރުމެވެ. މުޝްރިކު ޤަބީލާތަކުން ތިމައުރެންނަކީ މުޝްރިކުން ކަމުގައި އިއުތިރާފުވުމެވެ.
އެމުއާހަދާގައި ހިމެނޭ ރައްޔިތުންގެ ހައްޤުތަކާ ބެހޭބަޔާމެދު ވިސްނައިލާއިރު އެ މުއާހަދާގައި ވަނީ މުއާހަދާގައި ބައިވެރިވާ ހުރިހައި އެންމެންނަށް ޖާނާއި މާލުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ. މުސްލިމުންނާމެދު ވިސްނާއިރު މުސްލިމުންގެ އިޖްތިމާއީ ދިރިއުޅުމުގައި އުޚުއްވަތާއި، މިނިވަންކަމާއި، ހަމަހަމަކަމާއި، އިޤްތިސާދީ އަދުލުވެރިކަމާއި، އިހްސާންތެރިކަމުގެ އުސޫލުތައް އެ މުއާހަދާގައި ހިމަނުއްވައިފައިވަނީ ނުހަނު ހުސިޔާރުކަމާއެކުގައެވެ. އެމުއާހަދާއަކީ ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަގެ މުއުޖިޒާއެއްކަން ޤަބޫލުކުރަން މަޖުބޫރުވާފަދަ ފުރިހަމަ ގޮތެއްގައެވެ.
ހަމައެކަނި ޔަޘްރިބުގެ ދާއިރާއަށް އަމާޒުކޮށްގެން އެ މުއާހަދާއާ މެދު ނަޒަރު ހިންގާއިރު އެހައިތަނަށް ވެރިކަމުގެ ނިޒާމެއް ތައާރުފުވެފައިނުވާ ޔަޘްރިބުގައި އެންމެ ފުރަތަމަ ފަހަރަށް ވަނީ ވެރިކަމުގެ ނިޒާމެއް ގާއިމުވެފައެވެ. އަދުލުވެރިކަމާއި ހަމަހަމަ ކަމުގެ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ވެރިކަމުގެ ނިޒާމެކެވެ. ފުރިހަމަޔަށް ރޭވި ހަމަޖެހިފައިވާ ނިޒާމެކެވެ. މީސްތަކުންނަށްވަނީ އަސާސީ ހައްޤުތަކާއި، އިޖްތިމާއީ، އިޤްތިސާދީ އަމާންކަމާއި، ރައްކާތެރިކަމުގެ ހީވެސް ނުކުރެވޭފަދަ ބޮޑު ނިއުމަތެއްލިބިފައެވެ.

މިތާގައި ހަނދާންކޮށްލަން ޖެހޭކަމެކެވެ. އެދުވަސްވަރު މައްކާގައި ވަނީ ވެރިކަމުގެ ނިޒާމެއް ޤާއިމުވެފައެވެ. މައްކާއަކީ ވަރަށް ކުރީއްސުރެ ޖުމްހޫރީ ނިޒާމެއް އުފެދިފައި އޮތް ރަށެކެވެ. މައްކާގައި އޮތީ ޤުރައިޝުންގެ ވެރިކަމެވެ. އެވެރިކަމުގެފަންސަވީހަކަށް ޑިޕާޓްމަންޓު އުފެދިފައި އޮތެވެ. ނަމަވެސް ޔަޘްރިބުގައި އެހައިތަނަކަށް މަރުކަޒީ ވެރިކަމުގެ ނިޒާމެއް އުފެދިފައެއް ނެތެވެ. ޔަޘްރިބުގައި އޮތީ ލާޤާނޫނިއްޔަތެވެ. ޔަޘްރިބު އޮތީ އަރަބީންގެ ބާރާދަރިކޮޅާއި (އައުސުވަންހަޔާއި ޚަޒްރަޖުވަންހައިގެ) ޔަހޫދީންގެ ދިހަ ދަރިކޮޅުގެ މައްޗަށް ބެހިފައެވެ. ކޮންމެ ޤަބީލާއަކުންވެސް ކަންކަން ނިންމަމުންގެންދިޔައީ އެބަޔެއްގެ އަމިއްލަ އުސޫލުތަކާއެއް ގޮތަށެވެ. އެބައެއްގެ ޘަޤީފާ އަކުންނެވެ. ނުވަތަ ކަޗޭރިއަކުންނެވެ.

މިދެންނެވީ ތާރީޚީ ޙަޤީޤަތް ތަކަށް ވިސްނާއިރު ބައިބައިވުމާއި ޚިޔާލުތަފާތުކަމުގެ އިންތިހާގައި އޮތް ޔަޘްރިބުގައި ފުރިހަމަ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ މަރުކަޒީވެރިކަމެއް އުފެދުމަކީ ވަރަށް އާދަޔާ ޚިލާފު ބޮޑު ކަމެކެވެ. އެވެރިން ބިނާވެފައި އޮތީ އިސްލާމީ އަސާސްތަކުގެ މަތީގައެވެ. އެހައިތަނުން ފެށިގެން ޔަޘްރިބު ވެފައިވަނީ އަމަންއަމާންކަން ރަސްކަންކުރާ ބިމަކަށެވެ. އެހެންކަމުން މަދީނާ ވެފައިވަނީ ޣައިރު މުސްލިމުންގެ ހިތްތައްވެސް އެދިމާޔަށް ދަމަމުންދިޔަ ރަހްމަތާއި ހެޔޮކަމުގެ ވަޒަނަކަށެވެ.

(ނުނިމޭ)