ފުރާނަދަންދެން

ފުރާނަދަންދެން - 33

"ހެހެހެ... އޯކޭ..." ނިރާޝް ބުނެލިއެވެ. އަޒްކާ ތެދުވަން އުޅުނު ވަގުތު ނިރާޝް މަޑުކޮށްލަން އެދުނެވެ. އޭނާ ނިރާޝްގެ މޫނަށް ބަލައިލިއެވެ. ނިރާޝް އެއްޗެއް ބުނަން އުޅޭހެން ހީވުމުން އަލުން ޖޯލީގައި ހަމަޖެހިލިއެވެ. އޭނާ ނިރާޝްގެ މޫނަށް ފުން ނަޒަރަކުން ބަލަހައްޓައިގެން އިނެވެ. ނިރާޝްގެ ލޮލާއި އަޒްކާގެ ދެލޯ ބައްދަލުވެފައި ހުރުމުން ނިރާޝް އިނީ ހިމޭންވެފައެވެ. ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އަޒްކާގެ ދެލޮލުގެ ފުން ކަނޑު ތެރެއަށް ފީނައިގަނަންނަން ބޭނުންވެފައެވެ.

"އަޒްގެ ބޭބީ... އައި މީން އައިޒާ އަކީ ނާހިދްގެ ތަ...؟ އައިމް ސޮރީ އިފް ޔޫ ފީލް ބޭޑް... އަޒް ބޭނުމިއްޔާ ޖަވާބުނުދިނަސް އޯކޭވާނެ" އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނިރާޝް ވާހަކަދެއްކިއެވެ.

"ނޫން... ނާހިދަކީ ވަރަށް މާތް އިންސާނެއް. އޭނަ އަހަރެންދެކެ ވަރަށް ލޯބިވި. އަހަރެން ބަނޑުބޮޑުކަން އިނގުނީ އޭނަ މަށަށް ޕްރޮޕޯސް ކުރަން އުޅުނު ރޭގަ. އަހަރެން ނާހިދް ދޫކޮށްލީ އޭނަ ބޮލުގަ އެކަން ނާޅުވަން. އެ ދަރިފުޅަކީ އަހަރެން މީހަކު ދެކެ ވީ ލޯބި. އޭނަ އަހަރެންގެ ފަރާތުން ބޭނުންވީ ވަގުތީއުފާ. އެވަރު އަހަރެންނަށް ނުވިސްނުނީ. އަހަރެން އޭނާގެ ފަރާތުން ކައިވެންޏަށްވެސް އެދުނިން. އެކަމަކު އޭނަ ބޭނުންނުވި. އަހަރެންނަށް އަޅާލާނެ އެއްވެސް މީހަކު ނެތި އުޅެން ޖެހުމުން އަހަރެން އެންމެ ގާތް އެކުވެރިޔަކަށްވީ އެކަނިވެރިކަމާއި ވިސްނުމާއި ފިކުރުތައް. އެހުރިހާ ހިތްދަތިކަމެއްގެ ޝިކާރައަކަށްވީ އެ ތުއްތު ދަރިފުޅު..... އެކަމަކު ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އައި ނެވަރ ލޫސް ހޯޕް...." އަޒްކާ ވާހަކަދެއްކިއެވެ.

"އައިމް އޯލްވޭޒް ވިދް ޔޫ..." ނިރާޝަށް އަޒްކާގެ އަތް މަތީގައި އަތް އަޅާލެވުނެވެ. ނިރާޝްގެ އަތް ދަށުން އޭނާ އަތް މަޑުމަޑުން ކަހާލީ ހިނިތުންވެލަމުންނެވެ. އަޒްކާގެ އެ ރަކި ހިނިތުންވުން ނިރާޝްގެ ހިތް މޮޔަކޮށްލި ފަދައެވެ.

"އަޒް ފުރީމަ އަހަރެން ވަރަށް އެކަނިވާނެ. ރަހްމަތްތެރިއެއް ކަމަށް އަހަރެން ޤަބޫލުކުރަންޏާ އަޒްގެ ނަންބަރ ދެވިދާނެތަ...؟" އަޒްކާ ފަސްޖެހުނެވެ. އެހެންމަވެސް އޭނާ އެތަނުން ދިޔައީ ނިރާޝްއަށް ނަންބަރ ދީފައެވެ.

ބޯޓު ތެރޭގައި މާގިނަ ވަގުތު ހޭދަކުރަން ނުޖެހުނެވެ. ހަ ގަޑިއިރުގެ ދަތުރަކަށްފަހު މާލެ ބަނދަރާއި ބޯޓު ގާތްކުރިއެވެ. އަޒްކާގެ އާއިލާ ބޯޓުން ފައިބައިގެން އެއްފަރާތުގައި މަޑުކުރީ ފޮށި ތަންމަތި ހިފައިގެން ޙަމީދު ފައިބަންދެކަށެވެ. ކަޅު ބިއްލޫރި ޖަހާފައިވާ ކަޅު ކުލައިގެ ކާރެއް އެމީހުންނާއި އަރާ ހަމަކުރިއެވެ. އިރުކޮޅަކުން ފައިބައިގެން އައި ނަތާޝާ އަޒްކާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޙައްވައަށް ހިނިތުންވުމެއް ދިނެވެ. ޙަމީދު ނަތާޝާގެ ބޮލުގައި ފިރުމާލިއެވެ.

"ހިނގާ ދާން" އަޒްކާގެ އަތުގައި ހިފައިގެން ނަތާޝާ ހިނގައިގަތެވެ. އަޒްކާ އަނެއް އަތުން ނަތާޝާގެ އަތުގައި ހިފެހެއްޓިއެވެ. ނަތާޝާ އޭނާ ގެންދަން އުޅޭތަނެއް އިނގެން އޭނާ ބޭނުންވިއެވެ.

"ކޮންތާކަށް މިދަނީ..." މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އަޒްކާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ.

"ދޮންތަބެމެންގެ ގެއަށް. ޑޯންޓް ޕެނިކް. ނަތާ ހުންނާނީ ހުރިހާ ކަމެއް ހަމަޖައްސާފައި. ވަކިން އެޕާޓްމަންޓެއް. ކައްކާ ކެވޭ ގޮތަށް. ދަތިވާނީ ހަމައެކަނި ފައިސާއަށް. އަހަރެން އަޒްއަށް ދީފާނަން. އެކަމަކު އިނގޭ އަޒްކީ ނުހިފާނެކަން. އެހެންވެ ޓޫ ކުދިން ވެގެން ޖޮބެއް ހޯދާނީ ދޯ..." ނަތާޝާ އޮޅުންފިލުވައިދިނެވެ.

ކާރު ތެރޭގައި އިން ޝަދީން ކާރުން ފޭބީ ޑިކީ ހުޅުވައިދިނުމަށެވެ. ނަމަވެސް އޭނައަށް ޚައިރާންކަމެއް ލިބުނީ ޙައްވައާއި ޙަމީދު ފެނުމުންނެވެ.

"ޙައްވައްތާ...!!" ޝަދީނަށް ގޮވައިލެވުނެވެ.

"ޙައްވައްތަ މާލޭގައި ހުރި ވާހަކަ އެ ނަޝްވާއަށް ސިއްރުކޮށްދެއްޗޭ. މި ދަނޑިވަޅުގައި މި މަންޖެ ދޫކޮށްލާފައި ޙައްވައްތައަށް އެއްވެސް ތަނަކަށް ދެވޭކަށް ނެތް" ޙައްވަ ވާހަކަދެއްކިއެވެ. ޝަދީން ބޯޖަހާލަމުން އަޒްކާއަށް ބަލައިލިއެވެ.

"އަޒްކާ....!! ކިހިނެއް...؟" ޝަދީން ހީލަމުން އަހައިލިއެވެ. އަޒްކާ ރަނގަޅުކަމަށް ބުނެ ހީލިއެވެ.

އާދައިގެމަތިން ނައިޝީއަށް މާހިލްގެ ކޯލު ލިބުނީ އިރުއޮށްސެން ތައްޔާރުވަނިކޮށެވެ. މާހިލް އެދުނީ ބައްދަލުކުރަން އެގެއަށް އައުމަށެވެ. ނައިޝީ އެތައް ބަހަނާއެއް ދައްކާފައިވެސް އެގެއަށް ދިޔުމަށް އެއްބަސްވިއެވެ. ނާހިދް ޑިޔުޓީގައި ހުރުމުން އޭނާއަށް ދާން ފަސޭހަވެސް ވިއެވެ. އޭނާ ގެއިން ނިކުތީ އިނާޝާ ކައިރީގައި ފިހާރައަކަށް ބުނެއެވެ.

ގޭ ދޮރުމަތިން މާހިލް ނައިޝީއާއި ބައްދަލުކުރިއެވެ. ނައިޝީިގެ އަތުގައި ހިފުމުގެ ބަދަލުގައި މިއަދު އޭނާ އެގޮތަށް ކަންތައް ނުކުރިއެވެ. ނައިޝީ ފެނުމުން އެދޭ ނުލަފާ ހިނިތުންވުން މިފަހަރު އޭނާގެ ތުންފަތްމަތިން ނުފެނުނެވެ. އެކަން ނައިޝީއަށް ފާހަގަކުރެވުނެވެ. ކޮޓަރިއަށް ވަނުމަށްފަހު މިފަހަރު ދޮރު ލޮކް ކުރާކަށް ވެސް މާހިލް ނޫޅުނެވެ. އެންމެފަހުން ނައިޝީ ދޮރުފަތް ލޮކް ކޮށްލުމަށްފަހު އަޅައިގެން ހުރި ޝޯލް ނަގަން ޕިންތައް ނައްޓުވަން ފެށިއެވެ. މާހިލްއާއި ދިމާލަށް އޭނާ ނުބެލިޔަސް މާހިލް ހުރީ ނައިޝީގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. ޝޯލް ނެގުމަށްފަހު ދެން ނައިޝީ އުޅުނީ ލައިގެން ހުރި ގަމީސްކޮޅުގެ ގޮށްފަތި ނައްޓުވާށެވެ. އެހެނީ އަބަދުވެސް އޭނާގެ ފަރާތުން މާހިލް ބޭނުންވާ ކަންތަކަށް މިއަދުވެސް އޭނާ އައީ ތައްޔާރުވެގެނެވެ. ނަމަވެސް ކުއްލިއަކަށް ނައިޝީއަށް ބަލައިލެވުނީ އޭނާގެ އަތުގައި ހިފާ އެކަން މާހިލް ހުއްޓުވުމުންނެވެ. އޭނަގެ ބޮލުން ވަކިކޮށްލި ޝޯލް އޭނާގެ ބޮލުގައި އޮޅާލީ މާހިލްގެ ދެ އަތުންނެވެ. ނައިޝީ ހުރީ ޤަބޫލުނުކުރެވިފައެވެ.

"މާހިލް ބޭނުންވަނީ މިކަން ކުރަން ނޫނިއްޔާ މިތަނަށް އަހަރެން ގެނައުމުުގެ ބޭނުމަކީ ކޮބާ...؟" ހިތްހަމަނުޖެހިފައި ނައިޝީ އަހާލިއެވެ.

"ވަރަށް ބޮޑަށް ސޮރީ... އަހަރެން ދެން އެފަދަ ކަމަކަށް ނޭދޭނަން. އަހަރެން ބޭނުންވަނީ ކައިވެނިކުރަން" މާހިލް ބުނެލިއެވެ. ސިހުމެއް ލިބި ނައިޝީއަށް ހިނިތުންވެވުނެވެ.

"ޤަބޫލުކުރޭ. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން. އޭރުން އަހަރެން މިއުޅޭ ވިޔާނުދާ އުޅުން ބަދަލުވާނީ" މާހިލް ބުނެލިއެވެ.

"ލަސްކުރާނެކަމެއް ނެތެއްނު. އަވަހަށް ކައިވެނިކުރޭ. އެކަމަކު އޭގެކުރިން މާހިލްގެ ފޯނުގައި ހުރި އަހަރެންގެ ފޮޓޯތައް ޑިލީޓް ކުރޭ. ތިމާ ﷲ ގެ މަގަށް ރުޖޫޢަ ވާން ބޭނުންނަމަ އެކަލާނގެ ނުރުއްސަވާ ހުރިހާ ކަމަކުން ޖެހޭނީ ދުރުވާން" ނައިޝީ އެދުނެވެ. މާހިލްގެ އަތް ދަށުން އޭނާ ސަލާމަތްވިކަން އެނގުމުން އޭނާގެ ހިތަށް ވަނީ އިންތިހާއަށް އުފާވެރިކަން ލިބިފައެވެ. އޭނާއަށް ނޭނގުނީ މާހިލް ކައިވެނިކުރަން ބޭނުންވެގެން އުޅެނީ ކޮން ކުއްޖަކާކަމެވެ.

"ހުރިހާކަމެއްވެސް ކުރާނަން. އެކަމަކު އަހަރެންނާއި ކައިވެނިކުރަން އިޝީ އެއްބަސްވީމަ" މާހިލް ބުނެލިއެވެ. ވަގުތުން ނައިޝީއަށް ހުއްޓުމެއް އައެވެ. އޭނާއަށް ޚައިރާންކަމާއެކު މާހިލްގެ މޫނަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެވުނެވެ. މާހިލްގެ އުނދަގޫ އިން ސަލާމަތްވި ކަމަށް އޭނާ ހީކުރި ހީކުރުން އެދިޔައީ ފެން ބޮތްކަކަށް ވެގެނެވެ.

"މާހިލް...! އަހަރެން ކިހިނެއް...؟ ކީއްވެ މާހިލް ތިހެން ތިހަދަނީ...؟" ނައިޝީ ވާހަކަދެއްކިއެވެ.

"އަހަރެން ހީކުރީ ދުވަހަކުވެސް އެއްވެސް އަންހެންކުއްޖަކަށް އަހަރެންގެ ހިތާއި ހަމައަށް ވާސިލް ނުވެވޭނެ ކަމަށް. އެކަމަކު.... އައި ވޯޒް ރޯންގް... އައިމް އިން ލަވް. ޔެސް އައި ލަވް ޔޫ..." ނައިޝީއަށް ބުނާނެ އެއްޗެއް ނޭނގި އަނގަ ހުޅުވުނެވެ.

"ޔޫ ޝުޑް ބްލީވް މީ އިޝީ..." ނައިޝީ މޫނުގެ ދެފަރާތުގައި ހިފާ މައްޗަށް އުފުލާލަމުން މާހިލް ބުނެލިއެވެ.

"ނުވާނެ ތިކަމެއް މާހިލް. މާހިލް ބޭނުންވިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއްނެތް ތި ފޮޓޯތަކާއި ވީޑިޔޯތައް ލީކް ކޮށްލިޔަސް. އަހަރެން ދެން މާހިލްގެ އަޅަކަށް ވެގެން ނޫޅޭނަން. ވަރަށް ގިނަ ދުވަހު އަހަރެން ކެތްކޮށްފިން. އަހަރެން ހަނު ހުރިތީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް މާހިލް ނަގައިފި. ދެން ނުވާނެ.." މާހިލްގެ އަތް ދުރަށް ފޮޅާލުމަށްފަހު އަލުން ޝޯލް އަޅަމުން ދިޔަ ނައިޝީ ވާހަކަދެއްކިއެވެ.

ނައިޝީ އެ ކޮޓަރިން ނިކުތްއިރު ދޮރުމަތީގައި ހުރި ބުރުހާނުއްދީން ފެނި ހުއްޓުނެވެ. ނައިޝީގެ މޫނަށް ބުރުހާނުއްދީން ބަލަން ހުރިއިރު އޭނާގެ ހަނދާނަށް އެ މޫނު އަންނަން ފެށިއެވެ. ނައިޝީ ވެސް ހުރީ ބުރުހާނުއްދީނަށް ބަލަހައްޓައިގެންނެވެ. އިނާޝާގެ ފަހަތުން އުޅުނު މީހާ ކަން އިނގި ނައިޝީ ހުރީ ފޫހިވެފައެވެ. ދޮރު ހުޅުވާލި މާހިލް ފަހަރަކު މީހަކުގެ މޫނަށް ބަލަމުން ދިޔައެވެ.

"މީތަ މާހިލްގެ ބައްޕައަކީ...؟" ނައިޝީ އަހައިލިއެވެ. މާހިލް ބޯޖަހާލިއެވެ.

"ލައިކް ފާދަރ... ލައިކް ސަން....." އަމިއްލަ ނަފްސަށް އިވޭވަރަށް ނައިޝީ ބުނެލިއެވެ. އޭނާ ގެއިން ނިކުމެގެން ދިޔުމުން ބުރުހާނުއްދީން މާހިލްއާއި ކުރިމަތިލިއެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލައިފިއެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެކޭ ބުނާ ހަރުބަސް އަޒްކާ ޤަބޫލުކޮށްފިއެވެ. އޭނާގެ ހަޔާތަށް އައިސްފައިވާ އަޑިގަނޑުން އަރައިގަތުމަށްޓަކައި އޭނާ ފުރަތަމަ ފިޔަވަޅު އަޅަން ނިންމިއެވެ. އޭނާ ޕްރައިވެޓް އޮފީސްތަކަށާއި ސަރުކާރު އޮފީސްތަކަށާއި ކޮމްޕެނީތަކަށް ވަޒީފާއަށް އެދި ސީވީ ފޮނުވަމުން ދިޔައެވެ. އޭނާ ގޭގައި އިނދެގެން ފުރަތަމަ ދުވަހު ކުރި މަސައްކަތަކީ އެއީއެވެ. ބާޒާރު މަތީގައި ރިހާކުރު ވިއްކައިގެން ލާރި ހޯދަން ޙަމީދު ދާން އުޅުމުން އެކަން ހުއްޓުވީ އަޒްކާއެވެ. އޭނާ ބޭނުންވީ ޙަމީދުގެ ހަށިގަނޑަށް ލުޔެއް ލިބޭ ކަހަލަ ވަޒީފާއެއް ހޯދާށެވެ. ޝަދީނާއި ވާހަކަދައްކައިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހެޑް އޮފީހުގެ ސެކިޔުރިޓީ ގާޑެއްގެ ވަޒީފާ ވަރަށް ފަސޭހައިން ޙަމީދަށް ހޯދައިދިނެވެ. ވަޒީފާ ލިބުމާއި ހަމައަށް ގޭގައި އިންނަން ފޫހިވުމުން އަޒްކާ ސްކޫލުތަކުގެ އެކި ގްރޭޑްތަކުގެ ކުދިންނަށް ޓިޔުޝަން ދޭން ބޭނުންވިއެވެ. އެހެންކަމުން އޭނާ އެގޭ ފާރުގައި ނޯޓިސްއެއް ތަތްކުރިއެވެ. ފޭސްބުކާއި ޓްވީޓަރ މެދުވެރިކޮށް އިޢުލާން ކުރިއެވެ. ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށްޓަކައި ޙައްވަ މަސައްކަތް ކުރަން ފެށިއެވެ. ސްކޫލު ކުދިން ހެނދުނު ސްކޫލަށް ދާ ގަޑިއަށް އިންޓަރވަލް ތައްޔާރުކޮށްފައި ކައިރި ފިހާރަތަކަށް ގެންދަން ފެށިއެވެ. ގޭ ކައިރި ކުދިންނަށް ތަޖުވީދު މަގަށް ޤުރުޢާން ކިޔަވަން ދަސްކޮށްދޭން ފެށިއެވެ. އިސާހިތަކު އެ އާއިލާގެ ދިރިއުޅުން ތަރައްޤީވާން ފެށިއެވެ.

ފެންވަރައިގެން ތުވާލިން ބޯ ހިއްކަމުން ނިކުތް އަޒްކާ ބަލައިލީ ދޮރު ހުޅުވާލާފައި ވަތް ޙައްވަ ފެނުމުންނެވެ. ޙައްވަގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ.

"މާމަ ހާދަ ހެޕީ ވެފަ..." އަޒްކާ ކައިރިއަށް ހިނގާފަ ދިޔަ ޙައްވަ އަޒްކާގެ އަތްތިލަ ހުޅުވާލުމަށްފަހު އޭނާއަށް ލިބުނު މުސާރަ އަޒްކާގެ މުށު ތެރެއަށް ލިއެވެ. އެއީ ކުދިންނަށް ޤުރުޢާން ކިޔަވައިދީގެން އޭނާއަށް ލިބުނު ތިންހާސް ރުފިޔާއެވެ. ޚައިރާން ކަމާއެކު އަޒްކާ އެއަށް ބަލައިލިއެވެ.

"މިއީ...؟ ކީއްވެ އަޅުގަނޑަށް މި ތި ދިނީ.." އަޒްކާ އަހައިލިއެވެ.

"ތިއީ މާމަ ދަރިފުޅަށް ދިން ހަދިޔާއެއް" ޙައްވަ ބުނެލިއެވެ.

"ނޫނޭ މާމާ... މާމަގެ އެކައުންޓަށް މި ފައިސާ ޖަމާކުރަންވާނީ.. މިއީ މާމަގެ ޙައްޤެއް. އެހެންނޫނަސް މި ފައިސާއިން އަޅުގަނޑު ކުރާނެ މާބޮޑު ބޭނުމެއްނެތް" އަޒްކާ ވާހަކަދެއްކިއެވެ.

"މާމަގެ އެކައުންޓުގައި ފައިސާ އެބުހުރި. ކޮންމެ މަހަކުން ސަރުކާރުން ފައިސާ ޖަމާކޮށްދޭ. ތި ފައިސާއިން ދަރިފުޅު ބޭނުންވާ ހެދުމާއި ރީތިވާ ސާމާނު ގަނޭ. ބާކީ ފައިސާއިން މިގެއަށް ކާއެއްޗެހި ހޯދާނީ. ހުރިހާ ހަރަދެއް ނަތާޝާ ބަލަހައްޓަން ވެއްޖިއްޔާ މާމަ ބޯ ސަކަރާތްވެދާނެ" ޙައްވަ ވާހަކަދެއްކިއެވެ.

އަޒްކާ ވިސްނާލިއެވެ. ތެދެކެވެ. ދޭ މީހާ ދިނަސް ކާ މީހާ ކާންވާނީ ބަލައިގެންނެވެ. އޭނާ ދުލުން ބޭރު ނުވަނީސް ނަތާޝާ ވަނީ ކިތަންމެ ހަރަދެއް ކޮށްދީފައެވެ. އެޕާރޓްމަންޓް ވައިފައި ކޮށްދިނީވެސް ނަތާޝާއެވެ. ފުރަތަމަ ދުވަހު ޙައްވަގެ ނުގަބޫލުގައި ގެއަށް ކާއެއްޗެހި ވައްދާދިނީ ނަތާޝާއެވެ. އަޒްކާއަށް ލެޕްޓޮޕެއް ގެނެސްދިނީވެސް ނަތާޝާއެވެ.

"އެބައޮތް ގޮތެއް..." އަޒްކާ ލޮލަށް ހަރަކާތެއް ގެންނަމުން ބުނެލިއެވެ. ޙައްވަ ލޮލުގެ އިޝާރާތުން ކޮން ގޮތެއްހޭ އަހައިލިއެވެ.

"މި ފައިސާއިން ނަތާއަށް ޕޭ ކުރާނީ... ބާކީ އެއްޗެއް އޮތިއްޔާ އެހެންކަމެއް ކުރާނީ... ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަޅުގަނޑަށް ވަޒީފާ ހަމަޖެހޭނެ" އަޒްކާ ވާހަކަދެއްކިއެވެ.

"ދަރިފުޅަށް ފެންނަ ގޮތަކަށް ކަންތައްކުރޭ" އަޒްކާގެ މޫނުގައި ބޮސްދެމުން ޙައްވަ ބުނެލިއެވެ.

"އޯކޭ... މިފަހަރު އަތް ލިޔަސް އެކަމަކު މާމަގެ ފައިސާގައި ދެން އަޅުގަނޑު އަތެއް ނުލާނަން. މަދުން ލިބުނަސް ވަޒީފާ ހަމަޖެހެންދެން ކޮންމެސް އެއްޗެއް އަޅުގަނޑަށް ލިބޭނެ. ތަންކޮޅެއް އަތްމަތި ތިޔާގި ވީމަ ނަތާއަށް ނާންގާ ޝަދީންބެ ކައިރީގައި ބުނެގެން މިތަން ކުއްޔަށް ނަގާނީ" ޙައްވަގެ ދެ ކޮނޑުގައި ހިފައިލަމުން އަޒްކާ ވާހަކަދެއްކިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީގައި ލިޕްސްޓިކް ޖައްސަން ހުރި ނަތާޝާ ފަހަތަށް ބަލައިލި މީހަކު ދޮރު ހުޅުވާލި އަޑު އިވުމުންނެވެ.

"ދަރިފުޅާ މިގަޑީގަ ކޮންތަކަށް...؟" މުހިންމު ވާހަކައެއް ދައްކަން އެކޮޓަރިއަށް ވަތް ނުޝައިބާ ވާހަކަދެއްކިއެވެ.

"މިދަނީ ރައްޓެހި ކުއްޖަކާއެކު ފިހާރައަކަށް މަންމާ..." ނަތާޝާ ބުނެލިއެވެ.

"ރައްޓެއްސެކޭ.. ކޮން ނަމެއް ކިޔާ ރައްޓެއްސެއް...؟" އެނދުގައި އިށީންނަމުން ނުޝައިބާ އަހައިލިއެވެ.

"ސާބަހޭ މަންމާ... ރާދު ކިޔަނީ..." ހިޔާލެއް ފިކުރެއްނެތި ނަތާޝާ ބުނެލިއެވެ.

"ރާދު އޭ.... އެއީ އަންހެނެއްތަ ފިރިހެނެއްތަ...؟" ނުޝައިބާ ބުނެލިއެވެ. ބުނެވުނު އެއްޗެއް ރޭކާލުމާއެކު ނަތާޝާއަށް ދުލު ކުރީގައި ދަތްއަޅާލިއެވެ.

"ރާއިދާ... ރައްޓެހި ކުއްޖެއް" އަވަސް އަވަހަށް ނަތާޝާ އޮޅުވާލިއެވެ.

"ޔަޤީންތަ...؟؟" ނުޝައިބާ އަހައިލިއެވެ.

"ދެން މަންމާ....!! ހާދަ ސުވާލު ގިނައޭ..." އެނދުމަތީގައި އޮތް ވޮލެޓް ހިފައިގެން ނަތާޝާ ކޮޓަރިން ނިކުތް ވަގުތު ނުޝައިބާ ގޮވައިލިއެވެ. އަދި އަވަހަށް ގެއަށް އައުމަށް ބުނެލިއެވެ.

ނަތާޝާއަށް އަޒްކާ އުޅޭ އެޕާރޓްމަންޓަށް ދެވުނު ވަގުތަކީ އެ ކުޑަކުޑަ އާއިލާ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަން ތިބި ވަގުތެވެ. މުޅި ގޭތެރޭގައި ހިފާލާފައި ވަނީ ކުޅިމަހުގެ މީރު ވަހެވެ. ޙައްވަ ނަތާޝާއަށް ދަޢުވަތު ދިނެވެ. ނަތާޝާ އުފަލާއެކު އެ ދަޢުވަތު ޤަބޫލުކޮށް އެމީހުންނާއެކު ކެއުމުގައި ބައިވެރިވިއެވެ.

ކައި ނިމިގެން ޙައްވަ ކޮޓަރިއށް ވަނުމުން ޙަމީދު ގޮސް ވަނީ މެއިޑަށް ހާއްސަ ކޮށްފައިވާ ކޮޓަރިއަށެވެ. އެތަނަކީ އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް ވާތީ އެއް ކޮޓަރި ސިޓިންގްރޫމުގެ އިތުރުން ހުންނަނީ ކުޑަ މެއިޑް ރޫމަކާއި ދެ ފާހާނާއެވެ. ނަތާޝާ އެދުނަސް މެއިޑެއް ބޭނުންނުވާ ކަމަށް އަޒްކާ ބުނެލިއެވެ. އެހެންކަމުން މެއިޑް ރޫމް ބޭނުންކުރަނީ ޙަމީދު ނިދާ ކޮޓަރީގެ ގޮތުގައެވެ.

ޙަމީދާއި ޙައްވަ ކޮޓަރިއަށް ވަނުމުން ދެ އެކުވެރިން ގެ ތަޅުލުމަށްފަހު މަގުމައްޗަށް ނިކުމެލިއެވެ. މާދުރަށް ނުގޮސް ދެ އެކުވެރިން ނިކުތީ އެ ދިމާލުން ބީޗަށެވެ.

"މިތާ ނެތް ދޯ އިށީންނާނެ ތަނެއްވެސް" ދެފަރާތް ހޯދާލަމުން ނަތާޝާ ބުނެލިއެވެ

"އޯކޭވާނެ. މިހެން ކުޑަކޮށް ހިނގާލާފައި ގެއަށް ދާނީ" އަޒްކާ ބުނެލިއެވެ.

ހިތުން ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް މަގުގައި ހިނގަފައި ދިޔައިރު އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ އިންސާނެކެވެ.

ހިނގަމުން ދިޔައިރު ބައެއް ފަހަރު އެކަކު އަނެކަކާއި ދިމާކޮށްލުމަށް އެކަކު އަނެކަކުގެ ކޮނޑުން އަނެކަކުގެ ކޮނޑުގައި ޖަހާލައެވެ.

"އަޒްކީ ބުނީމެއްނު ވާހަކައެއް ބުނަން ބޭނުންވެފައި ހުރި ވާހަކަ" ނަތާޝާ އަހައިލިއެވެ. އަޒްކާ ހަނދާނަށް އައެވެ. އޭނާގެ ޙަޤީޤީ މާމައާއި ބައްޕައަކީ ކޮންބައެއްކަން ނަތާޝާއަށް ހާމަކުރަންވީ ވަގުތު ޖެހުނީކަން އިނގުނެވެ.

"އައި ގޮޓް މައި ރިއަލް ފާދަރ އެންޑް ގްރޭންޑް މާ" އަޒްކާ ހުއްޓިލަމުން ބުނެލިއެވެ. ޚައިރާންވެފައި ނަތާޝާ ހުއްޓުނެވެ. އޭނާގެ ދެލޮލުން އެއީ ކޮން ބައެއްކަން އިނގެން ބޭނުންވެފައިވާވަރު ހާމަވެއެވެ.

"ރިއެލީ.... ހައު...؟" ނަތާޝާ އަހައިލިއެވެ. އަޒްކާ ކިޔައިދޭން ފެށިއެވެ. އިސާހިތަކު ނަތާޝާގެ ދެލޮލުގެ ތެރެއަށް ކަރުނަ ޖަމާވިއެވެ. އޭނާ އަޒްކާގެ ހަށިގަނޑުގައި ބައްދާލިއެވެ.

"ހުރިހާ ޝުކުރެއް ޙައްޤުވަނީ ހެއްދެވިފަރާތަށް... އަލްހަމްދުﷲ... އެކަމަކު އަރުޝީ އޭ...." ނަތާޝާ ބުނެލިއެވެ. އޭނާ ސިކުނޑީގެ ކަނެއްގައި ކޮށްޓާލިހެން ހީވިއެވެ. އޭނާއަށް އެނަން ކޮންމެސް ތަނަކުން އިވިއްޖެއެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟ އޭނާ ސިކުނޑިއަށް ބާރުލާން ފެށިއެވެ. ކުއްލިއަކަށް އޭނާ ދެލޯ ބޮޑުކޮށްލާފައި އަޒްކާއަށް ބަލައިލިއެވެ. އޭނާގެ ހިތް އަވަސްވެލިއެވެ. އަރުޝީއެއްގެ ނަމުން އަބަދު ގޮވާ މީހަކީ އަމީޒާކަން އޭނާ ހަނދާންވިއެވެ.

"ތިބުނާ ދެ ފޮޓޯ ނަތާއަށް ދައްކާލަބަލަ އަޅެ..." ނަތާޝާ ބުނެލިއެވެ. އެންމެ ރަނގަޅޭ ބުނެ ހީލަމުން ދެ އެކުވެރިން ގެއާއި ދިމާލަށް ހިނގައިގަތެވެ. އަޒްކާއާއި އެއްވަރަށް ހިނގާފައި ދިޔަ ނަތާޝާގެ ހިތުގައި އެތައް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. "އަޒްކީގެ އަސްލު ނަމަކީ އަރުޝީ ހެއްޔެވެ؟ އެދުވަހު އަމީޒައްތަވެސް ދެއްކީ އަރުޝީއެއްގެ ވާހަކައެވެ. އަމީޒައްތަ އެ ގެންގުޅުނީ އަޒްކީ އަތުގައި އޮތް ފޮޓޯގެ ކޮޕީއެއް ހެއްޔެވެ؟ އާއެނކެވެ. އަޒްކީ އަތުން އަހަރެން އެ ފޮޓޯ ދުށީމެވެ. އަނެއްކާ އަޒްކީ ގެ އަސްލު މަންމައަކީ އަމީއްޒަތަ ހެއްޔެވެ؟.... މިއީ ޔަޤީނުންވެސް އިއްތިފާގަކަށް ނުވާނެެ" ހިނގަމުން ދިޔަ އަޒްކާ ނަތާޝާގެ އަތުގައި ހިފާލީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަތާޝާ ލަސްކުރަމުން ދާތީއެވެ. ނަތާޝާ ހީލަމުން އަޒްކާއާއި އެއްވަރަށް ހިނގަން ފެށިއެވެ. އޭނާ އެވާހަކަ އަޒްކާ ކައިރީގައި ބުނަން އުޅެފައި މަޑުޖެހުނެވެ. އެހެނީ އެކަހަލަ ވާހަކައެއް ބުނަން ޖެހޭނީ ހުރިހާ ގޮތަކުން ޔަޤީންކޮށްފައެވެ. އެހެންނޫނީ ދެވަނަ ފަހަރަށް އަޒްކާގެ ހިތް ހަލާކުވެދާނެއެވެ.

ގެއަށް ވަތްގޮތަށް އަޒްކާ ކޮޓަރިއަށް ވަދެފައި ނިކުތީ އަލްބަމް ހިފައިގެންނެވެ. އޭނާ އެފޮޓޯތައް ނަތާޝާއަށް ދެއްކިއެވެ. ފުރަތަމަ ނަޒަރުންވެސް އޭނާ އަމީޒާ ފާހަގަކޮށްފިއެވެ. އަދި އަޒްކާގެ އެކަނިން އިން ފޮޓޯ އެއީ އަމީޒާ އަތުގައި އޮތް ފޮޓޯ ކަން ޔަޤީންކުރިއެވެ. އެކުވެރިޔާއަށްޓަކައި އޭނާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަމީޒާއާއި އަޒްކާ ކޮންމެސް ގުޅުމެއް އޮތްކަން މިހާރު އޭނާއަށް ޔަޤީންވެއްޖެއެވެ.

"ދެން އަޒްކީ ނާހަންތަ މަންމަ ގެ ވާހަކަ...؟ އަހާލިނަމަ..." ނަތާޝާ ބުނެލިއެވެ. އަޒްކާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ތެދެކެވެ. އޭނާ މަންމަގެ ވާހަކަ ނޭހީ ކީއްވެގެން ހެއްޔެވެ؟

"އަހާލަންވީ ދޯ..." ނަތާޝާގެ މޫނަށް ބަލައިލަމުން އަޒްކާ ބުނެލިއެވެ.

"އަހާބަލަ. ފަހަރަކު އުފާވެރި ހަބަރެއްވެސް ލިބިދާނެއްނު" ނަތާޝާ ބުނެލިއެވެ.

މެޝިނުގައި ދޮވެފައި ހުރި ހެދުންތައް ހިފައިގެން ފަރީޝާ އެރީ ޓެރަސްއަށެވެ. އޭނާއަށް އެހީވެދިނުމުގައި އަމީޒާވެސް ދެތިން ހެދުމުގައި ހިފައިގެން ހުއްޓެވެ. ވަގުތަކީ މެންދުރުގެ ގަދަ ހޫނުގެ ވަގުތަށްވުމާއެކު ދުނިޔެއަށް ވަނީ ގަދަ އަތްވަކުން ދިއްލާލާފައެވެ. މާދުރަށް ފެތުރިފައިވާ އަވިގަނޑަށް ދެލޯ ދިމާކޮށްލަން ނުކެރެއެވެ. ފަހަރަކު ހެދުމެއް ހަރުގަނޑުގައި އަޅުވަމުން ދިޔަ ފަރީޝާ އަމީޒާއަށް ބަލައިލިއެވެ. މިވީ ދުވަސްކޮޅުގައި އޭނާ ހީނުކުރާ ވަރަށް އަމީޒާއަށް ހެޔޮ ބަދަލު ވަނީ އައިއްސައެވެ.

"އަމީ....!" އަތުގައި ހުރި ހެދުންތައް ހިފައިގެން އެއަށް ބަލަހައްޓައިގެން ހުރި އަމީޒާ ސިހުނީ ފަރީޝާގެ އަޑުންނެވެ. އޭނާ ފަރީޝާއަށް ހިނިތުންވުމެއް ދިނެވެ.

"އަމީއަށް އިނގޭތަ! މިހާރު އަމީ ވަރަށް ލޯބިކޮށް ތިހުންނަނީ. ތިއީ އަހަރެންނަށް އެންމެ ކުރިންވެސް ފެނުނު އެކުވެރިޔާ" ފަރީޝާ ވާހަކަދެއްކިއެވެ. އަމީޒާ އޭނާގެ އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ.

"ޝުކުރިއްޔާ ފަރީ..." އަމީޒާ ބުނެލިއެވެ.

"އަހަރެން މިހާރުވެސް ހަނދާން އެބަހުރި އަމީ ސެޓްކުރަން އުޅުނުއިރު ޙަމިއްޓެވެސް އެންމެބޮޑަށް ތަޢުރީފްކުރާނީ އަމީގެ ބޮޑީއަށް. ހެހެހެ... ވަރަށް ހަނދާންވޭ އެދުވަސްތައް" ހަރުގައި ހެދުން އަޅުވަން ހުރި ފަރީޝާ ހުއްޓާނުލާ ވާހަކަދައްކަމުން ދިޔައެވެ.

ޙަމީދުގެ ނަން އަޑުއިވުނު ހިނދު އަމީޒާ ހުރީ ހިމޭންވެފައެވެ. އިސާހިތަކު ޙަމީދުގެ ތަސްވީރު އެއްވެސް ފުސްކަމެއްނެތި އޭނާގެ ޚިޔާލީ ލޯގަނޑަށް ސިފަވާން ފެށިއެވެ. ލޯބިވެރިންގެ ގޮތުގައި އެތައް ދުވަހެއް ހޭދަކޮށް ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުނު ގޮތެވެ. ކައިވެނިކުރިތަނާ ބަލިވެ އިނުމުން ޙަމީދުގެ ފަރާތުން ލިބުނު ލޯތްބާއި އޯގާތެރިކަމެވެ. ދަރިފުޅާއެކު ހޭދަކުރި އުފާވެރި ދުވަސްތަކެވެ. އަމީޒާގެ ދެލޮލުން ކަރުނަ އޮހިގަތީ އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

"އަމީ އުފަލުންތަ ތިހުންނަނީ.." އަމީޒާގެ ހަބަރެއް ނުވުމުން ފަރީޝާ އަހައިލިއެވެ. ދެލޯ ކައިރި ފޮހެލުމަށްފަހު ވަގުތުން އަމީޒާ ބޯޖަހައިލިއެވެ. ފަރީޝާ ހީލަމުން ސަމާލުކަން ހެދުންތަކަށް ދިން ވަގުތު ސިހުނީ އޭނާގެ ނަމުން އަމީޒާ ގޮވައިލުމުންނެވެ.

"ފަރީ...ފަރީ...!! އަހަރެންގެ....އަހަރެންގެ އަރޫ.... އަންނާނެ..." އަމީޒާ ބުނެލިއެވެ.

މާތް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ތިދުވަސް އޮތީ ވަރަށް ކައިރީގަ... އަހަރެން އަބަދުވެސް ދުޢާކޮށްދޭނަން..." ފަރީޝާ ވާހަކަދެއްކިއެވެ.

"އަހަރެންގެ އަރޫ އައި މިގެއަށް. ފަރީ.... އަހަރެން ދެކުނިން......" ޖޯޝާއެކު އަމީޒާ ބުނެލިއެވެ. ފަރީޝާ އަމީޒާއަށް ބަލައިލީ ޚައިރާންވެފައެވެ.

"ކޮންއިރަކު....؟ މިބުނީ އަމީ ކޮންއިރަކު އަރޫ ދުށީ....." ފަރީޝާ އަހައިލިއެވެ.

"މިގެއިން... އެއް އަހަރު ކުރިން...." އަމީޒާ ބުނެލިއެވެ. ފަރީޝާ ވިސްނައިލިއެވެ. އަމީޒާ އެދައްކަނީ ކާކުގެ ވާހަކައެއްބާއެވެ؟ ޔަޤީނުންވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އަމީޒާގެ ބައްޔަށް އެދެވޭ ޝި ފާއެއް ވަނީ ނުލިބިއެވެ. އެހެންވީމާ މިހާރު އަމީޒާ އެދައްކާ ވާހަކަތައް ހަމަނުޖެހޭކަމަށް އޭނާ ނިންމިއެވެ.

"އެހެންތަ...! އަދި އަންނާނެ އެހެންވިއްޔާ... މިގެ އިނގޭނެތާ ދޯ އެމަންޖެއަށް" ފަރީޝާ ބުނެލިއެވެ. އޭނާ ދެކޭ ގޮތުގައި އަމީޒާ މީގެ އަހަރެއް ކުރީގެ ވާހަކަ އެދެއްކީ އޭނާގެ ސިކުނޑި ތެރޭގައި އެދުވަސްވަރުގައި އެނބުރުނު ހިޔާލުތަކެއްގެ މައްޗަށް ބުރަވެ ހުރެއެވެ.

އުޑުމެދުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލަހައްޓައިގެން ނާހިދް ހުއްޓެވެ. ރެއިލިންގްގައި އަތް އަޅުވާލައިގެން ހުރިއިރު އޭނާގެ ސިކުނޑި ތެރޭގައި އެތައް ވާހަކަތަކެއް އެނބުރެމުން ދެއެވެ. އޭނާގެ ހިތަށް އުނދަގުވަނީއެވެ. ފާއިތުވެ ދިޔަ ދެތިން ދުވަހު އެއްވެސް ސަބަބަކާއި ނުލާ އަޒްކާ ހަނދާންވަނީއެވެ. އޭނާ އެތައް މަސައްކަތެއް ކޮށްފިއެވެ. އޭނާގެ ހިތުން އެންމެ ހިނދުކޮޅަކަށްވެސް އަޒްކާގެ ތަސްވީރު ފިލައިގެން ނުދިޔައެވެ. އޭނާއާއި ދާދި ކައިރީގައި އަޒްކާ ވާ ކަމުގެ އިހުސާސް ކުރެވެނީއެވެ.

"ކީއްވެތަ މަށަށް މިހެން މިވަނީ. ކީއްވެގެންތަ އެހިޔާލުތައް ހިތުން ފިލައިގެން ނުދަނީ....؟ ލޯބިނުވެވުނުނަމަ ކިހާ ރަނގަޅު...؟ އިޝީ ދެކެ އަހަރެން މިވަރަށް ލޯބިވާން މަސައްކަތް ކުރާއިރުވެސް މިކަން ކާމިޔާބު ނުވަނީ ކީއްވެ...؟ އިޝީ ވަރަށް ރަނގަޅު. މީހަކަށް ލިބޭނެ އެންމެ ރަނގަލު ވައިފް އެއީ" ނާހިދް އޭނާގެ އަމިއްލަ ހިތާއި ވާހަކަދައްކަމުން ދިޔައެވެ. އޭނާގެ ނަޒަރު ސީދާވެފައި ވަނީ އުޑުމެދުގައި ރަނިކަން ކުރަމުން ދިޔަ ޝާއްބަ ހަނދަށެވެ.

"އަޒްކާ...." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ނާހިދްގެ ދެ ތުންފަތް ދޭތެރެއިން ވައި އަޑުން އަޒްކާގެ ނަން ނިކުމެގެން ދިޔައެވެ. އެހިނދު އޭނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ބުރަކަށީގައި އައިސް ތަތްވި އަންހެންކުއްޖާގެ ދެއަތް އޭނާގެ ހަށިގަނޑުގައި ވަށާލުމާއެކު އޭނާއަށް ދެލޯ ހުޅުވާލެވުނެވެ.

"އަޒްކާ...." އެއްވެސް އިހުތިޔާރަކާއި ނުލާ އޭނާއަށް ގޮވައިލެވުނެވެ. އެހިނދު ނައިޝީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނާހިދް ލަސްލަހުން އެނބުރި ބަލައިލިއެވެ. ނައިޝީގެ ކުލަ އޮށްސިފައިވާ މޫނު ފެނުމާއެކު އޭނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

"ސޮރީ އިޝީ... އައިމް ރިއަލީ ވެރީ ސޮރީ..." ނައިޝީ މޫނުގެ ދެފަރާތުގައި ހިފައިލަމުން ނާހިދް ބުނެލިއެވެ. ނައިޝީ ހީލަމުން އެއީ އެވަރު ކަމެއް ނުނޭ ބުނެ ނާހިދްގެ މޭގައި ބޯއަޅައިލިއެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ.

ލެޕް ހުޅުވައިގެން ކޮޓަރީގައި ފިލްމެއް ބަލަން އޮތުމަށްފަހު ނަތާޝާ ކޮޓަރިން ބޭރަށް ނިކުމެލީ އެންމެން ނިދާ ގޭތެރެ ހަމަހިމޭންވި ފަހުންނެވެ. އޭނާ ސިޑީގެ ހަރުފަތްތައް ގިރާކޮށް އެންމެ ތިރިއަށް ފޭބުމަށްފަހު އޭނާގެ މިސްރާބު ބަދަލުކޮށްލީ އަމީޒާ ނިދާ ކޮޓަރިއާއި ދިމާލަށެވެ. އޭނާ މަޑުމަޑުން އެކޮޓަރީގެ ތަޅު އަނބުރާލުމަށްފަހު އެތެރެއަށް ކޮށްޕާލިއެވެ. އަނދިރީގައި އޮންނަން ބިރު ގަންނަ އަމީޒާ މިފަހަރުވެސް ނިދާފައި އޮތީ ކޮޓަރި އެންމެ އަލި ކޮށްލައިގެންނެވެ. އޭނާއާއި އެކުގައި ފަރީޝާ ނިދިޔަސް މިހާރަކަށް އައިސް ނިދަން އޭނާ މަސައްކަތްކުރަނީ އެކަނި އޮވެއެވެ. ނުނިދިފައި އަތުގައި އޮތް ފޮޓޯގަނޑަށް ބަލަން އޮތް އަމީޒާ ބޯހިއްލާލާފައި ބަލައިލީ ކޮޓަރިއަށް މީހަކު ވަތްހެން ހީވުމުންނެވެ. އޭރު އޭނާއާއި ދިމާލަށް ލަސް ފިޔަވަޅު އަޅަމުން އައި ނަތާޝާ ފެނި އެނދުގައި އިށީނެވެ.

"އަމީދައްތަ ކިހިނެއްތަ...؟" އަމީޒާއާއި ކައިރީގައި އިށީންނަމުން ނަތާޝާ އަހައިލިއެވެ.

"ރަނގަޅު. މިހާރު ވަރަށް ރަނގަޅު. އަރޫ....އަރޫ ކޮބާ...؟" އަމީޒާ އެއް ރާގަކަށް އަހައިލިއެވެ. ނަތާޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"އަމީދައްތާ...! އަރޫ އެއީ އަޒްކީތަ...؟" ނަތާޝާ އަހައިލިއެވެ. ވަގުތުން އަމީޒާ ބޯޖަހައިލިއެވެ. ނަތާޝާ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ވެއްޓުނެވެ.

"އަމީދައްތަ ބޭނުންތަ އަޒްކީއާއި މީޓްކޮށްލަން" އަމީޒާގެ މޫނުގެ ދެފަރާތުގައި ހިފައިލަމުން ނަތާޝާ އަހައިލިއެވެ. ނަތާޝާގެ އަތް މަތީގައި އަތް އަޅާލަމުން އަމީޒާ ބޯޖަހައިލިއެވެ.

"އެހެންވީމަ ތައްޔާރުވޭ. އަމީދައްތަ ވާނެ މާދަމާ ހަވީރު ނަތާއާއި އެކުގައި ބޭރަށް ނިކުންނަން. އަމީދައްތާ ވާނެ އާންޓް ކައިރިން ހުއްދަ ހޯދަން އިނގޭ..." ނަތާޝާ ވާހަކަދެއްކިއެވެ.

ނަތާޝާ ކޮޓަރިން ނިކުތުމުން އެނދުގައި އިން އަމީޒާ ބާލީސްމަތީގައި ބޯ އަޅައިލިއެވެ. ބާލީސް ދަށުގައި އޮތް ފޮޓޯ ނަގާފައި އެއަށް ބަލައިލިއެވެ. އެއަށްފަހު ފޮޓޯ ގަނޑުގައި ތުންފަތް ޖައްސައިލުމަށްފަހު މޭމަތީގައި ބާއްވައިލިއެވެ. އޭނާ ތުންފަތްމަތީގައިވި ހިނިތުންވުން ފިލާނުދެއެވެ.

އަރައިގެން އައި އިރާއެކު އަޒްކާއަށް ލިބުނު ހަބަރަކުން ގޭތެރޭގައި ދުވަން ފެށިއެވެ. އޭނާ ހެމުން އެ ކުޑަ އެޕާޓްމަންޓުގައި ދުވެދުވެ ހުރިއިރު ފަސް އަހަރު ހަ އަހަރުގެ ކުޑަކުއްޖެއް ފަދައެވެ. ދުވަހަކުވެސް އެ ހިނިތުންވުން އޭނާގެ ތުންފަތްމަތިން ފެނިދާނެބާއޭ މަންޒަރު ބަލަން ހުރި ޙައްވަގެ ހިތަށް އަރަމުން ދިޔައެވެ.

(ނުނިމޭ)