ގއ. އަތޮޅު

ގއ. ގައި އަޅަން ހަމަޖެއްސި 750 ހައުސިން ޔުނިޓު އެއްބަސްވި ގޮތަށް ރަށްރަށަށް ބަހައިފި

ޝަހީދާ އަބްދުﷲ ސައީދު

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގއ. އަތޮޅުގައި ސަރުކާރުން އަޅަން ނިންމި 750 ހައުސިން ޔުނިޓު، ރަށު ކައުންސިލުތަކުން އެއްބަސްވި ގޮތަށް ރަށްރަށަށް ބަހައިފިއެވެ.

ރަށު ކައުންސިލުތަކުން އެގޮތަށް އެއްބަސްވެފައިވަނީ، އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ''އުތުރު ހުވަދޫ މަހާސިންތާ'' ގައެވެ.

''ވަން'' އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅު ކައުންސިލުގެ ރައީސް އަހުމަދު ފުވާދު ވިދާޅުވީ، އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެއަތޮޅު ދާންދޫގައި ބޭއްވި މަހާސިންތާގައި 750 ހައުސިން ޔުނިޓު، ރަށްރަށަށް ބެހުމުގައި ހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް ރަށު ކައުންސިލުތަކުން އެއްބަސްވާގޮތަށް ހައުސިން ޔުނިޓުތައް ބަހާފައިވާ ކަމަށެވެ.

750 ހައުސިން ޔުނިޓު ރަށްތަކަށް ބަހާފައިވަނީ ރަށްރަށުގެ އާބާދީގެ ނިސްބަތުން ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވިލިނގިއްޔަށް 315 ހައުސިން ޔުނިޓު، ދާންދޫއަށް 118 ހައުސިން ޔުނިޓު އަދި ގެމަނަފުއްޓަށް 105 ހައުސިން ޔުނިޓް ދިނުމަށް ނިންމާފައިވާކަމަށް ފުވާދު ވިދާޅުވިއެވެ. އަދި 212 ހައުސިން ޔުނިޓު ބަހާފައިވަނީ އާބާދީ އެންމެ މަދު ހަ ރަށަށް ކަމަށް ވިދާޅުވިއެވެ.

ގއ. އަތޮޅުގެ ނުވަ ރަށަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެމަޝްރޫއުގެ ދަށުން މީހުންނަށް ދޫކޮށްފައިވާ ގޯތި ތަކުގައި އިމާރާތްކުރަން ސަރުކާރުން ހަމަޖައްސާފައިވަނީ ތިން ކޮޓަރި، ތިން ފާހާނާ، ބަދިގެ އަދި ސިޓިންރޫމު ހިމެނޭ ގޮތަށް 750 ހައުސިން ޔުނިޓެވެ.

ހައުސިން ޔުނިޓުތައް އަޅައިދެނީ އިމާރާތަށް މީހުން ވަނުމަށްފަހު، ޑައުންޕޭމަންޓަކާ ނުލައި ދިގު މުއްދަތަށް ފައިސާ ދައްކައި ހަލާސްކުރާ ގޮތަށެވެ. އެމަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

ގއ. އަތޮޅުގެ ނުވަ ރަށަށް 750 ހައުސިން ޔުނިޓު ހަމަޖެއްސި ނަމަވެސް އެ އަތޮޅުގައި އަދިވެސް ހައުސިން ޔުނިޓު ބޭނުންވާ 1350 މީހުން އެބަތިއްބެވެ.

ފުވާދު ވިދާޅުވި ގޮތުގައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުން ދެންކުރިއަށް ގެންދާ މަޝްރޫއުއެއްގައި އިތުރު ހައުސިން ޔުނިޓުތައް އެޅުމާ މެދު ގޮތެއް ނިންމައި ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އަތޮޅުތަކުގައި 5000 ހައުސިން ޔުނިޓު އަޅައިދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

މަހާސިންތާގައި އަތޮޅުގެ ރަށްރަށުގެ މެދުގައި ހުރި ބޮޑެތި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދިޔަކަމަށް ފުވާދު ވިދާޅުވިއެވެ. އަދި މަހާސިންތާގައި އަތޮޅު ކައުންސިލުން އަތޮޅުގައި ހިންގަން ހަމަޖައްސާފައި ހުރި ތަރައްގީގެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މި މަހާސިންތާގައި އަތޮޅުގެ ކޮންމެ ރަށަކަށް ފަސްޓްއެއިޑު ކިޓެއް އަތޮޅު ކައުންސިލުން ރަށު ކައުންސިލުތަކަށް ވަނީ ހަދިޔާކޮށްފައެވެ. މަހާސިންތާގައި މައުލޫމާތު ދެއްވީ ސިވިލް ސާވިސްކޮމިޝަނާއި ޔޫތު މިނިސްޓްރީއާއި އީޕީއޭ، ޑިޒާސްޓާ، ފިޝަރީޒު މިނިސްޓްރީ، ޕޮލިސް، ޓްރާންސް ޕޭރެންސީ އޮފް މޯލްޑިވްސްގެ ތަޖުރިބާކާރުންނެވެ.